ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރަކީ، މަޖިލީހުގައި ވާހަކަ ދައްކަވާއިރު ވަރަށް ތަފާތުކޮށް ހިޔާލު ފާޅުކުރައްވާ މެންބަރެކެވެ.
އެގޮތުން މިއަދުވެސް ވަނީ މުޅިން ތަފާތު ވާހަކައެއް ހިތާމައިގައި ހުންނަވައި ވިދާޅުވެފައެވެ.
ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމާއި ގުދަންތަކުގެ ގޮތުގައި ބޭނުން ކުރުމަށް ސަރުކާރުން ކުއްޔަށް ހިފާފައިވާ އަމިއްލަ އިމާރާތްތަކުގެ ކުއްޔަށް މަހަކު 8.5 މިލިޔަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ވިދާޅުވެ، އެކަން ހައްލު ކުރުމަށް ގޮވާލައްވައި މަޖިލީހަށް ހުށަހެޅި ގަރާރުގެ ބަހުސްގެ ތެރެއިން ވާހަކަ ދެއްކުމަށް ޖާބިރަށް ފުރުސަތު ދެއްވުމުން ފުތަރަމަވެސް ވިދާޅުވީ، "ރައީސް މިއަދު އަޅުގަނޑު ރޮމުން ދިޔާނާ ވަރިކޮށްފަ މިއައީ،" ކަމަށެވެ.
އެއަށްފަހު މަޖިލިސް ރައީސާ މުހާތަބު ކުރައްވައި ޖާބިރު ވިދާޅުވީ، "ރައީސަށް އެނގިވަޑައިގަންވާތޯ، އަޅުގަނޑުގެ އަނބިމީހާ (ދިޔާނާ) ވަރިވެއްޖެ، މި މަޖިލީހުގައި 22 އަހަރު ވުމުގެ އިނާމުތޯ އެއީ ރައީސް،" ކަމަށެވެ.
ޖާބިރުގެ އެ ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ، މި މަޖިލިސް ޖަލްސާގައި ފާހަގަ ކުރައްވާނީ، މަޖިލީހުގެ ކަމާ ގުޅޭ ކަންތައްތައް ކަމަށެވެ. އެއަށްފަހު ގަރާރަށް ވާހަކަ ދައްކަވަން ފުރުސަތު ދެއްވުމުން މޫޑު ބަދަލުކުރައްވައި ޖާބިރު އެ ގަރާރަށް ބަހުސްކުރައްވަން ފެއްޓެވިއެވެ.
ނަމަވެސް ބަހުސްގެ ވަކި ހިސާބަކުން އަނެއްކާވެސް ޖާބިރު އޭނާގެ އަނބިކަނބަލުންގެ ވާހަކަ ފެއްޓެވިއެވެ. މިފަހަރު ކުރެއްވީ ސުވާލެކެވެ. ވިދާޅުވީ "މަޖިލީހުގައި 22 އަހަރުވީމަ މަގޭ އަންހެނުންތަ ދާންވީ،" ދެން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގައި އަޅުގަނޑުމެންގެ ޒަވާޖީ ހަޔާތުގެ ވާހަކަދައްކަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެއާ ގުޅުވައިގެން ޖާބިރު ވިދާޅުވީ، "އަޅުގަނޑުގެ ހިތަށް ތަދުވީމަ އެވާހަކަ ބުނެވުނީ،" ކަމަށެވެ.