އާދައިގެ މަތިން، އޮފީހުން އައިސް ގެއަށް ވަނުމާއެކު، ފަރަހަ މިކްޔަލްގެ ކޮޓަރިއަށް ދިޔައީ، ސިޓިން ރޫމްގައި އެހެން ދުވަސްތަކުގެ މި ގަޑީގައި އިންނަ ދަރިފުޅު ފެންނަން ނެތުމުންނެވެ. ކޮޓަރީގެ ދޮރު ހުޅުވައިލުމާއެކު ފަރަހައަށް ފެނުނީ އޭނާގެ ދަރިފުޅު، ކޮންމެވެސް މީހަކާ ފޯނުން ވާހަކަ ދައްކަން އެނދުގައި ހުރަހަށް އޮތް ތަނެވެ. މިކްޔަލް އޮތީ ލޯމަރާލައިގެން، ހެޑްސެޓް އަޅައިގެން ކަމުން އޭނާ ދޮރުހުޅުވާލާފައި އެތެރެއަށް ވަންއިރު ވެސް އެކަމެއް މިކްޔަލްއަކަށް ނޭނގުނެވެ.
"މިކީގެ މަންމައަކީ ތި ހީކުރާ ވަރަށްވުރެ މާއަންޑަސްޓޭންޑިން މީހެއް......." މިކްޔަލް އެ ވާހަކަ ދައްކަނީ ކާކާބާވައެވެ. ފަހަކަށް އައިސް އެ ގޮތަށް ގިނަ އިރު ފޯނުގައި މިކްޔަލް އޮންނާތީ ފަރަހަގެ ހިތުގައި ކޮންމެވެސް ވަރަކަށް ނުތަނަވަސްކަން އުފެދެން ފަށާފައިވެއެވެ.
"ދަރިފުޅާ........" އޭނާގެ އަޑު އިވިފައި، މިކްޔަލް ސިހިފައި ބަލައިލިއެވެ.
"އޯހް.... މަންމަ އައިކަމެއް ނުވެސް އެނގޭ...." މިކްޔަލް ފުންމައިގެން ތެދުވިއެވެ. "މި ވަގުތު ބާއްވަނީ..... އިނގޭ.... މިކީގެ މަންމަ އަތުވެއްޖެ....." މިކްޔަލް އަވަސް އަވަހަށް ފޯން ކަނޑައިލިއެވެ.
"ކާކުގެ ފޯނެއް....؟" އެނދުގައި އިށީންނަމުން ފަރަހަ ދަރިފުޅަށް ބަލައިލިއެވެ.
"ރައްޓެހި ކުއްޖެއް..." މިކްޔަލް ފޯނުން ކޮންމެވެސް ކަމެއް ކުރަމުން ބުނެލިއެވެ.
"ދަރިފުޅު މިހާރަކަށް އައިސް ހާދަވަރަކަށް ރައްޓެހި ކުދިންނާ ފޯނުން ވާހަކަ ދައްކަނީ... އަނެއްކާ... އެއީ ކޮންފަދަ ފްރެންޑެއް؟"
މިކްޔަލްއަކީ ފުރާވަރުގެ އެންމެ ނުވިސްނޭ މޮޔަ ކަންތަކަށް ލެބިގެންދާ ފަދަ އުމުރުގެ އަންހެން ދަރިއެއްކަން ފަރަހައަށް އެނގޭތީ އަހައިލިއެވެ.
"ސްކޫލް ކުއްޖެއްތަ؟ ކްލާސް ކުއްޖެއްތަ؟"
"އުނހު... އެއީ ފޭސްބުކުން ލިބުނު ފުރެންޑެއް...." މިކްޔަލް، މަންމައަށް ބަލައިލިއެވެ.
"އެކަހަލަ ބައިވަރު ފުރެންޑުން މިކީއަށް ގުޅާ.... މަންމަ ހާސްވަނީ ކޮންކަމަކާ...؟" މިކްޔަލް ހިނިތުން ވެލަމުން މަންމަގެ އުނގުގައި އޮށޯވެލިއެވެ. "މިކީއަށް ޓްރަސްޓް ނުކުރެވެނީދޯ....؟"
"ދަރިފުޅަށް އިތުބާރު ނުކޮށް މަންމަ އިތުބާރު ކުރާނީ އެހެން ކާކަށް...؟" ފަރަހަ ލޯތްބާއެކު މިކްޔަލްގެ ބޮލުގައި ފިރުމައިލިއެވެ.
"ބައްޕަ ގުޅި- މާދަމާ ފުރަނީޔޯ.... ނަޖުއްކޮ ގޮވައިގެން އިންޑިއާއަށް ދާންވެގެންނޯ....." މިކްޔަލް ކުއްލިއަކަށް ހަނދާންވެގެން ބުނެލިއެވެ. "މިކީ ގެންދަން އުޅުނީމަ މަންމަ ހުއްދަ ނުދެއްވިއްޔޯ ވެސް ބުނި....."
"މަންމަ ކިހިނެއް ދަރިފުޅާ ނުލައި އެންމެ ދުވަހެއް ވެސް ހޭދަކުރާނީ...؟ އެހެންވެ ހުއްދަ ނުދެވުނީ.... އެކަމާ ދެރަވީތަ؟" ފަރަހަ އަހައިލިއެވެ.
"އުނހު.... ނޫން.... ނަޖުއްކޮގެ އެހާބޮޑު އޮޕަރޭޝަނެއްވީމަ މިކީ ދާން ބޭނުން..... އެކަމަކު އަސްލު މަންމައާ ދުރަށް ކިތަންމެ ކުޑަ ދުވަސްކޮޅަކަށް ވިޔަސް ދާން މިކީ ވެސް ބޭނުމެއް ނޫން....." މިކްޔަލް ބުނެލިއެވެ. ޝިވަން އާއި ޒިލާގެ ދަރިފުޅު، ނަޒްމީއަކީ ފަސް އަހަރުގެ ލޯބިލޯބި ފިރިހެން ކުއްޖެކެވެ. ވަރަށް ތުއްތު އިރުއްސުރެ ބަނޑެއްގައި ރިއްސާތީ ނަޒްމީ އެތައް ޑޮކްޓަރުންނަކަށް ދެއްކުނު ފަހުން އެނގުނީ އެ ކުއްޖާފުޅުގެ ބަނޑުގައި ސިސްޓްތަކެއް ހުރިކަމެވެ. އެހެން ކަމުން އަހަރުގެ ފުރަތަމަ ޓާމު ނިމުމާއެކު ޝިވަންގެ ދެމަފިރިން ދަރިފުޅު ގޮވައިގެން އިންޑިއާއަށް ދިއުމަށް ގަސްދު ކުރީއެވެ. އަދި މި ދަތުރުގައި މިކްޔަލް ވެސް ގެންދިއުމަށް ޝިވަން ބޭނުންވިއެވެ.
އެހެން ނަމަވެސް ފަރަހަ ކަނޑައެޅިގެން އެކަމާ ދެކޮޅު ހެދީއެވެ. މިކްޔަލް އެގޮތަށް އޭނާއާ ނުލައި ވަކިން ރަށުން ބޭރަށް ފޮނުވުމަކީ އޭނާގެ ހިތާއި ނަފުސު އެއްގޮތަކަށް ވެސް ރުހޭނެ ކަމެއް ނޫނެވެ. ދާދި ފަހަކާ ޖެހެންދެން އޭނާ އޮފީހަށް ދިޔައީ މަންމަގެ ވަރަށް ބޮޑު އެހީތެރިކަމެއް އެކަމަށް ލިބުނީތީއެވެ. މަންމަގެ އެންމެ ހަގުމާމަ ދަރިފުޅުކަމުން މިކްޔަލްއަށް ހާއްސަ ގޮތެއް ބަހައްޓާތީ، ފަރަހަ އޮފީހުގައި ހުންނަ ވަގުތުތަކުގައި މިގޭގައި އިނުމަކީ މަންމަ އަމިއްލައަށް ބޭނުންވެގެން ކުރި ކަމެކެވެ. އަމުދުން ރޭގަނޑު އެއްވެސް ކަމެއްގައި ފަރަހަ ގެއިން ބޭރަށް ދާނަމަ، މަންމަ މިގެއަކަށް އާދެއެވެ. ނޫނީ މިކްޔަލް މަންމަ ގާތަށް ގެންދެއެވެ. އެހެން ނަމަވެސް، ފަހަކަށް އައިސް މަންމަ ފައެއްގައި ރިއްސާތީ އުޅޭވަރުން، އެގޮތަށް ގިނައިން ދެ ގޭގެ ދެމެދު ހިނގުމަށް ފަރަހަ އޮންނަނީ އިންކާރުކޮށްފައެވެ.
"މަންމަ މިރޭ އޮފީހަށް ވެސް ދާންޖެހޭ.... މާދަން ދަރިފުޅުގެ ބައްޕަ ފުރަންޏާ އެގެއަށް ދާން ވެސް ޖެހޭނެ.... އެހެން ނޫނީ ދަރިފުޅުގެ ބައްޕަ ހިތްހަމަ ނުޖެހިދާނެ" ފަރަހަ ވިސްނަމުން ވާހަކަ ދެއްކިއެވެ.
"އިރުއޮއްސުމުގެ ކުރިން އެގެއަށް ދާނީދޯ...؟ އޭރުން ހައެއް ޖަހަންވާއިރަށް ގެއަށް އާދެވޭނެއެއްނު ދޯ..؟"
"އާނ – ތީ ރަނގަޅު ގޮތެއް – ބައްޕަމެން ފުރަނީ ހެނދުނުގެ ފުލައިޓުންވިއްޔަ..." މިކްޔަލްގެ ޖުމުލަ ނުނިމެނީސް، އަތުގައި އޮތް ފޯނު ރިންގްވާން ފަށައިފިއެވެ.
"ލައްބަ.... ބައްޕާ..." މާގިނަ ވާހަކަދެއްކުމެއް ނެތި ފޯނު ކަޑައިލުމާ އެކު މިކްޔަލް އެނދުން ފޭބިއެވެ. "ބައްޕަ އެބަހުރި ދޮރުމަތީގައި.... ދޮރުހުޅުވަ ބަލާށޯ..." މިކްޔަލް އެހެން ބުނެލުމާ އެކު ދުވެފައިގޮސް ކޮޓަރީގެ ދޮރު ހުޅުވިއެވެ. ފަރަހަ ދަރިފުޅުގެ މިއުފާވެރިކަން ފެނިފައި ހިނިތުން ވެލިއެވެ. އަދި ތެދުވެގެންގޮސް ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ.
އެވަގުތު މިކްޔަލްއާ ވާހަކަ ދައްކަމުން އައިސް ސިޓިން ރޫމަށް، ވަން ޝިވަން ފެނިފައި އޭނާ ހުއްޓިލިއެވެ. އަދި ފަރުވާތެރިކަމާ އެކު ޝިވަންއަށް ބަލައިލިއެވެ. ދެކޮޅުހެދޭކަށް ނެތެވެ. ޝިވަން އަދިވެސް ވަރަށް ރީއްޗެވެ. އެ ރެއެކޭ އެއް ގޮތަށް މިހާރު ވެސް، ޒުވާން އަންހެން ކުދިންގެ ހިތްދަމައި ގަންނަހާ ފުރިހަމައެވެ. ސްކޫލްގައި ވެސް ޝިވަން މަޝްހޫރުވީ ރީތި ކަމަށެވެ. މުޅި އަތޮޅުގައި ވެސް ޝިވަން ދަންނަ ކޮންމެ މީހަކުވެސް އިހުތިޔާރަކާ ނުލައި ތައުރީފު ކުރަނީ ހަގީގަތުގައި ވެސް ތައުރީފު ހައްގުވާތީއެވެ.
"މިކީ އަންނާނަން ފެން ފުޅިއެއް ހިފައިގެން...." މިކްޔަލް ބަދިގެއާ ދިމާއަށް ދަމުން ބުނެލިއެވެ. ފުރުސަތުގެ ބޭނުން ކޮށްގެން ޝިވަން، ފަރަހައާ ގާތަށް ޖެހިލިއެވެ.
"ބުޅާ މަސްގަނޑަށް ކަޅިއަޅާހެން ތި ބަލަނީޔޯ....؟" ޝިވަން އަހައިލިއެވެ.
"އަސްލު ވެސް ޝިވަންގެ ރީތިކަމަކާ ދެކޮޅެއް ނުހެދޭނެ.... އެކަމަކު ހެއްވާ ކަމަކީ ތިހާ ރީތި މީހާދެކެ މަށަށް ލޯބި ނުވެވުނުކަން... ކީއްކުރާނީ ދޯ...؟" ފަރަހަ ހިނިތުން ވެލަމުން ގޮސް ސޯފާގައި އިށީނެވެ. އޭނާއާ އެކުގައި ކަހަލަ ގޮތަކަށް ގޮސް ޝިވަންވެސް އިށީނެވެ.
"ފަރޫ ލޯބިވާ އެކަކުވެސް ހުރިކަމެއް ނުދެނެ ހުރިން.... ބިއުޓީގެ ބީސްޓް ދުވަހަކު ވެސް ޕްރިންސަކަށް ވެގެން ނާންނާނެ.... އެއީ އުޅޭ މީހެއް ނޫނީއްޔަ..." ޝިވަން ބުނެލިއެވެ.
"ބީސްޓޭ... އެއީ ކާކު...؟" ފިނި ފެންފުޅިއެއް ހިފައިގެން އައި މިކްޔަލްއަށް އެއަޑު އިވުމުން އަހައިލިއެވެ.
"ދަރިފުޅުގެ މަންމައަކީ ފޮތު ފަންޏެއް... ކޮންމެ ތާކުން ކޮންމެ ކަހަލަ ފޮތެއް ފެނުނަސް ހެޔޮވާނެ... އެ ފޮތެއް ކިޔާނެ... އެހެންވެ ސްކޫލްގައި އުޅުނު އިރުވެސް ބައްޕަ ގޮވައި އުޅެނީ ބިއުޓީއޭ ކިޔާ... ބައްޕަ ބީސްޓަށް ނުވީމަތާ ވަކިވާނީ.... އޭރުއްސުރެ އަދިވެސް މަންމަގެ ބީސްޓް، ޕްރިންސަކަށް ވެގެން ނާދޭ...." ޝިވަން، މިކްޔަލް ދިއްކޮށްލި ފެންތަށީގައި ހިފަމުން ބުނެލިއެވެ.
"މިކީގެ ބައްޕައަށްވުރެ އެއްވެސް ޕްރިންސަކު ރީތި ނުވާނެ.... މަންމަވެސް އެކަމާ އެއްބަސްވޭ... ދޯ... މަންމާ..!" މިކްޔަލް، މަންމަ އާއި ބައްޕަގެ ދެމެދުގައި އިށީންނަމުން ބުނެލިއެވެ.
"ދަރިފުޅުގެ ބައްޕަ ރީއްޗޭ... މައްސަލައަކީ ތަންކޮޅެއް ވިސްނުން ކޮށީ..." ފަރަހަ ބުނެލިއެވެ.
"އެހެންވިޔަސް މިކީގެ ބައްޕައަކީ ރާއްޖޭގެ ބްރެޑް ޕިޓް... ރައްޓެހިކުދިން ވެސް ކިޔަނީ އެހެން.... އެކަމާ މިކީ ވަރަށް ފޮނިވޭ..." މިކްޔަލް ހިނިތުން ވެލަމުން ބުނެލިއެވެ.
"ކޮބާ.... ސާހިބު ކަމަނާ – އިވިއްޖެ...!" ޝިވަން، ފަރަހައަށް ބަލައިލަމުން އަނގަޔަށް ވައްތަރެއް ޖައްސައިލިއެވެ. "މިކީއަކީ ބައްޕަގެ ކުއްޖެކޭ..ދޯ...؟"
"މިކީއަކީ މަންމަގެ ވެސް ބައްޕަގެ ވެސް ކުއްޖެއް... އެކަމަކު މިކީއަކީ އަސްލު މަންމަގެ ޕްރިންސަސް... ބައްޕަ ދެރަނުވައްޗޭ... މިކީ ބައްޕަ ދެކެވެސް ލޯބިވޭ.... އެކަމަކު މަންމަ ބޮޑުކޮށް ސްޕެޝަލް....."
މިކްޔަލް، ފަރަހަގެ އަތުގައި ހިފައިލަމުން ޝިވަންއަށް ބަލައިލިއެވެ. ދަރިފުޅުގެ އެބަސްތައް އިވުމުން، ފަރަހަގެ ހިތް އުފަލުން ފޮޅުނެވެ. އެއަށްވުރެ އޭނާ އުފާ ކުރުވާނެ އިތުރު ބަސްތަކެއް މިހާރު އެއްވެސް މީހަކަށް ނުބުނުވޭނެއެވެ.
"އަސްތާ.... މާގިނައިރު ނީނދެވޭނެއޭ..." ކުއްލިއަކަށް ފޯނުން ގަޑި ބަލައިލަމުން ޝިވަން ތެދުވިއެވެ.
"އެޔޯ އަނެއްކާ....؟" ފަރަހަ އަހައިލިއެވެ.
"ޓިކެޓް ނަގަން ދަމުންނޭ މިގެއަށް ވަދެލީ.." ޝިވަން ބުނެލިއެވެ.
"މިކީ ވެސް ދާނަން...." މިކްޔަލް ކަރު އެލުވައިލިއެވެ.
"ދަރިފުޅު ތިހުރީ ތައްޔާރު ވެސް ނުވެއެއްނު... ތިހެދުމުގައި ބޭރަކަށް ނުދެވޭނެއެއްނު...." މިކްޔަލް އިނީ ކުރު ސޯޓުބުރިއަކާއި ޓީޝާޓެއް ލައިގެން ކަމުން ޝިވަން ބުނެލިއެވެ.
"ދެ މިނެޓް – މިކީ އަންނާނަން ތައްޔާރުވެގެން..." މިކްޔަލް ސޯފާއިން ތެދުވަމުން ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ.
"އެއީ ހަމަ ޝިވަން.... އެއްވެސް ކަމެއްގައި ކެތްނުކުރާނެ..." ފަރަހަ، ދަރިފުޅުގެ އެ ހަލަނި މިޒާޖު ފެނިފައި ބުނެލިއެވެ.
"ބަލަ އެއީ މަގޭ ދަރިއެކޭ..." ޝިވަން ހެވިފައި ހުރެ ބުނެލިއެވެ.
"ކާކު ތިހެން ނޫނޭ ބުނީ...." ފަރަހަ ދެބުމަ ގޮށް ޖަހައިލިއެވެ.
"ފަރޫ ކިތަންމެ ހަސަދަ ވިއަސް ކުރާނެ ކަމެއް ނެތް.... މިކީގެ ސިފަ ވެސް އުޅުން ވެސް ވައްތަރީ މަށާ....." ޝިވަން އިތުރަށް ފަރަހަ ރުޅި އަރުވައިލުމަށް ބުނެލިއެވެ.
ޝިވަންގެ އެ ވާހަކައަށް ރައްދު ޖަވާބެއް ދޭން ބޭނުންވި ނަމަވެސް، ކޮޓަރިން ނުކުމެގެން އައި މިކްޔަލް ފެނުމުން އިތުރަށް އެ މައުލޫއަށް ވާހަކަދެއްކުމުގެ ބަދަލުގައި ފަރަހަ ދަރިފުޅަށް ސަމާލުކަން ދިނެވެ.
"އެހާ ލަސްނުވެ އަންނައްޗޭ...."
"މިކީ އެގޭގައި މަޑުކޮށްލާނީ.... މަންމަވެސް ނަޒުއްކޮ ގާތަށް ދާނަމެއްނު.... އޭރުން މިކީއަށް ގިނަ އިރު ނަޒުއްކޮ ކައިރީ އިނދެވޭނީ...." މިކްޔަލް ބުނެލިއެވެ.
"ކިހާ އިރަކު ފަރޫ ބަލާ އަންނަންވީ....؟" ސައިކަލުގެ ތަޅުދަނޑި އިނގިލި ކުރީ އަނބުރައިލަމުން ޝިވަން އަހައިލިއެވެ.
"އަށެއް ޖަހާއިރު އޮފީހަށް ވެސް ދާންޖެހޭ...." ފަރަހަ ވިސްނައިލަމުން ބުނެލިއެވެ.
"އެހެންވީމަ.... ހޫ.... ފަހެއް ޖަހާއިރަށް... އާދޭ... އަހަރެން ތައްޔާރުވާނަން.....އެކަމަކު.... އޭރުން...... ޝިވަންއަށް ޖެހޭނީ މިރޭ އަހަރެން އޮފީހަށް ލައިދޭންވެސް.... އޯކޭތަ؟" ފަރަހަގެ ވާހަކަ އިވުމުން ޝިވަން ދެލޯ ވަށްކޮށްލިއެވެ.
"ޒުވާބު ކުރާނީ ފަހުން..... ދެން އަވަހަށްދޭ.... އެހެންނޫނީ އެޖެންސީ ބަންދުކޮށްފާނެ.... އެއޮށްގެން ތިނެއް ޖަހަނީ...." ފަރަހަ ހެވިލާފައި ބުނެލިއެވެ. "ދަރިފުޅާ އަޞުރު ނަމާދު ކުރައްޗޭ....... އިނގޭ!" މިކްޔަލް ހިނގައިގަތުމުން ފަރަހަ ހަނދާން ކޮށްދިނެވެ.
******
ނިދީގައި އޭނާ ފުރޮޅިލިއެވެ. އަދި އަނެއްކާވެސް ހަމަޖެހިލެވޭތޯ ބެއްޔެވެ. އެހެންނަމަވެސް އުނދަގޫ ކުރުވަނިވި ބިރުވެރި ހުވަފެން އޭނާއަށް ހަމަޖެހިގެން ނިދުނަކަ ނުދިނެވެ. އެންމެ ފަހުން ސިއްސައިގެން ދިއުމާއެކު އޭނާއަށް ފުންމައިގެން ތެދުވެވިއްޖެއެވެ. އޭރު މުޅި މީހާވަނީ ދަލުން ތެމިފައެވެ.
ސަހަރޯއެވެ. އެއީ ކޮންފަދަ ހުވަފެނެއް ހެއްޔެވެ. ހުވަފެނުގައި އޭނާއަށް ފެނުނީ މިކްޔަލް ގެބިގެން މަރުވާތަނެވެ. އެއީ ހުވަފެނެކެވެ. ހުވަފެނަކީ ބިލާހެކެވެ. އޭނާ އަމިއްލަ ހިތަށް ވިސްނައިދެވޭތޯ ބެލި ނަމަވެސް ހިތުގެ ތެޅުން މަޑުވާ ގޮތެއް ނުވިއެވެ. އެންމެފަހުން އޭނާ އެނދުން ފައިބައިފިއެވެ.
ފަހަކަށް އައިސް މިކްޔަލްގެ އުޅުމަށް ކޮންމެވެސް ކަހަލަ ބަދަލުތަކެއް އަންނަހެން ހީވާ ވަރުން، ނިދެނީ އެފިކުރުގައި އޮވެކަމުން އެފަދަ ހުވަފެނެއް ފެނުމަކީ މާބޮޑު ކަމެއް ނޫންކަން ފަރަހައަށް އެނގެއެވެ.
އެހެން ނަމަވެސް އޭނާއަކީ މަންމައެކެވެ. ދަރިއަކަށް އަންނަ ބޮޑު ބަދަލެއްވިއަސް އިހުސާސް ކުރެވޭނެ ނޫން ހެއްޔެވެ. މާބޮޑު އެއްޗެއް ނޭނގުނަސް މިކްޔަލް ކޮންމެވެސް ސިއްރުކަމެއް ކުރާކަމުގެ އިހުސާސް އޭނާއަށް ކުރެވޭތާ ދެ ހަފުތާއެއްގައި ދުވަސް ވެއްޖެއެވެ. އެތައް ފަހަރަކު ދަރިފުޅު ތާ އަބަދުހެން ފޯނުގައި އިންނަނީ ކާކާތޯ ބަލައިލަން ހިތަށްއެރި ނަމަވެސް، އެ ގޮތަށް ދަރިފުޅަށް ފާރަލުމަކަށް އޭނާގެ ހިތެއް ނުރުހުނުމެއެވެ.
މިކްޔަލްގެ ކޮޓަރިއާ ހަމައަށް ގޮސް ހުއްޓުމާއެކު އޭނާ ތަފާތު އަޑެއް އިވިއްޖެއެވެ. މުޅިގެއަށް އޮތީ ނިދީގެ ހިމޭންކަން ވެރިވެފައި ކަމުން، އެއްވެސް އުނދަގުލަކާ ނުލައި އޭނާއަށް އެއިވޭ އަޑަކީ މިކްޔަލްގެ އަޑުކަން ޔަގީންވިއެވެ. އެއީ އަހަން ފަސޭހަ އަޑަކަށް ނުވިއަސް ފަރަހަ އިތުރަށް ދޮރާ ކައިރިއަށް ޖެހި، އެ އަޑަށް ސަމާލުކަން ދިނީ އެއީ އޭނާގެ ދަރިފުޅުގެ އަޑުކަމަށް ވާތީއެވެ.
ފަރަހައަށް ހީވީ ފައިދަށުން ބިންގަނޑު ދެމެން ފެށިހެނެވެ. އެއީ އޭނާގެ ފަނަރަ އަހަރުގެ ކުޑަދަރިފުޅު، ކޮންމެވެސް މީހަކާ ފޯނުން ވާހަކަ ދައްކާއަޑެވެ. އެކަމަކު އެއިވޭ ބަސްތަކަކީ ލަދުން ފިތްކަނޑައިގެން ގޮސް، ކެތްނުވެގެން އަމިއްލަ ދެކަންފަތުގައި އަތްއަޅާވަރުގެ ބަސްތަކަކެވެ. އޭނާގެ ދަރިފުޅު އެހާ ބޮޑަށް މިނިވަންކަމުގެ ހައްދު ފަހަނަ އަޅައި ދިޔައިރު އޭނާއަށް ރޭކާވެސް ނުލިއެވެ. އޭނާ، ދަރިފުޅުގެ ލޯބީގައި އެހާ ބޮޑަށް ކަނުވެފައި ހުރީ ކީއްވެ ހެއްޔެވެ. ހުޅަނގުގެ އެންމެ ގޮތެއް ނެތް ތަހުޒީބުގައި ވެސް އާންމުންގެ ތެރޭ ފާޅުކަން ބޮޑު ގޮތަށް ނުގެންގުޅޭ ފިލްމުތަކާއި ފޮތްތަކުގައި ހުންނަ ފަދަ ބަސްތައް ބޭނުން ކޮށްގެން، އެ މީހަކާ މިކްޔަލް ވާހަކަދެއްކުން ބުނެދެނީ އެ ރޮނގުގައި މިކްޔަލް ކުރިއަށް ގޮސްފައިވާ ވަރެވެ. މާތްކަލާކޯއެވެ. އޭނާގެ ދަރިފުޅު އެހާ ހުތުރުކަން ބޮޑު އަމަލެއް ކުރަންފެށީ ކޮން އިރަކު ހެއްޔެވެ.
ފަރަހަގެ ހިތް ތަކުރާރުކޮށް ބުނަމުން ދިޔައީ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނުމަށެވެ. އެހެން ނަމަވެސް މިވަގުތު އެގޮތަށް ކަންތައް ކޮށްފިނަމަ، އޭގެ ނަތީޖާ މާރަނގަޅު ނުވާނެކަން އެނގޭތީ ފަރަހަ ހިތުގެ މައްޗަށް ބާރުފޯރުވައިގެން އެތަނުގައި ހުރީ މިކްޔަލްގެ އަޑު ކެޑި ނިދިދާނެ ކަމަށް އުންމީދު ކޮށްގެންނެވެ. ކިތަންމެ ކެތްކުރަން އުދަގޫވިޔަސް އެއަށްވުރެ ބުއްދިވެރި ގޮތެއް ނެތްކަން އޭނާއަށް އެނގެއެވެ. މިވަގުތު ކުއްލިއަކަށް އޭނާ އެތެރެއަށް ވަނުމުން ފެނިދާނެ މަންޒަރަކަށް ވުރެ، އޭނާގެ ކުރިމަތީގައި ދަރިފުޅުގެ ލަދުހަޔާތް ކެޑޭނެވަރު ހިތަށް އެރުމުން އޭނާ ހިތްވަރު ކޮށްފައި ހުއްޓިގެން ހުރީއެވެ. އެންމެފަހުން ގައިން ވަރުދޫވާހެން ހީވުމުން އޭނާ ކޮޓަރީގެ ދޮރާ ދުރަށްޖެހި ފާރުގައި ލެނގިލީއެވެ.
އިރުކޮޅެއް ފަހުން، މިކްޔަލްގެ އަޑު ކެޑިއްޖެއެވެ. ދެންވެސް އޭނާ ހިމޭނުން ހުރީއެވެ. މިކްޔަލް އަށް ނިދޭނެހާ އިރު ވަންދެނެވެ. އެކަމަކު ކުއްލިއަކަށް އަނެއްކާވެސް މިކްޔަލްގެ އަޑު އިވިއްޖެއެވެ.
"ޕްލީޒް – ރަޒީ – މަޑުކޮށްބަލަ –" މިފަހަރު މިކީގެ އަޑު ބަދަލުވެއްޖެއެވެ. "މިހާރަކަށް އައިސް ރަޒީ ކޮންމެ ރެއަކު އެގޮތަށް ކަނޑާ ލަނީ ކީއްވެ....؟ ރަޒީ ބޭނުން ހުރިހާކަމެއް – މިކީ ކޮށްދެން – ކުރީގަ އިރު އަރަންދެން ފޯން ކަނޑާނުލާ – އެކަމަކު – މިހާރު – ތިހެން ހަދަނީ ކީއްވެ....؟"
އެއީ ކޮން "ރަޒީ" އެއް ބާވައެވެ. މިކްޔަލް އެމީހަކު ދަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެތާއެވެ. މެންދުރުފަހު ސްކޫލަށް ދާތީ ހެނދުނު މިކްޔަލް ނިދާފައި އޮތުން މައްސަލައަކަށް ނުހެދުމަކީ އޭނާއަށް ހެދުނު ކޮންފަދަ ބޮޑު ގޯހެއް ހެއްޔެވެ. ރޭގަނޑު ހަތަރުދަމު ހިލޭ ފިރިހެނަކާ ފޯނުން ވާހަކަދެއްކުމަށް މިކްޔަލްއަށް މަގުފަހި ކޮށްދިނީ އޭނާއެވެ. މިކްޔަލްއަށް އަމިއްލަ ލެޕްޓޮޕަކާއި ފޯނެއް ދީގެން އެފަދަ ހައްދެއް ނެތް މިނިވަންކަން ހޯދައިދިނީ އޭނާއެވެ.
އަމިއްލަ ނަފުސަށް އެއްޗެހި ގޮވަމުން ގޮސް ފަރަހަގެ ލޮލުން ކަރުނަ ހިލެން ފަށައިފިއެވެ. އޭނާއަށް ދަރިފުޅަށް ދެވުނީ ކޮން ރަނގަޅު ތަރުބިއްޔަތެއް ހެއްޔެވެ. އެއްވެސް ކަމަކުން އެ ދަރިފުޅަށް އުނިވިޔަނުދޭން މަސައްކަތް ކުރަމުންގޮސް އޭނާގެ އަމިއްލަ ދެ އަތުން އެ ދަރިފުޅުގެ ހަޔާތުގައި އޭނާ އަލިފާން ޖެހީއެވެ. އޭނާއަކަށް ރަނގަޅު އަންބަކަށް ނުވެވުނެވެ. އަދި ރަނގަޅު މަންމައަކަށް ވެސް ނުވެވުނީއެވެ.
"ތިއީ ދޮގެއް – ތިވާހަކަ މިކީ ގަބޫލެއް ނުކުރާނަން –"
ކުއްލިއަކަށް މިކްޔަލްގެ ހަޅޭކުގެ އަޑު އިވިއްޖެއެވެ. އަދި އެއަޑާ އެކު ކޮންމެވެސް އެއްޗެއް ބިންމަތީގައި ޖެހުނު އަޑު ވެސް އިވުނެވެ. އަދި ދެން ފަރަހައަށް އިތުރަށް ކެތް ނުކުރެވިގެން ކޮޓަރީގެ ދޮރު ބާރަށް ހުޅުވައިލިއެވެ.
ބިންމަތީގައި އެކި ދިމަދިމާއަށް ބައިބައި ވަކިވެގެން ބުރައިގެން ދިޔަ ފޯނު އޮތެވެ. ފަރަހައަށް ކަޅި ބިންމަތިން ދުރުކޮށް އެނދުގެ ކަނަކަށް ގުޅަވެގެން އިން ދަރިފުޅަށް ބަލައިލެވުމާ އެކު، ތެޅިގެންފައި ހަލުވިކަމާ އެކު ދަރިފުޅާ ދިމާއަށް ދެވުނެވެ.
"ދަރިފުޅާ ..." އޭނާ، މިކްޔަލްއާ ގާތަށް ޖެހިލަމުން ގޮވައިލިއެވެ.
"އެއީ ދޮގެއް – އެއީ ދޮގެއް – އެހެނެއް ނުވާނެ -" މިކްޔަލް ދެއަތަކަށް ބޯހޫރަމުން ބާރަށް ހަޅޭއްލަވަން ފެށިއެވެ.
"ދަރިފުޅާ – މަންމަގެ ތުއްތު ކަނބުލޯ – ހަމަޖެހިބަލަ .." ފަރަހަ ދަރިފުޅުގެ ކޮނޑުގައި ދެ އަތުން ހިފަހައްޓަމުން ވާހަކަ ދެއްކިއެވެ.
"ނޫން – ނޫން – މިކީގެ ގައިގައި އަތްނުލާ ..." މިކްޔަލް، އޭނާގެ ދެ އަތް ކޮނޑުން ނައްޓުވަމުން ދުރަށް ޖެހިލިއެވެ. އަދި ބިރުގެންފައިވާ ލޮލަކުން ބަލައިލިއެވެ.
"ދޫންޏާ – މިއީ ދަރިފުޅުގެ މަންމައޭ ..." ފަރަހަ، އަނެއްކާ ވެސް ދަރިފުޅުގެ ގައިގައި ހިފަހައްޓަން ދެއަތް ދިއްކޮށްލިއެވެ.
"ދަރިފުޅަށް ކޮންމެވެސް ބިރުވެރި ހުވަފެނެއް ފެނުނީތަ....؟"
"ދުރަށްދާށޭ – މިކީގެ ގައިގައި އަތްނުލާށޭ – " މި ފަހަރު މިކްޔަލް، ބާލީހެއް ނަގައި މަންމައާއި އޭނާއާ ދެމެދުގެ ހުރަހަކަށް ވާނޭހެން އެ ބާލީހުން ފޮރުވިގަތެވެ. ފަރަހަ، ނިދާބޮކީގެ ފަނޑުއަލީގެ ތެރެއިން ދަރިފުޅުގެ ކުލަ ބަދަލުވަމުންދާ މޫނަށް ބަލައިލިއެވެ.
އޭނާގެ ދަރިފުޅަށް މިވަނީ ކީއްބާވައެވެ. އެހާ ބޮޑަށް މިކްޔަލް ބިރުގެންފައި އެއިނީ ކީއްވެ ހެއްޔެވެ. ފަރަހައަށް އެ ގޮތަށް ދަރިފުޅަށް ބަލަން އިނދެވުނީ ކުޑަ ކުޑަ ހިނދުކޮޅަކަށެވެ. ހަމަ ކުއްލިއަކަށް……
މިކްޔަލްގެ ދެލޯ ބޮޑުވުމާ އެކު ދެ ދަތްޕިލާ ޖެހި ބާރުވެއްޖެއެވެ. އަދި ތުރުތުރު އަޅައިގަތުމާ އެކު ހުރަހަށް އެނދުމައްޗަށް ވެއްޓިއްޖެއެވެ. އެއާ އެކު ފަރަހަގެ ހަޅޭކުގެ އަޑު ކޮޓަރި ތެރޭގައި ގުގުމައިގެން ދިޔައެވެ.
"ދަރިފުޅާ–"
ފަރަހަ، ދަރިފުޅުގެ ހަށިގަނޑު ހިފެހެއްޓޭތޯ މަސައްކަތް ކުރިއެވެ. ކުރާނެ ކަމެއް ނެތިފައި، ހާސްވެ އިނދެ ވަށައިގެން ކަޅި ހިންގައިލި ނަމަވެސް މި ގޭގައި އޭނާ އާއި މިކްޔަލް ފިޔަވައި އެހެން އެއްވެސް މީހަކު ނެތް އިރު، އޭނާގެ ހަޅޭކުގެ އަޑަށް މިތަނަށް އަންނާނެ މީހަކު ނުހުންނާނެތާއެވެ. އޭނާއަށް އާދެވުނީ ފޯނު ހިފައިގެން ނޫން ކަމުން، މިކްޔަލް ކޮންމެ ހާލެއްގައި އޮތަސް، ބާއްވާފައި ގޮސްގެން ނޫނީ މި ހަބަރު އެއްވެސް މީހަކަށް ދޭނެ ގޮތެއް ނެތެވެ. ހަދާނެ ގޮތް ހުސްވެފައި އޭނާއަށް ތެޅިގަނެވުނެވެ. އޭރު، މިކްޔަލްގެ ތެޅެމުންދިޔަ ހަށިގަނޑު ހިމޭންވުމާ އެކު، އަނގައިން ފޮނުތަކެއް ބޭރުވާން ފަށައިފިއެވެ.
"މަންމަގެ ދޫންޏާ – ދަރިފުޅަށް ތިވަނީ ކީއް- ؟"
އޭނާ، މިކްޔަލް ނަގައި އުނގުގައި ބާއްވަމުން ގިސްލެވިފައިވާ އަޑަކުން ވާހަކަދެއްކިއެވެ. އަދި ލައިގެން އިން ހެދުމުގެ ފަސްބައިން މިކްޔަލްގެ އަނގަމަތި ސާފުކުރަން ފެށިއެވެ.
"ދަރިފުޅާ- ލޯ ހުޅުވަބަލަ – ކޮންމެވެސް އެއްޗެކޭ ބުނެބަލަ – ހެޔޮނުވާނެ – މަންމައާ އަނގައިން ބުނެބަލަ –" އޭނާ މޮޔައަކު ފަދައިން މިކްޔަލްގެ މޫނުގައި ފިރުމަމުން ވާހަކަދެއްކިއެވެ. އެހެން ނަމަވެސް އެއްވެސް ހޭވެރިކަމެއް ނެތި ދެލޯ މެރިފައި އޮތް މިކްޔަލްއަކަށް އޭނާގެ އެބަސްތަކެއް އަޑެއް ނީވޭނެ ނޫން ހެއްޔެވެ.
******
"ކުއްޖާގެ ސިކުނޑިއަށް ކޮންމެވެސް ބޮޑު ޝޮކެއް ލިބުނީ – ހޭއަރައިގެން އިރުކޮޅެއް ވާއިރަށް ފިޓްޖެހެނީ އެހެންވެ ކަމަށް ލަފާ ކުރެވޭ...."
ފަރަހަ ހޮސްޕިޓަލުގެ އެނދެއްގައި، ހަށިގަނޑުގެ ބޮޑު ބައެއް ހުދު ފޮތިގަނޑަކުން ނިވާކޮށްފައި އޮތް އޭނާގެ ލޮބުވެތި ކުޑަ ދަރިފުޅަށް ބަލައިލިއެވެ. ރެއިއްސުރެ މިކްޔަލް އެ އޮތީ ނިދާ އިންޖެކްޝަނުގެ އެހީގައި ނިންދަވައިފައެވެ. ހޭއަރާ ކޮންމެ ފަހަރަކު ފިޓްޖެހޭތީވެ، ޑޮކްޓަރުން ލަފާ ދެއްވީ، މިރެއާ ހަމައަށް ނިދާ އިންޖެކްޝަނުގެ އެހީ ހޯދުން ބުއްދިވެރި ކަމަށެވެ.
ކުއްލިއަކަށް ނޭނގިހުއްޓައި ސިކުނޑިއަށް ލިބުނު ޝޮކެއްގެ ސަބަބުން މިކްޔަލްގެ ސިކުނޑިއަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށް ޑޮކްޓަރުން ބުނުއްވިއެވެ. އެ ރެއަކީ ފަރަހަގެ ހަޔާތުން ނައިސް ނުދާނެ ރެއެއް ކަމުން އެބިރުވެރިކަން ހަނދާން ކުރަން ފަހަރެއްގައި ވެސް ބޭނުން ނުވި ނަމަވެސް، އެރޭ މާޒީއާ އެކުވެގެން ހިނގައްޖެއެވެ. ކިތަންމެ ގަބޫލުކުރަން ބޭނުން ނުވި ނަމަވެސް އެ ރޭގެ އަނދިރިކަމުގެ ތެރެއަށް ފަރަހަގެ ހަޔާތުގެ އެންމެ ބޮޑު މޫނުކަމުގައިވާ ލޮބުވެތި ދަރިފުޅުގެ އުފާވެރިކަން ގެއްލި ހިނގައްޖެއެވެ. އެ ރޭގެ ހިމޭން މެންދަން ނިމިގެން ދިޔައީ އޭނާގެ އެ ދަރިފުޅުގެ ހަމަބުއްދި އުނިކޮށްލައިފައެވެ.
ހެނދުނު ހެނދުނާ އޭނާ ޝިވަންއަށް ވެސް މި ހަބަރު ދީފިއެވެ. އެހެން ނަމަވެސް ޝިވަން ހުރީ މިތަނަށް އާދެވޭ ވަރަށްވުރެ މާދުރުގައެވެ. ދަރިފުޅުގެ ބައްޕަގެ އެހީތެރިކަން އެންމެ ބޭނުންވި ވަގުތު އެ ބައްޕަ ވެސް ނެތެވެ. އެކަމަކު އެކަމުގެ ޝަކުވާ ކުރެވޭކަށް ވެސް ނުމެނެތްމެއެވެ. ޝިވަން އިންޑިއާއަށް ދިޔައީ، އަމިއްލަ ދަރިއެއްގެ އޮޕަރޭޝަނަކަށެވެ. ބޭކާރު މަޖަލަކަށް ނޫނެވެ.
އެހެން ނޫނަސް ބައްޕައަކާ ނުލައި ވެސް ދަރިއަކު ގެންގުޅެވިދާނެ ކަމަށް ދައުވާ ކުރީވެސް ހަމަ އޭނާއެވެ. ވީއިރު، އެ ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭ އިތުރު އެހެން މީހަކު ނުހުންނާނެ ނޫން ހެއްޔެވެ.
މިފަދަ ވަގުތެއްގައި އަބަދުވެސް އާދައިގެ މަތިން ފަރަހައަށް އެންމެ ގާތުން، އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އޭނާގެ ބަދަލެއް ނާންނަ، ލޯބިވާ ބައްޕަގެ ފަރާތުންނެވެ. ރޭގައި މިކްޔަލް ގޮވައިގެން އޭނާ ހޮސްޕިޓަލަށް އައުމާއެކު ބައްޕައަށް ގުޅައި، މިކްޔަލް ބަލިވެގެން އެޑްމިޓް ކުރި ވާހަކަ ނަންގަތެވެ. އެއީ ކިތަންމެ ދަންވަރުގެ ވަގުތެއް ކަމަށް ވިޔަސް ބައްޕަ ހަމަ ވަރަށް އަވަހަށް ހޮސްޕިޓަލަށް ދުރުވިއެވެ. އޭރުއްސުރެ، ވަރުބަލި ކަމެއްނެތި، އޭނާއަށް އެހީ ވެލެއްވުމުގައި ބައްޕަ ހޮސްޕިޓަލުގައި އުޅުއްވާފައި ގެއަށް ދުރުވިތާ މާގިނައިރެއް އަދި ނުވެއެވެ.
ބައްޕައަކީ ފަރަހަގެ އަބަދުވެސް ބަދަލެއް ނާންނަ އެހީތެރިޔާއެވެ. އެންމެ ކުޑައިރުން ފެށިގެން މިއަދާ ހަމައަށް ވެސް ކޮންމެ ކަމެއްގައި ވެސް އޭނާއަށް ހެޔޮ ރަނގަޅުގޮތް ބުނެދެއްވާ، ދިރިއުޅުމުގެ މައިދާނުގައި ހިތްވަރާ އެކު ކުރިއަށް ދިއުމަށް ނަސޭހަތްތެރި ވެލައްވަނީ ބައްޕައެވެ.
"މިކީ ގޮވައިގެން މާލެ ގޮސްގެން ނޫނީ އެދެވޭ ފަރުވާއެއް ނުދެވޭނެ – މި ހޮސްޕިޓަލުގެ ޑޮކްޓަރުންނަކަށް މިކަހަލަ ކަންތަކެއް މާބޮޑަކަށް ނޭނގޭނެ – މާލެއަށްވުރެ ދުރަށްދާން ޖެހުނަސް ބައްޕަ ހަރަދު ކުރާނަން- ކަނބުލޮ ފައިސާއާ ދޭތެރޭ ކަންބޮޑުވާނެ ކަމެއް ނެތް..." ހެނދުނު، ޑޮކްޓަރާ ވާހަކަދެއްކެވުމަށް ފަހު ފަރަހަ ގާތުގައި ބައްޕަ ބުނުއްވިއެވެ.
"ޑޮކްޓަރ ބުނުއްވީ ކީކޭތޯ – ؟" ބައްޕަގެ ކަންބޮޑުވެފައިވާ މޫނަށް ބަލައިލަމުން ފަރަހަ އޮޅުން ފިލުވިއެވެ.
"މިކީގެ ސިކުނޑިއަށް ޝޮކެއް ލިބުނީޔޯ –" ބައްޕަގެ ޖުމުލަ އިވުމުން ފަރަހަގެ ގައިން ބާރުދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ.
"އެކަމަކު – ކަނބުލޯ – އެހެންވާން ޖެހުނު ސަބަބެއް ވެސް އޮންނާނެއެއްނު.... މިކީއަކީ އަދި ހަމަ ކުޑަކުއްޖެއް...– ސިކުނޑިއަށް ކުޅަދާނަ ނުވާވަރުގެ ކޮންކަމެއް އޮންނާނީ...– ބައްޕައަކަށް ނުވިސްނޭ...- އެވަރުކަމެއް އޮވެދާނެކަމަށް...– އަނެއްކާ ..– ޝިވަން މިކީއާ ނުލައި، ނަޖްމީ ގޮވައިގެން އިންޑިއާއަށް ދިއުމުން މިކީ ދެރަވީކީ ނޫންބާ؟"
ބައްޕަގެ އެސުވާލުތަކަށް ފަރަހަ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ. އޭނާގެ އަންހެން ދަރިފުޅަށްވީ ގޮތް ހުދު އޭނާއަކަށް ވެސް މާރަނގަޅަކަށް ނޭނގެއެވެ. މިކްޔަލް ރޭގައި ފޯނުން ވާހަކަދެއްކީ ކޮން "ރަޒީ" އަކާތޯ ބަލައިލާކަށް އަދި ވަގުތެއް ވެސް ނުލިބެއެވެ. ނުވަތަ އެކަމާ ވިސްނާ ހޯދައި ބަލާނެ ހޭވެރިކަމެއް ވެސް އޭނާގެ ނެތެވެ.
ހެނދުނު، ބައްޕަ އާދޭސް ކުރެއްވި ވަރުން ފަރަހަ ބުއި ޖޫސްތަށި ފިޔަވައި އެހެން އެއްވެސް އެއްޗެއް އޭނާގެ އަރުން އެތެރެއަކަށް ނުދިރެއެވެ. ކުއްލިއަކަށް އޭނާ ކުރިމަތިލާން ޖެހުނު ބޮޑު ކަންތައްގަނޑަކީ އޭނާއަށް ކުރެވިފައިވާ ކޮންފަދަ ކުށެއްގެ ޝަޒާކަމެއް ވެސް ނޭނގެއެވެ. ރެއިއްސުރެ ހޮސްޕިޓަލުން ބޭރަށް އެންމެ ހިނދުކޮޅަކަށް ވެސް ދާން ބޭނުން ނުވެފައި އޭނާ އެ އިންނަނީ މިކްޔަލް ހޭއަރައިގެން އޭނާއާ ރީތިކޮށް ވާހަކަދައްކާނެ އިރެއްގެ އިންތިޒާރުގައެވެ. އެހެން ނަމަވެސް ދެ ފަހަރު ހޭއެރި އިރު އެ ދެ ފަހަރު ވެސް މިކްޔަލްގެ ހާލު އިތުރަށް ގޯސްވުން ނޫން ކަމެއް ނުވެއެވެ.
މިކްޔަލްގެ ކުލަފަނޑުވެފައިވާ މޫނަށް ބަލައިލުމާ އެކު ފަރަހަގެ ހިތްފުރިގެން އެސްފިޔަތައް ތެމެންފެށިއެވެ. އޭނާގެ ހަޔާތުގެ އަލިކަމަކީ މިކްޔަލްއެވެ. އޭނާގެ މުޅި ދުވަހާއި ދިގު ރޭތައް އުފާވެރި ކޮށްދިނީ މިކްޔަލް އެވެ. މި ގޮތަށް އޭނާގެ ދަރިފުޅަށް ވީ ކީއްވެބާއެވެ.
" މަ – މަ – ން – މާ – " ފަރަހައަށް މިކްޔަލްގެ ދެ ތުންފަތް ތުރުތުރު އެޅުމާ އެކު އޭނާއަށް ގޮވައިލި އަޑު އިވިއްޖެއެވެ. އަވަސް އަވަހަށް އެނދާއި ކައިރިއަށް ޖެހި އޭނާ ދަރިފުޅުގެ އެއްއަތުގައި ހިފައިލިއެވެ.
"ލައްބަ – ދޫންޏާ – މަންމަ އެބައިނީމޭ..." އޭނާގެ އަޑުގައި ހިތްހަލާކުވާ ފަދަ ވޭނެއް އެކުލެވިފައި ވެއެވެ.
"މަ – މަން – މާ – މިކީ – އަށް – މާ – ފު – ކުރޭ – " އަދިވެސް މިކްޔަލް އޮތީ ނިދީގައި ކަހަލައެވެ.
"މަންމަގެ ޕްރިންސަސް – މަންމަ ގާތު މާފަށް އެދޭކަށް ނުޖެހޭނެ – އެހުމަކާ ނުލައި އަބަދުވެސް މަންމަ ދަރިފުޅަށް މާފުކުރާނެ – މަންމަގެ ދަރިފުޅު މަންމަ ނުރުހޭ، މާފު ނުކުރާވަރުގެ އެއްވެސް ކަމެއް ނުކުރާނެ-..."
އޭނާ، ތެމިފައިވާ އެސްފިޔަތައް ފޮހެލުމާ އެކު ދަރިފުޅުގެ އަތްތިލައިގައި ތުންފަތް ޖައްސައިލިއެވެ. އެ ވަގުތު މިކްޔަލްގެ އެސްފިޔަތައް ތެމިލައިފިއެވެ.
"ދޮން ދޫންޏާ -ލޯބީ..."
މަޑުމަޑުން ލޯ ހުޅުވައިލުމަށް ފަހު މިކްޔަލް އެސްފިޔަތައް ތަޅުވައިލިއެވެ. އަދި ކައިރީގައި އިން ފަރަހަގެ މޫނަށް ބަލައިލިއެވެ. "ދޫންޏާ..." ފަރަހަ ކަރުނައިން ފޯވެފައިވާ އަޑަކުން އަނެއްކާ ވެސް ގޮވައިލިއެވެ. އިރުކޮޅަކު އެ ގޮތަށް އޭނާއާ ދިމާއަށް ކަޅިޖަހާ ނުލައި ބަލަން އޮތް މިކްޔަލް އެއްވެސް އެއްޗެކޭ ބުނެފާނެކަމުގެ އުއްމީދުގައި އޭނާ ހިނިތުން ވެލިއެވެ.
"ކީއްވެ މިކީގެ އަތަށް އައިވީ ގުޅާފައި ބާއްވާފައި މިއޮތީ -؟ މިކީ ބައްޔެއް ނޫނޭ --" މިކްޔަލް އައިވީ ދައްކައިލަމުން އެހިއެވެ.
"ދަރިފުޅު ވަރުބަލިވާތީ – އައި ވީއެއް އަޅަން ޖެހުނީ – ދެންނުވާނެ މާގިނައިރެއް – މިހާރު އައިވީ ހުސްވަނީނު ދޯ ...." ފަރަހަ، ދަރިފުޅުގެ ހޭވިފައި އޮތް އިސްތަށިގަނޑު ރީތިކޮށްދެމުން ވާހަކަދެއްކިއެވެ.
"މަންމާ –" މިކްޔަލް ގޮވައިލި އަޑު އިވުމުން ފަރަހަގެ ހިތް އުފަލުން ފުރުނެވެ.
"ކީކޭ – މަންމަގެ ދޫންޏާ –" ފަރަހަ ނުހަނު ލޯތްބާ އެކު ދަރިފުޅުގެ މޫނުގައި ފިރުމައިލިއެވެ.
"މަންމަ – މިކީ – ބަނޑުހައި ވަނީ – ހޮޑުލަވާގޮތް ވެސް އެބަވޭ –" މިކްޔަލްގެ އަޑުގައި ހުރީ ވަރުބަލިކަމެވެ. "ހިނގާ ގެއަށް ދާން – މިތާނގައި މިކީ ހާސްވަނީ –"
"މި އައި ވީ ހުސްވީމާ ދޯ -؟ ދެން ނުވާނެ މާގިނައިރެއް –" ފަރަހަ، މިކްޔަލް ހައްލައިލެވޭތޯ ބެލިއެވެ.
"ދަރިފުޅު ކާނީ ކޯޗެއް – ؟ މަންމަ ގެނެސްދީފާނަމޭ –..."
"ބީފް ސޭންޑްވިޗް .. ފުރުޓް ޕޭސްޓްރީއެއް..." އެއީ މިކްޔަލްއަށް އެންމެ ކަމުދާ ކެއުމެވެ.
ފަރަހަ އުފާވެފައި، ފޯނު ނެގީ ބައްޕައަށް ގުޅައި، ހޮސްޕިޓަލަށް ކާއެއްޗެހި ހިފައިގެން އަވަހަށް ދުރުވެ ދޭން ނަންގަތުމަށް ޓަކައެވެ.
އެހެންނަމަވެސް……..
އޭނާ ޖީބުން ފޯންނެގިތަން ފެނުމާއެކު، މިކްޔަލްގެ ދެ ލޯ ބޮޑުވެއްޖެއެވެ. ނޭވާ އުފުލެން ފަށައިފިއެވެ. އަދި ދެން މާގިނައިރެއް ނުވެ މިކްޔަލްގެ ދެ ދަތްޕިލާ ޖެހި ބާރުވެއްޖެއެވެ. އަނެއްކާވެސް މިކްޔަލް ފިޓްޖެހޭ ގޮތް ވީއެވެ.
"މިކްޔަލްއަށް މިވާ ގޮތެއް ނުވިސްނުނު...." ޑޮކްޓަރު ކަންބޮޑުވެފައި ބުނެލިއެވެ.
"މިހެން ވުމުގެ ކުރިން ހޭލައިގެން އެއްވެސް ވާހަކައެއް ދެއްކިތަ؟"
ފަރަހަ މިކްޔަލް ދެއްކި ވާހަކަތަކާއި ކަންހިނގާދިޔަ ގޮތް ވަރަށް ރަނގަޅަށް ޑޮކްޓަރަށް ކިޔައިދިނެވެ.
"އޯހްހް.... އެހެންވީމާ މިކީއަށް އެލިބުނު ޝޮކް، މިކީގެ ސިކުނޑިއަށް ޖެހިފަ އެހެރަ ޝޮކް....... އެއާ ގުޅުން ހުރީ ދަބަހާ ނޫނީ ފޯނާ...."
ޑޮކްޓަރގެ ތަޖުރިބާ ހުރި ތޫނުފިލި ސިކުނޑިއަށް ވަރަށް ފަސޭހައިން ކަންތައްތައް ނަގައި ގަނެވިއްޖެއެވެ. އެކަމަކު ފަރަހަ އެކަމުގައި ކުރާނީވެސް ކީއް ހެއްޔެވެ. މިކްޔަލް އަނެއްކާވެސް ނިދާ އިންޖެކްޝަނެއްގެ އެހީގައި ނިންދަވައިފައެވެ. ނިދީގައިވެސް އެކުއްޖާފުޅު ގިސްލުމެއް ނުހުއްޓެއެވެ. ފަރަހަ ރޭގެ ހާދިސާ ޑޮކްޓަރަށް ކިޔައިދިނީ ލަދާއި ޖެހިލުންވުމާއި ދެރަ އެއްފަރާތް ކޮށްފައެވެ.
ސަބަބަކީ ދެވައްތަރެއްގެ މީހުންނަށް ފަހަރެއްގައިވެސް ދޮގު ނުހެދުމަށް އަބަދުވެސް އޭނާގެ ބައްޕަ ނަސޭހަތްތެރިވެފައިވާތީއެވެ. ވަކީލުންނާއި ޑޮކްޓަރުންނަށް ފަހަރެއްގައިވެސް އޮޅުވާލައިގެން ނުވާނެއެވެ. ޑޮކްޓަރަށް ވެގެން އުޅޭ ގޮތެއް ނޭނގި ބަލިމީހާއަށް ފަރުވާއެއް ނުދެވޭނެތާއެވެ. އެހެންކަމުން ހިންދިރުވާލާފައި ފަހަކަށް އައިސް މިކީގެ އުޅުމަށް އަންނަމުން އައި ބަދަލުތަކާއި މާގިނައިން ފޯނުތަކުގައި އޮންނަތަން ފެންނަމުން އައިސް ރޭގެ ހާދިސާއާ ހަމައަށް ޑޮކްޓަރަށް ފަރަހަ ކިޔައިދިނެވެ.
(ނުނިމޭ)