ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާތަކާއި މަޖިލީހުގެ އެހެނިހެން ކަންތައްތައް ގަވާއިދާ ހިލާފަށް، ބާރުގެ ބޭނުންކޮށްގެން ކުރަމުންދާކަމުގެ ޝަކުވާއާއެކު މަޖިލިސް މެންބަރުންތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ވަޑައިގެންފިއެވެ.
މީގެ ކުރިންވެސް މަޖިލިސް ރައީސް ގަވާއިދާ ހިލާފަށް މަޖިލިސް ޖަލްސާތަކުގައި ކަންކަން ކުރައްވަމުން ގެންދަވާތީ ނިޒާމީ ނުކުތާ ނަންގަވައިގެން މެންބަރުން އެކަން ފާހަގަކުރަމުން ގެންދެވިއެވެ. ނަމަވެސް މަޖިލިސް ރައީސް އެކަމަށް އިންކާރުކުރައްވައެވެ. އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ "މި މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ހަމަ އެންމެން ކަމެއްވެސް ގަވާއިދާ ހިލާފަށް ނުކުރައްވާނަން،" ކަމަށެވެ.
ނަމަވެސް މަޖިލީހުގެ ކަންކަން ގަވާއިދާ ހިލާފަށް ކުރިއަށްގެންދާ މައްސަލައިގައި މެންބަރުންގެ ކެތްތެރިކަން މިއަދު ކޮޅުންލީ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާމެދު އިއްޔެއާއި މިއަދު މަޖިލީހުގެ ރިޔާސަތުން ކަންކުރެއްވި ގޮތުންނެވެ.
އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ނިންމައި މިހާރު އޮތީ މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ދެން އޮންނަން ޖެހޭނީ ކޮމިޓީން އެ ބިލު ދިރާސާކޮށް މަޖިލީހަށް ފޮނުވި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށް ހުޅުވާލައި، އެއަށްފަހު ބިލުގެ ތިންވަނަ ކިޔުން އިއްވައި ބިލު ފާސްކުރުމަށް ވޯޓަށް އެހުމެވެ.
އިއްޔެގެ ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ބަހުސްކުރަން ހުޅުވައިލުމުން އެއްވެސް ބޭފުޅަކު ފުރުސަތަކަށް އެދިވަޑައެއް ނުގެންނަވައެވެ. ނަމަވެސް ބިލުގެ ތިންވަނަ ކިއުން އިއްވައި ވޯޓަށް އެހުމެއް ނެތި، އެ ވަގުތު ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވަނީ ބިލަށް ވޯޓަށް އަހަން ބޭނުންވާ ކޯރަމް ނެތް ކަމަށް ވިދާޅުވެ ޖަލްސާ ނިންމަވާލައްވައިފައެވެ. އެ މައްސަލައިގައި މެންބަރުން އިހުތިޖާޖުވެސް ކުރެއްވިއެވެ. އެބޭފުޅުން ވިދާޅުވީ، އަފީފު ޖަލްސާ ނިންމަވައިލެއްވީ މަޖިލީހުގެ ގަވާއިދުގެ ތިން ކަމަކާ ހިލާފުވެވަޑައިގެން ކަމަށެވެ.
ނަމަވެސް މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު ނަޝީދު ވަނީ، އަފީފު އިއްޔެ ކަންތައް ކުރެއްވި ގޮތް ދިފާއުކުރައްވައިފައެވެ. އަދި ކުރީން ވާހަކަދައްކަވާނެ މެންބަރަކު ނުވެގެން ބަހުސް ކުރުުމުގެ ފުރުސަތު ބަންދު ކޮށްފައި އޮތް، އެ ބިލަށް ބަހުސް ކުުރުމުގެ ފުރުސަތު އަލުން ހުޅުވައިލެއްވިއެވެ. އެއީވެސް މިހާތަނަށް މަޖިލިސް ތަޅުމުގައި ކަންކޮށްފައިވާ ގޮތެއް ނޫނެވެ. ބަހުސްކުރުމުގެ މަރުހަލާ ނިމިފައިވާ ބިލަކަށް ދެވަނަ ފަހަރަކަށް ބަހުސް ކުރުުމުގެ ފުރުސަތު މިހާތަނަށް ދީފައެއް ނުވެއެވެ.
ނަމަވެސް އިއްޔެއެކޭ އެއްގޮތަށް ނަޝީދުވެސް ޖަލްސާ ނިންމަވާލެއްވީ އެ ބިލަށް ވޯޓަށް ނާއްސަވައެވެ. އެކަމާ ގުޅިގެން މިއަދުވެސް މެންބަރުން އިހުތިޖާޖު ކުރެއްވިއެވެ. އެ އިހުތިޖާޖުގެ ތެރެއިން ޓެކްސް ބިލުގެ ފަހުން އޮތް ގަރާރަށް ވޯޓަށް އެއްސެވިއެވެ. އަދި އެ ވޯޓުގެ ނަތީޖާ ވިދާޅުވުމަށްފަހު ޖަލްސާ ނިންމަވައިލެެއްވިއެވެ.
އެ މައްސަލައާ ގުޅިގެން މިއަދު މަޖިލިސް ޖަލްސާ ނިންމާލުމާއެކު ރައީސް ސޯލިހުގެ ފެކްޝަނަށް ނިސްބަތްވާ ގިނަ މެންބަރުންތަކެއް މުލީއާގެއަށް ވަޑައިގެން އެ މަނިކުފާނާ ބައްދަލުކުރައްވައި، މަޖިލިސް ރައީސް ކަންތައްކުރައްވާ ގޮތުގެ ޝަކުވާ ހުށަހެޅުއްވިއެވެ.
ރައީސް ސޯލިހާ މިއަދު ބައްދަލުކުރެއްވި މަޖިލިސް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް ވިދާޅުވީ، މަޖިލިސް ރައީސް މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަންތައް ކުރަމުންދާ ގޮތުގެ ކަންބޮޑުވުން އެ ބައްދަލުވުމުގައި ރައީސް ސޯލިހާ ހިއްސާ ކުރެއްވި ކަމަށެވެ.
އަދި މަޖިލިސް ގަވާއިދު ބަދަލުކޮށް، މަޖިލިސް ރައީސަށް ލިބިދޭ ބާރުތައް ކުޑަކުރުމަށް ބައެއް މެންބަރުން ވާހަކަދެއްކެވި ކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރުން ރައީސް ނަޝިދު މަޖިލިސް ރައީސްކަމުން ވަކިކުރުމުގެ މަސައްކަތް ކުރުމަށް ބައެއް މެންބަރުން ހުށަހެޅުއްވި ކަމަށްވެސް ވިދާޅުވިއެވެ.
އެ މެންބަރު ވިދާޅުވި ގޮތުގައި، އެ ބައްދަލުވުމުގައި ވަކިގޮތަކަށް ކަންކުރުމަށް ރައީސް ސޯލިހު އިރުޝާދު ދެއްވާފައެއް ނުވެއެވެ. ނަމަވެސް މަޖިލިސް ރައީސަށް ދެއްވަންޖެހޭ އިހުތިރާމް ދެއްވައިގެން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށް އެ މަނިކުފާނު އިރުޝާދު ދެއްވި ކަމަށް ވިދާޅުވިއެވެ.
އަންނަ 2023 އަހަރުގެ ދައުލަތުގެ ބަޖެޓް ހަމަޖެއްސުމަށް އެންމެ މުހިންމު ބިލު ކަަމަށްވާ ޓެކްސް ބޮޑުކުރުމުގެ ބިލު ވީ އެންމެ އަވަހަކަށް ފާސްކުރަން، ރައީސް ސޯލިހުގެ ފެކްޝަނަށް ނިސްބަތްވާ މެންބަރުން މަސައްކަތް ކުރެއްވި ނަމަވެސް ރައީސް ނަޝީދުގެ ފެކްޝަންގެ ބޭފުޅުން އެ ބިލު ފާސްކުރާކަށް ބޭނުމެއްނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު