ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްމާޓް ސިޓީ ބްރޭންޑް ކަމަށްވާ ސްމާޓްކޮމްއިން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ހާއްސަކޮށްގެން ސްމާޓްކޮމް ފެއާއެއް ބާއްވަން ނިންމައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ މި ފެއާ ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ހިޔާ ޕާކް ސަރަހައްދުގައި ކަމަށެވެ. އަދި މި ފެއާގައި ތަފާތު ހިދުމަތްތައް ދިނުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކާއި އެނޫންވެސް ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރާ ގޮތާބެހޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.

އެޗްޑީސީން ބުނީ މި ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވަރަށް ހާއްސަ އިނާމުތަކާ އެކު ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެ ލަކީ ޑްރޯއިން ލިބޭ އިނާމުތަކުގެ ތެރޭގައި ސްމާޓް ވޮޗާއި 300ޖީބީގެ އިންޓަނެޓާއެކު ލިބޭ އެއާ ފައިބަ ރައުޓަރުގެ އިތުރުން 1000 ރުފިޔާ އަގު ހުރި ވައުޗަރުތައް ހިމެނެއެވެ.

މިއީ މި ފެއާ ބާއްވާ ފުރަތަމަ ފަހަރެވެ. އެޗްޑީސީން ބުނީ މީގެ ފަހުން ކޮންމެ އަހަރަކުވެސް މި ފެއާ ބާއްވާނެ ކަމަށެވެ. އަދި މި ފެއާ ވެގެންދާނީ ޒަމާނީ ޓެކްނޮލޮޖީއަށް މީހުން އަހުލުވެރިކުރުވައި ސްމާޓް ސިޓީއަކަށް ސްމާޓް ރައްޔިތުން ތައްޔާރުކޮށްދިނުމަށް ގުޅިގެން ކުރެވޭ މުހިންމު މަސައްކަތަކަށް ކަމަށެވެ.

އޭގެ އިތުރުންވެސް މި ފެއާގައި ސްމާޓް ސިޓީ ސޮލިއުޝަންތަކާބެހޭ މުހިއްމު މައުލޫމާތާއި އެހެނިހެން ޑިޖިޓަލް ހިދުމަތްތަކާ ބެހޭ މައުލޫމާތު އަދި ސައިބަ ކުށްތަކުން ސަލާމަތްވާނެ ގޮތްތަކާ ބެހޭ ޕެނަލް ޑިސްކަޝަންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.