ބޮޑެތި ކުށްތަކުގައި ހައްޔަރުކުރެވޭ މީހުންނާއި، މުޖުތަމަށް ނުރައްކާތެރި ކުށެވެރިން ބަންދު ކުރުމަށްޓަކައި ރާއްޖޭގައި ހައި ސެކިއުރިޓީ ޖަލެއް ހެދުމަށް މަސައްކަތްކުރަމުން އަންނަކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ރޭ ވިދާޅުވީ، އެކި ކުށްތަކުގައި ބަންދުކުރެވޭ މީހުންގެ ތެރެއިން ބޮޑެތި ކުށްތަކުގައި ހުކުމް ކުރެވޭ މީހުންނާއި އެނޫން ކުށްތަކުގައި ބަންދު ކުރެވޭ މީހުން އެއް ތަނެއްގައި ބަންދުކުރަން ޖެހުމަކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ރާއްޖޭގައި ހައި ސެކިއުރިޓީ ޖަލެއް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"ރާއްޖޭގައި ހައި ސެކިއުރިޓީ ޖަލެއް މިހާތަނަކަށް ނެތް. އަޅުގަނޑުމެން ދުނިޔޭގެ ތަންތަން ބަލައިގެން ދިރާސާކޮށްގެން ޑިޒައިންކޮށްގެން މިހާރު އަޅުގަނޑުމެން މިވަނީ މަސައްކަތް ފަށާ ހިސާބުގައި. އަޅުގަނޑު އުންމީދުކުރަނީ ކުރިއޮތް ހަ މަސްދުވަހުގެ ތެރޭގައި އެތަން ގާއިމު ކުރެވޭނެކަމަށް" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާކަމަށާއި އެގޮތުން ޖަލުތަކުގައި އަނިޔާކުރާ މައްސަލައަށް ނިމުމެއް ގެނެސް ޖަލު އޮފިސަރުންނަކީ ގައިދީންނާ މެދު އޯގާތެރިކޮށް ކަންކަންކުރާ ބަޔަކަށް ހެދިފައިވާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް ޖަލުގެ ޖާގަ އިތުރު ކުރުމަށްޓަކައި މިހަތަރު އަހަރުގެ ތެރޭގައި 250 ޖާގަ އިތުރުކޮށްފައިވާ ކަމަށެވެ.