ޚަބަރު

ވަގު ޑޮލަރުތަކެއް ބޭނުންކޮށްގެން ފޯނެއް ގަންނަން އުޅުނު މީހަކު ހައްޔަރުކޮށްފި

ރިފާ ހަލީލު

ވަގު ޑޮލަރުތަކެއް ބޭނުންކޮށްގެން މޯބައިލް ފޯނެއް ގަންނަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ. މައްސަލައާ ގުޅިގެން ހައްޔަރުކުރީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަހުގެ މުއްދަތެއް މިއަދު ދީފައިވާ ކަމަށްވެސް ބުންޏެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ވަގު ޑޮލަރު ވިއްކައިގެން އޭގެން ވިޔަފާރި ކުރަމުންދާ މީހުން އިތުރުވާތީ އެކަމަށް ސަމާލުވުމަށް ކަމާ ގުޅޭ އިދާރާތަކުން ތަކުރާރުކޮށް ދަނީ އިލްތިމާސް ކުރަމުންނެވެ.