މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ އުންމީދީ ނޫސްވެރިޔާގެ އެވޯޑް، "މިހާރު" ގެ އާލިމް އަބްދުލްލަތީފަށް ލިބުނުއިރު، އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް "ދައުރު" ނޫހުގެ އާމިނަތު ޝިފްލީނަށް ލިބިއްޖެއެވެ.

އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑް އާލިމަށް ލިބުނީ، "އަދަދު" ނޫހުގެ މުހައްމަދު އުސާމް އާއި "ދައުރު" ނޫހުގެ މަރިޔަމް އުމްނާ އިސްމާއީލާ ވާދަކޮށެވެ. އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ޝިފްލީނަށް ލިބުނީ "އަދަދު" ނޫހުގެ ނާޒިމް ހަސަން އާއި ވަގުތު ނޫހުގެ މުހައްމަދު ޔާމީންއާ ވާދަކޮށެވެ.

  • ދެމެހެއްޓެނިވި ތަރައް ގީއާއި އިޖުތިމާއީ ދާއިރާ - މުހައްމަދު ހަމްދޫން (މިހާރު)
  • ސިޔާސީ ދާއިރާ - ފަޒީނާ އަހުމަދު (މިހާރު)
  • ޝަރުއީ އަދި ގާނޫނީ ދާއިރާ - އައިމިނަތު ޝަފްނާ (ދައުރު)
  • ވިޔަފާރި އާއި އިގްތިސޯދީ ދާއިރާ - އަހުމަދު ނާއިފް (ދައުރު)
  • ކުޅިވަރު ދާއިރާ - އައްޒާމް އަލިފުޅު (އަދަދު)
  • ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ - އަހުމަދު އަލީ (ވަގުތު)
  • ފީޗާ ލިޔުމުގެ ދާއިރާ - ނަޖާހް މަސްއޫދު (ދައުރު)
  • ފޮޓޯ ޖާނަލިޒަމްގެ ދާއިރާ - ނިޝާން އަލީ (މިހާރު)
  • ގްރެފިކްސް އެންޑް އިލަސްޓްރޭޝަންގެ ދާއިރާ - އަބްދުﷲ ޝަފީއު (އަދަދު)

އެކަށީގެންވާ ވަރަށް މާކްސް ލިބިފައި ނުވާތީ ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ އާއި ބްރޯޑްކާސްޓިން ކެޓެގަރީން ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ ދާއިރާ އާއި ސިޔާސީ ދާއިރާ އާއި ޝަރުއީ އަދި ގާނޫނީ ދާއިރާގެ އިތުރުން ފީޗާ ދާއިރާއިން މިފަހަރުގެ އެވޯޑް ހަފުލާގައި އެވޯޑް ދީފައެއް ނުވެއެވެ.

މިއަހަރުގެ އެވޯޑް ހަފުލާގައި ވަނީ ޑރ. އަލީ ރަފީގާއި މަޑުލު މުހައްމަދު ވަހީދަށް ހަޔާތީ އަރުތައިގެ އެވޯޑް އަރުވައިފައެވެ.