މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުކަމުން "ވަގުތު" ނޫހުގެ އާދަމް ނަވާޒް އިސްތިއުފާ ދެއްވައިފިއެވެ.
އެމްއެމްސީގެ މެމްބަރުކަމުން ނަވާޒް އިސްތިއުފާދެއްވީ މިރޭގެ ވަގުތެއްގައެވެ.
މީޑިއާ ކައުންސިލްގެ މެންބަރުކަމުން އިސްތިއުފާ ދެއްވައި ނަވާޒު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރު މުހައްމަދު ޝާފިއު، އަންހެން ނޫސްވެރިޔަކަށް ތަކުރާރުކޮށް ފުރައްސާރަކޮށް، އަދި އެމައްސަލަ ބެލުމަށް މީޑިއާ ކައުންސިލުން ނިންމުމުންވެސް މީޑިއާ ކައުންސިލްގެ ރައީސް ކަމުގައި ހުންނަވައިގެން މުހައްމަދު ޝަފާއު ހަސަން، އެނިންމުމަށް އަމަލު ކުރުން ހުއްޓުވާފައިވާ ކަމަށެވެ.
ނޫސްވެރިޔަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ބެލުމާމެދު ފުލުހުން ނިންމި ނިންމުމުގެ އެއްބައި ވިދާޅުވުމަށްފަހު، ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް މުހައްމަދު ޝަފާއު ހަސަން މީޑިއާ ކައުންސިލް ހިންގަވަމުން ގެންދަވާ ހުދުމުހުތާރު ގޮތުގެ ސަބަބުން އެތައް އަންހެން ނޫސްވެރިންގެ ހިތުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަވާޒް ވިދާޅުވީ މުހައްމަދު ޝާފިއު، ނޫސްވެރިޔާ އަށް ފުރައްސާރަ ކުރި ކަމަށާއި އެމައްސަލަ އެކަމަށް ހާއްސަ ކޮމެޓީއަކުން ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ފުލުހުން ވެސް ނިންމާފައި ވަނިކޮށް، މައްސަލަ ބެލުމުގެ ބަދަލުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ އެވޯޑް ހަފުލާގައި މުހައްމަދު ޝާފިއުއަށް އިސްދައުރެއް އަދާކުރުމުގެ ފުރުސަތު ދިނުމަކީ އަންހެން ނޫސްވެރިންނަށް ފުރައްސާރަ ކުރުމަށް ޝަފާއު ދެއްވި ހިތްވަރެއް ކަމަށެވެ.
"އަންހެން ނޫސްވެރިންނަށް ބިރުވެރިކަމެއްނެތް އަމާން މާހައުލެއް ގާއިމުކުރުމުގެ ބަދަލުގައި އަންހެން ނޫސްވެރިންނަށް ފުރައްސާރަކުރާ މީހަކު ކުރީ ސަފުގައި އިނުމުގެ ފުރުސަތު ދީގެން މީޑިއާ ކައުންސިލުން ހިންގާ ހުތުރު އަމަލުގައި ބައިވެރިވުމަކީ އަޅުގަނޑުގެ ޟަމީރު ގަބޫލު ކުރާކަމެއް ނޫނެވެ." ނަވާޒް ވިދާޅުވިއެވެ.
ޝާފިއު "ވަގުތު" ނޫހުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައާ ގުޅިގެން އެމްއެމްސީން އޭނާ ސަސްޕެންޑްވެސް ކުރިއެވެ. ނަމަވެސް އެ މައްސަލަ އޭނާގެ މައްޗަށް ސާބިތު ނުވުމުން ފަހުން ސަސްޕެންޝަން އުވާލިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު