ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއަޕް ގްރޫޕުގައި މެމްބަރުންގެ މެދުގައި ވަރަށް ބޮޑަށް ޒުވާބުކުރަން ފެށުމާ ގުޅިގެން އެ ގްރޫޕަށް މެސެޖް ނުކުރެވޭ ގޮތް ހަދައިފިއެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުގެ މެދުގައި ޒުވާބުކުރުން މިހާރު ވަނީ އާންމު ކަމަކަށްވެފައެވެ. މި ފަހަރު ދެ ފެކްޝަންގެ މެދުގައި ޒުވާބުކޮށްފައި މިވަނީ ބަޖެޓް ބަހުސްގައި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމާމެދު ސުވާލު އުފައްދަވައި ނަޝީދު ފެކްޝަނުގެ ބައެއް މެންބަރުން ވާހަކަ ދެއްކެވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ދެ ފެކްޝަންގެ ބައެއް މެންބަރުން ރައްޔިތުންގެ މަޖިލީހުގައްޔާއި ޓުވިޓާގެ އިތުރުން ގައުމީ މަޖިލީހުގެ ގްރޫޕުގައިވެސް ބަހުގެ ހަމަލާތައް ބަދަލުކޮށްފައިވެއެވެ. އެންމެ ބޮޑު ޒުވާބެއް ހިނގާފައިވަނީ ރައީސް ސޯލިހުގެ ފެކްޝަނަށް ނިސްބަތްވާ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި ރައީސް ނަޝީދު ފެކްޝަނުގެ ބައެއް މެމްބަރުންގެ މެދުގައެވެ.

މެމްބަރުންގެ ޒުވާބުތައް ދިގުލައިގެން ގޮސް ޒުވާބުތައް ހޫނުވާން ފެށުމުން މަސްލަހަތަށްޓަކައި، އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭގެ ވަގުތެއްގައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ހަމައެކަނި އެޑްމިން ބޭފުޅުންނަށް މެސެޖު ފޮނުއްވޭ ގޮތަށް ސެޓިން ބަދަލުކުރައްވައިފައެވެ.

"ރޭ 11:30 އާއި 12:00 ޖެހުމާ ދޭތެރޭގައި ބަދަލުކޮށްފައި އިނީ. މިހާރުވެސް އެގޮތަށް ސެޓިން އިނީ" ނަން ނުޖެހުމަށް ޝަރުތުކޮށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރަކު "ވަން" އަށް މީގެ އިރުކޮޅެއް ކުރިން ވިދާޅުވިއެވެ.

މިއީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް މެސެޖު ނުފޮނުވޭ ގޮތަށް ހެދި ފުރަތަމަ ފަހަރު ކަމުގައިވެސް މެމްބަރު ވިދާޅުވިއެވެ.