ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން 27 ނޮވެމްބަރު 2018 ގައި އިސްލާހު ގެނައި "ހުޅުމާލެ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ގަވާއިދު" މިހާތަނަށް އައި އިރު ގެޒެޓު ކޮށްފައި ނުވުމަކީ ޕްލޭނިން އެންޑް ހައުސިން މިނިސްޓައު އަހުމަދު އަސްލަމް، އާންމު ގަޥާއިދުތަކާބެހޭ ގާނޫނުގެ އިޖުރާއަތްތަކާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ރައްޔިންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން ފާސްކޮށްފިއެވެ.
އެގޮތަށް ކޮމިޓީން ފާސްކުރީ، އެ ގަވާއިދު ގެޒެޓު ކޮށްފައިނުވާ މައްސަލަ ބެލުމަށްފަހު އެކަމާބެހޭ ގޮތުން ކޮމިޓީން އެކުލަވާލައި މަޖިލިސް ތަޅުމަށް ފޮނުވި ރިޕޯޓުގައެވެ.
އެ ރިޕޯޓު މަޖިލީހުން ފާސްކުރާތާ ހަތް ދުވަހުގެ ތެރޭގައި އެ ގަވާއިދު ގެޒެޓު ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުމަށް ޕްލޭނިން މިނިސްޓްރީއަށް އެންގުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ، އާއްމު ގަވާއިދުތަކާބެހޭ ގާނޫނުގައި ހިމެނޭ އެއްވެސް ގަވާއިދަކަށް އިސްލާހެއް ނުވަތަ ބަދަލެއް ގެނެވޭނީ މަޖިލީހުގެ ގަވާއިދު ކޮމިޓީން ކަނޑައަޅާގޮތެއްގެ މަތިންނެވެ. އެހެންކަމުން މިހާރު ގެޒެޓް ކޮށްފައިވާ "ހުޅުމާލެ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ގަވާއިދު" އެކުލަވާލާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށްވެސް ބުނެފައިވެއެވެ.
ކޮމިޓީން ފާސްކުރި ގަވާއިދާބެހޭ ގޮތުން، މިނިސްޓަރު އަސްލަމް ކޮމިޓީގައި ދެއްކެވި ވާހަކަފުޅަށް ރިއާޔަތް ކުރާއިރު އެ ގަވާއިދު ގެޒެޓު ކުރަން ބޭނުންނުވާކަން އެނގޭ ކަމަށްވެސް ކޮމިޓީން ބުނެފައިވެއެވެ.
ނަމަވެސް އެއީ އާއްމު ގަވާއިދުތަކާބެހޭ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ގަވާއިދު ކޮމިޓީއަށް ލިބިފައިވާ ގާނޫނީ ބާރާމެދު މިނިސްޓަރު ސުވާލު އުފެއްދެވުން ކަމަށާއި މިނިސްޓަރު އެގޮތަށް އަމަލު ކުރެއްވުމަކީ ކޮމިޓީގެ ނިންމުންތައް ތަންފީޒު ކުރުުމުގައި އެހެން އިދާރާ ތަކުންވެސް އެއްބާރުލުން ނުލިބުމުގެ ޖާގަ އޮތް ކަމެއްކަމަށްވެސް ކޮމިޓީން ބުނެފައިވެއެވެ.
އެކަންކަމަށް ރިއާޔަތްކޮށް ކޮމިޓީގެ ނިންމުމަކީ "ހުޅުމާލެ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ގަވާއިދު" ގެޒެޓުގައި ޝާއިއު ކުރުމަށް އެ މިނިސްޓްރީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ނުފޮނުވުމަކީ ދުސްތޫރީ އަދި ގާނޫނީ ހަމަތަކުން ކުރެވިދާނެ ކަމެއް ކަމަށް ކޮމިޓީއަށް ގަބޫލު ނުކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.
އަދި މިނިސްޓަރުގެ މި އަމަލަކީ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ރައްޔިތުންގެ މަޖިލީހަށާއި އެ މަޖިލީހުގެ ކޮމިޓީތަކަށް ލިބިދީފައިވާ އިމްތިޔާޒުތަކާއި ބާރުތަކަށް ހުރުމަތްތެރިކޮށް ނުހިތުން ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު