ދުނިޔެ

ބޮޑުވަޒީރު ރިޝީ ސުނާކުގެ އަތުކުރިން ފެންނަ ރަތްފަށުގެ ސިއްރު އެނގޭތަ؟

2

އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު ރިޝީ ސުނާކު ކޮންމެތާކަށް ވަޑައިގެންނެވިއަސް އޭނާގެ ކަނާތު އަތުކުރިން ފެންނަ ރަތްކުލައިގެ ފަށަކީ އޭނާއަކީ ހިންދޫއެއްކަމާއި އެކަމާމެދު ފަޚުރުވެރިވާކަން ދެއްކުމުގެ ނިޝާނެއްކަމަށް ރިޝީ ސުނާކުގެ އެކުވެރިން ބުނެފިއެވެ.

އަތުކުރީގައި ރަތްކުލައިގެ ފަށެއް އެޅުމަކީ ހިންދޫންގެ ތެރޭގައި އާއްމު ކަމެކެވެ. އަދި ބުޑިސްޓުންވެސް ކުރާކަމެކެވެ. ސަމާވީ ދީންތަކުގެ ތެރެއިން ޔަހޫދީންވެސް މިއާދަ ގެންގުޅެއެވެ. މިއީ ނަސީބާއި ރައްކާތެރިކަން ލިބުން ހިމެނޭ ކަމެއް ކަމަށްވެސް އެމީހުން ގަބޫލުކުރެއެވެ.

ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވިފަހުން ރިޝީ ސުނާކްގެ އަތުކުރީގައި އޮންނަ ރަތްފަށަށް މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ވަނީ ލިބިފައެވެ. އޭނާގެ އެކުވެރިން ބުނާގޮތުގައި އިނގިރޭސި ބޮޑުވަޒީރަކަށް ހިންދޫއަކު ފުރަތަމަ ފަހަރަށް އައީމާ އެމީހާގެ ދީން ފޮރުވަން އުޅުމުގެ ބަދަލުގައި ދީން ޕްރޮމޯޓްވާ ގޮތަށް އުޅުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ރިޝީ ސުނާކުވެސް އޭނާގެ ހިންދޫވަންތަކަން ދައްކަވަނީއެވެ.

އިނގިރޭސި ބޮޑުވަޒީރުގެ ރަސްމީގެ ކަމަށްވާ ލަންޑަނުގެ ޑައުނިން ސްޓްރީޓްގެ ދިހަ ނަމްބަރު ގޭގައި މިހާރު ގެރިމަސް ކެއްކުންވެސް ވަނީ ހުއްޓާލައިފައެވެ. އެއީ ސުނާކާއި އޭނާގެ އާއިލާއަކީ ހިންދޫންކަމަށް ވެފައި ގެރިމަސް ކެއުމަކީ އެމީހުން ނުކުރާ ކަމަކަށްވާތީ ދީނަށް އިހުތިރާމް ކުރުމުގެ ގޮތުންނެވެ.