ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 54

5

ނޭވާ އަވަސްވެގެންދިޔަ ވަގުތު ނަހީކަށް ދެއަތް ނަގާ މޫނުމަތި ފޮހެލެވުނެވެ. ނިތްމަތިން ދާހިއްލާލީ އެހާ އަވަހަށެވެ. ޒަކްވާނަށްވެސް ވެފައި ހުރީ ނަހީކަށް ވެފައި ހުރިވަރެވެ.

********

ރޫބިޔާ ބުނި ފޮށި ޗެކްކުރީ ބަރަކެވެ. ލޫކްގެ ހާޒިރުގައި އޭގައި ހުރި ހުރިހާ އެއްޗެއް ބަރަކް ނެގިއެވެ. ގޭ ރަޖިސްޓްރީއާއި އެކި ދުވަސްމަތިން ފަރީދަށް ފައިސާ ދައްކާފައި ހުރި ރަސީދުކޮޅުތައް އޭގައި ހުއްޓެވެ. ފަންޑިތައާއި ސިހުރު ލިޔެފައިވާ އެކި ފޮތްތަކެއް ހުއްޓެވެ. ރޫބިޔާ ބުނި ފޯނު އޮތީ ފޮށީގެ އެންމެ އަޑީގައެވެ. ކަޅު ކުލައިގެ އެފޯނުގެ މޫނުމަތި ވަނީ ކޫރުން އެޅި ވަރަށް ބޮޑަށް ބާވެފައެވެ. ފޯނު އަތަށް ލައިގެން ބަރަކް ހިންދެމިލި ހިނދު ލޫކް ބޯޖަހާލިއެވެ. ފޯނު ހިފައިގެން ދެ ޒުވާނުން ނިކުތީ ދެން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައެވެ.

"މިއަދުން މިއަދަށް މީގަ ހުރި އެއްޗެއް ވިއްޔާ ބަލަން އެބަޖެހޭ. އަހަރެން މިދަނީ އޮފީހަށް. ބަރަކް އެންމެ ރަނގަޅު ގެއަށް ވަދެލާފަ އަޔަސް. ބުނީމެއްނު ވައިފް ބަލިވާހަކަ" ބަރަކްގެ ކޮނޑުގައި ޖަހާލަމުން ލޫކް ބުންޏެވެ. ބަރަކް ބޯޖަހާލިއެވެ.

"އަދި އެއްވާހަކަ. މިއަދު ދޭއް ޖަހާއިރަށް ކޯޓު އަމުރުތައް ލިބޭނެ. ހަމަ ލިބުމާއެކު އެންމެ މިނިޓެއްވެސް ލަސްނުކޮށް އެގެއަށް ދާންޖެހޭނެ. ވަޒީރު ހައްޔަރުކުރީމަ މީޑިޔާތަކުގެ އެވާހަކަ ކޮންމެވެސްވަރަކަށް އެބަ ދެކެވޭ. ފުލުހުންގެ މީޑިޔާއަށް ވެސް ވަރަށް ބާރުބޮޑުވެފަ ތިބީ. އެހެންވީމަ އެމީހުންނަށް މިހާރު އޮންނާނީ ހިންޓެއް ލިބިފަ. ވަގުންތައް ފިލަންވެސް ރާވާނެ" ލޫކް އިތުރަށް އޮޅުންފިލުވައިދިނެވެ.

"އެހެންވީމަ ކިހިނެއް ހަދާނީ ސަރ. ދޭން ޖަހަން އަދި އެބައިން އެއްގަޑިއިރު" ބަރަކް ބުންޏެވެ.

"އެހެނެއް މިފަހަރު ނުއެއް ފިލޭނެ. އެގޭ ދޮށުގައި ތިބޭނެ އިންޓެލް. އެކަމާ އެހާ ސްޓްރެސްވާނެކަމެއް ނެތް" ލޫކް ބުންޏެވެ.

******

ގެއަށް ވަންގޮތަށް އާދައިގެ މަތިން ބަރަކް ވަނީ ތިރީ ބަޔަށެވެ. ތިރީގައި ދިރިއުޅޭ މައިންބަފައިންގެ ހާލު ބަލައިނުލައި އޭނާގެ އެޕާޓްމަންޓަށް ދާން ބޭނުންނުވާ ކަހަލައެވެ. އޭނާ ވަދެގެން ދިޔައިރު ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ކޮޓަރިން ނުކުތް ރާޝިދަށް އެރުނީ އެކޮޓަރީގައި ޓަކި ޖަހަން ދިޔަ ބަރަކް ކުރިމައްޗަށެވެ.

"ދަރިފުޅު މިތާ ތަ؟ އެމަންޖެ ހޮޑުލާތީ ދައްތަވެއްޖެ މަތީގަ" ރާޝިދު ބުންޏެވެ.

ލަސްނުކޮށް ބަރަކް އެރީ މައްޗަށެވެ. އެޕާޓްމަންޓް ދޮރުހުރީ ހުޅުވައިފައެވެ. ބަރަކް ދޮރަށް އެރިއިރު ސޯފާގައި ޖިލްވާ އިނެވެ. ކައިރީގައި އިން ސަމީހާ ޖިލްވާގެ ބުރަކަށީގައި ފިރުމަމުން ދިޔައިރު އަތުގައި ހުރި ބިއްލޫރިތަށީގައި ހުރި ދިޔާ އެއްޗެއް ޖިލްވާއަށް ދެވޭތޯ ސަމީހާ މަސައްކަތްކުރަމުން ދިޔައެވެ.

"ޖިލް..." އެތެރެއަށް ވަންނަމުން ބަރަކް ގޮވާލިއެވެ.

"އަނހަ ތިއައީތަ؟ ދައްތަ ގޮސްލަނީ ތިރިއަށް. އެމަންޖެ ޑޮކްޓަރަށް ދައްކާލާތި" ބަރަކް އައިސް ޖިލްވާ ކައިރީގައި އިށީނުމާއެކު ސަމީހާ ބުންޏެވެ. ބަރަކް ބޯޖަހާލިއެވެ. ސަމީހާ ދިއްކޮށްލި ތަށީގައި ހިފަމުން ބަރަކް ސަމީހާއަށް ޝުކުރު އަދާކުރިއެވެ.

"އަހަރެން ދިޔައިރު ހަމައެކަނި ބޮލުގައި ރިއްސާ ވަހަކަ ބުނީ. މިހާރު ހޮޑުވެސްލީ. ވަރަށް ބޮޑަށް ބަލިތަ؟" ބަރަކް އެހިއެވެ. ބަރަކްގެ މޫނަށް ބަލައިލި ހިނދު ޖިލްވާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. އެ ހިނިތުންވުން ބަރަކްއަށް ތަފާތު ވާހަކައެއް ބުނެދިން ކަހަލައެވެ. ދުލުން ބަސް ބޭރު ނުވިއެއް ކަމަކު ބަރަކްގެ ހިތުގައި ތަފާތު ގޮތަކަށް ވިންދެއް ޖަހާލައިފިއެވެ.

"ވަޓް...؟ " ބަރަކް ބުންޏެވެ. ޖިލްވާގެ ހިނިތުންވުމަކީ އޭނާގެ ހިތަށް ލިބިދިން އަރާމެކެވެ.

ބަރަކްގެ ކުރިމަތީގައި ޖިލްވާ މަޅައިގެން ހުރި މުށް ހުޅުވާލިއެވެ. އެހިނދު ބަރަކްގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ޖިލްވާގެ މުށުތެރޭގައި އޮތް ސާފުހުދުކުލައިގެ ކިޓަށް އަރާއިން ގަދަ ރަތްކުލައިގެ ދެރޮނގެވެ. ބަރަކްގެ ދެތުންފަތް ދެފަރާތަށް ދެމިގެންދިޔައީ ޖިލްވާ ބަލަހައްޓައިގެން އިންދައެވެ.

"ވަރަށް ބޮޑަށް މަރުހަބާ.... ބައްޕި..." ޖިލްވާ ބުންޏެވެ.

ބަރަކްއަށް ހީނލެވުނެވެ. ހެއްދެވިފަރާތަށް ހަމްދުކުރިއެވެ. އަތާއެކު އެ ކިޓުގައި ބަރަކް ބޮސްދިނެވެ. ޖިލްވާގެ ގައިގައި ބައްދާލިއެވެ. މޫނުގައި އެތައްފަހަރަކު ބޮސްދިނެވެ.

"ޑޮކްޓަރަށް ދައްކަން ދާނީ ފަހުން ދޯ" ޖިލްވާ ބުންޏެވެ.

"އަހަރެން ވަރަށް ވަރަށް އުފާވެއްޖެ. އާ ދިރިއުޅުމެއް ލިބުނުހެން ހީވަނީ" ބަރަކް ބުންޏެވެ.

ތެދެކެވެ. ރޫބިޔާގެ ވިޔާނުދާކަން ފަޅާއެރި ހިސާބުން ފެށިގެން ބަރަކްގެ މުޅި ދުނިޔެ އަނދިރިވެފައިވި ކަހަލައެވެ. ދުވަހަކުވެސް އުފަލެއް ލިބިދާނެކަމަށް އޭނާ ޝައްކުކުރިއެވެ. އެކަމަކު މިއަދު ހުރިހާކަމެއް ބަދަލުކޮށްފިއެވެ. އޭނާއާއި ޖިލްވާގެ ލޯބީގެ ނިޝާން ދުނިޔެ އައުމަށްޓަކައި ތައްޔާރީތައް ވާން ފަށައިފިއެވެ.

******

ޓީވީ ދައްކަމުންދިޔަ ޕްރޮގްރާމެއް ބަލަން ތިބި ޝާހްބާޒްގެ ދެމަފިރިންނަށް ސިހުން ލިބުނީ ރިންދާގެ ކޮޓަރީގެ ތަޅުހުޅުވިގެންދިޔަ ވަގުތުގައެވެ. ވީ ކިހިނެއްތޯ ނަހާ ރިންދާއާ ސުވާލުކޮށްލީ ދެބުމަ އަރުވާލަމުންނެވެ.

"ޔާލް ބުނި ފުލުހުންގެ ވެހިކަލް އެގެއަށް ދާން ނައްޓާލަނީއޭ. އަޅުގަނޑު މިދަނީ އެގެއަށް ދާން" ރިންދާ ބުންޏެވެ. ޝާހްބާޒްގެ ހިތަށް ތަދެއް އަރައިގެން ދިޔައެވެ. ފަހު ފަހަރަށް ނަހީކްގެ ދުށުމުގެ ޝައުގުވެރިކަން ޝާހްބާޒްގެ ހިތުގައި އުފެދުނެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ދިޔުމަށްފަހު ދުވަހަކުވެސް ނަހީކު ހޯދާން ނުދާނެކަމަށް މީގެ އެއްދުވަސް ކުރިން އަމިއްލަ ނަފްސަށް ޝާހްބާޒް ވައުދުވެއްޖެއެވެ.

"ކީއްކުރަން ރިދާ ދަނީ؟ ފުލުހުން އެމީހުންގެ މަސައްކަތް ކުރާނެއެއްނު. ހެޔޮ ރިދާ ނުދިޔަޔަސް" ނަހާ ބުންޏެވެ.

"ނޫނޭ މަންމާ. މިއީ އަޅުގަނޑު އެތައް ދުވަހެއްކުރިން ދެކެމުން އައި ހުވަފެނެއް. ފުލުހުން އެގެއާ ހަމައަށް ފޯރުމުގެ ކުރިން އަޅުގަނޑު ބޭނުން ނަހީކާ ބައްދަލުކުރަން. އަޅުގަނޑަށް ހުރިހާކަމެއް އެނގޭކަން ބުނެދޭން. އަދި ޔާލްއަކީ ކާކުކަން ބުނެދޭން. މަންމާ. އަޅުގަނޑު މިވަގުތު ނުހިފަހައްޓާ" ރިންދާ ބުންޏެވެ. ނަހާ ދެފަރާތަށް ބޯހޫރާލިއެވެ.

"އެމަންޖެ ދިޔަދީ. އަހަރެންވެސް ދާނަން. ނާ ވެސް ހިނގާ" ޝަހްބާޒް ބުންޏެވެ.

"އޭރުން ހައިބް ކޮންތާކަށް ލާނީ" ނަހާ ބުންޏެވެ.

"ބެގަރީ އެބަ ހުއްޓެއްނު" ޝާހްބާޒް ބުންޏެވެ.

*********

މެންދުރު ނަމާދުކޮށްގެން ކޮޓަރިން ޝަލްބިޔާ ނުކުތްއިރު ގޭތެރެއަށް ވެރިވެފައިވަނީ މަރުފަދަ ހަމަހިމޭން ކަމެކެވެ. ކާމޭޒާ ދިމާލަށް ބަލައިލިއިރު މޭޒު މައްޗަށް ކާން އެރުވިގޮތަށް ހުއްޓެވެ. ގޭތެރޭގައި އުޅޭ ތިން ފިރިހެނުންނަށް ޝަލްބިޔާ ކުދި ކިޔަމުން ކުރިއަށް ދިޔައެވެ. ފެނުނު މަންޒަރުން އޭނާއަށް ހައިރާންކަން ލިބުނެވެ. ތިން ފިރިހެނުން ތިން ދިމާލުގައި ކޮޅަށް ތިބިއިރު އެކަކުވެސް އަނގައިން ނުބުނެއެވެ. އެދިމާ ބަލަހައްޓައިގެން ޝަލްބިޔާ އިރުކޮޅަކު ހުއްޓެވެ.

"ކޮބާ ޑޭޑް.... ލޯންޗު ކިހާ ހިސާބެއްގައި" އިރުކޮޅަކުން ޒަކްވާންގެ އަޑު އިވިލިއެވެ.

"ހަމައެއް ނުޖެހޭ. މިތާ ހުރެގެން ކަންކަން ކުރަން އަހަރެން ހީކުރިހާ ފަސޭހައެއް ނުވި. އެހެންނޫނަސް މިހާރު އުންމީދު ގެއްލިއްޖެ" ޒަހީރު ބުންޏެވެ. "އަހަރެންނަށް އައިސް މި ވަދެވުނީ ކޮންކަހަލަ ތަނަކަށް" ރުޅިއައިސް ފުފެމުން ދިޔަ ޒަހީރު އަތުގައި އޮތް އަގުބޮޑު ފޯނު ފާރަށް ޖެހިޖެހީނުން އެކިއެތިކޮޅު އެކިދިމާލަށް ބުރައިގެންދާވަރު ކުރިއެވެ.

"މާލޭގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް އެބަގެންދޭ. އިތުރު ތަފްސީލު އަންނަނީ..." އަތުގައި އޮތް ފޯނަށް އައި މެސެޖެއް ނަހީކް ކިޔާލިއެވެ. އެ އޮޕަރޭޝަނަކީ ކޮން އޮޕަރޭޝަނެއްކަން ނަހީކް ވަގުތުން އެނގިއްޖެއެވެ. އުންމީދުވެސްނުކޮށް ހުއްޓައި މި ޖެހުނީ ކޮންފަދަ ކަންތައްގަނޑެއް ހެއްޔެވެ؟ މިއީ އަނެއްކާ ޙަގީގަތެއް ހެއްޔެވެ؟

"ކާކުތަ މީތި އަލުން ނެގީ. މިއީ ރޭވުމެއް. މިއީ ރިންދާގެ ކަމެއް" ޒަކްވާން ބުންޏެވެ.

އައި ރުޅިމަތީގައި ނަހީކް ގޮސް ހިފީ ޒަކްވާންގެ ކަރުގައެވެ. ރިންދާއާ ގުޅޭގޮތުން އެއްވެސް މީހަކު ނުރުހުން ފާޅުކުރުމަކީ އޭނާ ރުހޭނެ ކަމެއް ނޫނެވެ.

"ކަލޭ ހުރިހާ ތަނަކަށް ރިދާ ނުވައްދައްޗޭ. ކުރި ކަމެއް ކުރީ ކަލޭ. ހުރިހާ ކަމެއްވީ ކަލޭގެ ސަބަބުން" ނަހީކް ކިޔަމުން ދިޔައެވެ.

ދުރުގައި ހުރި ޝަލްބިޔާ އައީ ދުވެފައެވެ. ޒަކްވާންގެ ކަރުން އަތް ނައްޓުވާފައި ޝަލްބިޔާ ހަޅޭއްލަވައިގަތެވެ. އެ މަންޒަރު ފެނުމުން އޭނާގެ ދެފައިގައި އަޅަމުންދިޔަ ރޫރު އަދިވެސް ނުކެނޑެއެވެ.

"ކިހިނެއްވެގެން ކަލޭމެން ތިއުޅެނީ. ކާކު ކޮންކަމެއް ކޮށްގެން. މިގޭތެރޭގައި ހިނގައިގެން މިއުޅެނީ އަހަރެންނަށް ނޭނގޭ ކޮންކަންތައްގަނޑެއް" ޝަލްބިޔާ ހަޅޭއްލަވަމުން ދިޔައެވެ. ގޭތެރޭގައި އޭނާ 'މަންމަ' ގެ ނަމުން ގޮވާ މީހަކު ހުރިކަން ނަހީކްގެ ހަނދާނަށް އައީ އެވަގުތުއެވެ. އެ މަންމައަށް ހަމަ އެއްވެސް އެއްޗެއް ނޭނގެއެވެ. އެހެންނަމަވެސް ހުރިހާކަމެއް އެނގި މުޅި ދުނިޔެ ކުރިމަތީގައި އޭނާ ބޭޒާރުވާކަށް ގިނަވަގުތެއް ނެތެވެ. ޝަލްބިޔާގެ މޫނަށް ނަހީކަށް ބަލައިލެވުނީ ކަރު އެލުވާލަމުންނެވެ. ދުނިޔެ އުމުރަށް މަންމައާ ދެތަންވާ ވަގުތު ޖެހުނީއެވެ.

"ރޫބިޔާ....." ނަހީކްގެ ހިތަށް ރޫބިޔާގެ ނަން އައިސް ވަނީ ހަމަ ކުއްލިއަކަށެވެ. ޔަގީނެވެ. ހުރިހާކަމެއް ފެނަށް އެ ދުއްވާލީ ރޫބިޔާއެވެ.

ގޭދޮރު ރަނގަބީލުވާން ފެށުމުން ޝަލްބިޔާ ދިޔައީ އެ ދިމާލަށެވެ. އެތެރޭގައި ތިބި ތިން ފިރިހެނުން އެކަކު އަނެކަކުގެ މޫނަށް އެވަގުތު ބަލައިލީ ކަންބޮޑުވެފައެވެ.

"ހިތްވަރުކުރޭ. ގޮޅި ތެރޭގައި އޮތަސް ތި ކުދިން ސަލާމަތްކުރަން އަހަރެން މަސައްކަތްކުރާނަން" ޒަހީރު ބުންޏެވެ. ޒަކްވާނަށްވެސް ނަހީކަށްވެސް ޒަހީރުގެ އެ ޖުމްލައިން މިފަހަރު ހިތްހަމަޖެހުމެއް ނުލިބުނެވެ.

******

ދޮރުން ބޭރުގައި ތިބި ޝާހްބާޒްގެ އާއިލާ ފެނުމާއެކު ޝަލްބިޔާގެ މޫނަށް ވެރިވީ ހައިރާންކަމެވެ. އޭނާ ބޮޑަށް ދޮރހުޅުވާލާފައި އެމީހުން އެތެރެއަށް ވަންނަން ތަން ދެއްކިއެވެ. ޝަލްބިޔާގެ މޫނުމަތިން ކަންބޮޑުވުމެއް ފެންނަން ހުއްޓެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ޝާހްބާޒްގެ ދެލޮލުން ކަރުނަ ފެނުމުންނެވެ. ވީކަމެއް ނޭނގި ހުރެ ޝަލްބިޔާ ޝާހްބާޒާ ކުރިމަތިލިއެވެ.

"ކިހިނެއްވެގެން މިއުޅެނީ؟ މިއީ ކޮންކަންތައްގަނޑެއް؟" ޝަލްބިޔާ ބުންޏެވެ. ޝަލްބިޔާގެ ކަންބޮޑުވެފައިވާ މޫނުމަތި ފެނުމުން އޭނާއަށް އެއްވެސްކަމެއް ނޭނގޭކަން ރިންދާއަށް އެނގުނެވެ. އޭނާ ޝަލްބިޔާއަށް ރަހުމު ހީވިއެވެ.

"މިއީ ކޮން ކުދިންނެއް؟" ޝަލްބިޔާ އިޝާރާތްކުރީ ރިންދާ ކައިރީގައި ތިބި އަޔާލްއަށާއި ވިލިނީއަށެވެ.

އެއްވެސް މީހަކު ކުރާ އެއްވެސް ސުވާލަކަށް އެކަކުވެސް ޖަވާބެއްނުދެއެވެ. ރިންދާގެ ކަޅި އަމާޒުވެފައި ހުރީ ތިރީގައި ހުރި ކޮޓަރިއަކުން ނިކުމެގެން އައި ނަހީކަށެވެ. ނަހީކްގެ ނަޒަރުވެސް ވަނީ ރިންދާއަށް ހުއްޓިފައެވެ.

"ރިދާ، އަހަރެން އެއްވެސްކަމެއް ނުކުރަން. ހަމަ ތެދެއް މިބުނީ. ނޭނގެ މިއީ ކާކު ކޮށްގެން އުޅޭކަމެއް ކަމެއް" ކިޔޭ ނުކިޔޭއެއް ނޭނގިފައި ހުރި ނަހީކް އައިސް ހިފީ ރިންދާގެ ދެ އަތުގައެވެ.

"ކޮންކަމެއް؟ ކޮންކަމެއްގެ ވާހަކަ ތިދައްކަނީ؟" ރިންދާ އެހިއެވެ.

"ރަނީން.... ރަނީން މަރާލީ އަހަރެންނެއް ނޫން. އެކަހަލަ ކަމެއް އަހަރެން ނުކުރާނަން. ރިދާ އަހަރެންނަށް އިތުބާރުކުރައްޗޭ. އެކަކު ދައްކާ ވާހަކަވެސް ގަބޫލުނުކުރައްޗޭ" ނަހީކް ކިޔަމުން ދިޔައެވެ. އޭނާގެ އަޑުގައި ތުރުތުރުލުމެއް ހުއްޓެވެ. ރިންދާ ނޫނީ އެހެން އެއްވެސް މީހެއް އެތަނުން އޭނާއަށް ނުފެންނަ ކަހަލައެވެ. އަނގަމަތީގައި އަތްއެޅިގޮތަށް ޝަލްބިޔާ ހުއްޓެވެ. އޭނާއާ ގާތަށް ޖެހުނީ ނަހާއެވެ. ކުއްލިއަކަށް ކަންކަން ބަދަލުވެގެންދިޔަ ގޮތުން ޝޮކެއްގައި ހުރި ކަހަލައެވެ.

"ކަލޭ ކީކޭ ތި ކިޔަނީ" ޒަކްވާން ބުންޏެވެ. "އަހަރެމެން އެއްކަމެއްވެސް ނުކުރަން. އަހަރެމެން ހައްޔަރުކޮށްގެން ގެންދިޔަޔަސް މިކަން ސާބިތުކުރާނީ ކިހިނެއް؟ ނުވާނެ އެކަމެއް" ޒަކްވާން އައިސް ނަހީކްގެ ގާތުގައި ހުއްޓުނެވެ. އެ ހިނދު ރިންދާގެ ރުޅިވެރި ނަޒަރު އަމާޒުވީ ޒަކްވާނުގެ މޫނަށެވެ. ދެ އަތް މުއްކެވިގެން ދިޔަ ހިނދު އޭނާ ފުރަތަމަ ކުރިމަތިލީ ނަހީކާއެވެ.

"ރިދާ، ވާހަކަ ދައްކަބަލަ. އަހަރެންނަށް އެނގޭ އެއީ ކާކު ކުރި ކަމެއްކަން. އެއީ... އެއީ މީނަ. މި އަންހެނާއާ އެ ރޫބިޔާ ކޮށްގެން އުޅޭކަމެއް. އަހަރެން ކަލޭ މަރާލާނަން..." ރުޅި އައިސް ފުފިފައިވާ ސިންގާއެއް ފަދައިން ނަހީކް ޖެހުނީ ވިލިނީގެ ފައިބުޑަށެވެ. އަމިއްލަ ދަރިއެއް ބަނޑަށް ލައިގެން އެތައް ތަކުލީފުތަކަކާއެކު ކޮޅަށް ހުރި މާބަނޑު އެ އަންހެންމީހާގެ ގައިގައި ޖަހަން ނަހީކް އުފުލާލި އަތުގައި ރިންދާ ހިފެހެއްޓިއެވެ. ރިންދާއަށް ނަހީކް ބަލައިލީ ހައިރާންވެފައެވެ. ނަހީކްގެ މޫނުމަތީގައި ޖަހަން އެއީ ރިންދާ ވިސްނައިގެން ހުރި ކަމެއް ނޫނެވެ. އެހެންނަމަވެސް އެ އަމަލު ހިންގުނީ ކިހިނެއްކަމެއް ނޭނގުނެވެ. ޖެހުނުހާ ބާރަކަށް ނަހީކްގެ މޫނުމަތީގައި ރިންދާ ޖަހައިފިއެވެ.

"ކަލޭގެ ހުންނަ ހަޔާތް ކުޑަކަން. ނުލަފާ ބީސްޓެއް ތިއީ. ކަލޭ މަގޭ ކޮއްކޮ މަރާލީ އެކުއްޖާ ކޮން ކުށެއް ކޮށްގެން. ކަލެއަށް ކޮން އުނދަގުލެއް އެކުއްޖާ ކުރީ. އެކުއްޖާ މިނިވަން ކޮކާލެއްހެން އުޅެނިކޮށް މަރާފަ ތިހެން ކަލެއަށް އެބަ އުޅެވޭތަ؟ ކަލޭ ހީކުރީ މަ ކަލޭ ދެކެ ވަރަށް ލޯބިން އުޅޭކަމަށްތަ؟ އަހަރެން ކަލެއަށް ނަފްރަތުކުރަން. ނަފްރަތުކުރަން. އަޑު އިވިއްޖެތަ؟ ދުނިޔެ ހުރިހާ ހިނދެއްގައި ނަފްރަތުކުރާނަން" ރިންދާ ހަޅޭއްލަވަމުން ދިޔައިރު ނަހީކްގެ މޭގައާއި އަތުގައި ދެއަތުން ތަޅަމުން ދިޔައެވެ. އަޔާލް ރިންދާ ހިފަހައްޓަން މަސައްކަތްކުރަމުން ދިޔައެވެ. ބިމަށް ހަރުކޮށްފައި ހުރި ބުދެއްހެން ނަހީކް ހުރީ ރިންދާއަށް ބަލަހައްޓައިގެންނެވެ. އެންމެފަހުން އައިސްފައި ހުރި ގަދަ ރުޅީގެ ސަބަބުން ރިންދާއަށް ރޮވިއްޖެއެވެ. އެ ހިނދު އޭނާ ބޯއެޅީ އެންމެ ކައިރީގައި ހުރި އަޔާލްގެ މޭގައެވެ. އަޔާލް ރިންދާއަށް އޭނާގެ ދެއަތުގެ ހިމާޔަތްދިނެވެ. ރިންދާގެ ގައިގައި ދެއަތުން ވަށާލާފައި ގެނެސް މެއާލައި ފިއްތާލިއެވެ. އެ މަންޒަރު ބަލަން ނަހީކަށް ކެތެއް ނުވިއެވެ. ކޮންމެ ހާލެއްގައިވެސް އޭނާ ހުރީ ރިންދާ ހާސިލުކުރަން އަޒުމު ކަނޑައަޅައިގެންނެވެ. ނުވިސްނައި ހުއްޓައި އަޔާލްގެ ލައިގެން ހުރި ގަމީހުގައި ހިފާފައި އަތަށް އޮޅާލިއެވެ. ތަނުގައި ތިބި ހުރިހާ މީހުންނަށް ނަހީކްގެ އެ އަމަލުން ސިހުން ލިބިގެންދިޔައެވެ.

"ކަލޭ ތިއީ ކާކު؟ ކަލޭ އޭރުވެސް އުޅުނީ ރަނީންއާ ހިތާވާންވެގެން. މިއަދު ތިއުޅެނީ އަހަރެންގެ އަތުން އަހަރެންގެ ލޯބި ޖަހައިގަންނަން. އަހަރެން މިއަދު ކަލޭގެ ދެއަތް ބިންދާލާނަން" ނަހީކް ކިޔަމުން ދިޔައެވެ. ޝާހްބާޒާއި ޒަކްވާން ވެގެން ނަހީކް ދުރުކުރަން މަސައްކަތްކުރަމުން ދިޔައެވެ. އެހެންނަމަވެސް ނަހީކް ދުރަށްލާން އެމީހުންނަށް ފަސޭހަ ކަމަކަށް ނުވިއެވެ. ނަހީކްގެ އަތްދަށުން ސަލާމަތްވީ އަޔާލް އަމިއްލައަށެވެ.

"އަތްނުލާތި ޔާލްގެ ގައިގައި. އޭނަ ގައިގައި އިނގިލި ކުރި ޖައްސާލިޔަސް އަހަރެންނަށްވެސް ކުރެވޭނެ ކަންކަން ހުރިކަން ކަލެއަށް އަންގާލާނަން" ރިންދާ ބުންޏެވެ. މިފަހަރުވެސް މޮޔައެއް ފަދައިން އެއްފަރާތަކަށް ބޯ އަރިކޮށްލާފައި ރިންދާގެ މޫނަށް ނަހީކް ބަލައިލިއެވެ.

"ރިދާ... އަހަރެން ދެކެ ވަރަށް ރުޅި އައިސްފަ ދޯ ތިހުރީ. އަހަރެން މި ބުނީނު އެއީ އަހަރެން ކުރި ކަމެއް ނޫނޭ. ކޮޕުން އަހަރެން ގެންދިޔަޔަސް ފިލައިގެން ވިޔަސް ރިދާ ކައިރިއަށް އަންނާނަމޭ. ފޯނެއް ހޯދައިގެން ފޯނުވެސް ކުރާނަން. ޔަގީން. އަހަރެން ވައުދުވަން. މި އަޔާލްއާ ކައިރިނުވައްޗޭ. ހުރިހާ ކަމެއް ކުރީ އޭނަ. އޭނަ އުޅުނީ ރަނީންއާ އަޅައިގަނެގެން. ރަނީން މަރާލީވެސް އޭނަ. އަހަރެން ދެކުނިން މަރާލި ތަންވެސް. ހަމަ ތެދެއް މިބުނީ" ނަހީކަށް ކިޔޭ ނުކިޔޭއެއް ނޭނގެއެވެ. މުޅި ދުނިޔެއަށް ފަޟީހަތްވެ އަބުރު ވެއްޔާ މޮޑެވިގެންދާއިރުވެސް ނަހީކް އެންމެ ބޮޑަށް ކަންބޮޑުވީ އޭނާގެ އަތުން ރިންދާ ބީވެދާނެ ކަމަށްޓަކައެވެ.

ލޮލުގެ ކޮއިފަދައިން ލޯބިވާ ދަރިފުޅުގެ ހަގީގަތް ކުރިމަތީގައި ހާމަވެގެންދިޔަ އިރު، ޝަލްބިޔާއަށް ކެތްނުވެއެވެ. އޭނާ އަޑުންއަޑު ނަގައި ރޮމުން ދިޔައެވެ. ދެފަރާތަށް ބޯހޫރަމުން ދިޔައިރު އެ ހަގީގަތް ގަބޫލުކުރަން އޭނާއަށް ދަތިވެގެން އުޅޭ ކަހަލައެވެ.

"ކަލެއަށް އެނގޭތަ މިއީ ކާކު ކަން. އެނގެން ބޭނުންތަ؟" ރިންދާ އެހިއެވެ. ދެން ނަހީކްގެ ކުރިމަތީގައި ހުރެ އަޔާލްގެ އަތްތިލައިގެ ތެރެއަށް އަތްލައްވާލިއެވެ.

"މިއީ އެމީހަކު ދެކެ އަހަރެން އިންތިހާއަށް ލޯބިވާ އަހަރެންގެ ވާން އުޅޭ ފިރިމީހާ. އާނ މާދަމާ ރޭ އަހަރެމެންގެ ކައިވެނިކުރެވޭނެ. ކަލެއާއެކު އަހަރެން ޑްރާމާ ކުޅުނީ އެންމެންނަށް ކަލޭގެ އަސްލު ސިފަ ހާމަކޮށްދޭންވެގެން. އަދި އެނގޭތަ މިއީ ކާކުކަން" މިފަހަރު ރިންދާ ޖެހުނީ ޝާހްބާޒްގެ ފުރަގަހުގައި ހުރި ވިލިނީ ކައިރިއަށެވެ.

"މިއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ. ކަލެ އާ އެ ނުލަފާ ރޫބިޔާ އާ ހެދި ޑީލެއްގެ ތެރެއިން ކަލޭގެ އަންބަކަށް ހަދައިގެން އެކުއްޖެއްގެ މުޅި ދިރިއުޅުން ހަލާކުކޮށް ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން އެތައް އަނިޔާއެއް ދިން ކަލެއަށް ލިބެން އުޅޭ ދަރިފުޅުގެ މަންމަ. ކަލޭ ތިއީ އިންސާނެއްތަ؟ އަމިއްލަ ލޭ ގަބޫލުނުކުރި މީހެއް ކަލޭ ތިއީ. ކަލޭ ތިއީ ހަމަ ޖަނަވާރެއް" ރިންދާ ދުލުން ބޭރު ކުރަމުންދިޔަ ކޮންމެ ޖުމްލައަކާއެކު ނަހީކްގެ އެތެރެހަށީގައިވާ ލޭ ހޫނުވަމުން ދިޔައެވެ. އެއްވެސް އިންސާނަކު އޭނާއަށް އެހާބޮޑު މަކަރެއް ހަދާ އޮޅުވާލުމަކީ އޭނާއަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެއީ އޭނާ އެންމެ ލޯބިވާ އަންހެން ކުއްޖާއަށް ވިޔަސް ހެވެވެ. އެމީހަކަށް އެކަމުގެ ހައްގު އަދަބު އޭނާ ދޭނެއެވެ.

**********

ފުލުހުންގެ މަރުކަޒު ކުރިމަތީގައި ތިން ވެހިކަލެއް ތައްޔާރީ ހާލަތުގައި އޮތެވެ. އޭގެ ކައިރީގައި ކޮޅުކޮޅަށް ހަރަކާތްތެރިވާ ނޫކުލައިގެ ޔުނިފޯމުގައި ތިބި ފުލުހުންތަކެއް ފެނެއެވެ. ވެހިކަލްތައް އޮތް ފަޅި ނޫން އަނެއްފަޅީގެ ޕޭވްމަންޓް ކައިރީގައި ހުރި ގަހެއްގެ ހިޔަލުގައި ބަރަކްއާއި ލޫކް މަޑުކޮށްލައިގެން ތިއްބެވެ.

"ދޭއް ޖަހަން ފަނަރަ މިނިޓަށް ވެއްޖެ" އަތުކުރީގައި އޮތް ގަޑިއަށް ބަލއިލަމުން ބަރަކް ބުންޏެވެ.

"ސަރ އައުމާއެކު ނައްޓާލަންވީ" ލޫކް ބުންޏެވެ.

މާ ގިނައިރެއް ނުވެ ލޫކްގެ މަތިން ހުންނަ އިސް އޮފިސަރު ސައިކަލުގައި އައިސް އެ ހިސާބަށް މަޑުކޮށްލައިފިއެވެ. ރަނގަޅު ހިސާބެއްގައި ސައިކަލް ޕާކުކޮށްފައި އައިސް ލޫކްމެން ތިބި ހިސާބުގައި މަޑުކޮށްލިއެވެ. އިހުތިރާމް އަދާކުރުމުގެ ގޮތުން އެ އޮފިސަރަށް ލޫކާއި ބަރަކް ސަލާމް ގޮވިއެވެ.

"ޑްރައިވަރު ފާހާނާއަކަށް ވަދެއްޖެ" އިސް އޮފިސަރު ބުންޏެވެ. އޭނާ އެބުނީ އެމީހުން ދާން ހަމަޖެހިފައިވާ ވެހިލަކު ދުއްވަން ހަމަޖެހިފައިވާ ޑްރައިވަރުގެ ވާހަކައެވެ.

ކަންތައްތައް ކުރަންވީގޮތުގެ އިރުޝާދު އެވަގުތު އޮފިސަރު ލޫކުމެންނަށް ދެމުން ދިޔައެވެ. މީޑިޔާތައް ކޮންޓްރޯލުކުރުމުގައި ފުލުހުން އުޅޭނެކަމުގެ ޔަގީންކަން ދިނެވެ. އެއްވެސް މީހެއްގެ މޫނަކަށް ލޮލަކަށް ނުބެލުމަށް އެންގިއެވެ.

"އެބަ އަންނަން" ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުން ބަރަކް ބުންޏެވެ.

އަޔާލް ގުޅާނީ ކޮންމެވެސް ބޮޑުކަމެއް ވެގެންނެވެ. ބަރަކް އެވަގުތު ފޯނަށް ޖަވާބުދިނީ އެހެންވެއެވެ. ފޯނު ނެގުމާއެކު ފުރަތަމަވެސް އަޔާލް ސުވާލުކުރީ ފުލުހުންގެ ހަބަރެއް ނުވާތިއެވެ.

"ހަމަ މިހާރު މި ނައްޓާލަނީ. އެ އެންމެން އެބަތިބި ދޯ ގޭގަ" ބަރަކް އެހިއެވެ.

*******

ރިންދާގެ ދުލުން އިވިގެންދިޔަ ވާހަކަތައް އަހާފައި ޝަލްބިޔާ ހެއަށް ގޮތްނުވީ ކިރިޔާއެވެ. ވިލިނީއާ ނަހީކްގެ ކައިވެނީގެ ވާހަކައެވެ. ވިލިނީ އުޅުނު ހާލެވެ. ނަހީކްގެ ފަރާތުން ވިލިނީއަށް ދިން އަނިޔާއެވެ. ވިލިނީ ނަހީކްގެ ދަރިއަކަށް ބަލިވެ އިން ކަމުގެ ހަބަރެވެ. ބަލިވެ އިންކަން އެނގުމުން ވިލިނީ އެނބުރި އައުމުންވެސް ވިލިނީއަށް ގޮވި އެއްޗިއްސާ ދަރިފުޅު ބަލައިނުގަތް ވާހަކައެވެ. ޒަކްވާނާ ނަހީކްގެ ނުބައި ރޭވުމަކުން ރަނީން މަރާލި ވާހަކައެވެ. އެކަން ފޮރުވަން ޒަހީރު ކުރި މަސައްކަތެވެ. އެގޭތެރެއިން ރިންދާއާއި ވިލިނީ ހެކި ހޯދި ވާހަކައެވެ. އެކަމުގައި އެމީހުންނަށް އެހީވީ ބެގަރީ ކަމަށް ބުންޏެވެ. އަލުން އެ މައްސަލަ ހުށަހެޅީ ހުދު ރިންދާ ކަމަށް ބުންޏެވެ. ފަހު ކަމަކަށް ޝަލްބިޔާގެ ކައިރިން ރިންދާ މައާފަށް އެދުނެވެ. ޝަލްބިޔާ ރޮއެރޮއެ ނޭވާ ހުސްވާން އުޅޭހެން ހީވިއެވެ. ނަހީކަށް ބަލައިލި ހިނދު ހިތަށް އެރިއެވެ. އެ ހުރިހާ ކަމަކީ ހަމަ ނަހީކް ކުރި ކަންކަންބާއެވެ؟ ޝަލްބިޔާ ހަނދާނަށް އައީ ގޭތެރެއިން އަންހެނަކު އޭނާ ގުޅުމުން ފޯނަށް ޖަވާބުދިން ދުވަހެވެ. ސުވާލުކުރުމުންވެސް ނަހީކްގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ.

ބޭޒާރުވާނެ ހުރިހާ ގޮތަކަށް އެންމެންގެ ކުރިމަތީގައި ބޭޒާރުވެގެން ދިޔުމުން ނަހީކަށް ވީ ނުބައި ގޮތެކެވެ. އެދިޔަ ބާރުމިނުގައި ގޮސް ހިފީ ރިންދާގެ ކަރުގައެވެ. އަނެއް އަތުން ރިންދާގެ އަނގައިގެ ތެރެއަށް އަތްކޮށްޕައި ދޫ ބޭރަށް ނެރެން އޭނާ އުޅުނެވެ. އަޔާލްއާއި ޝާހްބާޒް ހުޝިޔާރުކަމާއެކު ނަހީކް ހުއްޓުވައި ދުރަށް ލިއެވެ. ނަހާ ދުވެފައި އައިސް ރިންދާގެ ގައިގައި ހިފައިގަތުމާއެކު ބިރުގަނެ ޖެހިލުންވެފައި ހުރި ރިންދާ ނަހާގެ ގައިގައި ބައްދައިގަތެވެ.

"އަހަރެން ކަލޭ ދޫ ބުރިކޮށްލާނަން. ކަލޭ އަހަރެންނަށް ތި ހެދި މަކަރު. އަހަރެން އަދި އަންނާނަން. ކަލެއާ ކަލޭގެ މުޅި އާއިލާ ދުއްވާލާނަން" ނަހީކް ގޮވަމުން ދިޔައެވެ. މޮޔައެއް ފަދައިން ހަޅޭއްލަވަމުން ދަނިކޮށް އޭނާ މައިތިރިވީ ކުރިމައްޗަށް އެރި ޝަލްބިޔާ އޭނާގެ މޫނަށް ވިހެލި ބާރުގަދަ އެތިފަހަރެއްގެ ސަބަބުންނެވެ.

******

ހުޅުވާފައި ހުރި ދޮރާ ދިމާލަށް ހުރިހާ މީހުންގެ ސަމާލުކަން ހުއްޓުނީ ފިރިހެން އަޑަކުން ސަލާމްގޮވާލި އަޑު އިވިފައެވެ. ދޮރުމަތީގައި ތިބި ފުލުހުންގެ ޓީމު ފެނުމުން ކުށްވެރިވެފައި ތިބި ތިން މީހުންނަށް ދެކަމު އެއްކޮށް ނުދެވި ތިބީ ކިރިޔަކިރިޔާއެވެ.

(ނުނިމޭ)