މާލޭގައި ކެމިކަލް ރައްކާކުރާ 18 ގުދަން ހުރިކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ހަބަރަކީ އެއްވެސް ސައްހަ މައޫލޫމާތަކަށް ބިނާކޮށް ގެނެސްދީފައިވާ ހަބަރެއް ނޫންކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ރޭ ދަންވަރު މާލޭ ގަރާޖެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ބައެއް މީޑިއާތަކުން ވަނީ މާލޭގައި މިހާރުވެސް ކެމިކަލް ރައްކާކުރާ 18 ވެއާ ހައުސްއެއް އެބަހުރިކަމަށް ރިޕޯޓުކޮށްފައެވެ. ނަމަވެސް އެޗްޑީސީން ބުނީ ބައެއް މީޑިއާ ތަކުން އެ ހަބަރު ގެނެސްދީފައިވަނީ އެކުންފުނިން ދިން މައުލޫމާތު އޮޅުވާލައިގެން ކަމަށެވެ.
އެގޮތުން އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިވަގުތު ތިލަފުށީގައި 34 ކެމިކަލް ވެއާ ހައުސްއެއް ގާއިމު ކުރެވިފައިވާ ކަމަށާއި އިތުރު 18 ވެއާ ހައުސްއެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާތަކަށް މައުލޫމާތު ދީފައިވާނެ ކަމަށެވެ. އެއްވެސް ހާލަތެއްގައި މި ވެއާ ހައުސްތަކަކީ މިވަގުތު މާލޭގައި ހުރި ތަންތަން ބަދުލު ކުރުމަށް ކުރެވޭ މަސައްކަތެއް ކަމުގައި މައޫލޫމާތު ދީފައި ނުވާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
"މިކަހަލަ ހައްސާސް ދަނޑިވަޅެއްގައި އާއްމުންގެ މެދުގައި ބިރުވެރިކަން އުފެދޭގޮތަށާއި ޒިންމާދާރުކަން ކުޑަ ގޮތަކަށް ހަބަރު ފަތުރާ ފަރާތްތަކުން ހަބަރުތައް ގެނެސްދިނުމަކީ މި ކުންފުނިން ނުހަނު ހިތާމަ ކުރާކަމެއް ކަމެއް" އެބަޔާނުގައި ބުނެފައިވެ އެވެ.
އެޗްޑީސީން އިތުރަށް ބުނީ ތިލަފުށީގައި ހުރި 34 ވެއާހައުސް މިހާރުވެސް ބޭނުން ކުރަމުން އަންނަ ކަމަށާއި ވެއާހައުސްތައް ތަރައްގީ ކުރަމުން އަންނަނީ މި ކެމިކަލް ގުދަންތަކުގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަވާ ގޮތަށް ކަމަށެވެ. މާލޭގައި ހުރި ކެމިކަލް ގުދަންތަކުގެ އަދަދާއި އެތަންތަނުގެ މައުލޫމާތަކީ އެޗްޑީސީން ބަލަހައްޓާ މައުލޫމާތެއް ނޫން ކަމަށާއި އެއީ މާލޭ ސިޓީ ކައުންސިލުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
ޚަބަރު
ޚަބަރު