ސްޓެލްކޯގައި ޗައިލްޑް ކެއާ ސެންޓަރެއް މިއަދު ހުޅުވައިފިއެވެ.

ސްޓެލްކޯގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ޗައިލްޑް ކެއާ ސެންޓަރު ހުޅުއްވައިދެއްވީ އެ ކުންފުނީގެ ޗެއާމަން އިބްރާހިމް މުހައްމަދު ދީދީއެވެ.

ސްޓެލްކޯގައި ހުޅުވި ޗައިލްޑް ކެއާ ސެންޓަރާއެކު އެ ކުންފުނި ވެގެންދާނީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެފަދަ ސެންޓަރެއް ހުޅުވި ފުރަތަމަ ކުންފުންޏަށެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތުތަކުގެ ތެރޭގައި ސަރުކާރު އޮފީސްތަކުގައި ޗައިލްޑް ކެއާ ސެންޓަރެއް ގާއިމުކުރުން ހިމެނޭ ކަމަށާއި ސްޓެލްކޯ ވެގެންދަނީ ސަރުކާރު އޮފީސްތަކުގެ ތެރެއިން އެ ސިޔާސަތު ތަންފީޒުކުރި ފުރަތަމަ ކުންފުންޏަށް ކަމަށެވެ.

ޗައިލްޑް ކެއާ ސެންޓަރަކީ އެ ކުންފުނީގެ މުވައްޒަފުންނަށް، މަސައްކަތު ގަޑީގައި ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އެ ކުންފުނިން ދިން "ހަދިޔާ"އެއް ކަމަށާއި ސްޓެލްކޯގެ އަމާޒަކީ ފައިދާކުރަނިވި ގޮތެއްގައި މުވައްޒަފުންގެ ދަރިން މުސްތަގުބަލުގައި ޗައިލްޑް ކެއާ ސެންޓަރުގައި ވަގުތު ހޭދަކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުން ކަމަށް ޝަރީފު ވިދާޅުވިއެވެ.

ސްޓެލްކޯގެ ޗައިލްޑް ކެއާ ސެންޓަރު ރަސްމީ ދުވަސްތަކުގެ ހެނދުނު 8:15 އިން ހަވީރު 4:00 އަށް ހުޅުވިފައި ހުންނާއެވެ. އެ ސެންޓަރުން ހިދުމަތް ދޭނީ އުމުރުން ފަސް އަހަރާއި ދިހަ އަހަރާ ދެމެދުގެ ކުދިންނަށެވެ.

އެކުދިންގެ އުމުރާ ގުޅޭ ތަފާތު ގިނަ މަޖާ ހަރަކާތްތަކާއި، ކުޅިވަރުގެ ތެރެއިން އުނގެނުމަށް ވެސް އިސްކަންދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.