އއ. ފެރިދޫ ކައުންސިލުގެ ހުރިހާ މެމްބަރުން ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
އެމްޑީޕީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ފެރިދޫ ކައުންސިލުގެ ހުރިހާ މެމްބަރުން އެމްޑީޕީއަށް ސޮއިކުރައްވައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޯމު ހަވާލުކުރައްވާފައިވާ ކަމަށެވެ.
ފެރިދޫ ކައުންސިލުގެ ރައީސް އިސްމާއީލް ޝާހު "ވަން" އަށް މިރޭ ވިދާޅުވީ، ފެރިދޫ ކައުންސިލުގެ މެމްބަރުން ކައުންސިލަށް އިންތިހާބުވެފައިވަނީ އަމިއްލަ ގޮތުން ވާދަކޮށްގެން ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރަށްރަށަށް ކޮށްދެއްވާ އިހުލާސްތެރި އަދި ތެދުވެރި މަސައްކަތުގެ ސަބަބުން ކައުންސިލުގެ ހުރިހާ މެމްބަރުން އެމްޑީޕީއަށް ސޮއިކުރެއްވީ ކަމަށް ޝާހު ވިދާޅުވިއެވެ.
"މިއީ އަޅުގަނޑުމެން ކުއްލިއަކަށް ނިންމި ނިންމުމެއް ނޫން. މިކަމާ ގުޅޭގޮތުން ބައްދަލުވުމެއް ބާއްވާފައި ހުރިހާ މެމްބަރުން އެއްބަސްވެވަޑައިގެންނެވީ އެމްޑީޕީއަށް ސޮއިކުރައްވަން. އެއީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކޮށްދެއްވާ މަސައްކަތްތައް ރަނގަޅުވުމުން،" ޝާހު ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ ކައުންސިލުގެ މެމްބަރުން އެމްޑީޕީއަށް ސޮއިކުރެއްވި ފޯމު ފައްޔާޒަށް ހުށަހެޅުއްވި އިރު، ފެރިދޫން އެމްޑީޕީއަށް ސޮއިކުރި 50 މީހެއްގެ ފޯމު ވެސް ހުށަހަޅާފައިވާނެ ކަމަށެވެ. އެ 50 މީހުންނަކީ ކައުންސިލުން ކުރި މަސައްކަތުން އެމްޑީޕީއަށް ސޮއިކުރި މީހުން ކަމަށް ޝާހު ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހު ވިދާޅުވީ ކައުންސިލުގެ މެމްބަރުންނާއި ފެރިދޫން އެމްޑީޕީއަށް 50 މެމްބަރުން ހޯދުމަށް ކައުންސިލުން ކުރި މަސައްކަތަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އެކަންތައްތައް އެހާ ފުރިހަމަ ގޮތެއްގައި ކާމިޔާބުކަމާއެކު ގެންދެވުނީ އަލީ ޒާހިރު ކޮށްދެއްވި މަސައްކަތުގެ ސަބަބުން ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.
ފެރިދޫ ކައުންސިލުގެ މެމްބަރުން އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު މިއަދު ވަނީ ރައީސް ސޯލިހާ ވެސް ބައްދަލުކުރައްވައިފައެވެ.