މިމަހު ގަތަރުގައި ބާއްވާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް މެޗު ބެލުމުގެ ފުރުސަތު ލިބޭ ނަސީބުވެރިން އުރީދޫ މޯލްޑިވްސްއިން ހޮވައިފިއެވެ.

އުރީދޫއިން މިރޭ ބުނީ "ރާއްޖެ ޓީވީ ރޯޑު ޓު ވޯލްޑް ކަޕް ޝޯ"ގައި އެ ނަސީބުވެރިން ހޮވާފައި ވަނީ، މާޒިޔާގެ ކުޅުންތެރިންނާއި ވައިސް ޗެއާމަން އިބްރާހިމް ވަހީދާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ކަމަށެވެ.

  • މަރިޔަމް ޝަބްނަމް
  • އަހުމަދު ޝިހާމް
  • ހާފިޒް ސައީދު
  • ސޮމަރަތްނަ ޔޮޑަގެ

އެ ހަތަރު ނަސީބުވެރިންނަށް ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗެއް ބެލުމަށް ގަތަރަށް ދިއުމުގެ ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން އަދި ސްޓޭޑިއަމް ޓިކެޓް ހަމަޖައްސައިދޭނީ އުރީދޫންނެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ ވޯލްޑް ކަޕް ޕްރޮމޯޝަނެއްގެ ދަށުން މިހާރު ވެސް ކޮންމެ ހަފުތާއަކު ސެމްސަންގް ގެލްކްސީ ބަޑްސް، އެއާޕޮޑްސް، އެއާޓެގް ފަދަ އިނާމުތައް ދެމުންގެންދާ ކަމަށެވެ.

ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗް ބަލަން ދިޔުމުގެ ނަސީބު ލިބުނު އެ ހަތަރު ފަރާތަށް އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވަނީ މަރުހަބާ ދަންނަވައިފައެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގައި މެޗުތައް ބައްލަވާ ކަސްޓަމަރުންނަށްވެސް މި އުފާވެރިކަމާއި ފޯރި ގެނެސްދިނުން. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެން މިދަނީ ވަރަށް ގިނަ ހަރަކާތްތައް ރާވމުން،" ހާލިދު ވިދާޅުވިއެވެ.

ހާލިދު ވިދާޅުވީ، އުރީދޫގެ ޕާޓްނަރުންނާ ގުޅިގެން ކުރަމުންދާ މަސައްކަތާ އެކު ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ އެކި އުމުރުފުރައިގެ މީހުންނަށް ވެސް ވޯލްޑް ކަޕްގެ އުފާވެރިކަން ލިބި، ކުލަގަދަ ވޯލްޑް ކަޕަކަށް މި މުބާރާތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.