މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި މި ސަރުކާރުން ރާއްޖޭގެ ސަރަހައްދުން ވެލިފުކެއްވެސް ދޫނުކުރާނެ ކަމަށާއި ލިބެން އޮތް އެންމެ ބޮޑު ސަރަހައްދެއް ހޯދުމުގައި ވަކާލާތު ކުރަމުން ގެންދާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އިނގިރޭސި ވިލާތުގެ ތަނެއްގެ ގޮތުގައި އޮތް ޗާގޯސް މޮރިޝަސްއަށް ދޫކޮށްލަންޖެހޭ ކަމަށް ބުނެ, އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މޮރިޝަސްއާ އެއްކޮޅަށް 2019 ވަނަ އަހަރު ނެރެފައިވާ ލަފާ ބަލައިގަންނަން އދ. ގެ އާންމު މަޖިލީހުން ފާސްކުރި އިރު ރާއްޖެއިން ވޯޓު ދިނީ އެ ރަށްތައް އިނގިރޭސި ވިލާތުގެ ތަނެއްގެ ގޮތުގައި ބޭއްވުމަށެވެ. ނަމަވެސް 116 ގައުމެއްގެ ތާއީދާއެކު އެ ގަރާރު ފާސްވީ މޮރިޝަސްއާ އެއްކޮޅަށެވެ.
ރާއްޖެ އާއި މޮރިޝަސް ދެމެދުގައި މެރިޓައިމް ބައުންޑަރީ ކަނޑައެޅުމަށް އެދި މޮރިޝަސްއިން ވަނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ރާއްޖެއާ ދެކޮޅަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ވަނީ ނިމިފައެވެ. މައްސަލަ ބައްލަވާ ފަނޑިޔާރުން އިތުރުކަމެއް ސާފުކުރައްވަން ބޭނުންނުވާނަމަ ދެން އޮންނާނީ އެ މައްސަލައާ މެދު ގޮތެއް ނިންމުމެވެ.
އެ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވެފައިވަނީ އދ. ގައި ނަގާ ވޯޓުގައި ރާއްޖެއިން މޮރިޝަސް ކޮޅަށް ވޯޓު ދޭން ނިންމާފައިވާކަން އަންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މޮރިޝަންގެ ބޮޑު ވަޒީރަށް ސިޓީފުޅެއް ފޮނުވައިފައި ކަމަށެވެ. އެއާއެކު ސިޔާސީ ޕާޓީތަކުންނާއި އާންމުން ވަނީ ރާއްޖެއިން ބައެއް ގެއްލޭގޮތަށް ސަރުކާރު އަމަލުކޮށްފައިވާ ކަމަށް ބުނެ ފާޑު ކިޔައިފައެވެ.
ރައީސް އޮފީހުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވަނީ ރާއްޖެއިން ބައެއް ގެއްލިގެންދާގޮތަށް ސަރުކާރުން އަމަލުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަ ދޮގުކުރައްވައިފައެވެ. އަދި ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކުރާގޮތަށް ރާއްޖޭގެ ސިޔާދަތު ހިމާޔަތްކުރަން މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.
"ކުރީގެ ސަރުކާރުތަކުން މި މައްސަލަ ހައްލުކޮށްފައި އޮތް ނަމަ އަޅުގަނޑުމެންނަށް މިކަމުގައި އުޅޭކަށް ނުޖެހުނީސް. އެއްވެސް ކަމެއް ސަރުކާރުތަކުން ނުކޮށް އޮތީމަ ކުރަން ޖެހިފައި މި އޮތީ. އިރާދަކުރެއްވިއްޔާ ރައީސް ސޯލިހުގެ ސަރުކާރުން ރާއްޖެ ސަރަހައްދުން ވެލިފުކެއް ވެސް ދުލެއް ނުކުރާނެ. އަޅުގަނޑުމެން މި ތިބީ އެއަށް ވުރެ ސާބިތުކަންމަތީގައި،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ޗާގޯސް މައްސަލައިގައި މި ސަރުކާރުން އަމަލުކުރަމުން ދަނީ ކުރީ ސަރުކާރުތަކުން ވެސް އަމަލުކުރި ގޮތަށް ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތަކެއް ދެކެވެމުންދަނީ، އެކަމުގެ ހަގީގަތް އެނގޭ ބޭފުޅުން ވެސް އޮޅުވާލަމުންދާތީ ކަމަށް ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، މި ސަރުކާރުން ރާއްޖެއިން ބައެއް ވިއްކާނުލާނެ ކަމަށާއި ރާއްޖޭގެ އަތޮޅުތައް ވިއްކާލެވޭގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނަށް ބަދަލު ގެނައުމުން، އެ ގާނޫނު އުވާލެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.
ރައީސް ސޯލިހު މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީފުޅުގެ ކުޑަ ތަފުސީލެއް ދެއްވަމުން ޝާހިދު ވިދާޅުވީ އެ ސިޓީގައި ރައީސް ސޯލިހު ވިދާޅުވެފައިވަނީ، ޗާގޯސް މައްސަލައިގައި އދ. އިން ވޯޓެއް ނަގައިފިނަމަ، ރާއްޖެއިން އެކަމާ ދެކޮޅު ނުހަދާނެ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ އަލުން މިފަދަ ގަރާރެއް އދ. ގެ މަޖިލީހަށް ހުށަހަޅައިފި ނަމަ އެ ގަރާރާ ދެކޮޅު ނުހައްދަވާނެ ކަމަށް. އެއީ އިސްތިއުމާރީ ބާރުތަކުން މިނިވަންކުރަން ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާތީ" ޝާހިދު ވިދާޅުވިއެވެ.
ޗާގޯސް އަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ތަނެއްތޯ ބަލާއިރު އެންމެ ދުވަސްވީ ލިޔުމަކަށް އޮތީ ހަސަން ނުވަ ވަނަ ރަސްގެފާނުގެ ލިޔުމެއް ކަމަށާއި އޭނާ އަކީ މާތްވެގެންވާ އިސްލާމް ދީން ދޫކުރައްވައި ކްރިސްޓިއަން ދީން ހިޔާރުކޮށް ގޯވާގައި ހުންނަވައި ދިވެހި ދައުލަތާ ދެކޮޅަށް ޕޯޗުގީޒުން ފޮނުއްވައި ދިވެހިން ކްރިސްޓިއަން ދީނަށް ވައްދަން އުޅުއްވި ބޭފުޅެއް ކަމަށެވެ. އެ ރަސްގެފާނު އެ ވާހަކަތައް ދެއްކެވީ އަޅުވެތިކަމުގެ ތެރެއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ރިފްއަތު ވިދާޅުވީ، ރާއްޖޭގެ މަސްވެރިން ޗާގޯސްއިން މަސްވެރިކަން ކުރިކަމުގެ ހެއްކެއް ފިޝަރީޒް މިނިސްޓްރީން އަދި ކޯސްޓްގާޑުގެ ފަރާތުން ވެސް ލިބިފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ ޗާގޯސް ސަރަހައްދުގައި ދިވެހި ރައްޔިތުން ދަތުރުކޮށް ހެދިކަމުގެ ހެއްކެއް ވެސް ނެތް ކަމަށެވެ.
ރިފްއަތު ވިދާޅުވީ، ޗާގޯސްއަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާތަނެއްތޯ ބަލާފައިވާނެ ކަމަށާއި ނަމަވެސް އެކަމާ ގުޅޭ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އެހެންކަމުން އެފަދަ ވާހަކައެއް ކޯޓުގައި ދެއްކެން ނެތް ކަމަށް ވިދާޅުވިއެވެ.