ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 53

3

ކުރިއަށް ހިނގާފައި އައިއިރު އޭނާގެ ކޮނޑުގައި އަޅުވައިގެން ހުރި ދަބަސް ނޫން އެހެން އެއްވެސް ލަގެޖެއް ނެތެވެ. ކުރިއަށްދާނެ މަގު ނޭނގޭތީ އޭނާ ހިނގާފައި އައީ ނުކުންނަން އައި މީހުންގެ ފަހަތުންނެވެ. ހުރިހާ ދިމާލަކުން އޭނާއަށް ފެންނަނީ ނުފެންނަ މޫނުތަކެވެ. އަމިއްލަ ވަޒަން ހަމަ ލޮލުން ނުދެކޭތާ ފަންސަވީސް އަހަރަށް ވުރެ ގިނަދުވަސް ވެއްޖެއެވެ. ރާއްޖެއޭ ބުންޏަސް އޭނާއަށް ސިފަކުރެވުނީ ހިނި ހޮރެއްގެ ސިފައިގައެވެ. އެހެންނަމަވެސް ޒަމާނާއެކު ރާއްޖެއަށް އައިސްފައިވާ ބަދަލު ފެނި ހައިރާންކޮށްލައިފިއެވެ.

މީހުންގަނޑުގެ ތެރޭގައި ހުރި ނަހީކް ފެނުމާއެކު ޒަހީރުގެ މިސްރާބު ނަހީކާ ދިމާލަށް އަނބުރާލިއެވެ. ކައިރީގައި ޒަކްވާން ހުންނާނެ ކަމަށް އޭނާގެ ދެލޯ ދެފަރާތް ހޯދައި ބަލައިލިއެވެ.

"އަންކަލް، ކިހިނެއްތަ؟" ޒަހީރު ކައިރިވުމާއެކު ނަހީކް ބުންޏެވެ. ކުޑަކޮށް ޒަހީރުގެ ގައިގައި ބައްދާލުމަށްފަހު ދެކޮނޑުގައި ހިފަހައްޓާލިއެވެ.

"ކޮބާ ޒަކްވާން؟ އޭނަ ނައި ދޯ" ޒަހީރުގެ ބަރު އަޑުން އެހިއެވެ. ނަހީކް ފަސްޖެހުނެވެ. ޒަހީރު ރުޅިގަދަވެދާނެތީ ޒަކްވާން ރިސޯޓަކަށް ދިޔަ ވާހަކަ ބުނަން ބޭނުމެއް ނުވިއެވެ.

"އިހަށް ހިނގާ ގެއަށް ދާން. ހަމަޖެހިގެން ވާހަކަ ދައްކާލާނީ" ނަހީކް ބުންޏެވެ.

*******

ބެގަރީގެ ވާހަކަތައް ނިމުމާއެކު ސޯފާގައި އިން ޝާހްބާޒް ދެފަރާތަށް ބޯހޫރާލިއެވެ. ނަހީކަކީ އެހައި ނުބައި ދަރިއަކަށް ވެދާނެ ކަމަކަށް އޭނާ ހީކޮށްފައެއް ނެތެވެ. އެގޭތެރޭގައި ވިލިނީ ތަހައްމަލު ކުރި ހިތްދަތި ދުވަސްތައް ބެގަރީ ކިޔައިދީ ނިމުމާއެކު ނަހާއަށް ރޮވިއްޖެއެވެ.

"އިންސާނަކު މަރާލަން ކެރުނު މީހަކު ތިވަރުކަމެއް ކޮށްފިއްޔޭ ބުނީމަ އެއްވެސް މީހަކު ހައިރާނެއްނުވާނެ" އަސަރާއެކު ނަހާ ބުންޏެވެ.

ޝާހްބާޒް ބަލައިލީ ކައިރީގައިން ރިންދާއަށެވެ. އަތުގެ ނިޔަފަތިގަނޑު ހަފަން އިން ރިންދާގެ ބޮލުގައި ޝާހްބާޒް ފިރުމަލިއެވެ.

"މިއިން އެއްވެސް ކަމެއް ޝަލްބިޔާއަށް އެނގޭތަ؟" ޝާހްބާޒް އެހިއެވެ. ރިންދާ ދެފަރާތަށް ބޯހޫރާލިއެވެ.

"އޭނައާއެކު ރިދާ އުޅޭކަށް މަންމައަށް ގަބޫލެއްނުވެވޭނެ. އެއްދަރި ލޯމަތިން ބީވެއްޖެ. ރިދާއަށް ކަމެއްވާތަން މަންމައަށް ބަލަން ނުހުރެވޭނެ. އެހެންވީމަ ތިކަން މިހާރުން މިހާރަށް ހުއްޓާލާ" ނަހާ ބުންޏެވެ.

"އަޅުގަނޑު އޭނާ އާ ގުޅުމެއް އުފެއްދީ ވަކި ކަމެއް ހާސިލު ކުރަންވެގެން. ރަންނިގެ މަރުގެ މައްސަލައިގައި ހިމެނެނީ އޭނަ އާއި އޭނާގެ ރައްޓެއްސެއްކަން އަޅުގަނޑަށް ވަރަށް ކުރިން އެނގިއްޖެ. ހުރިހާ ކަމެއް ހޯދަން އަޅުގަނޑުމެން ރޭވިގޮތް މިއީ" ރިންދާ ވާހަކަދެއްކިއެވެ.

********

ގޭތެރޭގައި ދެކޮޅަށް ހިނގަންހުރި ޒަހީރުގެ ރުޅިގަނޑު ހުރީ ހަމައިން ނައްޓައިފައެވެ. ޒަކްވާން މާލޭގައި ނެތްކަން އެނގުނީ ގެއަށް އައިސް އެވާހަކަ ނަހީކް ބުނުމުންނެވެ. އޭނާ ރާއްޖެ އައީ ދެކޮޅަށް ޓިކެޓް ނަގައިގެން އަނެއް ދުވަހު ޒަކްވާން ގޮވައިގެން ފުރަން ހުރިހާ ކަމެއް ނިންމައިގެންނެވެ. އެހެންނަމަވެސް ރާވައިގެން އައިގޮތަށް ކަންތައްތައް ނުވާނޭކަން އެނގުމުން އޭނާގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެއެވެ.

"އޭނަ ކޮންއިރަކު އަންނަނީ؟" ނަހީކާ ޒަހީރު ސުވާލުކުރިއެވެ.

"ގުޅާ އޭނައަށް. ނަހީކު ޖެހޭނީ އޭނަ ގެންނަން. ބުނޭ އަހަރެން ނާންނަ ވާހަކަ. ދޮގެއް ހަދައިގެން ވިޔަސް އޭނަ ގެންނަން އަހަރެން ބޭނުން" ޒަހީރު ވާހަކަދެއްކިއެވެ.

"އަންކަލް ތިހާ ކަންބޮޑުނުވެބަލަ. އޭރުގެ އެއްވެސް އަސަރެއް މިހާރަކު ނެތް. އެކަން ނިމިއްޖެއްނު. ޒޭވާ އަންނާނެ ވަރަށް އަވަހަށް" ނަހީކް ބުންޏެވެ.

"ހުއްޓާލާ. ކަލޭމެން ވިސްނާނުލާ ގޯސްހަދާފައި ވާހަކަދައްކަން މާރީއްޗެއް ނޫން. އަޑުގަދަނުކޮށް އަހަރެން ބުނީމަ ބުނާގޮތް ހަދާ" ޒަހީރު ވާހަކަދެއްކިއެވެ.

ބަދިގެއިން ކާއެއްޗެހި ތަށި ހިފައިގެން ނުކުތް ޝަލްބިޔާއަށް އެވާހަކަތައް އަޑުއިވުމާއެކު ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ހިތުގައި ސުވާލު އުފެދުނެވެ. އެދެކުދިން ގޯހެއް ހެދިކަން އަދި އޭނާއަށް އެނގުނީއެވެ. އެކަމަކު އެއީ ކޮންކަހަލަ ގޯހެއް ހެއްޔެވެ؟ އޭނާއަށް ނޭނގޭ ކަންތައްގަނޑެއް އުޅެނީ ހެއްޔެވެ؟ މޭޒުމަތީގައި ތަށި ބަހައްޓާފައި އޭނާ އައީ ސޯފާގައި ފޯނަށް ބަލަހައްޓައިގެން އިން ޒަހީރު އާ ދިމާލަށެވެ. އެދިމާލުން ބެލްކަންޏަށް ނުކުމެ ޒަކްވާނަށް ގުޅޭތޯ ނަހީކް މަސައްކަތް ކުރަމުން ދިޔައެވެ.

"ކޮންކަމެއްގެ ވާހަކަތިދައްކަނީ" ޒަހީރު ކައިރީގައި އިށީންނަމުން ޝަލްބިޔާ ބުންޏެވެ.

"އެއީ ވަރަށް ބޮޑުކަމެއް. ދަރިން ބޮޑެތިވެ ފިޔަފަޅައިގެން އުދުހެންފެށީމަ ހިންގާ ނުބައި ބޮޑެތި ޖަރީމާތައް. ކޮއްކޮއަށް ހަމަ އެއްވެސް ކަމެއް ނޭނގޭނެ" ޒަހީރު ބުންޏެވެ. ޝަލްބިޔާގެ މޫނުމަތިން ހައިރާންކަމެއް ފެނިލިއެވެ. ކަންބޮޑުވެފައިވާ ނަޒަރެއް އެވަގުތު ބެލްކަނީގައި ހުރި ނަހީކަށް ޝަލްބިޔާ ދިނެވެ.

"ކިހިނެއްވީ؟ އެކުދިން ކޮންކަމެއް ކުރީ؟" ޝަލްބިޔާ އެހިއެވެ.

"ކީއްހޭ ކުރީ.... އެކުދިން ކުރިކަމެއް އެނގުނިއްޔާ ކޮއްކޮގެ ގައިގަ ހަމަހޭވެސް ނުހުންނާނެ" ޒަހީރު ބުންޏެވެ.

"ޒޭވާއަށް ގުޅިއްޖެ. ބުނި މިއަދު އާދެވޭތޯ ބަލާނަމޭ" ނަހީކް ބުންޏެވެ.

ހަށިގަނޑުގައި ހަމަ ހޭވެރިކަން ހުރެ އޭނާގެ އެ ހަގީގަތް ޝަލްބިޔާގެ ކުރިމަތީގައި ހާމަވެގެންދިޔުމަކީ އޭނާ ދުވަހެއްގައިވެސް ބޭނުންވާކަމެއް ނޫނެވެ. ދެމީހުން ދައްކަން ތިބި ވާހަކަ މެދުކަނޑާލެވުނީތީ ނަހީކް ހަމަޖެހުނެވެ.

"ބުނެބަލަ. މިކުދިން ކޮންކަމެއް ކުރީތަ؟" ނަހީކް އައިސް ކައިރީގައި އިށީނުމާއެކު ޝަލްބިޔާ އެހިއެވެ.

"އެއީ ކަމެއްގެ ވާހަކައެއް ނޫން. މަންމައަށްވެސް އެނގެއެއްނު ޒޭވާގެ ވައްތަރު. ކްލަބްތަކަށް ގޮސް ރައްޓެހިންނާއެކު އެހެން އުޅޭތީ. އަޅުގަނޑު އެކޮޅުގަ ހުރިއްޔާ ޒޭވާ ދާނީ އަޅުގަނޑުވެސް ގޮވައިގެން އެއްދުވަހަކު އެހެން ގޮސް އުޅުމުގެ ތެރޭގައި ޒޭވާ މީހަކާ ތަޅައިފޮޅީ. އެއީ ވީގޮތަކީ" ނަހީކް ވާހަކަދެއްކިއެވެ.

ޒަހީރު އިނީ ކިޔާނެ ބަހެއް ނޭނގިފައެވެ. އެވަރުގެ ކަމެއް ޝަލްބިޔާއަށް ސިއްރުވެފައި އޮތް ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. އޭނާ ހީކޮށްގެން ހުރީ ކޮންމެވެސް އެއް ސިފައެއްގައި އެވާހަކަތައް ނަހީކް ޝަލްބިޔާއަށް ކިޔައިދީފައިވާ ކަމަށެވެ. އެއްވެސް ކަމެއް ޝަލްބިޔާއަށް ނޭނގޭކަން އަދި ކިރިޔާ އޭނާއަށް އެނގުނީއެވެ.

******

ރިންދާ ގެއިން ނުކުތީ ނަހީކާ ބައްދަލުކުރަން އެގެއަށް ދިޔުމަށެވެ. ނަހީކް ގުޅާވަރުންނެވެ. ބަލައި އަންނާނެ ވާހަކަ ނަހީކް ބުންޏަސް އެކަމުން ރިންދާ ރެކިގަތެވެ. އޭނާ ޝާހްބާޒާ އެކުގައި ދާނެ ކަމަށް ބުންޏެވެ. ނަހީކް ފަހުން އެއްޗެއް ނުބުނެއެވެ. އެހެންނަމަވެސް ގޭދޮރުމައްޗަށް މަޑުކޮށްލި ޓެކްސީ އިން ފޭބި ރިންދާ ފެނުމާއެކު ނަހީކް މޫޑު ސަކަރާތްވިއެވެ. ޝާހްބާޒާ އެކުގައި ދާނަމޭ ބުނެ ދޮގުހެދީތީއެވެ.

"ކީއްވެ ޓެކްސީގަ. އަހަރެން ބަލައި ހިނގައިދާނެތީތަ އެހެން ހެދީ" ރިންދާ އަރައި ހަމަވުމާއެކު ނަހީކް ބުންޏެވެ.

"އުނހު. ފަހުވަގުތު ބޭބެއަށް ނާދެވުނީ" ރިންދާ ބުންޏެވެ.

"ދެން ކީއްވެ ނުގުޅީ" ނަހީކް ބުންޏެވެ.

"އަހަރެން ކަލެއާއެކު ތަންތަނަށް ދާން ބޭނުންނުވާތީ. އަހަރެން ކަލެއަށް ނަފުރަތުކުރަން. އަހަރެން މިހިރީ މީހަކާ އިންނަން ރަންކިޔައިގެން. ތިން ދުވަސް ފަހުން އަހަރެންގެ ކައިވެނި ކުރެވޭނެ. އަހަރެން އިންތިޒާރު މިކުރަނީ ކަލޭގެ ތިދެއަތުގައި ތަނޑި އަޅުވާނެ ދުވަހަކަށް" އެހުރިހާ ވާހަކަތަކެއްވީ ރިންދާ ހިތުގައެވެ. ދެތުންފަތް ލައްޕާލާފައި ވިއިރުވެސް އޭނާގެ ދެދަތްޕިލަ ހުރީ ޖެހިފިތިފައެވެ. ހަށިގަނޑުގައި ހުރަހަށް އަޅުވާފައި ހުރި ރިހިކުލައިގެ ދަގަނޑު ވާކޮޅުގައި ދެއަތުން ބާރަށް ހިފަހައްޓައިގެން ހުރިއިރު އެދެއަތްތިލައަށް ބާރުވެފައި ހުރިކަމެއް ނަހީކް ނުދެނަހުއްޓެވެ.

"ސޮރީ... މާދެރަވެފަ ތިހުންނަނީ ބަލަހައްޓައިގެން" ރިންދާގެ ކޮނޑަށް އަތްއެއްލަމުން ނަހީކް ބުންޏެވެ. ރިންދާ ހީލިއެވެ. ދެން އަނެއްކާވެސް މަޑުމަޑުން ނަހީކާ ދުރަށްޖެހުނެވެ.

"އަނެއްކާވެސް ސޮރީ" ނަހީކް ބުންޏެވެ.

"މަގުމަތިވީމަ. ހިނގާ އެތެރެއަށް" ރިންދާ ބުންޏެވެ.

"އެވަރުން އަންނާށޭ ބުނީ އަންކަލް އާ މީޓުކުރުވަން ވެގެންނޭ" އެތެރެއަށް ވަންނަމުން ނަހީކް ބުންޏެވެ.

ސޯފާގައި އިން ޒަހީރުގެ މޫޑު އަދިވެސް ރަނގަޅެއް ނުވެއެވެ. ޒަކްވާން އަންނާނޭ ބުނިފަހުން ހަ ގަޑިއިރު ފާއިތުވެގެން ހިނގައްޖެއެވެ. އެއްވެސް ހަބަރެއް ނުވެއެވެ. ޒަކްވާނަށް އެތައް މެސެޖެއް ކޮށްފިއެވެ. ނަހީކް ގޮވާލި އަޑު އިވުނީ އެރުޅިގަނޑުގައި ޒަހީރު އިންދައެވެ. ފަރުވާކުޑަ ނަޒަރެއް ނަހީކަށް ދީފައި އަލުން ފޯނަށް އޭނާގެ ސަމާލުކަން ހުއްޓާލިއެވެ. ދެވަނަ ނަޒަރެއް ނަހީކް ކައިރީގައި ހުރި ރިންދާއަށް ޒަހީރު ދިނީ ހަމަ އެސިކުންތުގައެވެ.

"މިއީ ރިދާ. އަޅުގަނޑު ކައިވެނިކުރަން މިއުޅޭ ކުއްޖާ. ރިދާ، މިއީ އަހަރެންގެ އަންކަލް. ޒޭވާގެ ބައްޕަ. ގިނަ މީހުން ދަންނާނީ އެންތަނީ އޭ ބުނީމަ" ނަހީކް ބުންޏެވެ.

"އެހެންތަ. ގާތްކޮށްގެން އުޅޭއިރު ޒަކްވާނު ކައިރީގަވެސް ބުނެބަލަ ކައިވެންޏެއް ކުރަންޏާ އަންހެނަކާ ކުރާށޭ. ފިރިހެނުންގެ ފަހަތުން އުޅުން ހުއްޓާށޭ" ޒަހީރު ބުންޏެވެ.

ޒަހީރުގެ އެ ޖުމްލައާއެކު ރިންދާއަށް ލިބުނީ ހައިރާންކަމެވެ. ސުވާލުގެ ނަޒަރަކުން ނަހީކަށް ރިންދާ ބަލައިލިއެވެ. ހުދު ނަހީކްވެސް ހުރީ ޒަހީރު އެހެން ބުނުމުން ލަދުގަނެފައެވެ. އަމިއްލަ ދަރިފުޅުގެ ހަގީގަތް އެހެން މީހުންގެ ކުރިމަތީގައި އެގޮތަށް ބޭޒާރުކުރި އިރު އެއްވެސް ވަރަކަށް ވިސްނާނުލީތީ ޒަހީރުދެކެ ހިތްހަމަ ނުޖެހިފައެވެ.

"އަނހަ މިއޮށްއައީ ކޮންކުއްޖެއް؟" މޭޒުމައްޗަށް ކާއެއްޗެހި އަރުވާފައި އައި ޝަލްބިޔާއަށް ރިންދާ ފެނުމާއެކު ބުންޏެވެ.

"ހުރިހާ މީހުން ކައިރީގަ ވާހަކައެއްދައްކަންވެގެން ރިދާ މިގެނައީ" ނަހީކް ބުންޏެވެ.

އޭނާގެ ޖީބުގައި އޮތް ފޯނުވެސް ރިންގުވާން ފެށީ އެވަގުތުއެވެ. އެހެންކަމުން ފޯނަށް ބަލާލާފައި ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އެވަގުތު ޝަލްބިޔާ އައިސް ރިންދާގެ އަތުގައި ހިފާލާފައި ގެނެސް ގަޔާ ކައިރިކޮށްލައިފިއެވެ.

"ބޭބޭ، ހިނގާ ކާން ދާން" ޝަލްބިޔާ ބުންޏެވެ.

"އަހަރެންނަށް އެއްޗެއް ކެވޭނެތަ؟ ޒަކްވާނާ ހެދިގެން އަހަރެންގެ ދުވަސް ހިނގައިދާނެ. އަހަރެން މިވަރުން އުޅޭއިރުވެސް ދުވަހަކުވެސް އެ އުޅުމަކަށް ބަދަލެއް ނާންނާނެ" ޒަހީރު ވާހަކަދެއްކިއެވެ.

"އެންމެން މަޑުކޮށްލާ. މިއަންނަނީ ޒޭވާ ގޮވައިގެން" ނަހީކް ބުންޏެވެ.

އޭނާ ގެއިން ނުކުތުމުގެ ކުރިން ވަކިން ރިންދާއަށް ބަލާލާފައި ވަރަށް އަވަހަށް އަންނާނެ ކަމަށް ބުންޏެވެ. ނުވެސް ދަންނަ ބީރައްޓެހި ދެމީހުންގެ ތެރެއަށް އޭނާ ދޫކޮށްލާފައި ދިޔުމުން ރިންދާ އިނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ޝަލްބިޔާ އިން ގޮނޑި އާ ޖެހިގެން އިން ގޮނޑީގައި ރިންދާ އިންއިރު އޭނާ އިނީ ވަގުތު ގިނަވެފައެވެ.

ދަބަހުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުން ކުޑަކޮށް ދަބަސް ހުޅުވާލާފައި ރިންދާ ބަލައިލިއެވެ. ގުޅަނީ އަޔާލްއެވެ. ފޯނަށް ޖަވާބުދިނުމުގެ ކުރިން ވަށައިގެން ރިންދާ ބަލައިލިއެވެ. އޭރު ޝަލްބިޔާ ސިޑިން އަރައިގެންދާ މަންޒަރު ފެނެއެވެ. ހިތްމޮޅުކަމާއި ބޮޑާކަމާއެކު އަދިވެސް ޒަހީރު އިނީ ސޯފާގައެވެ. ރިންދާ ފޯނު ނަގާ ކަންފަތުގައި ޖެހިއެވެ.

"މީނީ އަދިވެސް އެގޭގަ. އޭނަ ހިނގައްޖެ ޒަކްވާނެކޭ އެކިޔާ ފުރޭތަ ބަލައޭ ކިޔާފަ. އެއްކަލަ ބޭރުގަ ހުރި މީހާވެސް އެބައިން. މަށަށް ހީވަނީ އެމީހުން ވަރަށް އަވަހަށް ފުރާނެހެން" ރިންދާ ހުރިހާ ވާހަކައެއް އެއްފަހަރާ އަމުނާލިއެވެ.

"ބަރަކްގެ ހަބަރެއް އަދި މިއަދު ނުވޭ. އަހާލާނަން މިއަދުގެ ޕްލޭން އޮތްގޮތެއް" އަޔާލް ބުންޏެވެ.

"ޕްލީޒް ޔާލް. މި ފުރުސަތު އަތުން ގެއްލުނަނުދީ. އެންމެން އެއްތަނެއްގަ މިވަގުތު ތިބުމަކީ ކިހާބޮޑު ރަހުމަތެއް. ހެއްދެވިފަރާތުން އަހަރެމެންނަށް ކިހާބޮޑު އެހީތެރިކަމެއް އެވެދިނީ" ރިންދާ ވާހަކަދެއްކިއެވެ.

އިތުރަށް އޭނާއަށް ވާހަކައެއްނުދެއްކުނެވެ. ޝަލްބިޔާ އައިސް ކައިރީގައި އިށީނދެއްޖެއެވެ. އަޔާލް ވާހަކަދައްކަމުން ދިޔައިރު 'އާނ ހޫމް' ނޫނީ އެހެން އެއްޗެއް ރިންދާއަށް ނުބުނެވެއެވެ. އަޔާލްއަށް ޝައްކުވެގެން ފޯނު ބޭއްވުމުން ރިންދާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.

ފޯނު ދަބަހަށްލާފައި ރިންދާ ހަމަޖެހިލިއެވެ. އެހިނދު ޝަލްބިޔާ ރިންދާގެ އަތުގައި ހިފައިފިއެވެ. ހިތްހެޔޮކަމާއެކު ހިނިތުންވުމެއް ރިންދާއަށް ދީފައި ރިންދާގެ ދެއަތްތިލައިގައި ބޮސްދިނެވެ.

"މަންމައަށް އެނގޭ ރިދާ އަހަރެންގެ ނަހީކްދެކެ ވަރަށް ލޯބިވާކަން" ޝަލްބިޔާ ބުންޏެވެ.

އެހިނދު ރިންދާ ވީ ފޫއްސެވެ. މައްޗަށް ބަލައިލުމާއެކު ލޮލުގެ ކަޅި ރޯލްކޮށްލެވުނެވެ. ލޮލަށް ގެނެވުނީ ރަނގަޅު ހަރަކާތެއް ނޫންކަން ފަހުމްވީ މާފަހުންނެވެ. އެމަންޒަރު ޝަލްބިޔާއަށް ފެނުނު ކަމެއްވެސް ނުފެންނަ ކަމެއްވެސް ނޭނގެއެވެ.

"މިއީ ރިދާއަށް މަންމަ ދޭ ހަދިޔާއެއް. އިނގޭ ކައިވެނި ނުކުރާކަންވެސް އަދި. އެކަމުވެސް އަހަރެން ގަބޫލުކުރަނީ ރިދާއަކީ މިހާރުވެސް ދަރިއެއް ކަމަށް" ޝަލްބިޔާ ވާހަކަދެއްކިއެވެ.

ޒަކްވާނާއެކު ނަހީކް ވަދެގެން އައީ އެވަގުތުއެވެ. ގޭތެރެއިން ޒަހީރު ފެނުމާއެކު ޒަކްވާންގެ އުފާވެރި ހިނިތުންވުން ވަގުތުން ފިލައިގެން ދިޔައެވެ. ހިތްހަމަނުޖެހިފައި ފަހަތުގައި ހުރި ނަހީކަށް ޒަކްވާން ބަލައިލިއެވެ.

"ހަނގުރާމަ ފެށުނީ. ރިދާ އިނދޭ ބަލަން" މަޖާވެފައި ޝަލްބިޔާ ބުންޏެވެ.

ތެދުވެގެން އައި ޒަހީރު އެއައި ގޮތަށް ޒަކްވާންގެ މޫނަށް އެތިފަހަރެއް ވިއްލާލިއެވެ. ހަމަ އެފިޔަވަޅު މަތީގައި ޒަކްވާން ހުއްޓެވެ. އިސްޖަހައިގެންނެވެ.

"ކަލޭ ތިއުޅެނީ އަހަރެން ދުނިޔޭގައި ހުރެގެން ކަންބޮޑުވެގެންތަ؟ ޖަނަވާރު" ޒަހީރުގެ އަޑު މުޅި ގެތެރޭގައި ގުގުމައިގެން ދިޔައެވެ. ރިންދާއަށްވެސް ދެލޯމަރައި ބާރުކޮށްލެވުނެވެ.

"އަހަރެންގެ އުމުރު މިހުސްކުރަނީ ކަލޭ ކުރާ ނުބައި ކަންކަމުން ކަލޭ ރައްކާތެރިކޮށްކޮށް. ދުވަހަކުވެސް ކަލޭ އިސްލާހުވާނެތަ؟" ޒަހީރު ހަޅޭއްލަވަމުން ދިޔައެވެ.

ނަހީކްގެ ކަންބޮޑުވިއެވެ. ޒަހީރުގެ އެ ރުޅިގަނޑުގެ މިސްރާބު ދެން ދަތުރުކުރާނީ ކޮންދިމާލަކަށް ކަން އެނގުމާއެކު ނަހީކް އަވަސްވީ އެތަނުން ރިންދާ ދުރަށްލުމަށެވެ. އެހެންކަމުން އޭނާ އައިސް ރިންދާގެ އަތުގައި ނުލާހިކު ބާރަށް ހިފައިފިއެވެ.

"މަންމަ ދޭ ކޮޓަރިއަށް. މިތަން ހަމަޔަކަށް އެޅުނީމަ އެންމެން އެކުގަ ކާނީ" ނަހީކް ބުންޏެވެ. ޝަލްބިޔާ ދެފަރާތަށް ބޯހޫރާލުމަށްފަހު ސިޑިން އަރައިގެންދިޔައެވެ. ރިންދާ ގޮވައިގެން ނަހީކް ނުކުތީ ބޭރަށެވެ. ގޭތެރޭގައި ދެން ކޮންމެ ވާހަކައެއް ދެކެވުނަސް ރިންދާއަށްވެސް ޝަލްބިޔާއަށް ނީވޭނެއެވެ.

"ކޮންތާކަށް މިދަނީ" ކާރުގައި ގޭޓުން ނުކުތުމާއެކު ރިންދާ އެހިއެވެ.

"ރިދާ ގެއަށްލާން މިދަނީ. އެހެން ދުވަހަކުން ދެން އަންނާނީ" ނަހީކް ބުންޏެވެ. ރިންދާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.

"ކިހިނެއްވެގެން ނަހީކްގެ އަންކަލް އެ އުޅެނީ. ޒަކްވާން މިކޮޅަށް އައިމަ ކީއްވެތަ އެހާ މައްސަލަ ޖައްސަނީ. ދެންމެ ބުނެފި ޒަކްވާން ކުރާ ނުބައި ކަންކަމުންނޭ. ޒަކްވާން އުޅެނީ ވަރަށް ގޯސްކޮށްތަ؟" ރިންދާ އެހުރިހާ ސުވާލުކުރީ ހަމަގަސްތުގައެވެ. ނަހީކް ދޭނެ ޖަވާބެއް ނޭނގިފައި އިނެވެ.

"އަންކަލް އަބަދުވެސް ރުޅިއަންނާނެ ޒޭވާ ނުބުނެ ތަންތަނަށް ދަންޏާ. މިފަހަރުވެސް އެހެން އެވީ...... ހާދަ ރީތި ތަނޑިތަކެއް އަތުގަ ތީ. މަންމަ ދިންތަ" ނަހީކް ބުންޏެވެ. އޭނާގެ ބޭނުމަކީ ރިންދާގެ ވާހަކައިގެ މިސްރާބު ބަދަލުކުރުމެވެ. އެކަން ރިންދާއަށް އެނގެންވެސް އެނގުނެވެ.

******

ރޫބިޔާ އައިސް އިށީނުމާއެކު ލޫކު ގޮނޑީގައި ހަމަޖެހުނެވެ. ކެމެރާ އާއި މައިކު ރަނގަޅަށް ސެޓްކޮށްފައި ރޫބިޔާ ގޮވައިގެން އައި ފުލުސް އަންހެން އޮފިސަރަށް ބޭރުގައި މަޑުކޮށްލަން އިޝާރާތެއްކޮށްލިއެވެ. ސުވާލުތައްކުރަން ފެށުމުގެ ކުރިން ލޫކް ރޫބިޔާއަށް ބަލައިލިއެވެ.

"ބަރަކް... ކޮބާ ބަރަކް؟" ރޫބިޔާ އެހިއެވެ. އޭނާގެ އަޑުގައި ރިހުމެއްގެ އަސަރު ހުއްޓެވެ.

"ބަރަކް އުޅޭނެ. އެކަމަކު މިތަހުގީގުގަ ބައިވެރިއެއްނުވާނެ" ލޫކް ބުންޏެވެ. ޖެހިންގެން ހުރި ކޮޓަރީގައި ބަރަކް އިންކަމެއް ރޫބިޔާއަށް ނޭނގެއެވެ.

"ރޭގަ ރަނގަޅަށް ނިދުނުތަ؟" ލޫކް އެހިއެވެ. ރޫބިޔާ ބޯޖަހާލިއެވެ.

"ހާލު ރަނގަޅުތަ؟" ލޫކް އެހިއެވެ. ދެންވެސް ރޫބިޔާ ބޯޖަހާލިއެވެ.

"މިނިރަލް ވޯޓާރ ލިބުނު ދޯ" ލޫކް އެހިއެވެ. ރޫބިޔާ ބޯޖަހާލިއެވެ.

"މިތަނަށް ގެނައި އިރު ބިޑިއަޅުވާފަތަ ގެނައީ" ލޫކް އެހިއެވެ. ރޫބިޔާ ދެފަރާތަށް ބޯހޫރާލިއެވެ.

ހުރިހާ ސުވާލުތަކެއް ކުރަމުން ދިޔައިރު ކަޅިޖަހާވެސްނުލައި ލޫކް އިނީ ރޫބިޔާއަށް ބަލަހައްޓައިގެންނެވެ. އެހެންނަމަވެސް ރޫބިޔާ އިނީ އިސްޖަހައިގެންނެވެ.

"ރޫބިޔާ ބުނި ހުރިހާކަމެއް އަހަރެން ފުރިހަމަކޮށްދީފިން. ހަނދާން އެބަހުރިތަ؟ ރޫބިޔާ އެއްބަސްވީމެއްނު ތަހުގީގަށް އެއްބާރުލުންދޭން" ލޫކް ވާހަކަދެއްކިއެވެ. ދެންވެސް ރޫބިޔާ ބޯޖަހާލިއެވެ.

ކުރިމަތީގައި ހުރި ލެޕްޓޮޕަށް ނަޒަރު ސީދާކޮށްލިގޮތަށް ރޫބިޔާ ބަޔާން ތައްޔާރުކުރަން ލޫކް ތައްޔާރުވިއެވެ. އެންމެ ފުރަތަމަ ރޫބިޔާ ކައިރީގައި އަހައިގެން ރޫބިޔާގެ ހުރިހާ މައުލޫމާތެއް އެއްކުރިއެވެ. ސީދާ ސުވާލުތަކަށް ދިޔުމުގެ ކުރިން ރޫބިޔާއާއެކުގައި އެކުވެރިކަމުގެ މާހައުލެއް ގާއިމުކުރިއެވެ. ވަރަށް ރަނގަޅަށް ރޫބިޔާގެ ސިކުނޑި ތަނަށް ހާނުވާލިއެވެ. ރޫބިޔާގެ ޖެހިލުންވުމާއި ނުތަނަވަސްކަން އެކީއެކައްޗަކަށް ފިލުވާލިއެވެ.

"ރަނީން އެނގޭ ދޯ" ލޫކް އެހިއެވެ.

"ލައްބަ" ރޫބިޔާ ބުންޏެވެ.

"އަޅެ ކިޔާލަދީބަލަ އެނގޭ ގޮތެއް" ލޫކް ބުންޏެވެ.

"އެއީ ވަރަށް ރަނގަޅު ކުއްޖެއް. މަޑުމަޑުން ހުންނަ ލޯބި ކުއްޖެއް. އޮފީސް ތެރެއިން ފެނުނީމަ އަހަރެންނަށް ދައްތާއޭ ކިޔާފަ ގޮވާލާނެ. ބައެއް ދުވަސް ދުވަހު މަސައްކަތް ކުރަން ހަމަޖެހިފައިވާ ގަޑީގެ އިތުރުންވެސް މަސައްކަތް ކުރަން އިންނާނެ. ދެ ދުވަހަކު ވާރޭ ވެހޭތީ އަހަރެން ގެއަށް ނުދެވި އޮފީހުގައި ހުއްޓަ އޭނަ ބަލައި އައި ކާރެއްގައި އަހަރެން ގެއަށް ގެންގޮސްދިން. އެދުވަހު އަސްލު އަހަރެންނަށް އެނގުނީ އެކުއްޖާގެ ހިތްހެޔޮކަން" ރޫބިޔާ ވާހަކަދެއްކިއެވެ.

"ރަނީންގެ މަރުގައި ރޫބިޔާއަށް ޝައްކުކުރެވޭ ކަންކަން އެބަހުރިތަ؟" ލޫކް އެހިއެވެ.

"ޝައްކޭ. އަހަރެން ޝައްކެއް ނުކުރަން. އަހަރެންނަށް ޔަގީން. އެކަންކުރީ ކޮންބައެއްކަން ކޮންއިރަކުކަން އަހަރެންނަށް އެނގޭ. އަހަރެން އަޑުއެހިން. ފޯނުން ރިކޯޑުކޮށް ވީޑިޔޯވެސްކުރިން. އެކަމަކު އަހަރެންގެ ނަސީބު ދެރަކަމުން އަހަރެންނަށް އެ ފޯނު ނުހުޅުވުނު. ހަލާކުވީތޯއްޗެ" ރޫބިޔާ ބުންޏެވެ.

"ކޮބާ އެ ފޯނު؟" ލޫކް އެހިއެވެ.

"ގޭގަ. އަހަރެން ކޮޓަރީގަ ހުރި ބޮޑު ފޮށީގަ" ރޫބިޔާ ބުންޏެވެ.

ލޫކް ވަގުތުން ގުޅީ ބަރަކަށެވެ. ބަރަކްގެ ނަމުން ނުގޮވައި ރޫބިޔާ ބުނި ގެ ބަލައި ފާސްކުރަން ދާން ތައްޔާރުވުމަށް ބުންޏެވެ.

"މުހައްމަދު ނަހީކް ޝާހްބާޒް ކިޔާ މީހަކު ދަންނަންތަ؟" ލޫކް އެހިއެވެ.

"އެއީ ބޮޑު މުސީބާތެއް. ބޮޑު ބަލ..... އަހަރެން އޭނައަށް ނަފުރަތު ކުރަން. އެއީ އެމީހުން ކުރި ކަމެއް. އެ ލޯބި ކުއްޖާ މެރީ އެމީހުން" ރޫބިޔާ ވާހަކަދެއްކިއެވެ.

"އެމީހުން....؟" ލޫކް ބުންޏެވެ. "ކޮން ބައެއް؟"

"ތިބުނާ ނަހީކެއް. ދެން އޭނާގެ އެކުވެރިއެއް. ރާއްޖެއިން ބޭރުގަ އުޅޭ ބޮޑު ކާފަރެއް. ފިރިހެނުން ގާތަށްދާ ލިވާތުކުރާ މުރުތައްދެއް. އޭނަ ރަނީންއަށް އެހާލުޖެއްސީވެސް އެކަން ސިއްރުކުރަންވެގެން. ރަނީންއަށް އެކަން އެނގުނީމަ އެކުއްޖާ މިދުނިޔެއިން ނެތިކޮށްލީ. ރަނގަޅަށް ވިއްޔާ އެ ދެފިރިހެނުން އުޅެނީ ހިތާވެގެން" ފަހަރަކަށް ވުރެ ފަހަރެއް ދިޔައީ ރޫބިޔާގެ އަޑު ބާރުވަމުންނެވެ.

"މިއަދަށް ނިންމާލީ މި" ހީލަމުން ލޫކް ބުންޏެވެ. ރޫބިޔާ ގޮނޑީގައި ލެގިލިއެވެ.

"އަހަރެން ވަކީލެއް ބޭނުން. އެކަން އަހަރެންނަށް ހަމަޖައްސައިދީ. ފޯނުކޯލެއްވެސް ބޭނުން. ހަސީ ކައިރީގައި ބުނީމަ އަހަރެންނަށް ރީތިވާ ބައެއް ސާމާނު ގެނެސްދޭނެ" ރޫބިޔާ ބުންޏެވެ. ލޫކް ހީލާފައި ބޯޖަހާލިއެވެ.

**********

ދެ ދުވަސް ފަހެވެ. އެނދުގައި ނިދާފައި އޮތް ޒަކްވާން ފުންމައިގެން ތެދުވީ ކޮޓަރީ ދޮރުގައި ތަޅައިގަތް އަޑަށެވެ. ވަގުތުން ދެލޮލުން ނިދިވެސް ފިލައިގެންދިޔަ ކަހަލައެވެ. ބޮޑުކަމެއްވީކަން ޒަކްވާނަށް އެނގުނެވެ. ދެފަޔަށްލެވުނުހާ ބާރެއްލާފައި އައިސް ދޮރު ހުޅުވާލި އިރު ކުރިމަތީގައި ހުރީ ޒަހީރެވެ.

"ފުރަން ތައްޔާރުވޭ. ވިއެންމެ އަވަހަކަށް" ޒަހީރު ބުންޏެވެ.

"އެއީ... މާދަމާ ރެއަކަށްނު ޓިކެޓް ހަމަޖެހުނީ" ޒަކްވާން ބުންޏެވެ.

"ފުރަންވަންދެން ރިސޯޓެއްގަ ތިބޭނީ. ބޭކާރު ވާހަކަނުދައްކާ އަވަސްކުރޭ" ޒަހީރު ބުންޏެވެ.

"ކިހިނެއްވީ ޑޭޑް؟ މާބޮޑަށް ނަފްސާނީވެގެން ތިއުޅެނީ" ޒަކްވާން ބުންޏެވެ.

"ކަންތައްތައް ވަރަށް ގޯސްވެއްޖެ. އަހަރެންގެ އެކުވެރި ހާފިޒު ހައްޔަރުކޮށްފި. އޭނާގެ މެސެޖް ހަމަ ދެންމެ އަހަރެންނަށް ލިބިއްޖެ" ޒަހީރު ބުންޏެވެ.

"ކޮން ހާފިޒެއް އަނެއްކާ. ޑޭޑް.... ހަމޖެހިބަލަ" ޒަކްވާން ބުންޏެވެ.

"ހާފިޒަކީ ކަލޭމެން ސަލާމަތްކުރަން އަހަރެންނަށް އެހީތެރިވި މި ރާއްޖޭގެ މިނިސްޓަރެއް. ކަލެއަށް އެބައެނގޭތަ މިވާއެއްޗެއް ނުވާއެއްޗެއް. ކަލޭމެން ބަލާ އަންނާކަށް ގިނައިރެއް ނެތް. މީތި ލީކުވެއްޖެ. މިތިބީ ނޭވާހޮޅިއަށް އެޅިފަ. ތާހިރުވެއްޖެއްނު. އަހަރެންގެ ބަސްގަބޫލުކޮށްގެން މައިތިރިވެގެން ތިބިނަމަ... އަމިއްލައަށް އައިސް ޖަލުގެ ތަޅުދަނޑި އާ ތިހަވާލުވީ" ޒަހީރުގެ އަޑު ހުރީ މުޅި ގޭތެރެއަށް ފެތުރިފައެވެ.

ފަހަތުގައި ހުރި ނަހީކަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އަރުތެރެ އެއްކޮށް ހިކި ކުޑަ ދޫ ރޯމަހެއް ތެޅޭހެން ތެޅެން ފަށައިފިއެވެ.

(ނުނިމޭ)