ޒުވާނުންގެ ކުއްލި މަރުތަކާއި ނުރަނގަޅު އާދަތަކާ ގުޅުމެއް އޮވެދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތަކުގެ މައުލޫމާތު ހާމަކުރުމަށާއި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލުކުރުމަށް ކަނޑައަޅާފައިވާ ހާއްސަ މަސައްކަތް އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ވޯލްޑް ހެލްތު އޯގަނިޒޭޝަން (ޑަބްލިޔުއެޗްއޯ) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަދި ހެލްތު މިނިސްޓްރީ ގުޅިގެން ތައްޔާރުކުރި ސްޓެޕް ސާވޭގެ ރިޕޯޓުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުން ކަމަށެވެ.

ރައީސް ވިދާޅުވީ، އެފަދަ ބަލިތައް ޖެހުމަށް މެދުވެރިވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުންނާއި ކަސްރަތު ފަދަ ހަށިގަނޑަށް ދުޅަހެޔޮ އާދަތަކާ ބީރައްޓެހިވެފައި ވުމުން ކަމަށެވެ. އަދި ރާއްޖޭގައި މިފަހަކުން ކުއްލިތައް މަރުތައް އިތުރުވެފައިވާ އިރު، ގިނައީ ޒުވާނުން ކަމަށާއި އެހެންކަމުން އެފަދަ މަރުތައް ދިރާސާކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ޒުވާނުންގެ ކުއްލި މަރުތައްވެސް ގިނަވެއްޖެ. އެއީ ވެސް އަޅުގަނޑުމެންގެ ތެރޭގައި ހުރި މިފަދަ ނުރަނގަޅު އާދަތަކާ ގުޅިފައި އޮތް ކަމަކަށް ވެސް ވެދާނެ. އެކަމުގެ ވެސް ހަގީގަތް ބެލުމަށްޓަކައި ދިރާސާކޮށް ހޯދައި ބަލަން އެބަ ޖެހޭ،" ރައީސް ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯ އިން ކާނާގެ ތެރޭގައި މޭވާއާއި ތަރުކަރީ ހިމަނަންވީ މިންގަނޑު ކަނޑައަޅާފައިވާ ކަމަށާއި އަދި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކުރަން ޖެހޭ ކަންކަން ވެސް އެ ޖަމިއްޔާއިން ކިޔައިދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސްޓެޕް ސާވޭއިން، ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ރައްޔިތުން ކެއުމުގައި އެ މިންގަނޑަށް މޭވާއާއި ތަރުކާރީ ބޭނުންނުކުރާ ކަމަށް ދައްކާ ކަމަށެވެ. އަދި ކެއުމުގައި މޭވާއާއި ތަރުކާރީ ނުހިމެނުމަކީ ހައްލު ހޯދަން ޖެހިފައިވާ ގައުމީ މައްސަލައެއް ކަމަށް ވެސް ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯގެ މިންގަނޑަށް ކެއުމުގައި މޭވާއާއި ތަރުކާރީ ހިމަނައި ކަސްރަތު ކުރާނަމަ ފެންނާނީ ދުޅަހެޔޮ މުޖުތަމައެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނަކީ ވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.