ޖަލުގައި ތިބި ގައިދީންނާއި ބަންދު މީހުން އެންމެ ގިނައިން ޑޮކްޓަރަށް ދައްކާފައި ހުރީ ލޮލުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރަށް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހާމަކޮށްފިއެވެ.
ޖަލުގައި ތިބި ގައިދީންނާއި ބަންދު މީހުންގެ ތެރެއިން ހާއްސަ ޑޮކްޓަރުންނަށް ދައްކަން ޖެހޭ މީހުން ޑޮކްޓަރުންނަށް ދެއްކުމަށްޓަކައި "އޮޕަރޭޝަން ހޭހަން"ގެ ނަމުގައި އޮޕަރޭޝަނެއް ފެށީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.
ކަރެކްޝަންސް އިން އިއްޔެ އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ ތިން ވަނަ ދުވަހާއި ހަމަޔަށް 192 މީހަކު ވަނީ ޑޮކްޓަރަށް ދައްކާފައެވެ. މީގެތެރެއިން 105 މީހަކު ދައްކާފައިވަނީ ލޮލުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރުންނަށެވެ.
- ލޮލުގެ ބަލިތަކަށް- 105 މީހުން
- ކަށީގެ ބަލިތަކަށް- 14 މީހުން
- ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް- 11 މީހުން
- ހިތުގެ ބަލިތަކަށް- 10 މީހުން
- ފުއްޕާމޭގެ ބަލިތަކަށް- 9 މީހުން
- އެހެނިހެން ބަލިތަކަށް- 21 މީހުން
- އެތެރެހަށީގެ ބަލިތަކަށް- 2 މީހުން
- އޮޕަރޭޝަން ޑޮކްޓަރަށް- 2 މީހުން
- ހޭނައްތާ ޑޮކްޓަރަށް- 2 މީހުން
- ގޮހޮރުގެ ބަލިތަކަށް- 4 މީހުން
- ކިޑުނީ ބަލިތަކަށް- 4 މީހުން
- ކަރުންމަތީގެ ބަލިތަަށް- 5 މީހުން
- ހަމުގެ ބަލިތަކަށް- 2 މީހުން
- އާންމު ބަލިތަކަށް- 1 މީހަކު
ކަރެކްޝަންސް ސާވިސް އިން ބުނީ މި އޮޕަރޭޝަނަކީ ތިން ހަފުތާއަށް ކުރިއަށްދާނެ އޮޕަރޭޝަނެއް ކަމަށެވެ. އެގޮތުން މި އޮޕަރޭޝަނުގައި ޖަލުގައި ދެވެން ނެތް ފަރުވާ ދޭން ޖެހޭ ގައިދީން ހޮސްޕިޓަލަށް ނުވަތަ އެނޫންވެސް ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ގެންގޮސްގެން ފަރުވާދެވޭނެ ކަމަށެވެ.
ހާއްސަ ޑޮކްޓަރުންނަށް ދައްކަން ޖެހޭ މީހުންނާއި ހާލަތު ސީރިއަސްވާ މީހުން މި އޮޕަރޭޝަންގައި ދެނެގަނެ އެމީހުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނާއެކު މަޝްވަރާކޮށް ފަސޭހަ ނިޒާމެއް ގާއިމު ކޮށްފައިވާ ކަމަށްވެސް ކަރެކްޝަންސްއިން ބުންޏެވެ. އަދި މި އޮޕަރޭޝަނުގައި އެ ސާވިސްގެ 70 އަށްވުރެ ގިނަ އޮފިސަރުންނާއި މީހުން އުފުލާ ހުރިހާ އުޅަނދެއް ބޭނުންކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މި އޮޕަރޭޝަންގެ ތެރެއިން، މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނެ ނިޒާމީ ބަދަލުތައް ދެނެގަނެ، ގައިދީން ޑޮކްޓަރަށް ދެއްކުމުގެ ނިޒާމު ހަރުދަނާ ކުރާނެ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު