ވާހަކަ

ބަދު ދުއާ - 06

ނަލަ ރާގަކަށް ރިންގުވާން ފެށި ފޯނަށް ބަލާލަމުން ފަރަހަ އިސްތިރި ނިވާލާފަ ފޯނާ ދިމާއަށް އަތްދިއްކޮށްލިއެވެ.

"ޕިސްޕިސް....ހަމަ އެންމެ ބިޒީ ގަޑީގަ ގުޅަން އެނގޭނީ......ބަދަލެއް ނާންނަ މީހެއް...."

ބޮޑުކޮޓަރީގައި އިސްތިރި ކުރާ މޭޒު ދޮށުގައި ވަރަށް އަވަދިނެތި ހެދުން އިސްތިރި ކުރަން ހުރި ފަރަހަ ތުންތަޅުވައިގަތީ އެގުޅަނީ ޝިވަންކަން އެނގޭތީއެވެ.

"ކިހިނެއްވީ.....މިކަހަލަ ދަތި ގަޑިއެއްގަ ތިގުޅީޔޯ....ޝިވަން އަށް އެނގޭނެ މަގޭ ހޮނިހިރުދުވަހުގެ މިގަޑީގެ މަސައްކަތް....ޖެއްސުމެއްތަ؟"

"އައްދޭ....މަކީއްވެ ފަރާއަށް ޖެއްސުން ކުރަންވީ....؟ މިގުޅީ މިކީ ހޯދަން...."

"މިހާރު އާދައަކަށް ހެދީތަ...؟ މިކީގެ ނަންބަރު އަނެއްކާވެސް ހަނދާން ނެތުނީ........؟" މިކީގެ އުފަންދުވަހަށްފަހު މިވީ ހައެއްކަ މަސް ތެރޭގައި ޝިވަން މިކީ ހޯދަން އޭނާގެ ނަންބަރަށް ގުޅުން އާންމުވެއްޖެއެވެ. އެހެންކަމުން ޝިވަން ފާޅުގައި އޭނާއަށް ގުޅަނީތޯ އަހާލަން ފަރަހަ ބޭނުންވީއެވެ.

"ތެދަށް ބުނަން.....ފަރޫގެ އަޑު އަހާހިތުން ގުޅިއޭ ބުނުމަކީ ދޮގަކަށް ނުވާނެ........ފަރޫއާ ވާހަކަ ދައްކާ ޝެއާ ކޮށްލުމުން ލިބޭ ހިތްހަމަޖެހުން އެހާވެސް ބޮޑުވިއްޔަ.........." ޝިވަންގެ އަޑުގައި ހުރީ ފިނިއަސަރެކެވެ.

"އަޞްލު އަހަރެމެން ދެރައްޓެހިންގެ ގޮތުގައި ތިބިނަމަ މާރަނގަޅުވީސް......ޝިވަން ވެއްޖެވިއްޔަ އެގުޅުން ބަދަލުކުރަން......."

އިސްތިރިކޮށް ނިމިފައި އޮތް ހެދުން ބުޅިގަޑެއްގައި އަޅުވަމުން ފަރަހަ ވާހަކަދެއްކިއެވެ.

"ފަރޫ ދެކެލޯބިވީ މަށޭ......މަދެކެ ފަރޫ ލޯތްބެއް ނުވެއޭ....އެހެންވީމާ ވީގޮތް އެއީ.......މިކަމާ ދެކޮޅު ހެދިދާނެތަ؟" ފަރަހަ ބުނި އެވާހަކައަކީ އިންކާރު ނުކުރެވޭނެ ތެދެކެވެ.

"‘އަހަރެން ހީކުރީ ކައިވެނި ކުރީމާ ލޯބިވެވޭނެ ކަމަށް........މަންމަ އާއި ބައްޕަގެ ބަސްނާހާ ދަރިއަކަށް ވާންވެސް ބޭނުން ނުވާތީ ކައިވެނި ކުރީ.......އެކަމަކު ކީއްކުރާނީ......ހިތަކީވެސް ފާޑެއްގެ އެއްޗެއް...." އިސްތިރީގެ ވާގަނޑު އުފުރާލަމުން، މޭޒުމަތިން އިސްތިރި ނަގާތި އެއްފަރާތުގައި ބަހައްޓަމުން ފަރަހަ ވާހަކަ ކުރިއަށް ގެންދިޔައެވެ.

"ޝިވަންގެ ފަރުވާކުޑަ ކަމަކީ ބަދަލުކުރަން ފަސޭހަކަމެއް ނޫންވިއްޔަ.....ލޯބި ނުވެވުނަސް އެކުގައި ނޫޅެވުނީ އެހެންވެ........."

"ތީ ޝަންނަ ދައްކާ ބަހަނާއެއް.......ގައިމު މިހާރުވެސް އަހަރެންގެ އަނތްބެއް އެބައިން.....އޭނާ ތިކަހަލަ ޝަކުވާއެއް ނުކުރޭ........." ޒިލާއަކީ ތަޢުރީފު ޙައްޤުވާފަދަ އަންހެނެއްކަމަށް ޝިވަން ބުނާ ސަބަބު ފަރަހައަށް ކިތަންމެހާވެސް ރަނގަޅަށް އެނގެއެވެ.

"ޒިލް ވަރަށް ރަނގަޅު.....މައްސަލައަކީ ފަރޫދެކެ ވެވުނުލޯބި ޒިލްދެކެ ނުވެވޭތީ......"

"ދެން އެންމެ ރަނގަޅޭ....ކީއްކުރަން މިގަޑީގަ މިކީ ހޯދަން މިނަންބަރަށް ތިގުޅީ......؟" ޝަޒްނާ ސޯފާއާ ދިމާއަށް ހިނގައިގަންނަމުން އަހައިލިއެވެ.

"ސާހިބު ކަމަނާ..........އެއީ މަގޭވެސް ދަރިއެއްނު......ބޭނުން ކޮންމެ ވަގުތަކު ތިގެއާއި ހަމައަށް ނުދެވިދާނެދޯ.......؟ އެހެންވީމާ ގުޅައިލެވިދާނެ އެއްނު...." ޝިވަން ތަންކޮޅެއް ނުރުހިފައި ކަހަލަ ގޮތަކަށް ބުނެލިއެވެ. "އެކަމަކު ހަގީގަތުގައި މިހާރު ގުޅަން މިޖެހެނީ މިކީގެ ފޯނާ ނުގުޅޭތީ.....އަމުދުން އުފަންދުވަހުގެ ހަދިޔާއަކަށް ލެޕްޓޮޕް ދިންފަހުން މިކީއާ ގުޅަން ފަސޭހަ ނޫން........."

"އަސްތަ އަސްތާ.....ހާދަ އަވަހަކަށް ރުޅިއައީ........؟" ފަރަހައަށް ހީނގަނެވުނެވެ. "ތިވާނީ ނިދިފަ ނޫނީ ކޮންމެވެސް އެއްޗެއް ބަލަން އޮތީމަ އަޑު ނީވުނީކަމަށް........މިދަނީ މިކީ ކޮބައިތޯ ބަލާށޭ.......ހަމަޖެހިބަލަ.........."

ސިޓިންގރޫމް ތެރެއިންލާފައި މިކްޔަލްގެ ކޮޓަރިއާއި ދިމާއަށް މިކްޔަލްގެ ކޮޓަރިއާއި ދިމާއަށް ފަރަހަ ހިނގައިގަތެވެ. ކައިވެނީގެ ހަދިޔާއަކަށް ބައްޕަ އަޅައިދެއްވި ތިންކޮޓަރިއާއި ބަދިގެއަކާއި ހެޔޮވަރުގެ ސިޓިންގރޫމެއްގެ މިރީތި ގެއަކީ ފަރަހަގެ ހިޔާލާއި ފާޑުވެރިކަމުން ޒީނަތްތެރި ކޮށްފައިވާ ގެއެކެވެ. ކުޑައިރުއްސުރެ އޭނާއަކީ ފޮތް ކިޔުމަށް ފޯރިހުންނަ އަންހެން ދަރިއެއްކަން ބައްޕަ ހަނދާނެއް ނުނެތެއެވެ. އެހެންކަމުން ގޭގެ އެއްކޮޓަރި ހެޔޮވަރުގެ ލައިބްރަރީއަކަށް ފުދެއެވެ. ކޮންމެ އަހަރަކު ބައްޕަ އޭނާއަށް ދެއްވާ އެންމެ ހާއްސަ ހަދިޔާއަކީ ތަފާތު އެކިވައްތަރުގެ ފޮތްތަކާއި މަޖައްލާތަކެވެ. އަދިއަދަށް ދާންދެންވެސް ބައްޕަގެ އެލޯބި އާދައަކަށް ބަދަލެއް ނާދެއެވެ.

މިކްޔަލްގެ ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު، ފަރަހަ އެތެރެއަށް ވަދެ ބަލައިލިއެވެ. ދަނބުކުލައާއި ހުދުކުލައިން ޒީނަތްތެރި ކޮށްފައިވާ ކޮޓަރީގެ އެއްފަރާތުގައި ހުރި ބޮޑު އެނދުގައި ފަރުވާކުޑަ ގޮތަކަށް އެއްފައި ކުރުކޮށްލައިގެން ދިގުބާލީހެއްގައި ބައްދާލައިގެން އަރާމުކޮށް ނިދާފައި އޮތް އަންހެން ދަރިފުޅުގެ މޫނަށް ލޯބިން ފުރިފައިވާ ގޮތަކަށް ބަލައިލަމުން ފަރަހަ ފޯންކަންފަތުގައި ޖައްސައިލިއެވެ. "ވަރަށް ދެރަ.......މަނިކުފާނުގެ ދަރިކަނބަލުން އޮތީ އަވަހާރަފުޅުލައްޕަވާފަ.........."

"އޯހް.......އެހެންވެ ފޯނު ނުނެގީ ދޯ.....؟ ކަމަކާ ނުލާ މަ ހާސްވީ.....ސޮރީ އިނގޭ......." ޝިވަންގެ އަޑުއިވުނެވެ. "ހޭލީމާ ބުނައްޗޭ ބައްޕަ މިކީ މިސްވެގެން ގުޅިއޭ......." ފަރަހަ އާއެކޭ ބުނެލުމުން ޝިވަން ފޯނު ކަނޑައިލިއަޑު އިވުނެވެ.

މޭޒުމަތީގައި ހުރި ލެޕްޓޮޕުން ޖަހާފައިވާ ރީތި ހިންދީ ލަވައެއްގެ އަޑު ކޮޓަރިތެރޭގައި ގުގުމަމުން ދިޔައެވެ. މިކްޔަލްއަކީ ބާރަށް ލަވަޖެހުމާއި މިޔުޒިކް އަޑުއެހުމަށް ފޯރި ހުންނަ ކުއްޖެއް ނަމަވެސް ހިންދީ ލަވައަށް އެއްވެސް ޝައުގެއް ހުންނަ ކުއްޖެއް ނޫނެވެ. އެހެން ކަމުން ފަރަހައަށް އޭނާގެ އަންހެން ދަރިފުޅުގެ ލެޕްޓޮޕުން ހިންދީ ލަވަ ޖަހާފައި ހުރިތަން ފެނުމުން ހައިރާން ކަމެއް ލިބުނެވެ. އަމުދުން މިކްޔަލް އާންމުކޮށް އަޑުއަހައިއުޅޭ ރޮކް މިޔުޒިކާ ހިލާފު ރާގެއްގެ ލަވައެއް އިވުމަކީ އޭނާއަށް ވަރަށް އާކަމެކެވެ.

ފަރަހަ މަޑުމަޑުން ގޮސް ދަރިފުޅުގެ މަގަތުން އެނދުގައި އިށީނދެލީއެވެ. މިކޮޓަރިއަކީ މިކްޔަލްއަށްޓަކައި، މިކްޔަލް އެދޭ ގަޔާވާ ކުލަތަކުން އޭނާ ތައްޔާރު ކޮށްފައިވާ ކޮޓަރިއެކެވެ. ކޮޓަރީގެ ފާރުތައް ސާފު ހުދުކުލައިން ހުރިއިރު ދޮރުފޮތިތަކާއި އެނދުގެ ކުލައަކީ ގަދަ ދަނބުކުލައާއި ހުދުކުލައެވެ. ލިޔާމޭޒާއި ގޮނޑިއާއި ކަފޭރާވެސް މެއެވެ. ބެޑްޝީޓާއި ބާލީހު އުރަތަކުގެ ކުލައަކީ ވަރަށް ހިތްގައިމު މަޑުމަޑު ދަނބުކުލަ އާއި ހުދުކުލައެވެ. އެނދާއި ދިމާއިން ފާރުގައި މިކްޔަލްގެ ޢުމުރުން ހަތަރު އަހަރުގައި ނަގާފައިވާ ރީތި ފޮޓޯއެއް ބޮޑުކޮށްފައި ހުއްޓެވެ. އެއީ މިކްޔަލްގެ އެންމެ ހަލަނި ދުވަސްވަރުގެ ހަނދާނެކެވެ. އެނދުގެ ސައިޑް ކަބަޑް މަތީގައި އެކިވަރުގެ ފުރޭމްތަކުގައި މިކްޔަލްގެ އެންމެ ތުއްތުއިރުގެ ފޮޓޯތަކާއި މަންމައާއި ބައްޕަގެ މެދުގައި ނެގިފައި ހުރި ދެތިން ފޮޓޯ ހުއްޓެވެ. މިކްޔަލް ބުނާގޮތުގައި ހެނދުނުވިޔަސް ކޮންމެ ވަގުތަކުވިޔަސް ނިދިން ހޭލެވޭއިރު މަންމަ އާއި ބައްޕަ ފެނުމަށްވުރެ އޭނާގެ ދުވަސް އުޖާލާވާ އޭނާގެ ހިތް އުފާވާނެ އެހެން ކަމެއް ނޯވެއެވެ.

ފަރަހަ ލޯބިން ފުރިފައިވާ ލޮލަކުން ދަރިފުޅަށް ބަލައިލިއެވެ. ސޯޅަ އަހަރުގެ މިއަންހެން ދަރިފުޅަކީ ފަރަހަގެ މުޅި ދިރިއުޅުމެވެ. މިދަރިފުޅާއި ނުލައި ހަޔާތުގެ އެންމެ ދުވަހެއްވެސް ވޭތު ކުރާނެ ހިތްވަރެއް އޭނާއަކަށް ނުލިބޭނެއެވެ. އެފަދަ ދުވަހެއް އަތުވެއްޖެނަމަ – އެހެން ހިތަށް އެރިޔަސް އޭނާ ތުރުތުރު އަޅައިގަނެއެވެ. ދުނިޔެމަތީގައި އޭނާގެ މިދަރިފުޅަށްވުރެ އަގުބޮޑު ލޮބުވެތި އެއްވެސް އެއްޗެއް އޭނާއަކަށް ނެތެވެ. އެއްވެސް ކަމެއްގައި އޭނާގެ ދަރިފުޅު ހިތުގައިޖެހި ރޮވިފައި ހުންނަތަން ދުށުމަކީ ފަރަހަގެ ހިތަށް ކުޅަދާނަވާނެކަމެއް ނޫނެވެ.

މިކްޔަލްގެ ރަތްދޮންކުލަ ފިޔަވައި އެހެން ހުރިހާ ސިފައެއް ވައްތަރީ ޝިވަންއާއެވެ. ތިމާ ލޯބިނުވާ ފިރިހެނެއްގެ ސިފަ ހުރި، އެފަދަ ފިރިއެއްގެ ދަރިއެއް ދެކެލޯބި ނުވެވޭނެއޭ މީހުންބުނޭ، "ގަހަށް ނެތް ލޯތްބެއް، ކުލުނެއް ފަތަކަށް ނުހުންނާނޭ، މީހުން ބުނޭ" މިބަހަކީ ކިހައިބޮޑު ދޮގެއް ހެއްޔެވެ؟ ޝިވަންއަކީ ފަރަހަގެ އަލަތު ފިރިމީހާކަން ޔަޤީނެވެ. އެހެން ނަމަވެސް އެއީ ފަރަހަ ލޯބިވި ފިރިހެނެއް ނޫނެވެ. އަދި އެފިރިހެންމީހާގެ ސިފަ ކިތަންމެ ރީއްޗަސް އެމީހާގެ ގައިގައި ފަރަހަ ލޯބިވާ ގޮތެއް ރުހޭ ފާޑެއްނެތެވެ. އެކަމަކު މިކްޔަލްއަކީ ފަރަހަގެ ހިތުގެ ހަމަޖެހުމެވެ. ފަރަހަގެ ފުރާނައާއި ނަފްސުގެ ދިރުމެވެ. ފިރިއަކާއި ނުލައި، ޒުވާން ޢުމުރުގެ ދުވަސްތައް ފަސޭހަކަމާއެކު ފަރަހަ ވޭތުކުރަނީ އޭނާގެ މިއަންހެން ދަރިފުޅުގެ އުފަލަށް ޓަކައެވެ.

ދަރިންނަކީ މާތްﷲ އިންސާނާއަށް ދެއްވާ ކޮންފަދަ ބޮޑު ނިޢުމަތެއް ހެއްޔެވެ. ކައިވެނި ކުރިއިރުވެސް އޭގެ ފަހުންވެސް ފަރަހަގެ ހިތާއި ނަފްސު ގޮވަމުން ދިޔައީ ޝިވަންގެ ދަރިއެއް ބޭނުން ނުވާ ވާހަކައެވެ. ޝިވަންދެކެ ލޯބި ނުވެވޭތީއެވެ. މާގަޔާ ނުވާ ފިރިއެއްގެ ދަރިއަކު ލިބެން ނޭދޭތީއެވެ. އެހެންނަމަވެސް – ކަލާނގެ ކުޅަދުންވަންތަކަން ކިހައިބޮޑު ހެއްޔެވެ. ކައިވެންޏަށް ހަމައެންމެ ތިންމަސް ވީތަނާ ބަލިވެއިނުމުން އެކަމާ ހިތާހިތުން ދެރަވީ ފަރަހަގެ ޚިޔާލާއި ފިކުރު، ބޮޑުވަމުންދިޔަ ބަނޑާއެކު މަޑުމަޑުން ދިޔައީ ބަދަލު ވަމުންނެވެ. އެންމެފަހުން މިދަރިފުޅު ވިހައިގެން، ފުރަތަމަ ތުއްތުތުއްތު ހަށިގަނޑުގެ މީރުވަސް ޖެހުނު ވަގުތު، މިއީ އޭނާ ލޯބިނުވާ މީހެއްގެ ދަރިއެއްކަމުގެ އެއްވެސް ފިކުރެއް ފަރަހަގެ ނެތެވެ. ޝިވަންއަކީ ކިތަންމެ ގަޔާނުވާ މީހަކަށް ވިޔަސް މިއަގުބޮޑު ލޮބުވެތި ހަދިޔާއަށްޓަކައި އޭނާ ޝިވަންއަށް ގަދަރުކޮށް އިހުތިރާމް ކުރެއެވެ.

މައިންގެ ހިތަކީ ދަރިންނަށްޓަކައި ލޯތްބާއި ކުލުނާއި އަސަރުން ފުރިފައިވާ އެއްޗެކެވެ. މައިމީހާ، ތިމާގެ މައިވަންތަކަމުގެ ދާވަނި ދަރިންނަށްޓަކައި ތަނަވަސް ކަމާއެކު ފަތުރާލުމަށްފަހު، އެދަރިފުޅަކަށް ދުނިޔޭގެ ހުރިހާ އުފަލަކާއި ހިތްހަމަޖެހުމެއް ލިބެއެވެ. މައެއްގެ ހިޔާވަހިކަން، އެދަރިއެއްގެ ބޯމަތީގައި ފެތުރިގެން ދިއުމަށްފަހު، އެއްވެސް އަނިޔާއަކަށް، އެއްވެސް ދިލަހޫނަކަށް ދުނިޔޭގެ އެއްވެސް ވޭނަކަށް އެދަރިއަކަށް ތުރާލެއް ނުދެވެއެވެ. މައިމީހާގެ އުނގަކީ ދަރީންނަށްޓަކައި ސަލާމަތާއި ރައްކާތެރިކަމާއި އަމާންކަމުގެ ގޮވައްޗެކެވެ. މިމަންމައާއި ދަރިފުޅުގެ މިގުޅުމަކީ މާތްﷲގެ އޯގާވަންތަކަމާއި ރަޙްމާންކަމުގެ ކޮންފަދަ ބޮޑު ހެއްކެއް ހެއްޔެވެ.

ފަރަހަ މަޑުމައިތިރިކަމާއި ލޯތްބާއެކު މިކްޔަލްގެ ހޭވިފައިއޮތް ފަށުވިކޮޅެއްފަދަ ކަޅުކަންގަދަ އިސްތަށިގަނޑު ރީތިކޮށްލިއެވެ. މަންމަގެ ފިރުމުން އިހުސާސްވެފައި މިކްޔަލް، ނިދީގައި "ހޫނ" އަޅުވާލުމާއެކު އިތުރަށް ބާލީހުގައި ބައްދައިލިއެވެ. ދަރިފުޅުގެ މިއާދަ ފެނިފައި ފަރަހަގެ ހިތް ފުރިގެން ދިޔައެވެ. މަޑުމަޑުން ގުދުވެ ދަރިފުޅުގެ ނިތްކުރީގައި އޭނާ ބޮސްދިނީ އަބަދުގެވެސް އާދައިގެ މަތިންނެވެ.

"ހޫނ .....މަންމާ....." މިކްޔަލް، ބާލީހުން ދޫކޮށްލުމަށްފަހު ފަރަހަގެ ފައިގެ ފަލަމަސްގަޑުގައި ބައްދައިލިއެވެ. ދަރިފުޅުގެ ބޯ ނަގާ ބާއްވައިލުމާއެކު މިކްޔަލް ކަންނެތް ގޮތަކަށް އެސްފިޔަ ތަޅުވައިލިއެވެ.

"މަންމާ.......ރީތި ހުވަފެނަކުން ހޭލައްވާލީނު........" ނިދި އަޑަކުން މިކްޔަލް ޝަކުވާ ކޮށްލިއެވެ. އަދި ތެދުވެ މޯޅިއަކަށް ދެމިލިއެވެ.

"މަންމަގެ ޕްރިންސަސް ހިންދީ ލަވަ އަޑުއަހަން ފެށީ ކޮންއިރަކު.......؟" މިކްޔަލްގެ މޫނަށް ބަލައިލުމަށްފަހު، ފަރަހަ އެނދުން ތެދުވެގެން ގޮސް ލަވައިގެ އަޑު މަޑުކޮށްލިއެވެ.

"މަންމަވެސް ހިންދީލަވަ އަޑުއަހަމެއްނު....." އެނދުން ފައިބާ، ދެއަތް ދަމާލަމުން މިކްޔަލް ހީނލިއެވެ.

"މަންމައަށް ހިންދީ ލަވަ ރީއްޗޭ.....އެކަމަކު މަންމަގެ ޕްރިންސަސް ވަރަށް ފޫހިވާ ކަހަލަ ލަވަތައް ރީތިވީ ކޮންއިރަކުކަން ނޭނގޭތީއޭ މިއެހީ........"

ފަރަހަ ދަރިފުޅުގެ ތަންމަތި ރީތި ކުރަން ފަށަމުން ވާހަކަ ދެއްކިއެވެ.

"ދަރިފުޅަކަށް ހިންދީ ނުވެސް އެނގޭވިއްޔަ.........."

"އެހުރިހާ ލަވަތަކުގެ ލިރިކްސް ހުންނާނެ........މާނައާއެކު ހުންނާނީ....އަސްލު ހާދަ ރީއްޗޭ...... މާނަ ނޭނގޭތީ ކުރިން ފޫހިވަނީ......." މިކްޔަލް ލެޕްޓޮޕް ނިވައިލަމުން ބުނެލިއެވެ.

"ދަރިފުޅުގެ ބައްޕަ ގުޅި...........މިސްވެގެންނޯ ......" ފަރަހަގެ ޖުމުލަ ނުނިމެނީސް، މިކްޔަލް މޭޒުމަތީގައި އޮތްފޯން ނަގައި ބަލައިލިއެވެ.

"އަޅެ..... ދެފަހަރަކު ގުޅާފައިވެސް އެބަހުރި....." މިކްޔަލް ތުންދަމައިލަމުން އަވަސްއަވަހަށް ބައްޕަގެ ނަންބަރަށް ޑަޔަލް ކޮށްލިއެވެ.

"މިކީގެ ލޯބިލޯބި ބައްޕާ.........ސޮރީ.......ފޯން މޭޒުމަތީގައި ބާއްވާފައި އޮށޯތީ........ އެހެން އޮއްވާ ނިދުނީ....."

މިކްޔަލް އުފާވެފައި ވާހަކަ ދައްކަން ފެށިއެވެ. ބައްޕައާއި ދަރިފުޅުގެ އެގާތް ގުޅުމަކީ ފަރަހަގެ ހިތްވަރާއި ވިސްނައިދިނުމުގެ ހެޔޮ ނަތީޖާއެވެ ޝިވަންއަކީ ކިތަންމެ ފަރުވާކުޑަ ފިރިއަކަށްވިޔަސް، ދިރިއުޅުމުގެ މާބޮޑު ވައްޓަފާޅިއެއް ނެތް، ޒިންމާ ނަގަން ނޭނގޭ ބައްޕައަކަށް ވިޔަސް، މިކްޔަލްއަށް ވަގުތު ދިނުމަށް، ދަރިފުޅާއި އޮންނަ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ނުކުރެއޭ ބުނާނެ ތަނެއް ނެތެވެ.

"މަންމާ..... ވަރަށް ބަނޑުހައި........" ބައްޕައާއި ވާހަކަ ދެއްކުމަށްފަހު ފޯން ކަނޑާލުމާއެކު މިކްޔަލް ކުސްޖަހައިލިއެވެ.

"ދަރިފުޅު މެންދުރު ނަމާދު ކުރިންތަ.....؟" ފަރަހަ، ގަޑި ބަލައިލުމަށްފަހު އަހައިލިއެވެ.

"މިހާރު ދޭއްޖަހަނީނު......މަންމައަށް ހީވޭތަ މަންމަގެ މިކީ ނަމާދުނުކޮށް ނިދަން އޮންނާނެހެން........." މިކްޔަލްގެ އާދަތަކާ ގޮތްގަނޑަކީ ފަރަހަގެ ތަރުބިއްޔަތުގެ ހަރުދަނާ ނަމޫނާއެކެވެ. އެއްވެސް ނަމާދު ވަގުތަކަށް ދަރިފުޅު ފަރުވާކުޑަ ވިޔަނުދޭން ފަރަހަ އަބަދުވެސް މަސައްކަތް ކުރެއެވެ.

"އެއީ މަންމަގެ ޕްރިންސަސްގެ އެންމެ ރަނގަޅު ކަމަކީ....." ފަރަހަ ބުނެލިއެވެ. "މަންމަ މިދަނީ ކާން ހަދަން...... ދަރިފުޅު މޫނާ އަތާއި ފަޔާ ދޮވެލައިގެން އާދޭ.........އިނގޭ......."

"ލަވްޔޫ މަންމާ.........." މިކްޔަލް މަންމަގެ ކޮލުގައި ބޮސްދެމުން މަންމަ ދިއްކޮށްލި ތުވާލި އަތުލިއެވެ. އަދި ދުވެފައިގޮސް ފާހާނާއަށް ވަދެއްޖެއެވެ.

ކާމޭޒުމަތީގައި ތަށިތައް ބެހެއްޓުމަށްފަހު، ފަރަހަ މެންދުރަށް ކެއްކި ބަތާއި ތަރުކާރީއާއި ގެރިމަހު ރިހަ ތަށިތަށްޓަށް އަޅަން ފެށިއެވެ. ކޮންމެ އިރެއްގެވެސް ކެއުމަށް ޞިއްޙަތަށް ފައިދާ ހުރި، ރަހަ ރަނގަޅު ތަކެތި ތައްޔާރު ކުރުމަކީ ފަރަހަ އުފަލާއެކު ކުރާ ކަމަކެވެ. ތާޒާ މޭވާގެ ޖޫހާއި ފިނިކިރާއި ކޮންމެވެސް ކަހަލަ ފަތު ސަޓަންޏެއް ނުވަތަ ރޯމޭވާގެ ސަޓަންޏެއް ކާމޭޒުމަތީގައި ބެހެއްޓުމަކީ ފަރަހަ ފަރުވާތެރިކަމާއެކު އެކަމަކަށް ސަމާލުވާ ކަމެކެވެ.

ފަނަރ މިނިޓަށްވުރެ ގިނައިރުވެގެން ދިޔައިރުވެސް މިކްޔަލްގެ ހަބަރެއް ނުވުމުން ފަރަހަ އަނެއްކާވެސް ކާކޮޓަރިން ނުކުމުގެން މިކްޔަލްގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. މިކްޔަލްއަކީ ބަނޑުހައިވެއްޖެނަމަ، އެހެން އެއްވެސް ކަމަކާ އުޅޭހިތްނުވާ، ކުއްޖަކަށް ވީއިރު، މިއަދު މިހާ ލަސްވަނީ ކީއްވެގެން ބާވައެވެ.

ކޮޓަރީގެ ދޮރު ކައިރިއަށް ހުއްޓިލުމާއެކު ފަރަހަގެ ކަންފަތް ސަމާލު ކުރުވީ މިކްޔަލްގެ ހެވިފައިވާ އަޑެވެ. އެތެރެއަށް ވަނުމުގެ ބަދަލުގައި ފަރަހަ ދޮރުކައިރީ މަޑުކޮށްލީއެވެ.

"އަޞްލު ވަރަށް ބަނޑުހައި..... އެކަމަކުވެސް ކެއުމަށްވުރެ ތިއަޑު އަހާހިތްވެއޭ........." މިކްޔަލް ކޮންމެވެސް މީހަކާ ވާހަކަ ދައްކަނީއެވެ.

"އޯކޭ.........އޯކޭ.....މިކީ ބަސްއަހާނަމޭ......އަމުދުން ތީ ސްޕެޝަލް ފްރެންޑެއް.....މިދަނީ ކާން.....ކައިގެން އައިސް ގުޅާނަން....."

ފަރަހަގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އޭނާ، މޭގެ އެތިކޮޅެއް ކުޑަ ހިނދުކޮޅަކަށްވެސް ޝައްކު ކުރެވުނީތީ އޭނާ އަމިއްލަ ނަފްސުދެކެ ރުޅިއަތުވެއްޖެއެވެ. މިކްޔަލްއަކީ ރަށްޓެހިންގިނަ ކުއްޖެކެވެ. ސެކަންޑްރީ ސްކޫލެއްގެ ދަރިވަރެކެވެ. ސްކޫލަށް ދާން ފިޔަވައި އެއްވެސް ކަމަކު ގެއިން ބޭރަށް ދިއުމަށް ފޫހިވާ އަންހެން ދަރިފުޅު ފޯނުން ރައްޓެހިންނާއި ވާހަކަ ދެއްކުމަކީ އެހާ ބޮޑަށް ފާރަލާ ހުރެ އަޑުއަހަންޖެހޭ ވަރުކަމެއް ހެއްޔެވެ.

ފަރަހަ ހިތާހިތުން އަމިއްލަ ނަފްސަށް އެއްޗެހިގޮވަމުން ދޮރުހުޅުވައިލިއެވެ.

"ދަރިފުޅަށް ލަސްވެގެން މަންމަ މިއައީ......" ފަރަހަ، މިކްޔަލްއަށް ބަލައިލަމުން ބުނެލިއެވެ.

".......މި....މީ...މިކީގެ ފުރެންޑަކު ގުޅީ........" މިކްޔަލް ކުޑަކޮށް ހާސްވިހެން ފަރަހައަށް ހީވި ނަމަވެސް ހަމަ ދެވަނަ ހިނދުކޮޅު އެއީ ކުށްހީއެއްކަން އިޙްސާސް ކުރެވުނެވެ. "ރަށްޓެހި ކުދިންވެސް ވަރަށް ހެއްވާ ވާނެ.......އެމީހުން ބޭނުން އިރަކު ވާހަކަ ދައްކަން ގުޅާނީ......ކައިގެން އައިސް ގުޅާނަމޭ ބުނީމާ ބޭއްވީވެސް....."

"މާ ގާތް ރައްޓެއްސެއްތަ؟" ފަރަހަ ތަހުގީގީ ލޮލަކުން ދަރިފުޅުގެ ދެލޮލަށް ބަލައިލަމުން އަހައިލިއެވެ.

"އުނހު....ނޫން.....އެއީ މިކީއަށް ހިންދީ ދަސްކޮށްދޭ ކުއްޖާ........އެހެންވެ އޭނާއާ ތަންކޮޅެއް ގާތްކޮށް ވާހަކަ ދެއްކެނީ...." މިކްޔަލް ބުނެލިއެވެ. "މަންމަ ތިހެން ތިއެހީ ކީއްވެ.....؟"

"މަންމަ އަބަދުވެސް ބުނަމެއްނު.......ދަރިފުޅު އެއްވެސް ގޯސްކަމެއް ކޮށްފާނެތީ މަންމަ ހިތްބިރު ނުގަތަސް ޒަމާނާއި ވަގުތުދެކެ މަންމަ ޖެހިލުންވެއޭ...." ފަރަހަގެ ހިތް އަބަދުވެސް ހާސްކުރުވާ ފިކުރަކީ އެއީއެވެ.

"މަންމަގެ ޕްރިންސަސްއަށް މަންމަ އެހާ އިތުބާރު ނުކުރަންތަ.....؟" މިކްޔަލް، ތުންފިއްތައިލިއެވެ.

"މަންމަ އިތުބާރު ނުކުރަނީ ދަރިފުޅަކަށް ނޫނޭ......އެކަމަކު ޒަމާނާއި ވަގުތަށް.........." ފަރަހަ، ދަރިފުޅުގެ ބޮލުގަ ފިރުމައިލިއެވެ.

"އަދި ދަރިފުޅަކީ މޮޔަ ނުވިސްނޭ ކުއްޖެއް – ތި އުމުރަކީ ވިސްނާނުލައި ވަރަށް ބޮޑެތި ކުށްހެދޭ އުމުރެއް، މަންމަގެ ހިތް ނުތަނަވަސްވަނީ އެހެންވެ......"

"މީ މަންމަގެ މިކީއޭ.....މަންމަގެ ޕްރިންސަސްއޭ....މިކީ އެއްވެސް މޮޔަކަމެއް ނުކުރާނެ ......." މިކްޔަލް ލޯބިވެތި އަދާއަކާއެކު މަންމަގެ ކަދުރާގައި އަތްހާކައިލިއެވެ. "މިކީ ދުވަހަކުވެސް މަންމަ ހިތުގައި ޖެހޭވަރުގެ، މަންމަ ލަދުގަންނަވަރުގެ އެއްވެސް ކަމެއް ނުކުރާނަން. އެފަދަކަމެއް ކުރެވިއްޖެނަމަ މިކީ އަމިއްލައަށް މަރުވާނަން. ޕްރޮމިސް........"

"އޭ... ދަރިފުޅާ....!" ފަރަހައަށް ހަޅޭއްލަވައި ގަނެވުނެވެ. ދެލޯ ބޮޑުކޮށްފައި، ދަރިފުޅުގެ ދެކޮނޑުގައި ހިފާ ތަޅުވައިގަންނަމުން އޭނާ ބާރަށް ވާހަކަދެއްކިއެވެ. "ސުންޕާބަސް ދުލުން ނުބުނޭ..........މަންމަ މާފުނުކުރާވަރުގެ ކުށެއް މަންމަގެ ތިދަރިފުޅަކަށް ނުކުރެވޭނެ......."

މިކްޔަލްގެ ދުލުން ‘މަރު’ މިލަފްޒު ކިޔުމަކީ ފަރަހަގެ ހިތް ފިތިގެންދާވަރުގެ ކަމެކެވެ. އެއީ އޭނާގެ ދުނިޔެ ލޫޓުވައިލެވުން ފަދަ ކަމެކެވެ. އޭނާގެ މިދަރިފުޅު އެގޮތަށް އޭނާއާއި ވަކިވުމަށް އޭނާ ހިތަށް އަރުވާލަން ކީއްކުރަން ހެއްޔެވެ. އެއީ ހުވަފެނެއްގައިވެސް ވުމަށް އޭނާ ނޭދޭ ކަމެކެވެ.

"އޮހްހޯ – މިކީގެ މޮޔަ މޮޔަ މަންމާ......" ފަރަހަގެ ފިނިވެފައިވާ ދެއަތުގައި ހިފަމުން މިކްޔަލް ހީނގަތެވެ. "މަންމަ މިކީ ދެކެ ލޯބިވާވަރު ބަލައިލަންވެސް އެއްޗެއް ބުނެވޭކަށް ނޯންނާނެ – އޯކޭ – ދެނެއް އެކަހަލަ އެއްޗެއް ނުބުނާނަން........"

އެއީ ފަރަހައާއި ފަރަހަގެ އަންހެން ދަރިފުޅުގެ ގާތްކަމާއި ލޯބިވެތިކަން އޮތްވަރެވެ. މިކްޔަލްއަކީ ފަރަހައަށްޓަކައި ހަޔާތުގެ ހުރިހާ މާނައެއް ހިމެނިގެންވާ ރީތި ޅެމެއް ފަދައެވެ. އަމިއްލަ އުއްމީދުތަކާއި ކުޑައިރުގެ ސީދާ ނުކުރެވުނު ހުވަފެންތަކަށް އަސްލު ކުލަގެނެސް ދިނުމަށް ފަރަހަ މިކްޔަލް ކުރެން އެދެނީ ސަބަބެއް ނެތިއެއް ނޫނެވެ. މިކްޔަލްއަކީ ކާމިޔާބު، މޮޅު އަންހެނަކަށް ވުމަކީ އޭނާ، މިދަރިފުޅު ވިހޭއްސުރެ އުއްމީދުކުރާ ކަމެކެވެ.

އިރެއްގައި ފަރަހައަކީ ބޮޑު ވިޔަފާރިވެރިއަކަށް ވުމުގެ ފޮނި ހުވަފެންތަކެއް ދުށް އަންހެނެއް ނަމަވެސް ފުރާވަރުގެ މޮޔަކަމާއި ޅަކަމުގެ ތެރެއިން، އަމިއްލަ އުންމީދުތައް ނަގައިލުމުގެ ކުށް ކުރެވުމުގެ ސަބަބުން، އޭރުގެ ފޮތްތަކުގައި "މައި އެންބިޝަން" ގެ ދަށުން ލިޔެފައި ހުރި ފޮނިބަސްތައް ހަމައެކަނި ފޮތްތަކުގައި ހުރި ފްލޯކު ބަސްތަކަކަށްވެ، ހިތަށްވެސް އަރާފައި ނެތް ގޮތަކަށް ދިރިއުޅުމެއް ފަށައި، ހިތުގެ އެތަކެއް ވާހަކަ، ހިތުގައި ވަޅުޖައްސައިގެން ހަޔާތުގެ މަގުގައި ހިތްވަރާއެކު ކުރިއަށް ދަނިކޮށް ލިބުނު އަންހެން ދަރިފުޅު، އޭނާއަށްޓަކައި އުއްމީދުގެ އަލިގަދަ ހުޅުކޮޅަކަށް ވާނެ ނޫން ހެއްޔެވެ. ހަމަ އެހެންމެ، ތިމާގެ ފިޔަވަޅުތައް ކަސިޔާރުވެގެންދިޔަ ހަނދާންވެސް އޭނާ ހުރޭމެއެވެ.

ފަރަހައަކީ ހަރުދަނާ، ހިންގުންތެރި އަންހެނެކެވެ. ތިރީސް ފަސް އަހަރުގެ ފަރަހައަކީ ފުރިހަމަ ރީތި އަބުރުވެރި އަންހެނެއްކަމުން، މީހުންގެ ގަދަރާއި ލޯބި ލިބިފައިވެއެވެ. ރަށުގެ ކަމުވޮށިގެންވާ އާއިލާއެއްގެ އަންހެން ދަރިއަކަށް ވުމުގެ އިތުރުން، ރަށުގެ އެންމެ ގަދަރުވެރި އެއް އާއިލާއެއްގެ ފިރިހެން ދަރިއަކާ ކައިވެނިކުރުމުން އޭނާއަށް ލިބުނު އިހުތިރާމް ބޮޑެވެ. އަމުދުން އެކައިވެނި ރޫޅުމަށްފަހު، ފަރަހަގެ ފަރާތުން ފެނިގެންދިޔަ އަބުއި މިޒާޖާއި، ހިންގުންތެރި އުޅުމާއި، އަބުރުވެރި ގޮތްގަނޑަކީ، މުޅި ރަށުގައިވެސް ޝަޒްނާއަށް އިތުބާރު ހިފޭ ހިތްވަރުގަދަ މާތް އަންހެނަކަށް ރަށުގެ މީހުން ގަބޫލުކޮށް ފާހަގަކޮށް، ބަލައިގަތް، ކަންތައްތަކެވެ.

ދުވާލުގެ ގިނަވަގުތު ބުރަ މަސައްކަތުގައި، ހޭބޯނާރާ، އޮފީހެއްގެ ޒިންމާ އަދާކުރަމުން ދިޔަ ނަމަވެސް، ދަރިފުޅަށް އެންމެ އެދެވޭ ރަނގަޅު ތަރުބިއްޔަތު ދިނުމުގައި ފަރަހަ ފަރުވާކުޑަ ނުކުރެއެވެ. މިކްޔަލްގެ ޢުމުރުން ފަސް އަހަރުން ފެށިގެން ފެށިގެން، ބައްޕައަކާއި ނުލައި، ފަރަހަ ދަރިފުޅު ބަލާބޮޑު ކުރަމުން ދަނީ ކިތަންމެ އެކަނި ނަމަވެސް، އެއްވެސް ކަމަކުން ދަރިފުޅަށް އުނިވިޔަނުދީ، އެ ދަރިފުޅުގެ ކަންތައް ވީއެންމެ ފުރިހަމައަކަށް ކުރެވޭތޯ ފަރަހަ މަސައްކަތް ކުރެއެވެ. އެންމެ ފުރަތަމަ ފިރިއަކާއި ނުލައި، ދަރިއަކު ގޮވައިގެން ދިރިއުޅުމަކީ ކިހައި ބުރަ އުނދަގޫ ކަމަކަށް ފަރަހައަށް އިހުސާސްވި ދުވަސްތައް ފާއިތުވެއްޖެއެވެ. އޭނާ ފަދަ ރީތި ޒުވާން އަންހެނަކު، ކައިވެންޏަކާ ނުލައި، އަބުރުވެރި ހަޔާތެއް ވޭތު ކުރުމަކީ ފަސޭހަކަމެއް ނޫނޭ ނުވަތަ ގަބޫލު ކުރެވޭނޭ ކަމެއްނޫނޭ ބަޔަކު ބުނެފާނެއެވެ.

އެކަމަކު ހަގީގަތަކީ އޭނާ އެދޭ ފިރިއެއް ނުލިބުނު ހިސާބުން ފެށިގެން، އަނތްބެއްގެ ގޮތުގައި އިނުމަށްވުރެ، އޭނާގެ ހިތަށް އަދި ނަފްސަށް ވެސް ފަސޭހަ ގޮތަކީ އެކަނިވެރި ހަޔާތެއް ވޭތުކުރުން ކަމެވެ. އަމުދުން، މިކްޔަލް ލިބުމަށްފަހު، އޭނާ ދުނިޔެމަތިން އެ ނޫން އެއްވެސް އުފަލެއް ބޭނުން ނުވެއެވެ. ފަހަރެއްގައި ކޮންމެވެސް ދުވަހަކުން ހިތްއެދޭ – އިންތިހާއަށް ލޯބިވެވުނު، އެމީހެއް މަތިން ދުވަހެއްގައި ވެސް ހަނދާން ނައްތައިނުލެވުނު މީހާ އެ މީހާއާއި ބައްދަލުވެއްޖެނަމަ –ފަރަހަ އަނތްބަކަށް ވާން ބޭނުން ވެދާނެއެވެ. އެކަމަކު އެދުވަހަކުންވެސް އޭނާ، މިކްޔަލް ފަހަތަށް ޖައްސާލާފައި، އެމީހާއަށް އިސްކަމެއް ނުދޭނެއެވެ.

ކޮންމެ ރެއެއްގެވެސް އާދައިގެ މަތިން، ދިހައެއް ޖެހުމުން، ފަރަހަ ކިރުތަށްޓެއް ހިފައިގެން މިކްޔަލްގެ ކޮޓަރިއަށް ގޮސް ވަދެއްޖެއެވެ. އެހެން ރޭތަކާއި ޚިލާފަށް، މިކްޔަލް ނިދާފައި އޮތްތަން ފެނުމުން ފަރަހައަށް ގަޑި ބަލައިލެވުނެވެ. އޭނާއަށް ލަހުން އާދެވުނީކަމަށް ހީވެފައެވެ. އެކަމަކު އަދިކިރިޔާ ހަމަ ދިހައެއް ޖެހީއެވެ. އެހެން ރޭރޭ މަންމަގެ ނާނާއިން ނޫނީ ނުނިދޭ ދަރިފުޅު އެ ގޮތަށް އެކަނި އޮވެ ނިދިފައި އޮތުމުން ފަރަހަގެ ހިތަށް ތަދުވިއެވެ. އެ ވާނީ ތަންކޮޅެއް ވަރުބަލިވެފައި ހުރުމުން އޮށޯވެލީމައި ނިދުނީކަމަށެވެ. ފަރަހަ އަމިއްލަ އަމިއްލައަށް ހިތްހަމަ ޖައްސައިލީއެވެ. މިއަދަކީ ބަންދު ދުވަހެއް ކަމުން ދުވާލު ހަތަރުދަމު މިކްޔަލް، ފަރަހައާ އެކު ގޭތެރޭގެ ކަންތަކުގައި އުޅުނެވެ. އެހެންވީމާ، ބުއްތަށި ބޮއިގެން މަންމަގެ އުނގުގައި އޮވެ ނިދުމަށް މަޑު ނުކުރެވުނީއެވެ.

މަތިޖަހާފައި ހުރި ކިރުތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު، ފަރަހަ މިކްޔަލްގެ އެނދާއި ކައިރިއަށް ގޮސް މަޑުކޮށްލީއެވެ. މަޑު އޮރެންޖް ކުލައެއްގެ ނިދާ ހެދުމެއްގައި، އަބަދުވެސް އާދައިގެ މަތިން އެއްފައި ކުރުކޮށްލައިގެން ބޮޑު ބާލީހުގައި ބައްދާލައިގެން ނިދަން އޮތް ދަރިފުޅުގެ ކަންފަތުން ނެއްޓިފައި އޮތް ހެޑްސެޓް ފަރަހަގެ ނަޒަރުން ކައްސައެއްނުލިއެވެ.

ޝަޒްނާގެ ތުންފަތްމަތިން ހިނިތުންވުމެއް ފެނިގެން ދިޔައީ ދަރިފުޅުގެ މި އާ ގޮތްގަނޑު ފެނުމުންނެވެ. އޭނާގެ އަންހެން ދަރިފުޅު ފޯނުން ލަވައަޑުއަހަން އޮވެ ނިދުނީއެވެ. ދަރިފުޅުގެ ކައިރީގައި އޮތް ފޯނުގެ ޑިސްޕްލޭ އޮންކޮށް ބަލައިލުމުން އޭނާއަށް ފެނުނީ އެއިން ލަވަޖަހާފައި އޮތްތަނެވެ. އެހެން ރޭރޭ އެ ލަވަތައް ކިޔައިދެނީ ފަރަހައެވެ. މިރޭ ފަރަހަ އަންނަންދެން ފޯނުން އެ ލަވަތައް އަޑުއަހަން އޮވެ މިކްޔަލްއަށް ނިދުމަކީ، އޭނާގެ އަންހެން ދަރިފުޅު ބޮޑުކުއްޖަކަށް ވީފަހުން، އަމިއްލައަށް ކަންތައްތައް ކުރުމަށް މަސަތްކަތް ކުރާކަމުގެ ހެތްކެކެވެ.

މިކްޔަލްގެ ކަންފަތުން ނެއްޓިފައި އޮތްހެޑްސެޓް ނަގައި، ފޯނާއި ހެޑްސެޓް މިކްޔަލްގެ ބޯލާކޮޅުގައި ބޭއްވުމަށް ފަހު، ރަޖާގަނޑަކުން މިކްޔަލްގެ ހަށިގަނޑު ފޮރުވައިލުމާއެކު ފަރަހަ، ދަރިފުޅުގެ ނިތްކުރީގައި މަޑުމަޑުން ބޮސްދިނެވެ. އަދި އެނދާއި ދިމާއިން ފާރުގައި ހުރި ސުވިޗްތަކުން، ކޮޓަރީގެ ބޮކި، ނިދާބޮތްކަކަށް ބަދަލު ކުރުމަށްފަހު، ފަރަހަ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

ކޮޓަރިން ނިކުންނަމުން އަދިވެސް އެއްފަހަރު ފަރަހަ އެނބުރި ދަރިފުޅަށް ބަލައިލިއެވެ. އޭނާގެ ދަރިފުޅު ކިހައި ލޯބި ހެއްޔެވެ. ކިހައި އުފާވެރި ހެއްޔެވެ. ނިދީގައި ވެސް މިކްޔަލް އޮތީ ހެވިފައެވެ. އެމައުސޫމް މޫނުމަތީގައި ދުނިޔޭގެ އެއްވެސް ފިކުރެއް ހިތާމައެއް ނެތެވެ. އެއީ އޭނާގެ މުޅި ދުނިޔެއެވެ. މިކްޔަލްގެ އެނޫން އެހެން މޫނެއް ފެންނަ ފަދަ ދުވަހެއް ނުދައްކަވާށިއެވެ. އަބަދުވެސް މި ދަރިފުޅު އުފަލުގައި ލަހައްޓަވާށިއެވެ. ފަރަހަ ހިތާހިތުން ދުއާ ކުރިއެވެ.

*************** ******************

އާދައިގެ މަތިން ، އޮފީހުން އައިސް ގެއަށް ވަނުމާއެކު، ފަރަހަ މިކްޔަލްގެ ކޮޓަރިއަށް ދިޔައީ ، ސިޓިންގރޫމްގައި އެހެން ދުވަސްތަކުގެ މި ގަޑީގައި އިންނަ ދަރިފުޅު ފެންނަން ނެތުމުންނެވެ. ކޮޓަރީގެ ދޮރު ހުޅުވައިލުމާއެކު ފަރަހައަށް ފެނުނީ އޭނާގެ ދަރިފުޅު، ކޮންމެވެސް މީހަކާއި ފޯނުން ވާހަކަ ދައްކަން އެނދުގައި ހުރަހަށް އޮތްތަނެވެ. މިކްޔަލް އޮތީ ލޯމަރާލައިގެން، ހެޑްސެޓް އަޅައިގެންކަމުން އޭނާ ދޮރުހުޅުވައިލާފައި އެތެރެއަށް ވަންއިރު ވެސް އެކަމެއް މިކްޔަލްއަކަށް ނޭނގުނެވެ.

"މިކީގެ މަންމައަކީ ތިހީކުރާ ވަރަށްވުރެ މާއަންޑަސްޓޭންޑިން މީހެއް......." މިކްޔަލް އެ ވާހަކަ ދައްކަނީ ކާކާބާވައެވެ. ފަހަކަށް އައިސް އެ ގޮތަށް ގިނައިރު ފޯނުގައި މިކްޔަލް އޮންނާތީ ފަރަހަގެ ހިތުގައި ކޮންމެވެސް ވަރަކަށް ނުތަނަވަސްކަން އުފެދެން ފަށައިފައިވެއެވެ.

"ދަރިފުޅާ........" އޭނާގެ އަޑު އިވިފައި، މިކްޔަލް ސިހިފައި ބަލައިލިއެވެ.

"އޯހް....މަންމަ އައިކަމެއް ނުވެސް އެނގޭ...." މިކްޔަލް ފުންމައިގެން ތެދުވިއެވެ. "މި ވަގުތު ބާއްވަނީ..... އިނގޭ.... މިކީގެ މަންމަ އަތުވެއްޖެ....." މިކްޔަލް އަވަސްއަވަހަށް ފޯން ކަޑައިލިއެވެ.

"ކާކުގެ ފޯނެއް....؟" އެނދުގައި އިށީންނަމުން ފަރަހަ ދަރިފުޅަށް ބަލައިލިއެވެ.

(ނުނިމޭ)