ޚަބަރު

ސައްހަ މައުލޫމާތު ދެނެގަނެ ފެކްޓްޗެކް ކުރާނެ ގޮތުގެ ވޯކްޝޯޕެއް އެމްޖޭއޭއިން ބާއްވަނީ

މުހައްމަދު އިޝާން

ސައްހަ ނޫން މައުލޫމާތު ދެނެގަނެ، ފެކްޓް ޗެކްކުރާނެ ގޮތުގެ ވޯކްޝޮޕެއް ބޭއްވުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނިންމައިފިއެވެ.

އެމްޖޭއޭއިން އިއްޔެ ބުނީ، ނޫސްވެރިންނަށް ހާއްސަކޮށްގެން ބާއްވާ އެ ވޯކްޝޮޕަކީ ޔޫރަޕިއަން ކޮމިޝަންއިން ފަންޑުކޮށްގެން އިންޓަނިއުސް އާއި އެމްޖޭއޭ އަދި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)އާ ގުޅިގެން ކުރިއަށް ގެންދާ "ސްޓްރޯންގާ މީޑިއާ ތުރޫ އެންހޭންސްޑް ފްރީޑަމް އޮފް އެކްސްޕްރެޝަން އެންޑް، ރައިޓް ޓު އިންފޮމޭޝަން" (ޕީއީއެފްއެމް)" ޕްރޮގްރާމްގެ ދަށުން ހިންގާ ވޯކްޝޮޕެއް ކަމަށެވެ.

ފަސް ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ އެ ވޯކްޝޮޕްގައި އެކި ޕްލެޓްފޯމްތަކުން ފަތުރާ ސައްހަ ނޫން މައުލޫމާތު ދެނެގަންނާނެ ގޮތްތަކާއި އެފަދަ މައުލޫމާތު އާންމުންގެ ސަމާލުކަމަށް ގެންނަން ފެކްޓްޗެކް ކުރާނޭ ގޮތާ ގުޅޭ ގޮތުން މައުލޫމާތުދީ ފެކްޓް ޗެކިންގެ ކޯސްތައް ހިންގާނޭ ޓްރެއިނަރުން ތަމްރީނުކުރާނެކަމަށް އެމްޖޭއޭއިން ބުންޏެވެ.

"ވޯކްޝޮޕްގައި ކިޔަވައިދޭނީ މި ސަރަހައްދުގެ ފެކްޓް ޗެކިންނާ ގުޅޭ ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ބޭފުޅުން. މި ވޯކްޝޮޕްގައި 10 ފަރާތަކަށް ފުރުސަތު ދޭނެ. ބޮޑަށް އިސްކަން ދޭނީ ނޫސްވެރިންނަށް" އެމްޖޭއޭއިން ބުންޏެވެ.

އެމްޖޭއޭއިން ބުނީ، ވޯކްޝޮޕް ބޭއްވުމުގެ އިތުރުން މީޑިއާތަކުގެ ނިއުސް ރޫމްތަކުގައި ފެކްޓްޗެކިންއާ ގުޅޭ ފަންނީ ގާބިލުކަން އިތުރުކުރުމަށް ޓްރޭނިންތަކާއި ހަރަކާތްތައް ހިންގާނެ ކަމަށެވެ. އެގޮތުން ނިއުސްރޫމެއްގައި ފެކްޓް ޗެކިން އިންކުއުބޭޓާއެއް އުފެއްދުމަށް ފަންނީ އެހީ އަދި މާލީ އެހީ ދިނުމަށް ރޭވިފައިވާކަމަށް އެމްޖޭއޭއިން ބުންޏެވެ.

އެ ވޯކްޝޮޕްގެ ބޭނުމަކީ ސައްހަ ނޫން މައުލޫމާތު ފެތުރުން ހުއްޓުވައި އެފަދަ ކަންކަމަށް އާންމުން ހޭލުންތެރި ކުރަން ނޫސްވެރިންގެ ގާބިލުކަން އިތުރު ކުރުންކަމަށް އެމްޖޭއޭއިން ބުންޏެވެ. އެފަދަ ވޯކްޝޮޕެއްގެ ސަބަބުން ރާއްޖޭގައި ފެކްޓް ޗެކިންގެ ދާއިރާ ފުޅާކުރަން ބާރަކަށް ވާނެ ކަމަށް ވެސް އެމްޖޭއޭއިން ބުންޏެވެ.

އެމްޖޭއޭއިން ބުނީ، އެ ވޯކްޝޮޕަކީ ފެކްޓްޗެކިންގެ ދާއިރާ ރާއްޖޭގައި ކުރިއަރުވައި ނޫސްވެރިންގެ ގާބިލުކަން އިތުރުކުރަން ކުރިއަށް ގެންދާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމަށެވެ.