ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 52

2

"ނަހީކަށް ނޭނގޭނެ. ވަރަށް ގިނަ ދުވަހު މިތާ ހުރެވިއްޖެއްނު" ބެގަރީ ބުނެލީ އެވަރަށެވެ. އެއްވެސް ވާހަކައެއް ކިޔައިނުދޭން ވިލިނީ އޮތީ ބެގަރީ ކައިރީގައި ބުނެފައެވެ. ފުލުހުން މެދުވެރިކޮށް ހުރިހާކަމެއް ޝާހްބާޒަށް އެންގުމަށްފަހު ސުވާލެއް ކުރިއްޔާ ނޫނީ އެއްވެސް ވާހަކައެއް ބެގަރީ ކިޔައިނުދޭނެއެވެ.

******

އަލަތު ކައިވެނީގެ ހުރިހާ ކަމެއް ވަރަށް ފުރިހަމައަށް ގެންދަން ބޭނުންވިޔަސް ކަންތައްތައް ހުރިގޮތުން ރިންދާއަށް ބޭނުންވާ ވަގުތެއް ނުލިބުނެވެ. ރަންކިޔާ ދުވަހަށްވެސް ރިންދާ އެތައް އުންމީދެއް ކުރިއެވެ. ރީތި ހެދުމެއް ފަހައި ހަނދާނުން ފޮހެނުލެވޭނެ އެތައް ކަމެއް ސިކުނޑީގައި ރިންދާ ރޭވިއެވެ. އެހެންނަމަވެސް ރަންކިޔަންވެސް މިޖެހުނީ ވަރަށް ސިއްރުވެރިކޮށެވެ. ލޯގަނޑު ކުރިމަތީގައި ތައްޔާރުވާން ހުރިއިރު ރިންދާގެ ހުރިހާ ރުޅިއެއް އަމާޒުވީ އެވަގުތުވެސް ނަހީކަށެވެ.

ދޮރުގައި ޓަކިޖަހާލި އަޑު އިވުމާއެކު ރިންދާ ގޮސް ދޮރުހުޅުވިއެވެ. ދޮރުމަތީގައި ހުރީ ނަހާއެވެ. ރިންދާ ފަދައިން ތައްޔާރުވެގެނެވެ.

"ކީއްތިކުރަނީ؟ ހުރިހާ މީހުން ހަމަވެއްޖެ" ނަހާ ބުންޏެވެ.

"މިހެދުން ބާހެން ހީވޭތަ؟ ހެދުމެއް ފަހާލާނެ ވަގުތެއްވެސް ނުވީ" ރިންދާ ބުންޏެވެ.

"ތިހެދުން ރީތި. ތިއީ އެންމެ ފަހަރަކު ލާފަ ބޭއްވި ހެދުމެއްނު. ދެން އާދޭ" ރިންދާ އަތުގައި ހިފައިގެން ނަހާ ނުކުތެވެ.

ނަހާ ބުނިހެން ބޮޑު ކޮޓަރީގައި ހުރިހާ މީހުން ހަމަޔަށް ތިއްބެވެ. ތަނަށް އުފާވެރި މާހައުލެއް ނަމަވެސް ތަނަށް ވެރިވެފައިވީ ހަމަހިމޭންކަމެވެ. އަޔާލްގެ އާއިލާގެ ފަރާތުން އައިސްތިބީ ބަރަކް އާއި ޖިލްވާ އެކަންޏެވެ.

ރިންދާ އަޔާލް ކައިރީގައި އިށީނުމާއެކު ހަފުލާ ފެށިއްޖެއެވެ. ކައިވެނީގެ ފޯމު ފުރުމާ ހަވާލުވެގެން ހުރީ ލައިދުއެވެ. ރަނަށް ކިއީ އަދަދު ލިޔަންޖެހޭ ހިސާބު އައުމާއެކު ލައިދު އަޔާލްއަށް ބަލައިލިއެވެ. އެހިނދު އަޔާލް ބޯޖަހާލިއެވެ.

"ރަނަކީ ކިހާވަރެއް؟" ލައިދު އެހިއެވެ.

"ހަތް ސަތޭކަ ހަތްދިހަ ހަތް ރުފިޔާ ހަތް ލާރި" ރިންދާ ކިއިއެވެ.

ނަހާ ރިންދާއަށް ބަލައިލިއެވެ. އަލަތު ކައިވެނި ކުރިއިރުވެސް ނަހާ ރަންކިއި އަދަދަކީ އެއީއެވެ. ދެވަނަ ކައިވެނީގަވެސް ކިއީ އެވަރެވެ. ރިންދާ އެވަރަށް ރަން ކިޔުމުން ނަހާއަށް ލިބުނީ ހައިރާންކަމެވެ. އެއީ ރަންކިޔާނެ އަދަދެއް ނަހާ ކައިރިން ރިންދާ ނާހައެވެ. ނަހާ ބަލައިލިތަން ފެނުމާއެކު ރިންދާ ހީލިއެވެ. ދެން ނަހާއަށް އެއް ލޯ މަރާލިއެވެ.

"މަރުހަބާ ދެކުދިން" ލޫކާއި ލައިދު އަޔާލްއަށާއި ރިންދާއަށް މަރުހަބާ ކިޔެވެ.

"ކޮބާ އަވަހަށް ކާން އަރަންވީނުން" ނަހާ ބުންޏެވެ.

ހުރިހާ ފިރިހެނުން އެއްތަށި މަތިން ކާންފެށި އިރު އެންމެ ރީތި މަންޒަރަކަށް ފެންނަމުން ދިޔައީ އަޔާލްގެ އުނގުގައި އިން ހައިބް އަޔާލްގެ ތަށިން ކާން އިން މަންޒަރެވެ. ދުވަސްތަކަށްފަހު އަޔާލް ގޭތެރެއިން ފެނުމުން އެކުއްޖާއަށް އީދެއް އައިސްފައިވި ކަހަލައެވެ. އަޔާލް ކައިރިން ދުރަށްވެސް ނުދެއެވެ.

މޭޒު ކައިރީގައި ހުރި ރިންދާ އަތުގައި އޮތް ނަހީކް ގުޅާ ފޯނު ރިންގުވާން ފެށުމާއެކު ރިންދާ ތެޅިގަތެވެ. އަވަހަށް ފޯނު ކަންފަތުގައި ޖަހައިގެން ހުރެ އެންމެންނާ ދުރަށް ޖެހިލިއެވެ.

"ވަރަށް ފަތިހާ ހޭލަން ޖެހޭތީ ނިދަން މިދަނީ ލަވް. ޒޭވާވެސް އަންކަލް އަންނާތީ ހިތްހަމަނުޖެހިފައި ހުރެ ރިސޯޓަށް ހިނގައްޖެ. ރިދާ ކައިރިއަށް ދާހިއްވަނީ. އެކަމަކު ކޮންމެހެންވެސް އަންކަލް ނަގަން އެއާޕޯޓަށް ދާންއެބަޖެހޭ" ނަހީކް ވާހަކަދެއްކިއެވެ. ނަހީކްގެ އުނދަގުލެއް ނުޖެހޭނެކަން އެނގުމުން ރިންދާއަށް ހަމަޖެހުމުގެ ނޭވައެއްލިއެވެ.

"އަންކަލް... އަންކަލެއް ހުންނަ ކަމެއް ނޭނގޭ ނުބުނަމެއްނު" ރިންދާ ބުންޏެވެ.

"އޯ ނުބުނެވޭ ދޯ. އެއީ ޒޭވާގެ ބައްޕަ. ޒަހީރު ކިޔާނީ. މީހުން އޭނަ ދަންނާނީ އެންތަނީގެ ނަމުން. ޒޭވާ ބަލައޭ ކިޔާފަ އެ އަންނަނީ" ނަހީކް ބުންޏެވެ.

ރިންދާގެ ސިކުނޑީގެ ކަނެއްގައި ކޮށްޓާލިހެން ހީވިއެވެ. ބޭރުގައި ހުރި މީހެއްގެ ވާހަކަ ބުނުމުން ހިތުގައި ޝައްކުގެ އޮށެއް އިންދުނެވެ.

"ބާއްވަނީ އިނގޭ ލަވް. ގުޑްނައިޓް. މާދަމާ ކޮންމެހެންވެސް ރިދާއަށް ޓައިމްކޮޅެއް ދޭނަން އިނގޭ. ލަވް ޔޫ" ނަހީކް ބުންޏެވެ.

ފޯނު ބޭއްވިގޮތަށް ރިންދާ ވިސްނާލިއެވެ. ދެން އަޔާލް އާ ދިމާލަށް ހިނގައިގަތެވެ. ނަހީކް އެދިން ހަބަރު ކޮންމެހެންވެސް އަޔާލްއަށް ދޭންޖެހޭނެއެވެ.

ކައި ނިމިގެން ފިރިހެނުންގެ ގްރޫޕް ބޮޑުކޮޓަރީ ސޯފާއަށް ޖަމާވީ އަމިއްލަ ވާހަކަތަކުގައި ޝާމިންލެވެގެން ތިބިއިރު އަޔާލް ގޮވައިގެން ވާހަކައެއް ދެއްކުމުގައި ތަންކޮޅެއް ދުރުގައި ރިންދާ ހުއްޓެވެ. މުހިންމު ވާހަކައެއްދައްކަން ޝާހް ބާޒް ކައިރީގައި ލޫކް ބުނި ހިސާބުން ފެށިގެން ޝާހްބާޒްގެ ހިތުގައި ނުތަނަވަސްކަމެއް ހިނގާލިއެވެ. ލޫކަކީ މީގެ ކުރިން ދިރިއުޅޭ މީހެއްކަންވެސް ޝާހްބާޒަށް ނޭނގޭ މީހަކަށްވި އިރު ލޫކަކީ ފުލުހެއްކަންވެސް އެނގުނީ ކެއުން ކުރިއަށްދިޔަ ވަގުތު ބަރަކް އާއި ލޫކާ ދެމެދު ދެކެވުނު ވާހަކައެއްގެ ތެރެއިންނެވެ. ކުއްލިއަކަށް ލޫކް ވާހަކައެއް ދައްކަން ބޭނުންވާ ވާހަކަ ބުނުމުން ޝާހްބާޒްގެ ހިތުގައި އެތައް ސުވާލެއް އުފެދިއްޖެއެވެ. އެހެންނަމަވެސް އެވާހަކައެއް އެނގެން ބޭނުންވެފައި ޝާހްބާޒް އިނެވެ.

ނަހާ އައިސް ޝާހްބަޒްގެ ކައިރީގައި އިށީނުމާއެކު ވާހަކަދައްކަން ވަގުތު ޖެހުނީކަން ލޫކަށް އެނގުނެވެ. ދިގު ސޯފާގައި ޝާހްބާޒްގެ ދެމަފިރިންނާއި ރިންދާ ތިބި އިރު ލޫކް އިނީ ވަކިން ހުރި ސޯފާގައެވެ. ދެމީހުންގެ ޖާގައިގެ ސޯފާގައި ބަރަކް އާއި ލައިދު އިންއިރު އަޔާލް ހުރީ ދެ ސޯފާގެ ދެމެދުގައި ކޮޅަށް ހުއްޓިގެންނެވެ. ވިލިނީ އާއި ޖިލްވާ ތިބީ ވަކިންނެވެ.

"އަޅުގަނޑު މިއުޅެނީ ވަރަށް މުހިންމު ވާހަކައެއް ދައްކަންވެގެން. އަޅުގަނޑަށް ކިޔަނީ ލޫކް ހަސަން" ލޫކް ވާހަކަދެއްކިއެވެ.

ލޫކް މަސައްކަތްކުރާ ތަނާއި ފުލުހެއްގެ ވަޒީފާގައިވި މުއްދަތު ބުނެދިނެވެ. އަދި އޭނާއަކީ ތަހުގީގުރާ އޮފިސަރެއްކަމާއި މިހާރުވެސް ބޮޑު މަރެއްގެ މައްސަލައިގެ ތަހުގީގު ފަށައިގެން އުޅޭ ކަމަށް ބުންޏެވެ. ތަނަށް ވެރިވެފައިވި ހިމޭންކަމުގެ ތެރެއިން ލޫކްގެ އަޑު ނޫން އެހެން އަޑެއް ނީވެއެވެ.

"އަޅުގަނޑުމެން އައިޝަތު ރަނީން ރިހާމްގެ މައްސަލަ އަލުން ތަހުގީގުކުރަމުން މިދަނީ" ލޫކް ބުންޏެވެ. ނަހާއަށް ލިބުނީ ހައިރާންކަމެވެ. ބަލައިލެވުނީ ރިންދާގެ މޫނަށެވެ. އެހެންނަމަވެސް ރިންދާގެ މޫނުމަތިން ހައިރާންކަމެއް ނުފެނެއެވެ.

"އެއީ ކިހިނެއްވެގެންތޯ؟ އަޅުގަނޑުމެންނަށް އަންގާފައި އޮތީ މައްސަލަ ނިމިއްޖެ ކަމަށް. އެއީ އަޅުގަނޑުމެންގެ ދަރިފުޅު އަމިއްލައަށް ކުރި ކަމެއް ކަމަށް. އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އެކަމަކުވެސް ތަހުގީގުކުރި ފަރާތްތަކުން އެގޮތަށް އަޅުގަނޑުމެންނަށް މައުލޫމާތު ދިނީމަ ދެން އެކަމުގަ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޯންނާނެނޫންތޯ. އަޅުގަނޑުމެން އުޅުނިން ދެތިން ތަނަށް ސިޓީލާންވެސް. އެކަމަކުވެސް އިތުރު ނަތީޖާއެއް ނުނިކުންނާނެތީ ހުއްޓާލައިގެން މިތިބީ. ކޮންމެގޮތެއް ވިޔަސް އެކުއްޖާ އަނބުރާ ނުއެއް އަންނާނެ. ހަމަ ޔަގީނުންވެސް ހައްގަށް އިންސާފު ލިބޭނެ ދުވަހެއް އަންނާނެ" އަސަރާއެކު ނަހާ ވާހަކަދެއްކިއެވެ. ނަހާގެ އަޑުން އެކަނިވެސް ދަރިއެއްގެ ކުއްލި މަރެއްގެ ސަބަބުން މައެއްގެ ހިތަށް ކޮށްފައިވާ އަސަރު ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައެވެ.

"އަޅުގަނޑުމެން ގަބޫލުކުރަން އެމަރުގެ ތަހުގީގު ގޮސްފައިވަނީ އެންމެ ރަނގަޅަކަށް ނޫންކަން. އެކަމުގަ އަޅުގަނޑުމެންގެ ތެރެއިންވެސް ވަރަށް ބޮޑެތި އިހުމާލުތަކެއް އެބަހުރި. އެކަމަކު އަލުން މިފެށީ ވަރަށް ގަދަކޮށް. އަޅުގަނޑުމެންނަށް ހެކިވެސް ލިބިއްޖެ. އަދި އެކަމުގަ ބައިވެރިވި މީހުންވެސް ތިބީ އަތުޖެހޭ ހިސާބު ކައިރީގަ. މާތްﷲ ގެ ވާގިފުޅާއެކު ކަންކަން ފަހިވެގެން އެދަނީ ހީވެސްނުކުރާހާ ފަސޭހައިން" ލޫކް ދިން މައުލޫމާތުތަކާއެކު ނަހާ އާއި ޝާހްބާޒް ހިތްއަވަސްވާ ގޮތް ވިއެވެ. އެކަމުގެ އަޑީގައި ތިބި މީހުން އެނގެން އެދެމަފިރިން ތެޅިފޮޅެން ފެށިއެވެ.

"ޕޯސްޓްމޯޓަމް ރިޕޯޓްވެސް ވަނީ ތިބޭފުޅުންނަށް އޮޅުވާލާފަ" ލޫކް ބުންޏެވެ.

ދެން އައި ވަގުތުކޮޅުގައި ޕޯސްޓްމޯޓަމް ރިޕޯޓުން ފާހަގަވެފައިވި ކަންކަން ވަރަށް ތަފްސީލާއެކު ލޫކް ކިޔައިދިނެވެ. އިސްޖަހައިގެން އިން ނަހާއަށް ރޮވެން ފެށުނެވެ. އެހިނދު އަޔާލް އައިސް ނަހާ އިން ދިމާލުން ސޯފާގެ އަތްގަނޑު މަތީގައި އިށީނދެ ނަހާގެ ކޮނޑުގައި ހިފަހައްޓާލިއެވެ.

"މަރުގެ ތުހުމަތު ކުރެވެނީ ދެމީހަކަށް. އެ ދެމީހުން އެކަން ކުރީ ކީއްވެގެންކަން އަދި ޔަގީނެއް ނުކުރެވޭ. އެހެންނަމަވެސް އަޅުގަނޑުމެން އުންމީދު ކުރަނީ ތަހުގީގު ކުރިއަށްދާ ވަރަކަށް ނޭނގޭ އެތައް ކަމެއް ނިއުޅުވެމުންދާނެ ކަމަށް" ލޫކް އިތުރަށް ވާހަކަދެއްކިއެވެ. އެއްޗެއް ބުނަން ނޭނގި ގާވެފައި އިންކަހަލަ ގޮތަކަށް ނަހާ އާއި ޝާހްބާޒް ތިއްބެވެ.

"މަތިމަތީން މައްސަލަ އޮއްބާލަން މަސައްކަތްކޮށްފައި ވަނީ. އެކަން ކޮށްފައިވަނީ ރާއްޖެއިން ބޭރުގަ ދިރިއުޅޭ ރާއްޖޭ މީހެއް. ސަރުކާރުގެ އިސް ވަޒީރަކާ ގުޅިގެން މިކަން ކޮށްފައިވަނީ. މިހާރު އެވަޒީރަކީ ކާކުކަން ދެނެގަންނަން މަސައްކަތް ކުރަމުން މިދަނީ. އަޅުގަނޑުމެންގެ ތެރެއިން މި މައްސަލައަށް އިހުމާލުވި މީހުންނަށް ގޭގައި މަޑުކުރަން މިހާރު އަންގައިފި" ލޫކް ތަފުސީލު ދިނެވެ.

"އެބަޔަކު މިނިވަނުންހެން ދޫކޮށްލާފައި ބައިތިއްބަން އަޅުގަނޑުމެން ބޭނުމެއް ނުވޭ. ތަހުގީގަށް އެއްވެސް ހުރަހެއް ނޭޅޭކަމަށްވާނަމަ އަޅުގަނޑުމެންނަށް އެއީ ކޮން ބައެއްކަން ބުނެދެވޭނެތޯ" ޝާހްބާޒް އެހިއެވެ.

އެހިނދު ރިންދާއަށް ޝާހްބާޒްގެ މޫނަށް ބަލައިލެވުނެވެ. އެއީ ކާކުކަން އެނގޭ ހިނދު ޝާހްބާޒަށް ވާނީ ކިހިނެއް ހެއްޔެވެ؟ ގަބޫލުކުރެވޭނެ ހެއްޔެވެ؟

"ބޭބެ ބޭނުންތަ އެއީ ކާކުކަން އެނގެން" ރިންދާ އެހިއެވެ. ޝާހްބާޒް ބޯޖަހާލިއެވެ.

"ރިދާ ބޭނުމެއްނުވޭތަ؟" ރޮވިފައި އިން ނަހާ އެހިއެވެ.

"އަޅުގަނޑަށް އެނގޭ. ހުރިހާ އެއްޗެއް އަޅުގަނޑަށް އެނގޭ" ރިންދާ ބުންޏެވެ. ނަހާއަށް އިތުރު ހައިރާން ކަމެއް ލިބުނެވެ.

"އެމީހުންގެ މައުލޫމާތު އަޅުގަނޑު ހާމަކޮށްފާނަން. އެކަމަކު މިގެއިން ބޭރަށް އެއްވެސް މައުލޫމާތެއް ބޭރުވެގެން ނުވާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިތާ މިތިބީ މުޅިންވެސް އައިޝަތު ރަނީން ރިމާހްގެ އާއިލާ ބޭފުޅުން" ލޫކް ބުންޏެވެ.

ދެން އައި ވަގުތުކޮޅުގައި ކުރިމަތީގައި ހުރި ފެންތަށިން ކޯވަރެއް ލޫކް ބޯލިއެވެ. އެ މައްސަލައިގައި ހިމެނޭ ނަހީކަކީ ޝާހްބާޒްގެ އުފަން ދަރިއެއްކަން ބަރަކްގެ ފަރާތުން ލޫކަށް ވަނީ އެނގިފައެވެ. ނަން ހާމަކުރުމުގެ ކުރިން ލޫކް ހަމަޖެހިލީ އެހެންވެއެވެ.

"އެކަމުގެ ތުހުމަތު ކުރެވެނީ ރަނީން ވަޒީފާ އަދާކުރި އޮފީހުގައި އުޅޭ ދެ ފިރިހެނުންނަށް. އެއީ އާދަމް ޒަކްވާން ޒަހީރު ކިޔާ މީހަކާއި މުހައްމަދު ނަހީކް ޝާހްބާޒް" ލޫކް ބުންޏެވެ.

ޝާހްބާޒް ތެޅިގަތެވެ. ކަންފަތަށް އިވުނު ގޮތްބާއޭ ހިތަށް އެރިއެވެ. ވަށައިގެންވި މަންޒަރު އެކީއެކައްޗަކަށް އަނދިރިވެގެން ދިޔަހެން ހީވިއެވެ. ތެދުވަން އުޅުނު ވަގުތު ކުޑަކޮށް އަރިއަޅާން އުޅުނުކަން އެނގެއެވެ. އެހެންނަމަވެސް ނަހާ އާއި ރިންދާގެ އެހީތެރިކަމާއެކު ހަށިގަނޑު ސީދާ ކުރިއެވެ.

"ކީކޭ...؟ ނަހީކް.... އަޅުގަނޑުގެ ދަރިއެއް" ޝާހްބާޒް ބުންޏެވެ.

"ލައްބަ. އަޅުގަނޑަށް ތި މައުލޫމާތު ލިބިފަެި ވަނީ. އެކަމަކު މިއީ ހަގީގަތަކީ. އަޅުގަނޑުމެން މިހާތަނަށް ކުރި ތަހުގީގުން ރަނީން މަރުވި ރޭގައި މިގޭތެރޭގައި އެކަމެއް ކުރި މީހަކީ ޒަކްވާން. ނަހީކް ހުރީ ބޭރުގަ ފާރައަށް. އިތުރަށް ޔަގީން ކުރަން ބޭނުންވާނަމަ އަޅުގަނޑުމެންނަށް ލިބިފައިވާ ސީސީޓީވީ ފުޓޭޖުވެސް ދައްކާލަފާނަން" ލޫކް ވާހަކަދެއްކިއެވެ.

އެ ހަގީގަތް ޝާހްބާޒަށް ބަރުދާސްތު ނުކުރެވޭނެކަން ރިންދާއަށް އެނގެއެވެ. އެހެންކަމުން ތެދުވެ ކޮޅަށް ހުރި ޝާހްބާޒްގެ އަތް ތިލައިގެ ތެރެއަށް ރިންދާގެ އަތް ލައްވާލިއެވެ. އެހެންނަމަވެސް ބިމުން ކަނޑައި ވައްޓާލި ރުކެއްހެ ސޯފާއަށް ހަބަރު ހުސްވެގެން ވެއްޓުނު ޝާހްބާޒްގެ ހަށިގަނޑު ރިންދާއަށް ހިފަހައްޓައެއް ނުލެވުނެވެ. ރިންދާގެ އަނގައިން ހަޅޭކެއްގެ އަޑު އިވުނެވެ. އެހިނދު ޝާހްބާޒާ ގާތަށް ޖެހުނީ ތަނުގައި ތިބި ހަތަރު ފިރިހެނުންނެވެ. ރިންދާގެ ގައިގައި ބައްދައިގެން ހުރި ނަހާއަށް ރޮވެމުން ދިޔައެވެ.

*********

ރޫބިޔާ އިނީ އިސްޖަހާލައިގެންނެވެ. ކުރިމަތީގައި މީހަކު ހުއްޓުނުހެން ހީވުމާއެކު އިސްއުފުލާ ރޫބިޔާ ބަލައިލިއެވެ. ލޫކް އިނީ ރޫބިޔާއަށް ބަލަހައްޓައިގެންނެވެ. އެމަންޒަރުން ސަލާމަތްވުމަށްޓަކައި އަނެއްކާވެސް ރޫބިޔާ އިސްޖެހިއެވެ. އުނގުތެރޭގައި އޮތް ދެއަތްތިލަ މޮޑެމުން ދިޔައިރު ރޫބިޔާ އިނީ ނުތަނަވަސް ކަމެއްގެ ތެރޭގައި ބަނދެވިފައެވެ.

"ރޫބިޔާ. ރަނގަޅުތަ؟" ލޫކް އެހިއެވެ. ރޫބިޔާ ޖަވާބެއް ނުދިނެވެ. ރޫބިޔާ ވާހަކަ ދައްކާނެ ކަމަށް ވިސްނާފައި އެ ބައްދަލުވުމަށް ލޫކް އައީ އެކަންޏެވެ. އެހެންނަމަވެސް ރޫބިޔާ ވާހަކަދައްކައިފިނަމަ އިވޭ ހިސާބުގައި ބަރަކް އިނެވެ. ކުރިމަތީގައި ހުރި ލެޕްޓޮޕްގެ ސްކްރީނުން އޭނާއަށް ރޫބިޔާ ފެންނަން ހުއްޓެވެ. ރިންދާ އާއި އަޔާލްއަށް ހާއްސަ ހަފުލާ ނިންމާލުމަށްފަހު ތަހުގީގު ބައްދަލުވުމަކަށް ބަރަކް އައީ އޮފީހަށެވެ.

"ވާހަކަނުދައްކާ އިނީމަ އަހަރެމެންނަށް ކިހިނެއް އެނގޭނީ ރޫބިޔާގެ އެއްވެސް ކުށެއް ނެތް ކަމެއް" ލޫކް ބުންޏެވެ. އެވަރުންވެސް ރޫބިޔާ ޖަވާބެއް ނުދިނެވެ. ލޫކް ފުންނޭވައެއް ދޫކޮށްލިއެވެ. ރޫބިޔާ އަނގަހުޅުވަން ކޮންމެސް އެހެން ގޮތަކަށް ވިސްނަން ޖެހިއްޖެއެވެ.

"އެއްވެސް ކަމެއް ބޭނުންތަ؟ ދަތިވޭތަ އެއްވެސް ކަމަކަށް" ލޫކް އެހިއެވެ.

"އަހަރެންނަށް މިތާ ހުންނަ ފެނެއް ނުބޮވޭ. ބަނޑުހަރުވެ ގައި ހިރުވާގޮތްވޭ. އަހަރެންނަށް ގެއިން ފެންވަރާ ސާމާނުކޮޅެއް ގެނެވޭނެތަ؟" ފުރަތަމަ ފަހަރަށް ރޫބިޔާ ވާހަކަދެއްކިއެވެ.

"ތިއީ އެއްވެސް ކަމެއް ނޫން. ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭނަން. ފެންވެސް ގެނެސްދޭނަން. ތިކޮޅުން އެދޭ ކަންތައްތައް އަހަރެންނަށް ފަސޭހައިން ކޮށްދެވޭނީ މިކޮޅަށްވެސް އެއްބާރުލުންދޭ ނަމަ" ރޫބިޔާ ބުންޏެވެ.

"މިގޮތަށް ބޭރަށް ނެރޭއިރު އަހަރެންގެ އަތުގައި ބިޑިނާޅުވާފާނަންތަ؟ ރަން ނޫނީ އެހެން އެއްޗެއް ގުޅޭ މީހެއް ނޫން އަހަރެންނަކީ. ހަމުގެ މައްސަލަތަކެއް ހުންނާނެ" ރޫބިޔާ ބުންޏެވެ.

"މިބުނީނު ރޫބިޔާ ބޭނުން ހުރިހާ ކަމެއް ކޮށްދޭނަމޭ. އަޅުގަނޑުމެންނަށްވެސް އެއްބާރުލުންދޭށޭ" ލޫކް ބުންޏެވެ. ރޫބިޔާ އެއްޗެއް ނުބުންޏެވެ.

"ދޭނަންތަ؟" ލޫކް އެހިއެވެ. އިރުކޮޅަކު ހިމޭނުން އިނދެފައި ރޫބިޔާ މަޑުމަޑުން ބޯޖަހާލިއެވެ.

*******

ގަޑިން ރޭގަނޑު އެގާރަޖަހައި ބޮޑުވެއްޖެއެވެ. ހުޅުވާލާފައި ހުރި ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ރިންދާ ހުރީ އަޔާލްގެ ފޯނެއްގައެވެ. ސޯފާގައި ފިކުރެއްގެ ތެރެއަށް ގެނބިފައި ކަހަލަ ގޮތަކަށް ނަހާ އިނެވެ. އެނދުގައި އޮތް ޝާހްބާޒަށް ހޭވެރިކަމެއްވި އިރު ކޮޓަރިއަށް ވެރިވެފައިވަނީ ހިމޭންކަމެވެ. އޭނާ ވަށައިގެން ހޯދައި ބަލައިލިއެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތީ އަނބިމީހާއެވެ. ފާއިތުވެދިޔަ މަދު ވަގުތުތަކުގައި ގޭތެރޭގައި ހިނގާދިޔަ ހުރިހާ ކަމެއް ޝާހްބާޒްގެ ލޯކުރިމަތީގައި ސިފަވާން ފެށިއެވެ. ބޮޑު ފިރިހެނެއް ކަމަކު ނަހީކްގެ ހަގީގަތް ހަނދާންވުމާއެކު ޝާހްބާޒް ތުންފަތް ފިއްތާލިއެވެ. އަނބިމީހާއަށް އެވަރުގެ ބޮޑު ހިތްދަތި ކަމެއް އެދިނީ އޭނާގެ ދަރިފުޅެވެ. އަޑެއްވެސް އިއްވާނުލައި ޝާހްބާޒް އެނދުން ފޭބިއެވެ. ހިނގާލާފައި އައިސް ހުއްޓުނީ ނަހާ ކައިރީގައެވެ. ކަނާއަތް ހިއްލާލާފައި ނަހާގެ ބޯމަތީހައި ޝާހްބާޒް އަތްތިލަ ބާއްވާލިއެވެ.

އެކިވިސްނުމާއި ފިކުރުތަކުގެ ކަނޑަކަށް ގެނބެމުންދިޔަ ނަހާއަށް ސިހުމެއް ލިބުނެވެ. ކައިރީގައި ކޮޅަށް ހުރި ފިރިމީހާގެ އަތުގައި ވަގުތުން ނަހާ ހިފެހެއްޓިއެވެ.

"ޝާހް... މިހާރު ރަނގަޅުތަ؟" ނަހާ ބުންޏެވެ. ރިންދާ ފަހަތް ބަލައިލީ ނަހާ ވާހަކަދެއްކި އަޑަށެވެ. އިރުކޮޅަކުން ފޯނު ބާއްވާފައި ރިންދާ އެދިމާލަށް އައެވެ.

"އަހަރެންނަށް މާފުކުރޭ. އަހަރެން ދެން ކިހިނެއް ހަދާނީ؟" ނަހާގެ ގައިގައި ބައްދާލަމުން ޝާހްބާޒް ބުންޏެވެ. ކައިރީގައި ދަރިއަކު އިންކަމެއް ޝާހްބާޒްގެ ހަނދާނުގައި ނެތެވެ.

"އަހަރެން ހިއެއްވެސް ނުކުރަން ނަހީކް އެފަދަ ކަމެއް. އަހަރެންނަށް މާފުކުރޭ. މިއީ އަހަރެންގެ ސަބަބުން ވީ ކަމެއް. އަހަރެންދެކެ ނަހީކް އައި ރުޅި އެބޭލީ އެމަންޖެއަށް" ޝަހްބާޒް ކިޔަމުން ދިޔައެވެ.

"އެކަމުގަ ޝާހްގެ ކުށެއް ނެތް. ޝާހް މައާފަށް އެދޭވަރުގެ ކަމެއް އަދި ނުކުރޭ. ކުށްކުރީ ނަހީކް. އަހަރެން ދުވަހަކުވެސް، ދުވަހަކުވެސް އެ ފިރިހެނާއަށް މައާފެއް ނުކުރާނަން. ދުވަހަކުވެސް އަހަރެންގެ ހިތްހަލާލެއް ނުލިބޭނެ" ޝާހްބާޒްގެ ބުރަކަށީގައި ފިރުމަމުން ނަހާ ވާހަކަދެއްކިއެވެ.

"އަހަރެން މިއަދު ވަރަށް ދެރަވެއްޖެ. އަހަރެންގެ ދަރިއަކު އެފަދަ ކަމެއް ކުރީތީ ވަރަށް ލަދުވެސް ގަނެއްޖެ. މިއަދަށްފަހު އެއީ އަހަރެންގެ ދަރިއެއް ނޫން" ޝާހްބާޒް ބުންޏެވެ.

ފަހަތުގައި ހުރި ރިންދާ ޝާހްބާޒްގެ ކޮނޑުގައި އަތްޖައްސާލިއެވެ. އެ އަތުގައި ހިފިގޮތަށް ޝާހްބާޒް ރިންދާ ގެނެސް ކައިރީގައި ބޭންދިއެވެ. ނަހާ ކައިރީގައި އެދުނު ފަދައިން ރިންދާގެ ކައިރިންވެސް ޝާހްބާޒް މައާފަށް އެދެމުން ދިޔައެވެ.

*********

މުޅިން އާ ދުވަހަކަށް އިރުފެނުން ތޮޅިލައިފިއެވެ. ގޭތެރެއަށް ވެރިވެފައިވާ ހިމޭންކަން އަދިވެސް ހަމަ އެފަދައެވެ. ނަހާ އާއި ޝާހްބާޒްގެ މެދުގައި ބީރައްޓެހި ކަމެއް ނެތެވެ. އެހެންނަމަވެސް ދެމަފިރިންގެ ވާހަކަތައް މަދެވެ. ސަކަރާތް ޖެހުމެއް ނެތެވެ. އެކަން ފާހަގަވީ ކޮޓަރިން ނުކުމެގެން އިސްތަށިގަނޑުގައި ހުޅިއެއް ޖަހަމުން އައި ރިންދާއަށެވެ. މައިންބަފައިންގެ ހިމޭންކަން ކަނޑުވާލަން އޭނާ ބޭނުންވިއެވެ.

"އެބައޮތް މެންދުރު ކެއުމެއް" ތަނުގެ ހަމަހިމޭންކަން ކެނޑިގެން ދިޔައީ ރިންދާ އައިސް ކާމޭޒު ކައިރީގައި އިށިން ވަގުތުގައެވެ.

"ކޮންތާކުން؟" ރިންދާއަށް ތަށްޓެއް ކައިރިކޮށްދެމުން ނަހާ ބުންޏެވެ.

"ވިލީގެ މަންމަ ދެނީ. މެންދުރު އަންނައްޗޭ ބުނީ" ރިންދާ ބުންޏެވެ.

"ތިހެންވިއްޔާ ރިދާ ވާނެ ކޮންމެހެންވެސް ދާން" ނަހާ ބުންޏެވެ. ދެން ތަށްޓެއް ހިފައިގެން އައިސް ޝާހްބާޒާ ކުރިމަތިވާނޭހެން އިށީނެވެ.

"އަޅުގަނޑަށް އެކަންޏޭއް ނޫނޭ. އެންމެނަށް" ހީލަމުން ރިންދާ ބުންޏެވެ.

"އުނހު. މަންމަމެން ދާހިތެއް ނެތް" ވަގުތުން ނަހާ މަނާކުރިއެވެ.

"ވީކަމެއް ނުވާކަމަކަށް ނުވާނެ މަންމާ. ހަގީގަތް ކުރިން މަންމަ ކައިރީގައި ނުބުނެ ހުރީވެސް މިކަން ކަމަށް ވިސްނާފަ. ކިތަންމެ ވަރަކަށް އަހަރެމެން ދެރަވެ ރުޔަސް ރަންނި އެނބުރި އަންނާނެތަ؟ ނޫނީ އެއީ އެމީހުން ނުކުރާ ކަމަކަށް ވާނެތަ؟ މަންމާ، ބޭބޭ، މިއަދު އަޅުގަނޑުމެން ބޭނުންވަނީ ރަންނިއަށް އިންސާފެއް ނޫންތަ؟ އެމީހުންނަށް އަދަބު ލިބުމެއް ނޫންތަ ބޭނުންވަނީ" ވާހަކަދައްކަމުން ދިޔަ އިރު ރިންދާގެ އެއް އަތް އޮތީ މޭޒުމަތީގައި އޮތް ޝާހްބާޒްގެ އެއް އަތްމަތީގައެވެ.

"ދެންހެޔޮ ދަރިފުޅާ. ދަރިފުޅު ކޮންމެ ކަމެއް ކުރިޔަސް ބޭބެމެން ތިބޭނީ ދަރިފުޅު ފަހަތުގަ. މިއަދު ބޭބެގެ ހުރިހާ އުންމީދެއް ގުޅިފައިވާ ދަރިއަކީ ތިއީ" ޝާހްބާޒް ބުންޏެވެ. ފަހުވަގުތު އޭނާގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ.

*******

ހުރިހާ ދިމާލެއް ބަލަމުން ކުރިއަށް ހިނގާފައި އައިއިރު ޒަހީރެކޭ ރާއްޖެއަށް އަލަށް އައިސް އުޅޭ މަޝްހޫރު ފަންނާނެކޭ ތަފާތެއްވެސް ނެތެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟