ދުނިޔެ

އަދިގެ ދުނިޔެ: ކޮޕް ސަމިޓުގެ ނަތީޖާއަށް ކުރެވޭ މާބޮޑު އުއްމީދެއް ނެތެވެ.

އިމާދު ލަތީފު

މޫސުމަށް އަންނަ ބަދަލުތަކާބެހޭގޮތުން ކޮންމެ އަހަރަކުވެސް ދުނިޔޭގެ މަހާސިންތާއެއް އަންނަނީ ބާއްވަމުންނެވެ. މިކަން ކުރަމުން އަންނަނީ 1995 ވަނަ އަހަރުން ފެށިގެންނެވެ. ކޮޕް ކިޔައިފައި އޭގެ ފަހަތަށް ނަމްބަރެއް ލައިފައި ނަންކިޔާ ސަމިޓެކެވެ. މިސްރުގެ ސައިނާގެ ސަހަރެއްކަމުގައިވާ ޝަރަމުއްޝައިޚުގައި މިހަފުތާގެ އާދީއްތަ ދުވަހު ފެށުނު ދެ ހަފުތާގެ ސަމިޓަކީ ކޮޕް 27 އެވެ. ހުސްވި އަހަރު އިނގިރޭސިވިލާތުގެ ގްލާސްގޯގައި ބޭއްވުނީ ކޮޕް 26 އެވެ. ކޮޕްގެ މާނަޔަކީ ކޮންފަރެންސެސް އޮފް ދަ ޕާރޓީސްއެވެ. މި ކޮންފަރެންސްގައި ބައިވެރިވަނީ ޔޫއެންއެފްސީސީސީ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމުތަކުންނެވެ. މީގައި ސޮއިކޮށްފައިވާ ޕާރޓީތަކުގެ އަދަދަކީ 197 އެވެ. މިނިވަން ނޫން ގައުމުތަކުގެ ތެރެއިން ފަލަސްތީނުވެސް ހިމަނައިގެންނެވެ.

ޔޫއެންއެފްސީސީސީއަކީ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް މުއާހަދާއެވެ. ކޮންމެ އަހަރަކުވެސް ދުނިޔޭގެ މަޝްހޫރު ކޮންމެވެސް ތަނެއްގައި ދެހަފުތާއެއްހާ ދުވަހަށް އެކި ގައުމުތަކުގެ ވެރީންނާއި މަންދޫބުން އެއްތަންވެ މަޝްވަރާކޮށް ތިމާވެށި ހިމާޔަތްކުރުމަށް ކުރެވުނު ކަންތައްތަކާއި ހާސިލްކުރެވުނު މިންވަރާއި އިތުރަށް ކުރާންވީ ކަންކަމާއިމެދު އެކި ރާގުރާގަށް މޮޅެތިވެގެންވާހައި ތަގުރީރުތައް ދެއެވެ. އެކަމަކު މަސައްކަތް ސުމެކެވެ. ކޮޕް ސަމިޓު ވެފައިވަނީ ގިނަ ގައުމުތަކުގެ މަންދޫބުންނަށް ފައްކާ ޗުއްޓީއަކަށެވެ. ދުނިޔޭގެ ހާލަތާމެދު މާބޮޑު އެއްޗެއް ބޮލަށް ވެއްދުމެއް، ވަނުމެއްވެސް ނެތެވެ. ވައްދާން އެނގޭ ބަޔަކުވެސް ނެތްކަހަލައެވެ. އެހެންވެ މިކަމާ ދޭތެރޭ ވިސްނާ ވަރަށް ގިނަ ބަޔަކު މިހާރު ތިބީ ފޫހިވެ ރުޅިވެސް އައިސްފައެވެ.

ފާސްކުރި ހެދުމާއި ފާސްނުކުރާ ހެދުމުގައި ދެ ޖިންސުގެ އެކި އުމުރުގެ މަންދޫބުން ޕޯޑިއަމުގެ ކައިރިއަށް ހުއްޓި ބަރުއަޑުންނާއި ތޫލިއަޑުން ތިމާމެން އަމިއްލައަށްވެސް މޭރުންނުވާ ޒާތުގެ ވާހަކަވާހަކައިން ކުރާ ތަގުރީރުތައް އަޑުނޭހުމަށްޓަކައި މިފަހަރުގެ ކޮޕް ސަމިޓަށް ނުދާން ނިންމި މަޝްހޫރު އެންވައިރުމެންޓަލިސްޓުންގެ ތެރޭގައި ނޯވޭގެ ގްރެޓާ ތުންބާގް ހިމެނެއެވެ. އޭނާ ބުންޏެވެ. ކޮންމެފަހަރަކު ބްލާ ބްލާ ކިޔައިފައި ބާޒާރުކޮށް، މަޖާކޮށްލައިގެން އެންމެން ދަނީއެވެ. ރަަށަށްގޮސްފައި ދެތިން ތަނެއްގައި ފެހިދަވާދުލައިފާނެއެވެ. އެއޮތީ ވެށި ފެހިކުރެވިފައެވެ. ކަންކަން ހިނގާ މަގަކީ އެއީއެވެ. އެހެންވީމާ މިފަހަރު ތިޔަ ވާހަކަ އަޑުއަހަން އަހަރެން ނުދާނަމެވެ. ކޮންމެއަކަސް މިދެންނެވި ސަމިޓް އާދީއްތަ ދުވަހު މިސްރުގައި އެވަނީ ފެށިފައެވެ. މަޝްހޫރު ތޫރުސީނާ ފަރުބަދަ ފެންނަ ހިސާބުގައެވެ.

މިފަހަރުގެ ސަމިޓް ބާއްވަނީ މިސްރުގައި ކަމަށްވުމުން މިއީ އެފްރިކާގެ ކޮޕް ސަމިޓެއް ކަމަށް ވަނީ ނިންމިފައެވެ. މިއީ 2016 ވަނަ އަހަރު މޮރޮކޯގައި ބޭއްވުނު ކޮޕް 22 ސަމިޓަށްފަހު އެފްރިކާ ބައްރުގައި މިސަމިޓް ބާއްވާ ފުރަތަމަ ފަހަރެވެ. މިސްރަކީ އެފްރިކާގެ ގައުމަކަށްވާތީ ސަމިޓްވެސް އެފްރިކާ ކަމަށްވީއެވެ. އެކަމަކު ސަމިޓް ބޭއްވޭ ޝަރަމުއްޝައިޚު އޮންނަނީ ސައިނާގައެވެ. ސައިނާއަކީ މިސްރުގެ ބިމުން އޭޝިއާ ބައްރުގައި އޮންނަ ސަރަހައްދެކެވެ. ސުއޭޒް ކެނަލުގެ އިރުމަތިންނެވެ. ސަމިޓްގެ ކަންކަން ހިނގާނީ ޝަރަމުއްޝައިޚުގެ ބްލޫ ޒޯނާއި ގްރީން ޒޯނުގައެވެ. މިސްރަކީ އިންސާނީ ހައްގުތަކުގެ ކަންކަން ވަރަށް ދޯހަޅި ގައުމަކަށްވާތީ ތިމާވެއްޓާއި އިންސާނީ ކަރާމާތާއި ހައްގުތަކުގެ ވާހަކަ ދައްކައި ގޮތްނިންމަން އެންމެ އެކަށޭނަތަނަކީ މިސްރުތޯ ވަރަށް ގިނަބަޔަކު ދަނީ ސުވާލުވެސް ކުރަމުންނެވެ.

ކަންކަން ކޮންމެ ގޮތަކަށް ހުއްޓަސް ދުނިޔޭގެ 190 ގައުމަކުން މި ސަމިޓްގައި ބައިވެރިވެއެވެ. ނުވަތަ ވާނެއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެންއާއި އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކްވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. އިނގިރޭސި އައު ރަސްގެފާނު ޗާލްސް ތިންވަނަޔަކީ ތިމާވެށީގެ ކަންކަމުގައި ވާހަކަފުޅު ދެއްކެވުން ގިނަ ބޭފުޅަކަށްވިޔަސް އޭނާ މި ސަމިޓަށް ވަޑައިނުގަތުމަށް އިނގިރޭސި ސަރުކާރުންވަނީ ލަފާއަރުވައިފައެވެ. ސަބަބެއް ނުބުނެއެވެ. އިގްތިސާދީ ތާށިކަމާހެދި ޚަރަދުކޮށްގެން ސަމިޓަށް މީހުން ފޮނުވުމުގެ ބަދަލުގައި ބައެއް ގައުމުތައް ތަމްސީލުކުރުމުގެ މަސައްކަތުގައި އެހެން ގައުމުތަކަށް ނިސްބަތްވާ މީހުންވެސް މިފަހަރު ފެންނާނެއެވެ. ސަމިޓުގެ ރިޔާސަތު ބަލަހައްޓަވާނީ މިސްރުގެ ޚާރިޖީވަޒީރު ސާމިހު ޝުކުރީއެވެ.

ކުރިންވެސް ބަޔާންކުރެވުނު ފަދައިން މިއީ ނޮވެމްބަރު ހަޔަކުން އަށާރަޔަށް ދެމިގެންދާ ސަމިޓެކެވެ. ނޮވެމްބަރު ހަތަކާއި އަށެއްގައި އޮންނާނީ ގައުމުތަކުގެ އެންމެ އިސްވެރީންގެ މަޝްވަރާތަކެވެ. މިސްރުން ބުނާގޮތުގައި 90 ގައުމެއްގެ އެންމެ އިސް ވެރީން ބައިވެރިވެވަޑައިގަންނަވާނެއެވެ. ނާއިބުރައީސުންވެސް ހިމެނެނީ އެގިންތީގައެވެ. ވެރިންގެ މަޝްވަރާތަކަށްފަހު ދެން ވަޒީރުންގެ މަޝްވަރާތަކެވެ. އެއަށްފަހު އެއަށްވުރެ ޖޫނިއަރ އޮފިޝަލުންގެ ބައްދަލުވުންތަކެވެ. ސަމިޓުގެ އެންމެ ފަހު ހަފުތާގައި ޖެންޑަރ، ބަޔޯޑައިވަރސިޓީ، އަދި ފެނުގެ މައްސަލަތައް ކަހަލަ މައްސަލަތަކަށް ވަކިން ބޮޑަށް ފޯކަސްކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ފިނޭންސް، ޑިކާރބަނައިޒޭޝަން، އެގްރިކަލްޗަރ އަދި އެޑަޕްޓޭޝަނަކީ ސަމިޓުގެ ފުރަތަމަ ހަފުތާއަށް ޚާއްސަ ކުރެވިފައިވާ މައުޟޫތަކެވެ.