އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި މުހައްމަދު ޝުޖާއު މަގާމުން ވަކިކޮށްފައި ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އަރަބިއްޔާ ސްކޫލުގެ ރެނދުލުމުގެ ސަބަބުން ދަރިވަރުންގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރުމުން އެ ސްކޫލުގެ ކިޔެވުން ވަނީ ވަގުތީ ގޮތުން ފޮރިން މިނިސްޓްރީ ހިންގި އިމާރާތައް ބަދަލުކޮށްފައެވެ. ވަގުތީ އިމާރާތާ އެކު އަރަބިއްޔާ ސްކޫލަށް ކުރިމަތިވެފައިވާ ދަތިތަކުގެ މައުލޫމާތު ދިނުމަށް ބޭނުންކުރާ "ސޭވް އަރަބިއްޔާ" ޓުވިޓާ އެކައުންޓުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ބެލެނިވެރިން ކުރިއަށްގެންދާ "ސޭވް އަރަބިއްޔާ" ކެމްޕެއިން ހުއްޓުވުމަށް ޝުޖާއު މަސައްކަތް ނުކުރައްވާތީ ޕްރިންސިޕަލްގެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އަހުމަދު އަލީ "ވަން" އަށް މިރޭ ވިދާޅުވީ ޝުޖާއު މަގާމުން ވަކިކޮށްފައިނުވާނެ ކަމަށާއި އެޑިއުކޭޝަންގެ މިނިސްޓްރީގެ ޕޮލިސީތަކަށާއި އިދާރީ މިންގަނޑަށް ގެނައި ބަދަލަކާއެކު ޝުޖާއު ވަނީ ޕްރިންސިޕަލް ފެންވަރުގައި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް ބަދަލުކޮށްފައި ކަމަށެވެ.
"މަގާމުން ވަކިކުރުމެއް ނޫން ދޯ އެހެން މަގާމަކަށް ބަދަލު ކުރުމަކީ، އަރަބިއްޔާގެ ޕްރިންސިޕަލް ބަދަލުކުރީ އެންއައިއީއަށް ހަމަ ޕްރިންސިޕަލްގެ އެއްގެ މަގާމުގައި، މަގާމުން ވަކިކުރުމާ އެހެން ތަނަކަށް ބަދަލުކުރުމާ މުޅިން ދެކަމެއް،" އަހުމަދު އަލީ ވިދާޅުވިއެވެ.
އަހުމަދު އަލީ ވިދާޅުވީ، ޝުޖާއުގެ މަގާމު ބަދަލުކުރުމާއި އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ކުރިއަށް ގެންދާ ކެމްޕޭނާ އެއްވެސް ވަރަކަށް ގުޅުމެއް ނުވާ ކަމަށެވެ.
ޝުޖާއު އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުން އެންއައިއީގެ ޕްރިންސިޕަލަކަށް ބަދަލުކުރީ، އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްކަން ވަގުތީ ގޮތުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހަމަޖެއްސުމަށްފަހު ކަމަށް އަހުމަދު އަލީ ވިދާޅުވިއެވެ.
ޝުޖާއު މާދަމާއިން ފެށިގެން ވަޒީފާއަށް ނުކުންނާނީ އެންއައިއީއަށް ކަމަށްވެސް އަހުމަދު އަލީ ވިދާޅުވިއެވެ.
އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ޝުޖާއު ހަމަޖެއްސީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އަށްވަނަ ދުވަހު އެ މަގާމުގައި ހުންނެވި ނަސްރުﷲ އިސްތިއުފާ ދެއްވުމުންނެވެ.
އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ޝުޖާއު ހުންނެވީ އިސްލާމިކް ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީންގެ މަގާމުގައެވެ.