މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް (އެފްއެޗްޓީއެސް)ގެ ބެޗްލާސްއިން އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖްމެންޓް ކިޔަވަމުންދާ ދަރިވަރުން ރާވައިގެން ބޭއްވި ސަގާފީ ފުޑް ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެމްއެންޔޫން ކުރިއަށްގެންދިޔަ ސަގާފީ ފުޑްސްޓިވަލްއަކީ ބެޗްލާސްއިން އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖްމެންޓްގެ ހަވަނަ ސެމެސްޓާގެ ދަރިވަރުންގެ މޮޑިއުލްއަށް ބޭއްވި އިވެންޓެކެވެ. މިއީ އެ ސެމެސްޓާގެ ދަރިވަރުންގެ ފައިނަލް އިވެންޓެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގަ އެވެ.
އެފްއެޗްޓީއެސްގެ މާކެޓިން މެނޭޖަރު އައިޝަތު އަމާނީ ހަސަން މިއަދު "ވަން" އަށް ވިދާޅުވީ ފެސްޓިވަލަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށާއި ފުޑްސްޓިވަލް ވަރަށް ކާމިޔާބު ކަމަށެވެ. އެގޮތުން ފެސްޓިވަލަށް ގާތްގަނޑަކަށް 200 އެއް ހާ މީހުން ޒިޔާރަތްކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ސްޕޮންސަރުންގެ ފަރާތުން އެ އިވެންޓަށް ލިބުނު އެއްބާރުލުމަށް އަމާނީ ވަނީ އެފްއެޗްޓީއެސްގެ ފަރާތުން ޝުކުރު އަދާކުރައްވައިފައެވެ.
އެ ފުޑްސްޓިވަލްގައި އިޓަލީ، އިންޑިއާ، ރާއްޖެ، މެކްސިކޯ އަދި ތައިލެންޑުގެ ކާބޯތަކެތި ތައްޔާރުކޮށްފައިވާ ހަ ސްޓޯލެއް ވަނީ ބަހައްޓައިފައެވެ. ކޮންމެ ސްޓޯލެއްވެސް ހުރީ އެ ގައުމެއްގެ ކަލްޗަރަލް ތީމަށް ތައްޔާރުކޮށްފައެވެ. އަދި އެ ސަރަހައްދުގައި ބޮޑުބެރުގެ ހަރަކާތްތަކާއި ލައިވް މިއުޒިކްގެ ހަރަކާތްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އޭގެ އިތުރުން ފްޑްސްޓިވަލް އަށް ޒިޔާރަތްކޮށް ފީޑްބެކް ފޯމް ފުރި ފަރާތްތަކުގެ މެދުގައި ލަކީޑްރޯއެއް ބާއްވައި ގުރުއަތުން ހޮވުނު ތިން ފަރާތަކަށް އިނާމުވެސް ވަނީ ހަވާލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު