ޚަބަރު

ރިސޯޓު ކުލިން 9.1 ބިލިއަން އަދިވެސް މީރާއަށް ނުލިބޭ

މުހައްމަދު ޖަމްޝަތް ވަހީދު

ރިސޯޓު ކުލިން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އަދިވެސް 9.1 ބިލިއަން ރުފިޔާ ނުލިބޭ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ.

މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ތިންވަނަ ކުއާޓާގެ މާލީ ރިޕޯޓުން އެނގޭ ގޮތުގައި މިދިޔަ ސެޕްޓެމްބަރުގެ ނިޔަލަށް ރިސޯޓު ތަކުގެ ކުލިން ނުލިބިވާ ފައިސާގެ އަދަދަކީ 2.7 ބިލިއަން ރުފިޔާ އެވެ. ނަމަވެސް އެ ފައިސާ މީރާއަށް ދައްކަން ޖެހޭ މުއްދަތު ފަހަނައަޅައި ދިއުމުން ޖޫރިމަނާގެ ގޮތުގައި 6.3 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު ކުލި ނުދައްކާ ރިސޯޓު ތަކުން ޖުމްލަ ދައްކަން ޖެހޭ އަދަދަދު 9.1 ބިލިއަން ރުފިޔާއަށް އަރައެވެ.

މީރާގެ ތިންވަނަ ކުއާޓާ ރިޕޯޓުން ދައްކާ ގޮތުން ސެޕްޓެމްބަރުގެ ނިޔަލަށް ނުލިބި ހުރި ފައިސާގެ ޖުމުލަ އަދަދު 15.2 ބިލިއަނަށް އަރައެވެ. އޭގެ ތެރޭގައި ޓެކުހުގެ އާމްދަނީ އާއި ޖޫރިމަނާއަށް ލިބެން ޖެހޭ 5.5 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އެހެނިހެން އާމްދަނީން ލިބެން ޖެހޭ 587 މިލިއަން ރުފިޔާ ހިމެނެ އެވެ.

މި ތަފާސް ހިސާބުތަކަށް ބަލާއިރު ދައުލަތުގެ ކުންފުނިތަކުންވެސް މީރާއަށް 1.3 ބިލިއަން ރުފިޔާ ނުދައްކާ ހުރިކަން ވަނީ ހާމަވެފަ އެވެ. އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޖީއެސްޓީ އާއި އޭގެ ޖޫރިމަނާގެ ގޮތުގައި ލިބެން ޖެހޭ ދެ ބިލިއަން ރުފިޔާއާއި އިންކަމް ޓެކުހާއި އޭގެ ޖޫރިމަނާއަށް ލިބެން ޖެހޭ 1.7 ބިލިއަން ރުފިޔާ އާއި ޓީޖީއެސްޓީ އާއި އޭގެ ޖޫރިމަނާއަށް ލިބެން ޖެހޭ 916 މިލިއަން ރުފިޔާ ނުލިބި ހުރިކަން ވެސް ތަފާސް ހިސާބުތަކުން ހާމަވެ އެވެ.

މީރާއަށް ނުލިބި ހުރި ފައިސާގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ރިސޯޓުތަކުން ދައްކަން ޖެހޭ ކުއްޔެވެ. މީރާގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޖޫން މަހުގެ ނިޔަލަށް ރިސޯޓު ކުލިން 9.4 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި ހުއްޓެވެ.

ނުލިބި ހުރި ފައިސާގެ ތެރެއިން ސެޕްޓެމްބަރުގެ ނިޔަލަށް މީރާއަށް ހޯދިފައިވަނީ އެންމެ 484 މިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޑަނިންގް މެދުވެރިކޮށް ހޯދި 367 މިލިއަން ރުފިޔާ އާއި ޑިއުޒް ކްލިއަރެންސް މެދުވެރިކޮށް ހޯދި 103 މިލިއަން ރުފިޔާ އާއި ރިމައިންޑާ ކޯލްސް އަދި އީމެއިލް މެދުވެރިކޮށް ހޯދި 13.7 މިލިއަން ރުފިޔާގެ އިތުރުން ލީގަލް އެކްޝަން ނަގައިގެން ހޯދި 414,972 ރުފިޔާ އެވެ.