ވޯލްޑްކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވައި އެކުޅުންތެރިޔަކަށް ދެވޭ އެވޯޑަކީ ގޯލްޑަން ބޯލް އެވޯޑެވެ. މިއީ ވޯލްޑްކަޕުގައި ކުޅޭ ހަމަ ކޮންމެ ކުޅުންތެރިއެއްގެ ވެސް ހުވަފެނެކެވެ. އުންމީދެކެވެ. މިއަހަރުގެ ވޯލްޑްކަޕް ފެށެން ދެންއޮތީ ދާދި ކުޑަކުޑަ ދުވަސްކޮޅެކެވެ. މިހިސާބަށް ދިޔައިރު މިފަހަރު މިއެވޯޑު ހޯދުން ގާތްކަމަށް ބެލެވޭ ކުޅުންތެރިންނަށް ބަލައިލުމަކީ ބޭނުންތެރި ކަމެއްކަމަށް ފެނެއެވެ. ތިރީގައި ބަޔާންކުރާ ކުޅުންތެރިންގެ ތެރެއިން މީހަކަށް ފަހަރުގައި މިއެވޯޑު ނުލިބިވެސް ހިނގައިދާނެއެވެ. އެކަމަކު އަޅުގަނޑުގެ ނަޒަރުގައި މިހާރު އެތިބަ ފޯމުގައި ކުޅެފިއްޔާ ގޯލްޑަން ބޯލް އެވޯޑާއި އެންމެ ގާތްކުރާނީ މީގެތެރެއިން ކޮންމެވެސް ކުޅުންތެރިއެކެވެ. ލިސްޓުގައި މިހިމަނާ ދިހަ ކުޅުންތެރިންނަކީ އިނގިރޭސި ލީގާއި ސްޕެނިޝް ލީގާއި ޖާރމަން ލީގާއި ފަރަންސޭސި ލީގުގައި ކުޅޭ ތަރިންނެވެ.

އާޖެންޓީނާގެ ލިއޯ މެސީ އާއި ބްރެޒިލްގެ ނޭމާރއަކީ ފަރަންސޭސި ލީގުގައި ޕީއެސްޖީއަށް ކުޅޭ ތަރިންނެވެ. މެސީގެ އާޖެންޓީނާއަށް މީގެ ހަތަރު އަހަރު ކުރިން ދިމާވީ ވަރަށް ބޮޑު ހިތްދަތިކަމެކެވެ. ދެވަނަ ބުރުގައި ފްރާންސާއި ވާދަކޮށް ހަތަރެއް ތިނަކުން ބަލިވީއެވެ. އޭގެފަހުން އާޖެންޓީނާ މިހާރު އެފެންނަނީ މާ ވަރުގަދަކޮށެވެ. ގައުމީ ޓީމުގައި މެސީގެ ކުޅުން ވަރަށް ތަފާތެވެ. ބްރެޒިލްގެ ނޭމާރ މިހާރު އެހެރީ ކުލަބާއި ގައުމީ ޓީމުގައިވެސް ވަރަށް ބަރާބަރު ފޯމެއްގައެވެ. ބްރެޒިލްއަށް ގޯލް ޖަހައިދިނުމުގައި ޕެލޭ ގާއިމްކޮށްފައިވާ ރިކޯޑު މުގުރައިލުމާވެސް ނޭމާރ އެހެރީ ނުހަނު ގާތުގައެވެ. އެހެންވީމާ ނޭމާރގެ އަޒުމުވެސް މިފަހަރު ކުރިއަށްވުރެ ވަރުގަދަވާނޭ ކަމަށް ވަނީ ހީކުރެވިފައެވެ. ގިނަބައެއްގެ ނަޒަރުގައި މިފަހަރު ގޯލްޑަން ބޯލް އެވޯޑު ހާސިލްކުރުން އެންމެ ގާތް ކުޅުންތެރިއަކީވެސް ނޭމާރ އެވެ.

ފްރާންސްގެ ފޯވާޑް ކަރީމް ބެންޒީމާ އާއި ކްރޮއޭޝިޔާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗަކީ ސްޕޭނުގެ ރެއާލް މެޑްރިޑުގެ ތަރިންނެވެ. މީގެ ތެރެއިން ބެންޒީމާއަކީ ހުސްވި ސީޒަނުގައި އާދަޔާ ޚިލާފު މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ. ޖުމްލަ 46 މެޗުގައި 44 ގޯލް ޖަހައި ރެއާލް މެޑްރިޑަށް ސްޕޭނުގެ ޗެމްޕިއަންކަމާއި ޔޫރަޕުގެ ޗެމްޕިއަންކަން ހޯދާދީފައިވެއެވެ. މިކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން އެންމެ ފަހުގެ ބޮލޯން ވެސް ދީފައިވަނީ ބެންޒީމާއަށެވެ. އަނެއްކޮޅުން މޮޑްރިޗަކީ މީގެ ހަތަރު އަހަރު ކުރިން ވޯލްޑްކަޕުގެ ފައިނަލަށް ކްރޮއޭޝިޔާ ގެންގޮސްދިން ކުޅުންތެރިޔާއެވެ. އެއަހަރުގެ ބޮލޯން ހޯދީވެސް އޭނާއެވެ. މޮޑްރިޗްއަކީ މެދުތެރެއިން ޓީމު ލައްވާ ކުޅުވުމުގައި އެފަދަ ދެވަނައެއް ފެންނާން ނެތްވަރުގެ ކުޅުންތެރިއެކެވެ. މިކަންކަމަށް ބަލައިފައި މި ލިސްޓުގައި މޮޑްރިޗް ހިމަނަން ޖެހެއެވެ.

ޕެޑްރީއަކީ ސްޕޭނުގެ ގައުމީ ޓީމާއި ބާސެލޯނާގައި ވަރަށް މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ތަރިއެކެވެ. ސްޕޭނުގެ ގައުމީ ޓީމުގެ ދިހަ ނަމްބަރެވެ. ބާސެލޯނާގެ 8 ނަމްބަރެވެ. ޒަވީ އާއި އިނިއެސްޓާގެ ދައުރަށްފަހު ސްޕޭނާއި ބާސެލޯނާގެ މެދުތެރޭގެ ދިރުމަކީ މިހާރު ޕެޑްރީއެވެ. އެހެންވީމާ އޭނާއާމެދު ކުރެވޭ އުންމީދު ވަރަށްވެސް ބޮޑެވެ. ވިނިސަސް ޖޫނިއަރ އަކީ ސްޕޭނުގެ ރެއާލް މެޑްރިޑަށް ހުސްވި ސީޒަނުގައި 22 ގޯލް ޖަހާދީފައިވާ ވަރަށް ޒުވާން ކުޅުންތެރިއެކެވެ. ބްރެޒިލްގެ ގައުމީ ޓީމަށް މިހާތަނަށް ކުޅެދީފައިވަނީ އެންމެ ސާދަ މެޗެވެ. މީނާއަކީ ބްރެޒިލްގެ ގައުމީ ޓީމުގެ މުސްތަގުބަލް ކަމަށް ވަނީ ގަބޫލު ކުރެވިފައެވެ. މިފަހަރުގެ ވޯލްޑްކަޕަކީ ބްރެޒިލްގެ ގައުމީ ޓީމާއެކު ބޮޑު މުބާރާތަކަށް ވިނިސަސް ޖޫނިއަރ ނުކުންނަ ފުރަތަމަ ފަހަރެވެ. އެހެންކަމަށްވިއަސް އޭނާއަކީ ޓީމުގެ އެންމެ ބޮޑު އެއް އުންމީދެވެ.

ބެލްޖިއަމްގެ ކޭޑިބީ އާއި ޕޯޗުގަލްގެ ބާނާޑޯ ސިލްވާއަކީ އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީއަށް ކުޅޭ ތަރިންނެވެ. ބާނާޑޯ ސިލްވާއަކީ އަރިމައްޗަށްވެސް އަދި މެދުތެރެއަށްވެސް ކުޅޭ ކުޅުންތެރިއެކެވެ. ކޮށްޓުމާއި ނެއްޓުމުގައި އާދަޔާޚިލާފު ހުނަރުވެރިކަމެއް ލިބިގެންވެއެވެ. ހުސްވި ސީޒަނުގައި އޭނާވަނީ ސިޓީގެ ޖޯޒީގައި އާދަޔާ ޚިލާފު މޮޅު ކުޅުމެއް ކުޅެފައެވެ. އެކުޅުން ޕޯޗުގަލްގައި މިފަހަރު ތަކުރާރުކޮށްފިނަމަ ވޯލްޑްކަޕުގެ ތަރިކަމަށް ވާނެއެވެ. މެންޗެސްޓަރ ސިޓީގައި ކޭޑީބީ ދައްކަމުންދާ ކުޅުން މިފަހަރު ބެލްޖިއަމްގެ ގައުމީ ޓީމުގައި ދައްކައިފިނަމަ ވޯލްޑްކަޕްގެ ގޯލްޑަން ބޯލް ލިބޭނީ ކޭޑީބީއަށްކަމީ ކަށަވަރު ކަމެކެވެ. އެކަމަކު މީނާއަކީ އަބަދުވެސް އެންމެ މުހިއްމު ދަނޑިވަޅުގައި އަނިޔާގެ ހިޔަނިއެޅޭ ކުޅުންތެރިއެކެވެ. އެކަމުން ސަލާމަތްވެގެން ހުރެވިއްޖެނަމަ މިއީ މިފަހަރު މިއެވޯޑުގެ ކެންޑިޑޭޓެކެވެ.

އިންގްލެންޑްގެ ފިލް ފޮޑެންއަކީ މެންޗެސްޓަރ ސިޓީގެ ތަރިއެކެވެ. ފާއިތުވި ދެ ސީޒަނުގައިވެސް ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވިފައިވަނީ ފޮޑެންއެވެ. އާއްމު ގޮތެެއްގައި އޭނާ ކުޅެނީ ވާތްފަރާތު އަރިމައްޗަށެވެ. އެކަމަކު ވޯލްޑްކަޕް ކޮލިފައިންގެ ބައެއް މެޗުތަކުގައި އޭނާ ސީދާ މެދުތެރެއިން ޕްލޭމޭކިން ރޯލް އަދާކޮށް ގިނަބައެއްގެ ސަމާލުކަން ހޯދާފައިވެއެވެ. އަބަދުވެސް އެއްފެންވަރެއްގައި ހިފަހައްޓާކަމަށް ފާހަގަކުރެވޭ ކުޅުންތެރިއެކެވެ. ސެނެގޯލްގެ ސާޑިއޯ މާނޭއަކީ މިހާރު ޖާމަނީގެ ލީގުގައި ބަޔާން މިއުނިކްގެ ފޯވާޑެކެވެ. އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވިދިވިދިގެން ދެއަހަރު ވަނީ ހޯދާފައެވެ. މިވަގުތު ދުނިޔޭގެ އެންމެ ދުވެލިބާރު ފޯވާޑުގެ ގޮތުގައިވެސް ފާހަގަ ކުރެވެނީ ސާޑިއޯ މާނޭއެވެ. އެފްރިކާގެ ހަގީގީ އުންމީދަކީ މިފަހަރު އޭނާއެވެ.