ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަވަހާރަކޮށްލުމަށް ހުސްވި ހަފުތާގެ ބުރާސްފަތިދުވަހު ނުރައްކާތެރި ހަމަލާއެއް ވަނީ ދީފައެވެ. ޕަންޖާބު ޕްރޮވިންސްގެ ވަޒީރުއާބާދުގައި ކުރިއަށް ގެންދިޔަ ހިނގާލުމެއްގެ ތެރެއިން އިމްރާން ޚާނަށް ހަމަލަދީފައިވަނީ ބަޑިންނެވެ. ވަޒަން އަރާފައިވަނީ އޭނާގެ ފަޔަށެވެ. އެހެންވީމާ ފުރާނަޔަކަށް ނުރައްކަލެއް ނެތެވެ. އެކަމަކު މި ހާދިސާ ހިނގިވަގުތު އިމްރާނާއެކު ތިބި މީހުންގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ. އިތުރު ތޭރަ މީހަކު ވަނީ ޒަޚަމްވެފައެވެ. މިއީ ކާކު، ކޮންބޭނުމެއްގައި ކޮންބަޔަކަށްޓަކައި ދިން ހަމަލާއެއް ބާވައެވެ؟ ތުހުމަތުގެ އިނގިލި އަމާޒުކުރެވެނީ ކޮންފަރާތަކަށް ބާވައެވެ. މިކަމުގައި ސަރުކާރުން ބުނާ ވާހަކަތަކާއި އިމްރާނު ޚާން ވިދާޅުވާ ވާހަކަތައް ވަރަށް ތަފާތެވެ. އެވާހަކަތަކާއި ބައެއް ހާދިސާތަކަށް ބަލައިލަމާބަހީއެވެ.
ސިޔާސީ މަންފާ ލިބިގަތުމުގެ އެދުމުގައި ސިޔާސީ މީހުން މެރުމަކީ ޕާކިސްތާނުގެ ސިޔާސީ ސަގާފަތުގެ ތެރެއިން ކަމެކެވެ. ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫވެސް 2007 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަވަހާރަކޮށްލީއެވެ. ރާވަލްޕިންޑީގައި އޮތް އެއްވުމެއްގެ ތެރޭގައި ބޮމެއް ގޮއްވާލައިގެންނެވެ. ތުހުމަތުގެ އިނގިލި އަމާޒު ކުރެވުނީ ސަރުކާރަށެވެ. ވެރިޔަކީ ޖެނެރަލް ޕަރުވޭޒް މުޝައްރަފެވެ. މިކަންތަކާ ގުޅިގެން އުފެދުނު ހައިޖާނުގެ ތެރެއިން ޖެނެރަލް މުޝައްރަފުގެ ވެރިކަންވެސް ނިމިގެންދިޔައީއެވެ. ސިޔާސީ ބައެއްގެ ޝިކާރައަކަށް ބޭނަޒީރުވީފަދައިން އެކަމަނާއަކީ ޝިކާރަ ކުރެއްވުމުގައިވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ޕާޓީގެ ކޮންޓްރޯލާއި ގައުމުގެ ވެރިކަމަށްޓަކައި އާއިލާތެރޭގައި އުފެދުނު ކޯޅުމެއްގެ ތެރެއިން ކޮއްކޯފުޅު މުރުތަޒާ ބުއްޓޫ 1996 ގައި ބަޑިޖަހައި އަވަހާރަކޮށްލެވުނީއެވެ.
މުރުތަޒާ ބުއްޓޫއަށް ބަޑިން ހަމަލާދިނީވެސް ފުލުހުންނެވެ. މަތިން އޯޑަރު އައިސްގެންނެވެ. މިހާދިސާ ހިނގީ ކަރާޗީގައެވެ. އޭރު ބޮޑުވަޒީރަކީ ބޭނަޒީރެވެ. ތުހުމަތުގެ އިނގިލި އަމާޒު ކުރެވުނީ ބޭނަޒީރާއި އެކަމަނާގެ ފިރިކަލުން އާސިފް އަލީ ޒަރުދާރީއަށެވެ. ބޭނަޒީރުގެ ވެރިކަން ނިމުނީ މިމައްސަލައިގައި އުފެދުނު އުދާސްތަކުގެ ތެރެއިންނެވެ. ފަހުން ޒަރުދާރީ ހައްޔަރުވެސް ކުރެވުނެވެ. ޕާކިސްތާނުގެ ވެރިކަމުގައި ހުންނަވަނިކޮށް 1988 ވަނަ އަހަރު ޖެނެރަލް މުހައްމަދު ޒިޔާއުލް ހައްގުވެސް އަވަހާރަކޮށްލީއެވެ. އޭނާ ދަތުރުކުރެއްވި މަތިންދާބޯޓު ކޮންމެވެސް ގޮތަކުން ވައްޓާލައިގެންނެވެ. މިކަން ރާވައި ތަންފީޒު ކުރުމުގައި ބޭނަޒީރު ބުއްޓޫގެ ދައުރެެއް އޮތްކަމަށް ޝައްކު ކުރެވުނެވެ. ޒިޔާއުލް ހައްގު އަވަހާރަކޮށްލީމާ ދެން ވެރިކަމުގެ ދޮރު ހުޅުވުނީވެސް ބޭނަޒީރަށެވެ.
މަތީގައި ބަޔާންކުރެވުނީ ސިޔާސީ މަންފާ ލިބިގަތުމުގެ ބޭނުމުގައި އަވަހާރަކޮށްލެވުނު ބޭފުޅުންގެ ވާހަކައެވެ. އަޅުގަނޑު ހިތުން ޒިޔާއުލް ހައްގުގެ ވެރިކަމުގައި ޒާތެއްގެ ސަރިޔަތެއް ހިންގައި ކުރީގެ ބޮޑުވަޒީރު ޒުލްފިގާރު އަލީ ބުއްޓޫ 1979 ވަނަ އަހަރު ރާވަލްޕިންޑީގެ ޖަލެއްގައި ދަންޖައްސައި މެރިމެރުމަކީވެސް ސިޔާސީ މަރެކެވެ. މި ލިސްޓުގައި ބަޔާންކުރަންޖެހޭ މަރެކެވެ. އަދިވެސް މިޒާތުގެ ކިތަންމެ ކިތަންމެ މަރެކެވެ. ކިތަންމެ ކިތަންމެ ހާދިސާއެކެވެ. އެހެންވީމާ އެބައި ކުރުކޮށްފައި އިމްރާން ޚާނަށް ދެވުނު ހަމަލާޔަށް އަލުން ނަޒަރު ސީދާކުރާނަމެވެ. ކުރިން ދެންނެވި ސަބަބުތައް އެމަގުން ފެންނާންހުރީމާ އިމްރާން ޚާނަށް ދެވުނު ހަމަލާގައި ސިޔާސީ މަގުސަދެއް ނެތްކަމަށް ނިންމަން ދައްޗެވެ. މިކަމުގެ ފަހަތުގައި ސިޔާސީ ބަޔަކު ނެތްކަމަށް ބުނަންވެސް ދައްޗެވެ.
އިމްރާން ޚާނަށް ދެވުނު ހަމަލާޔަކީ ސީދާ އޭނާ އަވަހާރަކޮށްލުމަށް ދެވުނު ހަމަލާއެކެވެ. އެކަން ވަރަށް ސާފެވެ. އޭނާގެ ފުރާނަ ސަލާމަތްވުމަކީ އަދި އެހެން ކަމެކެވެ. މިކަމުގައި އިމްރާން ޚާނާއި އޭނާގެ ތަހުރީކޭ އިންސާފު ޕާޓީން ބުނަނީ ކީކޭބާވައެވެ. އިތުބާރުހުރި މަސްދަރުތަކާ ހަވާލާދެއްވައި އިމްރާން ވިދާޅުވަނީ މިހަމަލާގެ ފަހަތުގައި ތިއްބެވީ މިހާރުގެ ބޮޑުވަޒީރު ޝަހުބާޒު ޝަރީފާއި ދާޚިލީވަޒީރު ރާނާ ސަނާއު ﷲ އަދި ސިފައިންގެ އިސް އޮފިސަރެެއްކަމުގައިވާ މޭޖަރ ޖެނެރަލް ފައިސަލް ނަސީރު ކަމުގައެވެ. ޖެނެރަލް ނަސީރަކީ ސިފައިންގެ ކައުންޓަރ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލެވެ. އިމްރާނުގެ މި ތުހުމަތުތައް ސަރުކާރާއި ސިފައިން ވަނީ ވަގުތުން ދޮގުކޮށްފައެވެ. މިހާދިސާ ސިޔާސީ ނުކުރެެއްވުމަށްވެސް ވަނީ ގޮވާލައިފައެވެ.
އެތައްހާސް ބަޔަކު ބައިވެރިވާ އެއްވުމެއްގެ ތެރޭގައި ބަޑިޖަހާ މީހާ ފެންނާނެތާއެވެ. އެގޮތުން މިހާދިސާ ހިންގިކަމަށް ބުނާ މީހަކު ވަނީ ހައްޔަރު ކުރެވިފައެވެ. ޓީވީން ދެއްކި މަންޒަރުން ފެންނަ ގޮތުގައި އުމުރުން ތިރީހަކަށް އަހަރުގެ ޒުވާނެކެވެ. އޭނާ ބުނާކަމަށްވެއެވެ. އިމްރާނަކީ ގައުމުގެ އަދުއްވެކެވެ. އިމްރާނުގެ ސަބަބުން ގައުމަށް ލިބެނީ ގެއްލުމެވެ. އެހެންވީމާ ދުނިޔެއިން ވަކިކޮށްލުމަށް ބޭނުންވީއެވެ. މިކަމުގައި އެހެން މީހެއްގެ ބައިވެރިވުމެއްނެތެވެ. އޭނާ ހަރަކާތްތެރިވީ އަމިއްލައަށް ފެނިގެން އަމިއްލައަށެވެ. އޭނާ މިބަޔާނެއް ދީފައިވަނީ ފުލުހުންނަށެވެ. ކޮންމެއަކަަސް އެއީ ކާކުކަމާއި ބަޑި ލިބުނުގޮތާއި ޚަރަދުކުރިގޮތާއި މިކަންކަން އަދި ސާފެއް ނޫނެވެ. އެހެންވީމާ ފުލުހުން އަދި ވާހަކައެއް ބުންޏަސް އެއީ ތެދުކަމަށް މާގިނަބަޔަކު ގަބޫލެއް ނުކުރެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ