ލުއި ޚަބަރު

އެފްރިކާގެ އެންމެ އުސް ޓަވަރު މިސްރުގެ އާ ވެރިރަށުގައި

އެފްރިކާ ބައްރުގައިވާ އެންމެ އުސް އިމާރާތުގެ މަސައްކަތް މިސްރުގެ ވެރިރަށް ގާހިރާއާ ވަރަށް ގާތުން ސަހަރާތެރޭގައި މުޅިން ނިމުމަކަށް އަތުވެއްޖެއެވެ. ނީލަކޯރުގެ ހުޅަނގު އައްސޭރިން ފެށިގެން ގާތްގަޑަކަށް 45 ކިލޯމީޓަރު ދުރުން ކުރީގެ ސަހަރާގެ ތެރޭގައި ބިނާކުރެވުނު މި އިމާރާތުގެ އުސްމިނަކީ 385 މީޓަރެވެ.

މިއީ މިސްރުގެ ވެރިރަށް ގާހިރާގައި ތޮއްޖެހުން ބޮޑުވުމާ ގުޅިގެން ގާހިރާއާ ޖެހިގެން ހުޅަނގަށް ބިނާކުރާ މުޅިން އައު ސަހަރެެއްގެ ވަކި ޑިސްޓްރިކްޓެއްގައިވާ އިމާރާތެކެވެ. މި މަޝްރޫއަކީ 2015 ވަނަ އަހަރު ރައީސް އަބްދުލްފައްތާހު އައްސީސީ އިފްތިތާހުކޮށްދެއްވި 45 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއެއްގެ ތެރެއިން ބިނާކުރެވުނު އިމާރާތެކެވެ. މި ސަރަހައްދަށް މިވަގުތު ކިޔަނީ ކެޕިޓަލް ބިޒިނަސް ޑިސްޓްރިކްޓް، ސީބީޑީއެވެ. މިއީ ގާތްގަޑަކަށް ސިންގަޕޫރު ސައިޒުގެ ތަނެކެވެ. މި ސަހަރުގައި މިފަދަ އެހެން ވިހި އިމާރާތެއްގެ މަސައްކަތްވެސް މިހާރުވަނީ ނިމުމަކާ ގާތުގައެވެ.

އައު ވެރިރަށުގައި ރިޔާސީ ކިއްލާއަކާއި ވުޒާރާތަކާއި އެހެނިހެން އޮފީސްތައްވެސް ދަނީ ހަދަމުންނެވެ. މިއީ ތިމާވެއްޓާވެސް ރަހުމަތްތެރި ގޮތަކަށް ފަރުމާކުރެވިފައިވާ ސިޓީއެކެވެ. މިތަން މުޅިން ނިމޭއިރު މުޅިދުނިޔޭގައިވެސް އެންމެ ރިވެތި ފުރިހަމަ ވެރިރަށުގެ ގޮތުގައި ބެލެވޭނެއެވެ. މުޅިއެކު ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަސައްކަތުގެ ބޮޑުބަޔަކާ ހަވާލުވެގެން އުޅެނީ ޗައިނާގެ ކުންފުނިތަކުންނެވެ.

މިސްރުގެ ސީބީޑީގައި އެފްރިކާގެ އެންމެ އުސް އިމާރާތް ނިންމައިލެވުނުއިރު މިއީ ދުނިޔޭގެ އެންމެ އުސް އިމާރާތްކަމުގައިވާ ދުބާއީގެ ބުރުޖު ޚަލީފާގެ އުސްމިނުގެ ގާތްގަޑަކަށް ދެބައިކުޅަ އެއްބައެވެ. ސީބީޑީގެ އައިކަނިކް ޓަވަރު ނިމުމުގެ ކުރިން އެފްރިކާ ބައްރުގައި ހުރި އެންމެ އުސް އިމާރާތަކީ ދެކުނު އެފްރިކާގެ ޖޮހަނެސްބާގުގެ 234 މީޓަރުގެ ލިއޮނާޑޯ ޓަވަރެވެ. ދާދި އަވަހަށް މިސްރުގެ ޓަވަރަށްވުރެ އުސް ޓަވަރެެއް އައިވަރީކޯސްޓްގެ ވެރިރަށުގައި އުފުލިގެންދާނެއެވެ. އެެއީ 400 މީޓަރުގެ ޓަވަރެކެވެ.