ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 51

1

ދެ ޒުވާނުން ވާހަކަދައްކަން މަޑުކޮށްގެން ތިބީ ނަހީކްގެ ގޭގައި ހުންނަ ސިއްރު ކޮޓަރީގައެވެ. ޒަހީރު އަންނަން އުޅޭކަން އެނގުމުން ޒަކްވާން އިނީ ފޫހިވެފައެވެ. ރާއްޖެއިން ބޭރުގައި އުޅުނުއިރުވެސް ޒަހީރަކީ ޒަކްވާންގެ ނިންމުންނަތަކަށް އަބަދުވެސް އަޑުގަދަކުރާ މީހެކެވެ. އަންހެނަކާ ކައިވެނިކުރާށޭ ޒަހީރުގެ ދުލުން ބުނި އަދަދެއް ނޭނގެއެވެ. ޒަހީރު އާ އެއްފަސްގަނޑެއްގައި ހުންނަން ކުޑަކޮށްވެސް ޒަކްވާން ބޭނުމެއް ނުވެއެވެ.

"އަޅާނުލާބަލަ. އަންކަލް އައިމަ އަހަރެމެން ރީތިކޮށް ވާހަކަދެއްކިދާނެއްނު" ނަހީކް ބުންޏެވެ. މިޔުޒިކް ކުޅޭ ސާމާނު ކައިރީގައި ޒަކްވާން އިންއިރު އޭނާ އަނގައިން އަޑެއްވެސް ލައްވާނުލައެވެ.

"ބައްޕަ އަހަރެން ބަލައި އެ އަންނަނީ. މިތަނުގައި އަހަރެންނަށް ރައްކާތެރިކަމެއް އޮވެގެންދޯ އައިސް ހުންނާނީ. އެ މައްސަލައިގެ ވާހަކަ ބައްޕަ އަބަދު ދައްކަނީ. އެކަން ނިމިއްޖެއްނު. އެއްވެސް މީހަކު އެކަހަލަ ވާހަކައެއް އެބަދައްކާތަ. ބައްޕަ ސައިޒްކުރަންވީ ކަންނޭނގެ" ޒަކްވާން އިނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

"ތިވާހަކަނުދައްކަބަލަ. އަހަރެން ބޭނުމެއް ނޫން ރިދާއަށް ކުޑަކޮށްވެސް ޝައްކެއްވާކަށް" ނަހީކް ބުންޏެވެ.

"ކަލޭ ދޭ ބައްޕަ ބަލާ. މަ ކަނޑާލާނީ ރިސޯޓަށް" ފަރުވާކުޑަގޮތަކަށް ޒަކްވާން ބުންޏެވެ.

*********

މައިންބަފައިންނާ ވާހަކަދެއްކުމަށްފަހު ރިންދާ އޮފީހުން ޗުއްޓީއެއް ނެގިއެވެ. ކައިވެނީގެ ކަންކަން ނިންމުމަށާއި އާއިލާ އާ އެކުގައި ގިނަ ވަގުތު ހޭދަކުރުމަށެވެ. ބޮޑު ކަންތައްގަނޑެއް ނިމެން އުޅޭއިރު މައިންބަފައިންނަށް އެކަން އެނގުމަކީ ރިންދާ ދެކޭގޮތުގައި މުހިންމު ކަމެކެވެ. ނަހީކްގެ ހަގީގަތް ޝާހްބާޒަށް ކިޔައިދޭން ރިންދާ ބޭނުންވަނީ ބެގަރީ އެގެއަށް އައިސް ޝާހްބާޒާ ބައްދަލުކުރުމަށްފަހުގައެވެ. އެވަގުތަށްވެސް މިހާރު ގިނަވަގުތެއް ނެތެވެ. މުޅި ދުވަހު އެއްކޮށް ނަހީކްގެ އުނދަގުލެއް ނުފޯރާތީ ރިންދާ ހުރީ ވަރަށް ހަމަޖެހިފައެވެ. ވިލިނީ ދިރިއުޅޭ އެޕާޓްމަންޓަށް އެހާ ފަސޭހައިން އާދެވުނީ އެހެންވެއެވެ.

ހުރިހާކުދިން އެއްތަންވުމާއެކު އާތިފާ ކޮފީ ހަދައިގެން ހުރިހާ ކުދިންނަށް ގެނެސްދިނެވެ. ޒުވާން އެކުވެރިންތައް ސައްލާކުރަން ބޭނުންވާކަން އާތިފާއަށް އޮތީ އެނގިފައެވެ. އެހެންނަމަވެސް އޭނާއަށް ނޭނގެނީ ކޮންކަމަކާ ގުޅިގެންކަމެވެ. ކުދިން ކައިރީގައި މަޑުނުކުރަންވެގެން އާތިފާ ވަނީ ކޮޓަރިއަށެވެ.

"އަލްޙަމްދުލިއްލާހް. ހިއެއްނުކުރަން ކުރަން މިއުޅޭ ކަންކަން އެހާ ފަސޭހައިން ކާމިޔާބުވެދާނެ ކަމަށް" ރިންދާ ބުންޏެވެ.

"ބަރަކް ބުނި އުނދަގުވާނީ ރާއްޖެއިން ބޭރުގަ ހުރީ އެންތަނީ ގެންނަން ކަމަށް. އެއީ ރާއްޖެއިން ބޭރުގަ ތިބޭ މީހުން ހައްޔަރަށް ގެނައުމަކީ ވަރަށް ދިގުލައިދާ ކަމެއް. ބަރަކް ބުނި ފަހަރެއްގަ މަހެއްހާ ދުވަހަށްވުރެވެސް ގިނަވެދާނެ ކަމަށް" އަޔާލް ވާހަކަދެއްކިއެވެ.

"އެހެންވިޔަސް މިކޮޅުގަ ތިބި ދެ ގާތިލުން ހައްޔަރުކުރެވޭނެތާ. އެއީވެސް ވަރަށް ބޮޑުވަރެއް" ވިލިނީ ބުންޏެވެ.

"ވަކީލެއްގެ ހައިސިއްޔަތުން އަހަރެން ދީފާނަން ވަރަށް ރަނގަޅު ހިޔާލެއް" ލައިދު ބުންޏެވެ.

ބާކީ ތިބި ތިން މީހުންނަށް އެކުގައި ލައިދަށް ބަލައިލެވުނެވެ. ލައިދުގެ ހިޔާލަކީ ކޮބައިކަން އެނގެން ތިންކުދިންވެސް ތިބީ ބޭނުންވެފައެވެ.

"ނަހީކަކީ ޝާހުބެގެ ދަރިއެއްނު. އެހެންވީމަ ހުރިހާކަމެއް ޝާހުބެއަށް އެނގެން ޖެހޭނެ ނަހީކް ހައްޔަރުކުރުމުގެ ކުރިން" ލައިދު ބުންޏެވެ.

"މިއަދު ހަވީރު އަހަރެން މަންމަމެނަށް ކިޔައިދޭން ކަމަށް ހުރީ. އެކަމަކު ބޭބެއަށް ވާނެގޮތެއް ހިތަށްއަރާފަ ހަމަ ޖެހިލުންވަނީ" ރިންދާ ބުންޏެވެ.

ހަތަރު ކުދިންގެ މެދުގައި މަޝްވަރާކުރުމަށްފަހު ނިންމީ ޝާހްބާޒަށް އެނގެންޖެހޭ މިންވަރަށް ފުލުހުން މެދުވެރިކޮށް ކިޔައިދިނުމަށެވެ. އެހެނީ ރަނީންގެ ބެލެނިވެރިޔާއަކީ ނަހާއެވެ. އެމަރާ ގުޅޭ ހުރިހާ ހަގީގަތެއް ރަނީންގެ އާއިލާއަށް ވަނީ ވަރަށް ބޮޑަށް އޮޅުވާލާފައެވެ.

ފަހުކަމަކަށް އަޔާލް ލައިދުއަށާއި ވިލިނީއަށް ދައުވަތުދިނެވެ. ރޭގަނޑު އޮންނަ އަޔާލް އާއި ރިންދާގެ ރަންކިޔުމުގެ ހަފުލާއަށް އެއް ހެކިވެރިއެއްގެ މަގާމުގައި ހުރީ ލައިދުއެވެ. ބަރަކްއަށް ގުޅައިގެން ވާހަކަތަކެއް ދެއްކުމަށްފަހު ދެވަނަ ހެކިވެރިޔަކަށް ހަމަޖެއްސީ ލޫކެވެ. ރަންކިޔުމުގެ ހަފުލާ ނިންމާލުމަށްފަހު ޝާހްބާޒާއި ނަހާ އާ ލޫކް ވަކިން ބައްދަލުކޮށް ހުރިހާ ހަގީގަތެއް ކިޔައިދޭގޮތަށް ހަމަޖެހިގެން ދިޔައެވެ.

**********

ހަވީރުގެ ވަގުތެވެ. ރިންދާގެ ރަންކިޔުމުގެ ހަފުލާއަށް ގޭތެރޭގައި ކުޑަވަރެއްގެ ކެއުމެއް ތައްޔާރުކުރަން ނަހާ ބޭނުންވިއެވެ. އެހެންކަމުން ގަންނަންޖެހޭ ބައެއް އެއްޗެހި ގަތުމަށް ޝާހްބާޒްގެ ސައިކަލު ފަހަތުގައި ނަހާ ބޭރަށް ނުކުތެވެ. ދެމަފިރިންގެ މިސްރާބަކަށްވީ މާލޭގައި އެންމެފަހުން ހުޅުވި އެންމެބޮޑު މޯލެވެ.

ފިހާރައަށް ވަދެގެން ގޮސް ބޭނުންވާ ސާމާނު ހިފައިގެން ކައުންޓަރާ ދިމާލަށްދިޔަ ޝާހްބާޒްގެ ދެމަފިރިންގެ ކުރިމައްޗަށް އެރި ޝަލްބިޔާ ފެނިފައި ވަގުތުން ހުއްޓުނެވެ. އެތައްދުވަހެއް ފަހުން ފެނުނު ކަމުގައި ވިޔަސް ނަހާއަށް ޝަލްބިޔާ ފެނުމާއެކު އެނގިއްޖެއެވެ. ޝަލްބިޔާއަށް މާބޮޑު ބަދަލެއް އައިސްފައި ނެތެވެ. ހަމަ އެހުދު ދޮނެވެ. ހަށިގަނޑުގެ ބައްޓަންވެސް ކުރިއެކޭ އެއްގޮތެވެ. އެ އިސްކޮޅެވެ. ބަދަލެއް އައިސްފައި ހުރީ ޝަލްބިޔާގެ އިސްތަށިގަނޑަށެވެ. އެންމެ ކުރީގައި ޝަލްބިޔާގެ އަތުގައި އޮތް ވަރުގަދަ އިސްތަށިގަނޑު މިހާރު ނެތެވެ. ކޮނޑާ ހަމައަށް އިސްތަށިގަނޑު ކޮށާލާފައިވާއިރު އިސްތަށިކޮޅު ފަނެވެ. ލައިގެން ހުރީ ގަދަމުށި ކުލައެއްގެ ފޫކޮޅުން ތިރިއަށް ހުރި ކުރުތާއަކާއި ހުދުކުލައިގެ ފައިކުރި ފުޅާ ބޮޑު ހަރުވާޅެކެވެ.

"ކިހިނެއްތަ؟" ޝާހްބާޒްގެ މޫނަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު ޝަލްބިޔާ ސުވާލުކުރީ ނަހާއާއެވެ.

"ރަނގަޅު. ޝަލްބިޔާ ކިހިނެއްތަ؟ ރިދާ ބުނި އައިސްއުޅޭ ވާހަކަ" ނަހާ ބުންޏެވެ.

"ރަނގަޅު އަހަރެން" ޝަލްބިޔާ ބުންޏެވެ. އެހިސާބުން އަނެއްކާވެސް ޝަލްބިޔާ ބަލައިލީ ޝާހްބާޒްގެ މޫނަށެވެ. ޝާހްބާޒާ ވާހަކަދައްކާހިއްވެ ނުކެރިފައި ހުރި ކަހަލައެވެ.

"ވާހަކަދައްކާލެވިދާނެތަ ވަރަށް މުހިންމު ކަމެއްގަ" ޝަލްބިޔާ ބުންޏެވެ. ޖަވާބެއްނުދީ ނަހާ ބަލައިލީ ޝާހްބާޒްގެ މޫނަށެވެ. ޝާހްބާޒް ނަހާގެ އަތްތުލައިގައި ހިފަހައްޓާލިއެވެ. އެމަންޒަރު ޝަލްބިޔާއަށް ފެނި ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ.

"މި ނުކުންނަނީ ލާރި ދައްކާފަ" ނަހާ ބުންޏެވެ.

"ކުރިމަތީގައި މިހުރީއެއްނު ކެފޭއެއް. އެތަނުގައި އަހަރެން މިއިނީ. ވަދެލާނެ ކަމަށް ހީކުރަން" ޝަލްބިޔާ ބުންޏެވެ.

*********

ރޫބިޔާ ހައްޔަރުކުރުމަށްފަހު ސައްވީސްގަޑިއިރުވުމުގެ ކުރިން ގާޒީއެއްގެ ކުރިމައްޗަށް ގެންދިޔައެވެ. ލޫކް ގާޒިއަށް މައްސަލަ އިއްވައިދިނުމަށްފަހު ހަމަޖެހިލިއެވެ. މައްސަލަ އާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނަން ގާޒީ ރޫބިޔާއަށް ފުރުސަތުދިނެވެ. އެހެންނަމަވެސް ރޫބިޔާ އަނގައިން ނުބުންޏެވެ. އޭނާ ހުރީ ހަނެވެ. ފަނަރަދުވަހުގެ މުއްދަތެއް ޖަހާފައި ރޫބިޔާ ވަގުތީގޮތުން ބެހެއްޓީ މާލޭގައެވެ. އެއީ ލޫކް ބޭނުންވެގެންނެވެ. ރޫބިޔާ އަނގައިން ވާހަކަތައް ނެރުމަކީ ކޮންމެހެންވެސް މުހިންމު ކަމަކަށްވާތީއެވެ. ތަކުރާރުކޮށް ސުވާލުކުރުމުންވެސް ރޫބިޔާ ވާހަކަނުދެއްކިއެވެ. އެހެންކަމުން ތަހުގީގަށް އަދި އެއްވެސް ކުރިއެރުމެއް ލިބޭގޮތެއް ނުވެއެވެ. އެތައްގޮތަކުން ރޫބިޔާއަށް ނަސޭހަތްދެވޭތޯ ލޫކް މަސައްކަތްކުރިއެވެ. ބައެއްފަހަރު ލޫކް ކައިރީގައި މަޑުމަޑުން އިންނަ ބަރަކަށް ބަލަހައްޓައިގެން ރޫބިޔާ އިނދެއެވެ. ހީވާގޮތުން ކުއްލިއަކަށް ކަންތައްތައް ބަދަލުވެގެން ދިޔަގޮތުން ރޫބިޔާ އިނީ ޝޮކެއްގައެވެ. އަދިވެސް ރޫބިޔާ ހަމަޖެހެން ވަގުތުދޭން ލޫކް ބަރަކާ ވާހަކަދެއްކިއެވެ.

******

ގަތްތަކެއްޗާއެކު ނަހާއާއި ޝާހްބާޒް ކެފޭއަށް އެރިއިރު ޝަލްބިޔާ ވަކިން ހުރި މޭޒެއް ކައިރީގައި އިނެވެ. ކޮފީތައްޓެއް ހިފައިގެން އިންއިރު އަތުގައި އޮތް ފޯނުން ނަޒަރު ވަކިކޮށްލާފައި ކައިރިއަށް އައިސް މަޑުކޮށްލި ނަހާގެ ދެމަފިރިންނަށް އޭނާ ބަލައިލިއެވެ. ދެން އަތުން އިޝާރާތްކޮށްލާފައި އިށީންނަން ގޮނޑި ދައްކާލިއެވެ.

"ކޯޗެއް ގެންނާނީ" ޝަލްބިޔާ އެހިއެވެ.

"ކޮފީ ރަނގަޅުވާނެ" ނަހާ ބުންޏެވެ.

ވެއިޓަރަކަށް ގޮވާލާފައި ދެ ކޮފީއަށް ޝަލްބިޔާ އޯޑަރުދިނެވެ. އެހިނދު ނަހާ ރަނގަޅުކޮށްދިނެވެ. ގެނެސްދޭންވީ އެއް ކޮފީ ކަމުގައި ބުންޏެވެ.

"ކިހިނެއްވީ؟ ނަހާ ކޮފީ ނުބޮންތަ އަނެއްކާ" ޝަލްބިޔާ އެހިއެވެ.

"ނޫން މަށެއްނޫން" ނަހާ ބުންޏެވެ. އެހިނދު ޝަލްބިޔާ ބަލައިލީ ޝާހްބާޒްގެ މޫނަށެވެ.

ވަގުތެއްނެތޭ ނަހާ ބުނީ އޭނާ ކުރަންހުރި ކަންކަން ގިނަކަމުންނެވެ. އެގޮތަށް ޝަލްބިޔާގެ ކުރިމަތީގައި އިނުމަކީ އޭނާއަށް ފަސޭހަކަމެއް ނޫނެވެ.

ޝާހްބާޒްގެ ހަނދާނަށް އައީ މީގެ އަހަރުތަކެއް ކުރިން ވަޅިއެއް ހިފައިގެން ނަހާގެ އާއިލާ މަރާލަން އައި ޝަލްބިޔާއެވެ. އޭރު ޝަލްބިޔާ ހުރީ ޝާހްބާޒާ ހެދި ދުނިޔެއިން މޮޔަވެފައެވެ. މައިންބަފައިން މަޖުބޫރުކޮށްގެން ޝަލްބިޔާ އާއި ޝާހްބާޒް ކައިވެނިކުރި ކަމުގައި ވިޔަސް އެންމެ ފުރަތަމަވެސް ޝާހްބާޒްގެ ހިތުގައި ލޯބީގެ ވިންދެއް ޖަހާލީ ނަހާއަށްޓަކައެވެ. އޭރު ނަހާއަކީ މާލީ ހާލަތުހުރި ގޮތުން އެހެންގޮތެއް ނެތިގެން ކައިވެންޏެއްގެ މަތީގައި ހުރި އަންހެނެކެވެ. ރިންދާ އާއި ރަނީންއަކީ އެކައިވެންޏަށް ނަހާއަށް ލިބުނު ދެ ދަރިންނެވެ. ކުއްލިމަރެއްގައި ދެ ދަރީންގެ ބައްޕަ ނިޔާވުމާ ގުޅިގެން ނަހާގެ އާއިލާގެ ޒިންމާނެގީ ޝާހްބާޒެވެ. ކައިވެންޏެއް ނުކޮށް ހިލޭ ފިރިހެނެއްގެ އެހީތެރިކަން ބޭނުންނުވާތީ ނަހާ ޝާހްބާޒް ކޮށްދޭ ކަންތައްތައް ބަލައިނުގަތެވެ. އެހެންކަމުން ޝާހްބާޒް ދެވަނަ ކައިވެންޏެއް ކުރިއެވެ. ނަހާ އާއި ޝަލްބިޔާ ހަސަދަވެރިވީ އެހިސާބުންނެވެ. ރިންދާ އާއި ނަހީކްގެ ރަހުމަތްތެރިކަމުގެ ގުޅުން ފެށިގެންވެސް ދިޔައީ އެއްގޭތެރެއިންނެވެ. މަޖުބޫރުން ކުރެވުނު ކައިވެންޏެއް ނަމަވެސް ނަހާ އާއި ޝާހްބާޒް ކައިވެނިކުރި އިރު އެންމެ ދޮށީ ދަރިފުޅު ނަހީކް ޝަލްބިޔާގެ ކައިރީގައި ހުއްޓެވެ. ނަހާއަށް ޝާހްބާޒަށް ނަސޭހަތްތެރިވިއެވެ. ދަރިއަކު ކައިރީގައި ހުއްޓައި ޝަލްބިޔާ ދޫކޮށްނުލުމަށެވެ. ނަހީކް ބިކަވެ މައެއްގެ ލޯބިން މަހުރޫމުވާން ނަހާ ބޭނުމެއްނުވެއެވެ. އެހެންނަމަވެސް ރިންދާ އާއި ނަހީކްގެ ގުޅުން ބަދަލުވަމުން އައި ކަމުގައި ވިޔަސް ޝާހްބާޒް ނަހާ އާއި ކައިވެނިކުރުމުގެ ސަބަބުންނާއި ނަހާ ވަރިކޮށް ގެއިން ފޮނުވާނުލާ ހުރެގެން ޝަލްބިޔާ އައީ ރުޅި އާއި ނަފުރަތާއި ހަސަދަ އެކީއެކައްޗަކަށް ނަހާގެ އާއިލާއަށް ބާލަމުންނެވެ. ޝަލްބިޔާ ކުރާ ހިތާމަ އާއި ރޯވަރު ނަހީކަށް ދިޔައީ ކައިރިން ފެންނަމުންނެވެ. އެންމެފަހުން ޝާހްބާޒަށް ކެތްނުވީ އޭނާގެ ކުރިމަތީގައި ކުޑަކުޑަ ރިންދާއަށް ޝަލްބިޔާ އަނިޔާކުރާ މަންޒަރު ފެންނަން ފެށުމުންނެވެ. އިތުރަށް ޝާހްބާޒްގެ އިހުސާސްތަކުގައި ހިފަހައްޓަން ނަހާވެސް ބޭނުންނުވީއެވެ. ޝަލްބިޔާގެ މޮޔަކަން ހައްދުންނެއްޓިގެން ދިޔުމުންނެވެ. ޝާހްބާޒް ގޭގައި ނެތް ވަގުތުތަކުގައި ވަޅި ހިފައިގެން އައިސް އެތައް ރެއަކު ނަހާއަށް ބިރުދައްކައެވެ. ރިންދާ އާއި ރަނީންގެ ގައިގައި ޖަހައި ރޮއްވާލައެވެ. ނަހީކްގެ ފަހަތުން ކުޅެމުންގޮސް ކޮޓަރިއަށް ވަނަސް އެދެކުދިން އަތުގައި ހިފައި ދަމާ ބޭރަށް ނެރެ ދޮރުލައްޕައެވެ. އެންމެފަހުން ޝާހްބާޒަށް މަޖުބޫރުވީ ޝަލްބިޔާ ދޫކޮށްލާށެވެ. އެހެންކަމުން ޒަހީރު (އެންތަނީ) އަށް ގުޅައިގެން ގެއަށް ގެނެސް ޝަލްބިޔާ ކުރިމަތީގައި ބައިންދައިގެން އެތައް ވާހަކައެއްދެއްކުމަށްފަހު ޝަލްބިޔާ މިނިވަންކުރިއެވެ. އެދުވަހު ޝަލްބިޔާ ރޮމުން ހަޅޭއްލަވަމުންދިޔަ މަންޒަރު ބަލަން ދޮރުކައިރީގައި ނަހީކް ހުއްޓެވެ.

މަންމަ ކައިރީގައި ނެތުމުގެ އަސަރު ނަހީކަށް ވަރަށް ބޮޑަށް ކުރިއެވެ. ނަހާ އާއި ޝާހްބާޒް ކޮށްދޭ އެއްވެސް ކަމެއް ނަހީކަށް ކަމަކުނުދެއެވެ. ޝަލްބިޔާ ކައިރިއަށް ދާން ނަހީކް ގޮވަމުން ދިޔައެވެ. ނަހީކަކީ ޝާހްބާޒްގެ ދެލޮލުގެ ނޫރު ކަމުގައި ވިޔަސް ދަރިފުޅަށްޓަކައި ޝަލްބިޔާ ގެއަށް ގެންނަން ޝާހްބާޒް ވިސްނިއެވެ. އެހެންނަމަވެސް ޒަހީރު ފާޅުގައި އެކަމަށް ދެކޮޅު ހެދިއެވެ. އެދުވަހު ޒަހީރު ބުނެލި ދެތިން ޖުމްލައަކީ ދުވަހަކުވެސް ޝާހްބާޒް ހަނދާންނެތޭނެ ޖުމްލަތަކެއް ނޫނެވެ. އެއީ ޝަލްބިޔާވެސް އަދި އޭނާވެސް ނަހީކް ބަލައިނުގަންނާނޭ ވާހަކައެވެ. އުނދަގުކުރަން ނަހީކް އެމީހުންގެ ބޮލުގައި އަޅުވަން ނޫޅޭށޭ ބުންޏެވެ. ޝާހްބާޒް ގޮތްހުސްވިއެވެ. ދަރިފުޅު މަސަލަސްކުރެވޭތޯ ޝާހްބާޒާއި ނަހާ އެތައް ކަމެއްކުރަން ޖެހުނެވެ. ނަހީކަށް ހާއްސަކޮށްގެން އޭނާގެ ކަންތައްތައް ބެލެއްހެއްޓުމަށް ރާއްޖެއިން ބޭރު މީހެއް (ބެގަރީ) ވެސް ގެނައީ އެހެންވެގެންނެވެ. ޝާހްބާޒާއި ނަހާކޮށްދޭ އެއްވެސް ކަމެއް އޭނާއަށް ރަނގަޅު ނޫންވީމައެވެ. ރިންދާ ދިނީމާ ނޫނީ ނަހީކަށް ފެންފޮދެއްވެސް ނުބޮއެވެ. ބެގަރީ އައިސް މަސައްކަތާ ހަވާލުވުމާއެކު ނަހީކް ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅުނެވެ. އެހެންނަމަވެސް ނަހާ އާއި ޝާހްބާޒް ފެނުމާއެކު ނަހީކް ރުޅިގަދަވެއެވެ. ނަހާ އާއި ދެދަރީން އެހެން ގެޔަކަށް ބަދަލުކުރަން ޝާހްބާޒަށް މަޖުބޫރިވީ އެހެންވެއެވެ. ނަހީކުގެ ހުރިހާކަމެއް ބެގަރިއާ ހަވާލުކޮށްފައި ޝަހްބާޒް ދުރުގައި ހުރެގެން ހުރިހާކަމެއް ބެލިއެވެ. ނަހީކަށްޓަކައި ޝާހްބާޒްވި ގުރުބާނީ ނަހީކަށް ނުވިސްނެއެވެ.

ޝަހްބާޒަށް ހަމަބިމަށް އާދެވުނީ ކައިރީގައި އިން ނަހާ އަތުގައި ކޮށްޓާލުމުންނެވެ.

"އަހަރެންބުނީ މާޒީގައި ހިނގާދިޔަ އެއްވެސް ކަމެއް އަހަރެންނަށް ބަދަލެއް ނުކުރެވޭނޭ. އެކަންކަމަށް އަހަރެންނަށް މައާފުކުރާށޭ" ޝަލްބިޔާ ބުންޏެވެ.

"އަހަރެމެން ހިތުގަ އެއްވެސް ޝަކުވާއެއްނެތް" ނަހާ ބުންޏެވެ.

"އަހަރެން އަދި އެއްކަމެއް ސާފުކޮށްދޭން ބޭނުން. އަހަރެން އޭރު ގެއިން ދިޔަފަހުން ޝާހު އަހަރެން ގެންނަން މަސައްކަތްކުރި ކަމެއް ނޭނގޭ. ވަރަށްފަހުން ބޭބެ އަހަރެން ކައިރީގަ ބުނީމަ އެނގުނީ. އަހަރެން ދުވަހަކުވެސް ނުބުނަން ދަރިފުޅު ބޭނުންނުވާ ކަމަކަށް. އެއީ އަހަރެންގެ ހުރިހާވެސް އެއްޗަކީ" ޝަލްބިޔާ ބުންޏެވެ.

"އޭރުން ފެށިގެން މިއަދާ ހަމައަށް އަދިވެސް އަހަރެންގެ ދޮށީ ދަރިފުޅު އަހަރެންނަށް 'ބައްޕަ' އޭ ކިޔާފަ ގޮވާނުލާ. އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް. ތިދެމައިންނަށްވެސް މިއަދު އަހަރެންގެ ހިތްސާފު" ޝާހްބާޒް ބުންޏެވެ.

"ކޮންމެގޮތެއްވިޔަސް ދެއާއިލާ އަނެއްކާވެސް ގުޅެން ތައްޔާރު މިވަނީ. ރިންދާ އާއި ނަހީކްގެ ކައިވެންޏަށްފަހު އަހަރެން ދުވަސްކޮޅަކަށް ރިންދާ ގޮވައިގެން ބޭރަށް ފުރާނަން. އަހަރެން ވައުދުވަން. މައެއްގެ ލޯބި ރިދާއަށް އަހަރެން ދޭނަން" ޝަލްބިޔާ ބުންޏެވެ.

އެވީގޮތެއް ނަހާ އާއި ޝާހްބާޒަށް ނޭނގުނެވެ. ހައިރާންކަމާއެކު އެކަކު އަނެކަކުގެ މޫނަށް ދެމަފިރިން ބަލައިލިއެވެ.

*********

ރޫބިޔާގެ އަންނައުނު ހުރީ ހުޅުމާލޭގައި ހުރި އެޕާޓްމަންޓްގައި ވާތީ އެގެއަށް ދިޔައީ ބަރަކް އާއި ޖިލްވާ އާ އެކީގައެވެ. ތަން ސާފުކޮށް އެތަން ދޫކޮށްލާށާވެސް އެކީގައެވެ. މީހަކު ގޭތެރޭގައި އުޅޭހެން ހީވީ ބަރަކް އާއި ޖިލްވާ އެމަސައްކަތުގެ ތެރޭގައި އުޅެނިކޮށެވެ. އިސްކޮޅުން ދިގު ފިރިހެނެއް ހުރީ ސިޓިންރޫމު މެދުގައެވެ. ގޮޅިޖެހި ފެހިކުލައިގެ ގަމީހަކާއި ގަދަ ނޫކުލައިގެ ޖީންސަކާއެކު ދަށަށް ޖަހައިގެން ހުރި މީހެކެވެ. ލޮލުގައި ނަންބަރު އައިނެއް އޮތްއިރު އެއީ އަނަރޫފަވެފައިވާ މީހެއްކަން ބަލާލި ކޮންމެ މީހަކަށް އެނގޭނެއެވެ.

"ކޮންބޭފުޅެއް ހޯދަންތޯ" ޖިލްވާ ކޮޓަރިން ނުކުތްއިރު ބަރަކް ހުރީ ކޮޓަރި ތެރޭގައި ފޯނެއްގައެވެ.

"ރޫބީ... ރޫބީ އާ ބައްދަލުކޮށްލަންވެގެން" ފަރީދު ބުންޏެވެ.

ޖިލްވާ ފެނުމާއެކު އެއީ ބަރަކްގެ އަނބިމީހާކަން ފަރީދަށް އެނގުނެވެ. ޖިލްވާ ހިނިތުންވުމެއް ދިނެވެ. ފަރީދު އިށީންނަން ތަން ދައްކާފައި ޖިލްވާ ވަނީ ކޮޓަރިއަށެވެ. ބަރަކް ފޯނުގައި ހުއްޓައި އެދިމާލަށް ޖިލްވާ ދިޔައީ ނިކަން ބާރަށް ހިނގާފައެވެ.

"އެއްކަލަ މީހާ އައިސް އެބައިން. މަންމަ ހޯދަން" ޖިލްވާ ވާހަކަދެއްކީ ސިއްރުންނެވެ. ފޯނު ކަންފަތާ ދުރުކޮށްލާފައި ބަރަކް ޖިލްވާއަށް ސަމާލުކަންދިނެވެ. ޖިލްވާ ބުނި އެއްޗެއް އަދި މާބޮޑަށް ފަހުމުނުވާތީ ބަރަކް ލޮލުގެ އިޝާރާތުން ކިހިނެއްވީހޭ އެހިއެވެ.

"މަންމަގެ ބިޓު" ޖިލްވާ ބުންޏެވެ.

ބަރަކް ކޮޓަރިން ބޭރަށް ބޯދިއްކޮށްލިއެވެ.

ފަރީދު އިންތަން ފެނުމާއެކު ތުނިކޮށް ފަޅާފައި ހުރި ތުނބުޅީގައި ބަރަކް އިނގިލިތަކުގެ ކޮޅުން ކަހާލާ ކަހަލަ ގޮތަކަށް ހަރަކާތްކޮށްލިއެވެ. ކޮންމެގޮތެއްވިޔަސް އެއީވެސް އެތެރެއަށް ގެންދަންޖެހޭ މީހެއްކަން ހަނދާންވުމާއެކު ބަރަކް ޖިލްވާ ކައިރިއަށް ގެނެސް ކަންތައްކުރަންވީ ގޮތް ކިޔައިދިނެވެ. ކޮޓަރިން ޖިލްވާ ނުކުތުމާއެކު ދެން ބަރަކް ގުޅީ ލޫކަށެވެ.

********

ޝާހްބާޒާއި ނަހާ ގޭތެރެއަށް ވަންއިރު ގޭތެރެއިން ބެގަރީ ފެނިއްޖެއެވެ. ކޮޓަރިން ނުކުތް ރިންދާ ޝާހްބާޒާއި ނަހާއަށް ހިނިތުންވުމެއްދިނެވެ. ގެނައި އެއްޗެހިތައް ހިފައިގެން ބަދިގެއަށް ދަމުން އިޝާރާތުން ރިންދާއަށް ބަދިގެއަށް އައުމަށް ނަހާ ބުންޏެވެ. ކޮށަން ހުރި ތަރުކާރީކޮޅާއި ވަޅިއެއް ހިފައިގެން އައިސް މޭޒު ކައިރީގައި ނަހާ އިށީނެވެ. ރިންދާއަށް ބަލައިލީ ދެނެވެ.

"މަންމަ ރިދާ ކައިރީގައި ދެ ވާހަކައެއް އަހަން މިއުޅެނީ" ނަހާ ބުންޏެވެ. ރިންދާ ބޯޖަހާލިއެވެ. އަދި ކޮށަމުންދިޔަ ކެރެޓް ތަށިން ކެރެޓްކޮޅެއް ނަގައި ކާލިއެވެ.

"އެންމެ ފުރަތަމަ ބުނެދީބަލަ އަޔާލާ ދެކުދިން މެދުގައި ކަމެއް ހިނގީތަ؟ ބުނަން. ރިދާ މަންމައަށް ސިއްރުކުރަންޖެހޭ އެއްވެސް ކަމެއް އޮވެގެން ނުވާނެ. ކައިވެނިކުރަން އުޅުމަކީ މަންމަ ވަރަށް އުފާވާކަމެއް. އެކަމަކު ކައިވެނިން ބޭރުގަ ހަޑިކަމެއް ރިދާއަށް ކުރެވިފަ އޮތިއްޔާ އެކަމަށް މަންމަ ހިތްވަރެއް ނުދޭނަން. އަދި މަންމަ ވަރަށް ދެރަވެސްވާނެ" ނަހާ ވާހަކަދެއްކިއެވެ.

"މަންމާ.... އެކަމަކު... އެކަހަލަ ކަމެއް ނުކުރަން. ހުވާމިކުރީ. ދެން ކައިވެންޏެއް ކުރަން އުޅޭކަން މަންމައަށް ކުރިންވެސް އެނގެއެއްނު. މިހުރިހާ ދުވަހުވެސް ލަސްކުރީ އަޅުގަނޑު. އެކަމަކު މިހާރު ލަސްކުރަން ބޭނުންނުވީމަ މިކުރަނީ" ރިންދާ ވާހަކަދެއްކިއެވެ. ރިންދާގެ ވާހަކަތައް ނަހާ ގަބޫލުކުރިއެވެ.

"ދެން ޝަލްބިޔާ އެދެއްކީ ކޮންވާހަކައެއް؟ އަންހެނަކަށް ދެ ފިރިހެނުން ހުއްދައެއް ނޫން. އެކަމަކު ރިދާ ތިއުޅެނީ ދެ ފިރިހެނުންނާ އެއްކޮށް ކައިވެނިކުރަންހެން މަންމައަށް ހީވަނީ" ނަހާ ވާހަކަދެއްކިއެވެ.

"ވެއިޓް.... އެންމެފުރަތަމަ ޝަލްބިޔާ އެއީ ކާކު؟" ރިންދާގެ މޫނުމަތިން ހައިރާން ކަމެއް ފެނިލިއެވެ.

"ނަހީކްގެ މަންމަ ޝަލްބިޔާ. މަންމަ ހީކުރީ ރިދާއަށް އެނގޭނެ ކަމަށް. ބައްދަލުވެސްކުރީމެއްނު" ނަހާ ބުންޏެވެ.

"އޯ އެ ފުރޭތަގެ މަންމަ ދޯ" މަޑުމަޑުން ރިންދާ ބުންޏެވެ.

"ކީކޭ ތިބުނީ؟" ރިންދާ ބުނި އެއްޗެއް ނަހާއަށް ސާފުނުވިއެވެ.

"އަޅުގަނޑު ނޫޅެން އެއްވެސް އިރެއްގަ ނަހީކާ އިންނާކަށް. އޭނަ އުޅެނީ އަޅުގަނޑާ އިންނަން" ރިންދާ ބުންޏެވެ. އެވަގުތު ނަހާ ރިންދާއަށް ބަލައިލިއެވެ. ރިންދާގެ ވާހަކަދެއްކުމުގައި ތަފާތެއް ހުރިކަން ނަހާއަށް ފާހަގަވެއްޖެއެވެ.

"ރިދާ މަންމައަށް ކޮންކަމެއް ތިސިއްރުކުރަނީ؟" ނަހާ އެހިއެވެ.

"އަޅުގަނޑު ކަމެއް ސިއްރުކުރިއްޔާ މިރޭ އެނގޭނެ މަންމައަށްވެސް ބޭބެއަށްވެސް" ރިންދާ ބުންޏެވެ. އިތުރަށް ނަހާ ވާހަކަދައްކަން ފުރުސަތު ދިނުމެއްނެތި ރިންދާ ބަދިގެއިން ނުކުތެވެ. ބެގަރީ ގޮވައިގެން ޝާހްބާޒް ބަދިގެއަށް ވަނީވެސް އެވަގުތުއެވެ.

"ބެގަރީ ފުރަނީ އޯ ގައުމަށް ދާން. ފުރަން ވަންދެން މިގޭގަ ބަހައްޓަދޭށޯ" ނަހާ އާ ޖެހިގެން ހުރި ގޮނޑީގައި އިށީންނަމުން ޝާހްބާޒް ބުންޏެވެ. އަދި ބެގަރީ އިށީންނަން ގޮނޑި ދެއްކިއެވެ.

"އަހަރެންނަށް މައްސަލައެއް ނެތް ބެގަރީ މިގޭގަ ހުއްޓަސް. އެކަމަކު ކުއްލިއަކަށް ކިހިނެއްވީ؟ މައްސަލައެއް ދިމާވީތަ؟" ނަހާ އެހިއެވެ. ބެގަރީ ދެފަރާތަށް ބޯހޫރާލިއެވެ.

"ނަހީކް ރުހުނުތަ ބެގަރީ ދާން" ޝާހްބާޒް އެހިއެވެ.

"ނަހީކަށް ނޭނގޭނެ. ވަރަށް ގިނަ ދުވަހު މިތާ ހުރެވިއްޖެއްނު" ބެގަރީ ބުނެލީ އެވަރަށެވެ.

އެއްވެސް ވާހަކައެއް ކިޔައިނުދޭން ވިލިނީ އޮތީ ބެގަރީ ކައިރީގައި ބުނެފައެވެ. ފުލުހުން މެދުވެރިކޮށް ހުރިހާކަމެއް ޝާހްބާޒަށް އެންގުމަށްފަހު ސުވާލެއް ކުރިއްޔާ ނޫނީ އެއްވެސް ވާހަކައެއް ބެގަރީ ކިޔައިނުދޭނެއެވެ.

(ނުނިމޭ)