ގޫގުލް މެޕްސްގައި ހިމެނޭ ސްޓްރީޓް ވިއު ނުވަތަ ދުއްވާ މަގުގެ ސާފު މަންޒަރު ފެންނަ ހިދުމަތް އަންނަ އަހަރު ހުއްޓާލަން ގޫގުލް މެޕްސް އިން ނިންމައިފިއެވެ.
ދުނިޔޭގެ ކޮންމެ ގައުމެއްގެ ކޮންމެ ރަށެއްގެވެސް މަގުމަތި 360 ޑިގްރީއަށް ބަލައިލުމަށް މި ހިދުމަތް ދޫކޮށްފައި ހުރުމުން ގިނަ ފަސޭހަތަކެއް ލިބެއެވެ. ގިނަބަޔަކު ބޭނުން ކުރާ ގޫގުލް މެޕްސްއިން ސްޓްރީޓް ވިއު ބެލޭއިރު ހަމަ އެ ހިދުމަތް އައިއޯއެސް އިން ހިންގާ އައިފޯނުގައި ވެސް އަމިއްލަ ސްޓްރީޓް ވިއުއަށް ހާއްސަ އެޕްލިކޭޝަންތައް ވަނީ ހިމަނާފައެވެ. އެގޮތުން އައިފޯނު މެޕް އަދި މިނޫންވެސް މަގުދައްކައިދޭ ތަފާތު އެޕްލިކޭޝަންތައް އަންނަނީ ބޭނުން ކުރަމުންނެވެ.
އެންޑްރޮއިޑުން ހިންގާ ފޯނުތަކާއި އެޕަލްގެ އައިފޯނުގައިވެސް މިހާރު އަމިއްލަ މެޕް ހިމެނުމުން ކުރިން މާ މަގުބޫލު ގޫގުލް މެޕްސްގެ ސްޓްރީޓް ވިއުގެ ބޭނުން މާބޮޑަށް ނުހިފާ ކަމަށް ވަނީ ފާހަގަ ވާން ފަށާފައެވެ.
އެހެން ކަމުން ގޫގުލް މެޕްސްގެ އެންމެ ފަހުގެ އަޕްޑޭޓް ކަމަށްވާ ވަރޝަން 2.0.0.484371618 ގައި ގޫގުލް އިން ވަނީ ސްޓްރީޓް ވިއު އަންނަ އަހަރު އުވާލާނެ ކަމުގެ ނޯޓިސް ހިމަނާފައެވެ. އެ ނޯޓިސްގައި ގޫގުލް އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި ސްޓްރީޓް ވިއު 2023 ވަނަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހު ހުއްޓާލާނެއެވެ.
ސްޓްރީޓް ވިއު އެޕްލިކޭޝަން ހުއްޓާލުމުގެ ކުރިން މިހާރުވަނީ ނެއިބަހުޑް ވައިބްޗެކް ނުވަތަ ދާ މަންޒިލްގެ ހާލަތު ނުވަތަ އެ މަންޒިލެއްގައި ހުރި މުހިއްމު ކަންކަން ފާހަގަ ކުރެވޭ އާ ހިދުމަތެއް ގޫގުލް މެޕަށް އިތުރު ކޮށްފައެވެ. އެހެންކަމުން އެ ހިދުމަތާއެކު މަތުމަތި ދައްކައިދޭ ސްޓުރީޓްވިއު އާ ގޮތަކަށް ފެނިގެން ދިއުމަކީ ވެދާނެ ގޮތެއް ކަަމަށް ގިނަ ބަޔަކުދެކެވެ.