ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބާއްވާ ސްމާޓްކޮމް ފެއާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީގެ ސްމާޓް ސިޓީ ބްރޭންޑް ކަމަށްވާ ސްމާޓްކޮމުން ހުރިހާ ޑިޖިޓަލް ޕްލެޓްފޯމްތަކަށް ހާއްސަކޮށްގެން ބާއްވާ ސްމާޓްކޮމް ފެއާއަކީ ތަފާތު އެކި ހިދުމަތްތައް ދިނުމަށް ބޭނުންކުރާ މޮބައިލް އެޕްލިކޭޝަންތަކާއި ވެބްސައިޓްތައް އަދި އެހެނިހެން ޑިޖިޓަލް ވަސީލަތްތަކާ ގުޅޭ އެންމެ ފުރިހަމަ މައުލޫމާތު ވީހާވެސް ގާތުން ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ފެއާއެކެވެ.

މިއީ މި ފެއާ ބާއްވާ ފުރަތަމަ ފަހަރެވެ. އެޗްޑީސީން ބުނީ މީގެ ފަހުން ކޮންމެ އަހަރަކުވެސް މި ފެއާ ބާއްވާނެ ކަމަށެވެ. އަދި މި ފެއާ ވެގެންދާނީ ޒަމާނީ ޓެކްނޮލޮޖީއަށް މީހުން އަހުލުވެރިކުރުވާ އަދި ސްމާޓް ސިޓީއަކަށް ސްމާޓް ރައްޔިތުން ތައްޔާރުކޮށްދިނުމަށް ގުޅިގެން ކުރެވޭ މުހިންމު މަސައްކަތަކަށް ކަމަށް ބުންޏެވެ.

އެޗްޑީސީން ބުނީ، މިފަދަ އިވެންޓުތަކުން ތަފާތު ސައިބާ ކުށްތަކުން މުޖުތަމައު ސަލާމަތްކުރުމަށް ހޭލުންތެރި ކުރުވުމަށް އެހީތެރި ވެދެވޭނެ ކަމަށެވެ. މި ފެއާގައި ސްމާޓް ސިޓީ ސޮލުއިޝަންތަކާބެހޭ މުހިންމު މައުލޫމާތާއި އެހެނިހެން ޑިޖިޓަލް ހިދުމަތްތަކާ ބެހޭ މައުލޫމާތު އަދި ސައިބަ ކުށްތަކުން ސަލާމަތްވާނެ ގޮތްތަކާ ބެހޭ ޕްރެޒެންޓޭޝަންތައްވެސް ދޭނެ ކަމަށް ބުންޏެވެ.

ސަރުކާރުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކާއި އަދި އަމިއްލަ ތަފާތު ވިޔަފާރިތަކާ ގުޅިގެން ބާއްވާ ސްމާޓްކޮމް ފެއާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭގައެވެ. މި ފެއާގައި ބައިވެރިވާ ފަރާތްތަކަށް ސްޓޯލް ހަމަޖައްސައިދޭނީ އެޗްޑީސީންނެވެ. ހަރަކާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން (https://bit.ly/3SVURYo) މި ލިންކުގައިވާ ފޯމު ފުރާލުމުން ރަޖިސްޓްރީ ވެވޭނެއެވެ.