Close
ޚަބަރު

އަރަބިއްޔާގެ އާ އިމާރާތަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމަނާފައިވޭ: މިއުވާން

ރިފާ ހަލީލު

1

ބާ ޖަމާލުއްދީން އިމާރާތް ހުރި ބިމުގައި ހަދަން ނިންމާފައިވާ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައިވާ ކަމަށާއި އެ މަޝްރޫއު ނިންމާނީ މި ސަރުކާރުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ބާ ޖަމާލުއްދީން އިމާރާތް ހުރި ބިން ސާފުކޮށް، އެ ތަނުގައި އަރަބިއްޔާއަށް އާ ސްކޫލެއް އެޅުމުގެ މަސައްކަތް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އަމަލީ މަސައްކަތް ފަށާފައިވި ނަމަވެސް، އާ އިމާރާތުގެ މަސައްކަތަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިނުވާތީ އެކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ޖަހާފައި ނެތް ނަމަވެސް އެ މަޝްރޫއު ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ.

މިއުވާން ވިދާޅުވީ އެ މަޝްރޫއުއަކީ ފައިސާ ނެތިގެން ހުއްޓާލާ ވަރަށްވުރެ މާ މުހިންމު ޕްރޮޖެކްޓެއް ކަމަށެވެ. އަދި އަރަބިއްޔާގެ ދަރިވަރުން މީގެ ކުރިން އުފުލަމުންދިޔަ ތަކުލީފުތަކަށް ހައްލު ގެނެސްދޭނީ މި ސަރުކާރުން ކަމަށާއި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތްވެސް ނިންމާނީ މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރުވެސް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް މިއީ 420 ދުވަސްތެރޭގައި މަސައްކަތް ނިންމުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ހަވާލުކޮށްފައިވާ ޕްރޮޖެކްޓެއް. ދެން އިދާރީ އޯޅުމަކުން ބަޖެޓުގައި ސީދާ އަރަބިއްޔާގެ އާ އިމާރާތުގެ ވާހަކަ ނުޖެހި އޮތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ބައެއް މީޑިއާތަކަށް ވިދާޅުވި. އެހެންވީމަ އެކަން ހިނގައިދިޔަ ގޮތް އެ ބޭފުޅުން އެދަނީ ބަލަމުން," އޭނާ ވިދާޅުވިއެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ނުޖެހި އޮތް ނަމަވެސް އެކަމަށް 20 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟