ބަރުދަން ލުއިކޮށްދޭ ބޭހެއް ކަމަށް ބުނެ ސޯޝަލް މީޑިއާ މެދުވެރިކޮށް ވިއްކަމުންދާ ބޭހެއް، ރާއްޖެ އެތެރެކުރުމާއި ވިއްކުން އަދި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.
އެމްއެފްޑީއޭ އިން މިއަދު ނެރުނު އެލާޓެއްގައި ބުނީ، Jamu Surut Ayu ނަމަކަށް ކިޔާ އެ ޕްރޮޑަކްޓުގައި ޑޮކްޓަރީ ބޭސް، Sibutramine އާއި Lidocaine ހިމެނޭ ކަމަށް ދުނިޔޭގެ ގައުމުތަކުން ކޮށްފައިވާ ލެބޯޓްރީ ތަހުލީލުތަކުން ދައްކާ ކަމަށެވެ. އަދި މި ސަބަބާހުރެ، އެ ޕްރޮޑަކްޓް ދުނިޔޭގެ ގައުމުތަކުގައި މަނާކޮށްފައިވާ ކަމަށް ބުންޏެވެ.
ސަތޭކަ ޕަސެންޓް ގުދުރަތީ މާއްދާތަކުން އުފައްދާފައިވާ ކާބަލް ޕްރޮޑަކްޓެއްގެ ގޮތުގައި އިސްތިހާރުކޮށްފައިވާ އެ ޕްރޮޑަކްޓުގައި ހިމެނޭ Lidocaine އަކީ އައްސި ކުރުމަށް ބޭނުންކުރާ ބޭހެކެވެ. އަދި މި ބޭހުގެ ސަބަބުން އިންސާނެއްގެ ހަށިގަނޑަށް ކޮށްފާނެ ނުރައްކާތެރި އަސަރުތައް އަދި މިހާތަނަށް އަންދާޒާ ކުރެވިފައެއް ނުވެއެވެ.
އެ ޕްރޮޑަކްޓުގައި ދެން ހިމެނޭ Sibutramine އަކީ އޭގައި ހިމެނޭ ނުރައްކާތެރި ސައިޑް އިފެކްޓުތަކުގެ ސަބަބުން ގިނަ ގައުމުތަކުގައި މަނާކޮށްފައިވާ ބޭހެކެވެ. އެ ބޭހުގައި ހިމެނޭ ސައިޑް އިފެކްޓުގެ ތެރޭގައި ފުރަމޭ ހަލާކުވުން، ހާޓްއެޓޭކް ޖެހުން އަދި ސްޓްރޯކް ޖެހުން ހިމެނެއެވެ.
އެމްއެފްޑީއޭއިން ބުނީ، މި ސަބަބުތަކާހުރެ Jamu Surut Ayu ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި އަދި ބޭނުންކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންޓަނެޓް އަދި އެނޫންވެސް ގޮތްގޮތުން އެފަދަ އުފެއްދުންތައް ގަންނައިރު، ފުރިހަމަ މައުލޫމާތު ހޯދުމަށާއި މިފަދަ "ހެލްތް ފްރޯޑް" ތަކަށް ރައްޔިތުން ސަމާލުވުމަށް އެދިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު