Close
ޚަބަރު

ނަސްރުގެ ދުވަހަށް ވުރެ ހާއްސަ ދުވަހެއް ނެތް، އެއީ "އޭ ކެޓެގަރީ"ގެ ދުވަހެއް: ސަރުކާރު

ރިފާ ހަލީލު

ނަސްރުގެ ދުވަހަށް ވުރެ ހާއްސަ ދުވަހެއް ނެތް ކަމަށާއި އެއީ "އޭ ކެޓަގަރީ"ގެ ދުވަހެއް ކަމަށް ސަރުކާރުން ބުނެފިއެވެ.

މާދަމާ ފާހަގަކުރާ ރާއްޖޭގެ ނަސްރުގެ ދުވަހަށް މި ސަރުކާރުން މާ ބޮޑު އަހަންމިއްޔަތު ކަމެއް އަދި ސަމާލުކަމެއް ނުދޭ ކަމަށްބުނެ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އަދި މިދިޔަ އަހަރު ދައުލަަތުގެ މީޑިއާއިން އެ ދުވަހާ ގުޅޭ އެއްވެސް ޕްރޮގްރާމެއް ގެނެސް ނުދޭން ނިންމާފައިވަނީ، ނަސްރުގެ ދުވަސް ހިމެނެނީ "ބީ ކެޓަގަރީ" ގައި ކަމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ވިދާޅުވުމުން އިތުރު ފާޑުކިޔުންތައް އަމާޒުވިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސަރުކާރުން ނަސްރުގެ ދުވަސް ފަނޑުކޮށް ނުލާނެ ކަމަށެވެ.

"ނަސްރުގެ ދުވަހަކީ އޭ ކެޓަގަރީ ނޫނީ އެއަށްވުރެ ވެސް މަތީ ކެޓަގަރީއެއް ނަމަ އެ ކެޓަގަރީގެ ދުވަހެއް. އެ ދުވަހަށްވުރެ ހާއްސަ ދުވަހެއް ނޯންނާނެ،" އޭނާ ވިދާޅުވިއެވެ.

މިއުވާން އިތުރަށް ވިދާޅުވީ ނަސްރުގެ ދުވަހަކީ އިސްލާމްދީނާއި ގައުމުގެ ހައްގުގައި އެތައް ބަޔަކު ލެޔާއި ފުރާނައިން ގުރުބާންވި ދުވަހެއް ކަމަށެވެ.

ނަސްރުގެ ދުވަހަކީ މީގެ 34 އަހަރު ކުރިން ދިވެހިންގެ ބަޔަކާ ގުޅިގެން، ބޭރުގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކު ވެރިރަށް މާލެއަށް އަރައި އުދުވާނީ ހަމަލާތައް ދީ، ދިވެހި ތާރީހު ދުށް ވަރަށް އަނިޔާވެރި އަމަލުތަކެއް ހިންގި ދުވަހެކެވެ. އަދި އެ ދުވަހު 19 ދިވެއްސަކު ވަނީ ޝަހީދުކޮށްލައިފައެވެ.