ދިވެހި ފުލުހުންގެ ހިދުމަތާއި ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ދެ ގައުމެެއްގެ އިދާރާއަކާއި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ، އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ދިވެހި ލީޑަރު ކަމަށް ބުނާ ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރުގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ހޫދުގެ މައްޗަށް ވަނީ ހަތަރު ދައުވާއެއް ކޮށްފައެވެ. އެގޮތުން އޭނާގެ މައްޗަށް ވަނީ، އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ އާއި އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިޔުންތައް ފެތުރުމުގެ ދައުވާއާއި ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމުގެ ދައުވާއާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ދައުވާއެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އެންމެ ކުޑަވެގެންވެސް 34 އަހަރު ދުވަހުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެއެވެ.

މި މައްސަލައިގެ ދައުވާތައް ހުށަހެޅިއިރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، އޭނާ ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތަކުގައި، އެކި އެކައުންޓްތަކުން ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށް، އެ ޖަމާއަތުގެ ލިޔެކިޔުންތަކާއި ފޮޓޯ އާއި ވީޑިއޯ އިންޓަނެޓް މެދުވެރިކޮށް ފަތުރައި ޝާއިއުކޮށް، ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެކަމުގެ އިންޒާރު ދެމުންދާކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ވަނީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ކުރިއަށް ގެންގޮސްފައެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލައި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ މުހައްމަދު މިސްބާހު ވަނީ ނިންމަވައިފައެވެ. އަދި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ވަނީ ފުރުސަތު ދެއްވައިފައެވެ.

ހޫދު ހައްޔަރުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހުއެވެ.