ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންނާއި ބްރޭންޑްތަކަށް އެވޭޓަރ (އާޓިފިސޝަލް އިންޓެލިޖެންސް) ބޭނުން ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ސްޓާޓްއަޕް ކުންފުނި، އަލްޓާ، ގޫގުލް އިން ގަނެފިއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މީގެ ގާތްގަނޑަކަށް ދެ މަސް ކުރިން ގޫގުލް އިން ވަނީ މި ވިޔަފާރި ނިންމާފައެވެ. އެހެން ނަމަވެސް އާންމުކޮށް އިއުލާން ކޮށްފައެއް ނުވެއެވެ. މި ކުޑަ ކުންފުނި ގަނެފައިވަނީ 100 މިލިއަން ޑޮލަރު ދީފައިކަމަށް މިދިޔަ ބުރާސްފަތި ދުވަހު ސާޗް ޖަޔަންޓުން ކަށަވަރުކޮށްދިން ނަމަވެސް މި ވިޔަފާރީގެ މާލީ ހިސާބުތައް ހާމަކޮށްފައެއް ނުވެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ގޫގުލް އިން އަލްޓާ ގަތީ ޓިކްޓޮކާ ރަނގަޅަށް ވާދަކުރުމަށެވެ. ޓިކްޓޮކްގެ މަގުބޫލުކަމާ ހެދި ފޭސްބުކު އަދި އެހެން ވެސް ސޯޝަލް މީޑިއާ ތަކުގެ މަގުބޫލުކަން ވަނީ ވަރަށްބޮޑަށް ދަށްވެފައެވެ. މި އަހަރު އެކަނިވެސް ފޭސްބުކަށް އެތައް ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ އިރު ޓިކްޓޮކާ ވާދަ ކުރުމަށް އިންސްޓަގްރާމަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެހެން ނަމަވެސް ޓިކްޓޮކްގެ މަގުބޫލުކަން އަންނަނީ ދުވަހެއް ދުވަހަކަށް އިތުުރުވަމުންނެވެ.
ގޫގުލްއިން 100 މިލިއަން ޑޮލަރަށް ގަނެފައިވާ އަލްޓާ ކުންފުނި ފެށިގެން އައީ އެންމެ އާދައިގެ ފޭސް އިމޯޖީ ހެދުމުން ކަމަށާއި، އެހެން ޑިވެލޮޕަރުންނަށް އެމީހުންގެ އެޕްލިކޭޝަންތަކާއި ގޭމްތަކަށް އެވޭޓަރ އުފައްދައިދޭ ސިސްޓަމްތައް އިތުރުކުރުމަށް ބޭނުންކުރެވޭނެ ޕްލެޓްފޯމެއްގެ ގޮތުގައެވެ. އަލްޓާގެ ޗީފް ކޯ ފައުންޑަރު އަދި އޮޕަރޭޓިން އޮފިސަރު ޖޮނަތަން ސްލިމަކް ދާދި ފަހުން ވަނީ ގޫގުލްގައި ޓިކްޓޮކާ ވާދަކުރަން ބޮޑު މަސައްކަތް ތަކެއް ފަށަން އުޅޭ ކަމަށް ވިދާޅުވެފައެވެ.
އަލްޓާގެ ޓީމާއި ޓެކްނޮލޮޖީގެ ސަބަބުން ގޫގުލްއަށް ޓިކްޓޮކާ ރަނގަޅަށް ވާދަކުރުމަށް އޮތީ ކޮން އެޕްލިކޭޝަނެއްކަމާއި އެކަމަށް މި ކުންފުނި އެހީތެރިވެދޭނެ ގޮތެއް އަދި މުޅިން ސާފެއް ނުވެއެވެ. ނަމަވެސް ގޫގުލް ކުންފުނީގެ ދަށުން ހިންގާ ޔޫޓިއުބް ޝޯޓްސް، ފަދަ އެޕްލިކޭޝަންތައް ބޭނުން ކޮށްފާނެ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. އަދި ހަމަ ވަކީން ހާއްސަ އެޕްލިކޭޝަނެއް ނެރުމަކީ ވެސް ގޫގުލް އަށް ނުވާވަރުގެ ކަމެއް ނޫނެވެ.