މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޗެއާމަން ކަމަށާއި ބޭންކުގެ ސީއީއޯގެ މަގާމަށް ދެ ބޭފުޅަކު އައްޔަންކޮށްފިއެވެ.

އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފައިވަނީ ބަންގްލަދޭޝްގެ ކާޒީ އަބޫ މުހައްމަދު މަޖީދިރު ރަޙްމާން އެވެ. އޭނާ މިމަގާމަށް އައްޔަންކޮށްފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި ނަޖްމުލް ހަސަންގެ ދައުރު ނިމުމުން، މިދިޔަ ހޯމަ ދުވަހު ޑިރެކްޓަރުންގެ ބޯޑުން ބޭއްވި ބައްދަލުވުމެއްގައި ކަމަށް އެމްއައިބީން ބުނެއެވެ.

މަޖީދިރު ރަހްމާން އަކީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އެ ބޭންކުގެ ބޯޑު މެންބަރުކަން ވެސް ކުރައްވަމުން އަންނަ ތަޖުރިބާކާރު ބޭންކަރެއްގެ އިތުރުން ކެޕިޓަލް މާކެޓްގެ ތަޖުރިބާކާރު ޕްރޮފެޝަނަލް އެއް ކަމަށް އެމްއައިބީން ބުނެއެވެ. ގާތްގަނޑަކަށް 40 އަހަރު ދުވަހުގެ ތެރޭގައި ބަންގްލަދޭޝް، މެދުއިރުމަތި، އެފްރިކާ އަދި އޮސްޓްރޭލިއާގައި ސްޓްރެޓެޖިކް ބިޒްނަސް ޓްރާންސްފޯމަޝަން، އޮޕަރޭޝަނަލް އަދި ކްރެޑިޓް ރިސްކް މެނޭޖްމަންޓް، ކޮންސިއުމާ ބޭންކިން، ޓްރޭޑް ފައިނޭންސް، ޓްރެޝަރީ، އޮޑިޓް، ފިންޓެކް، އެޗްއާރު، ގަވަނަންސް އަދި ސްޓޭކްހޯލްޑާ ރިލޭޝަންސްގައި ގިނަ މަސައްކަތްތަކެއް އޭނާ ވަނީ ކުރައްވައިފައި ކަމަށް ވެސް އެބޭންކުން ބުނެއެވެ.

ޗެއާމަން ކަމަށް މަޖީދިރު ރަހުމާން އައްޔަންކޮށްފައިވާއިރު އެ ބޭންކުގެ ސީއީއޯގެ މަގާމަށް އައްޔަންކުރީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ މުފައްދަލް އިދްރީސް ހުމްރީ އެވެ. ބޭންކިން ދާއިރާގެ 25 އަހަރުގެ ތަޖުރިބާ ހާސިލުކޮށްފައިވާ މުފައްދަލް ވަނީ އިސްލާމިކް ފައިނޭންސް ދާއިރާގައި 17 އަހަރު ހިދުމަތްކޮށްފައި ކަމަށް އެމްއައިބީން ބުނެއެވެ.

މުފައްދަލް ވަނީ ޔޫއޭއީ ބޭންކިން ފެޑެރޭޝަން (ޔޫބީއެފް) އާއި އިސްލާމިކް އެންޑް ރީޓެއިލް ބޭންކިން ކޮމިޓީ އާއި ދުބާއީ އިންޓަނޭޝަނަލް ފައިނޭންސް ސެންޓަރުގެ އިސްލާމިކް ފައިނޭންސް އެޑްވައިޒަރީ ކައުންސިލްގެ މެމްބަރުކަމުގެ މަގާމުވެސް އަދާކުރައްވާފައި ކަމަށް އެމްއައިބީން ބުނެއެވެ.