ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 50

2

ލޫކް ބަރަކްއަށް ވަގުތު ދިން ކަމުގައި ވިޔަސް މާގިނައިރެއްނުވެ ބަރަކް އޮފީހަށް ދިޔައެވެ. ރޫބިޔާ އާ ސުވާލުކުރުގެ ކުރިން ލޫކްގެ ބޮޑަށް ތިބި ވެރިންނާއެކު ކުއްލި ބައްދަލުވުމެއް ކުރިއަށް ދިޔައެވެ. އެ ބައްދަލުވުމުގައި ރޭންކުގެ ގޮތުން އެންމެ ދަށް މީހަކަށް އިނީ ބަރަކްއެވެ. ރަނީންގެ މައްސަލައާ ގުޅޭ ލިޔުންތައް މޭޒުމަތީގައި އަތުރާލާފައި ހުއްޓެވެ. ފާރުން ފެންނަމުންދިޔަ ސްކްރީނުން ނަހީކްގެ އޮފީހުގެ އެކި ދިމާތައް ފެންނަމުން ދިޔައެވެ. އެކި ދުވަސްމަތިން ނަހީކާއި ރޫބިޔާ ވާހަކަދައްކަން ތިބި މަންޒަރު އެތައް ފުޓޭޖަކުން ފެނުނެވެ. އެއީ ސީސީޓީވީ ފުޓޭޖުތަކުގެ އެހީގައި އެއްކޮށްފައިވާ ހެއްކެވެ. ރަނީން ދިރިއުޅޭ ގެ ހިމެނޭ ސަރަހައްދުން ނަގާފައިވާ ސީސީޓީވީ ފުޓޭޖުތަކުގެ ތެރެއިން ދެ ފުޓޭޖަކުން މެންދަމު ދެގަޑި ތިރީސްހާއިރު އެގެއަށް ކަޅު ކޯޓުގައި ހުރި މީހަކު ވަންނަ މަންޒަރު ފެނެއެވެ. ތިނެއް ޖަހާއެހާކަންހާއިރު އެމީހާ ނުކުތެވެ. ބޮލާއެކު އަޅާފައިވާ ހޫޑުން މީހާގެ އިސްތަށިގަނޑު ނުފެނުނަސް މޫނުން ބައެއް ފެނުނެވެ. ދެ ފުޓޭޖުން ފެންނަނީ އެއްކެއްކަން ޓީމުން ކަށަވަރު ކުރިއެވެ. މަގު ހުރިގޮތަށް އެމީހާ ގޮސް ކަންމައްޗަށް ވާގޮތަށް އޮތް ކަޅުކުލައިގެ ކާރަކަށް އަރާ މަންޒަރުވެސް ސާފުކޮށް ފެނެއެވެ. ކާރު ކުރިއަށް ގޮސް މަޑުކުރަނީ ނަހީކުގެ އޮފީސް ކުރިމައްޗަށެވެ. އޭގެފަހުން ކާރުން ފައިބައިގެން ދެ ފިރިހެނުން އޮފީހަށް ވަންނަ މަންޒަރު ފެނެއެވެ. ކަޅު ކުލައިގެ ކޯޓުގައި ހުރި މީހާގެ އިތުރުން ދެން ހުރި ފިރިހެން މީހާވެސް ލައިގެން ހުރީ ކަޅުކުލައިގެ އަތްދިގު ޓީޝާޓެކެވެ.

ދެމީހުންގެ މޫނު އެންމެ ބޮޑަށް ސާފުވީ ނަހީކްގެ އޮފީހަށް ވަދެ ހުދުކުލައިގެ ލައިޓްތަކުން މުޅިތަނަށް އަލިވެގެންދިޔަ ވަގުތުއެވެ. ލިބުނު ކާމިޔާބީއަށް ދެމީހުން އެކަކު އަނެކަކާ އަތްޖަހައި ބައްދާލިއެވެ. އޮފީހުގައި ހުރި މިނީބާއިން ދަޅުތަކެއް ނަގައިގެން އެތެރޭގައި ކުޑަވަރެއްގެ ޕާޓީއެއް ހެދިއެވެ. ދެމީހުން އެތައް އިރަކު އެތެރޭގައި ވާހަކަދައްކަން ތިއްބެވެ. ނުކުމެގެންދަމުން ޒަކްވާން ލައިގެން ހުރި ކަޅު ކޯޓު ބާލާފައި ނަހީކް ދިން ދަބަހަށް ލިއެވެ. އޮފީހުން ނުކުތްއިރު އެ ދަބަސް ނަހީކްގެ ކޮނޑުގައި އޮތެވެ.

"ތިއީ ވަރަށް ބޮޑު މައްސަލައެއް" ޕްލޭވަމުން ދިޔަ ވީޑިޔޯތައް ނިމުމަށް އައުމާއެކު ބައްދަލުވުމުގައި އިން އެންމެ އިސްވެރިޔާ ބުންޏެވެ.

"އިތުރަށް ހެއްކެއް ބޭނުމެއް ނުވޭ. ހުރިހާކަމެއް ލޮލަށް ސާފުކޮށް ފެންނަން ތިއޮތީ. ޕޯސްޓްމޯޓަމް ރިޕޯޓްގަ އެއޮތީ އެނގެން އެ އަންހެންކުއްޖާއަށް ގަދައަށް ޖިންސީ ގޯނާކޮށްފައި ހުރިކަން. ކެމިކަލެއްގެ އަސަރު އެކުއްޖާގެ އެތެރެހަށިން ފެނުނުކަން. ބޮލަށް އަނިޔާވެފައި ހުރިކަން. މަރުވީ އިންޖެކްޝަނެއްގެ ސަބަބުންކަން. އެކުއްޖާގެ ފެއިލްނުވާ އެންމެ ގުނަވަނެއްވެސް ނެތް. އާއިލާއަށް ދީފައިވަނީ ދޮގު މައުލޫމާތު. މިއީ ވަރަށް ދެރަކަމެއް. ކާކު އަންގައިގެން ފައިލު ލައްޕާފައި ފޮރުވީ" ވެރިމީހާގެ އަޑު މުޅި ހޯލުގައި ގުގުމާލިއެވެ.

"ސަރ. ބަޔާންތަކުން އެނގޭ އެންތަނީ ކިޔާ މީހަކު ނުފޫޒު އޮތްކަން. ކޮރަޕްޝަންގެ އަމަލެއްހެން ބޮޑަށް ހީވަނީ" ލޫކް އަދަބުވެރިކަމާއެކު ވާހަކަދެއްކިއެވެ.

"މައްސަލަ މިހާރުން މިހާރަށް ސުމަކުން ފަށައިގެން ކުރިއަށްގެންދޭ. މާދަމާ ކުށްވެރިން ތިބިތަނަކުން ނެރެގެން ގެނެސް ގޮޅިއަށްލާ. ނުފޫޒު ފޯރުވި މީހާ ހުރި ހިސާބެއް ބަލާ. އަހަރެން ބޭނުމެއް ނޫން ނުފޮރުޅާ އެންމެ ގަލެއްވެސް ބާއްވަން. މިތަނުން އިހުމާލުވި މީހުންގެ ކަންކަން އަހަރެން ބަލައި އެމީހުންގެ މައްސަލަތައް ބަލަން ފޮނުވަންޖެހޭ ހިސާބަކަށް ފޮނުވާނަން. އަދި ބުނަން. ހުރިހާ މީހުން ހައްޔަރަށް ނުގެނެވެނީ މިއިން އެއްވެސް މައުލޫމާތެއް މިތާތެރެއިން ބޭރުވެގެން ނުވާނެ" ވެރިމީހާ އަމުރުކުރިއެވެ. ވަގުތުން ލޫކް ބޯޖަހާލިއެވެ.

ތަހުގީގު ފަށައިގެން ކުރިއަށްގެންދާނެ ގޮތުގެ ކުރު ހުލާސާއެއް ލޫކް ކިޔައިދިނެވެ. ރޫބިޔާ ހައްޔަރުކުރެވުނު ވާހަކަ އާއި އެއީ ލިބުނު ކުރިއެރުމެއް ކަމަށް ބުންޏެވެ. ތަހުގީގު ކުރިއަށް ގެންދާނީ ސީދާ ލޫކްގެ ބެލުމުގެ ދަށުންނާއި ސުވާލު ކުރަންޖެހޭ މީހުންނާ ސުވާލުކޮށް ބަޔާން ނަގާނީ ސީދާ ލޫކްގެ ބެލުމުގެ ދަށުން ކަމަށް ބުންޏެވެ. އަދި އެކަމުގައި ލޫކްގެ އެހީތެރިއަކީ ބަރަކް ކަމަށް ބުންޏެވެ. މިހާރު ހައްޔަރަށް ގެނެވިފައި އިން އަންހެން މީހާއަކީ ބަރަކްގެ މަންމަ ކަމަށް ބުނީ އެންމެ ފަހުންނެވެ. ލޫކް ފަދައިން ބައްދަލުވުމުގައި ތިބި ހުރިހާ މީހުން ބަރަކަށް ސާބަސްދިނެވެ. ހިތްވަރާއެކު ކުރިއަށްދިޔުމަށް ހިތްވަރުދިނެވެ.

********

ފަތިސްނަމާދަށްފަހު މިސްކިތުން ނުކުތީ ތިންބަފައިން އެކީގައެވެ. ދެ ދަރިންގެ މެދުން ހިނގާފައި އައިއިރު ރޫބިޔާގެ ވާހަކަ ރާޝިދު އެހިއެވެ.

"މަންމަ ހަމަޖެހެން ވަގުތުދީފަ އޮތީ ރޭގަ. ސުވާލުކުރާނީ އަދި ފަހުން" ބަރަކް ބުންޏެވެ.

ރާޝިދަށް ކިޔައިދިން ވަރަށް ވުރެ އިތުރަށް އަޔާލްއަށް ބަރަކް ކިޔައިދިނެވެ. ކަންކަން ރޭވިފައިވާ ގޮތް ހިއްސާކުރިއެވެ. ނަހީކާއި ޒަކްވާނާ ގުޅޭ މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުންޏެވެ. ރިންދާގެ ފަރާތުން ލިބުނު މައުލޫމާތުތައް އަޔާލް ބަރަކްއަށް ދިނެވެ. ނަހީކްގެ އެކުވެރިޔާ މާލޭގައި ހުރިކަން އެއީ ތަހުގީގު އަވަސްމިނެއްގައި ކުރިއަށް ގެންދިޔުމަށް ލިބުނު ބާރަކަށްވިއެވެ. އެމައުލޫމާތު ލޫކަށް ހިއްސާކުރަން ބަރަކް ބޭނުންވިއެވެ. އެހެންނަމަވެސް އޮފީހަށް ދެވެންދެން ބަރަކް މަޑުކުރިއެވެ. ބަރަކް ފަދައިން ލޫކްވެސް ގެއަށް ދިޔައީ ފަތިސްވާން ގާތްވެފައި ވަނިކޮށެވެ.

"ދޮންބެގެ ޕްލޭން އޮތީ ކިހިނެއް؟" ބަރަކް އެހިއެވެ. ގޭތެރެއަށް ވަދެ ރާޝިދު ފާހާނާއަކަށް ކޮޓަރިއަށް ވަނުމުން އަޔާލް އާއި ބަރަކް މަޑުކޮށްގެން ތިބީ ކާމޭޒު ކައިރީގައެވެ.

"ރިދާ އާ މެރީކުރުން. ރިދާ ބުނި ހައްޔަރުކޮށްގެން ނަހީކް ގެންދާއިރު ބޭނުންވަނީ ރަންކިޔާފައި ހުންނަން ކަމަށް" ހީލަމުން އަޔާލް ބުންޏެވެ.

********

ފަތިސްނާމަދަށްފަހު ބޭރަށް ހިނގާލަން ނުކުތް ނަހާގެ ދެމަފިރިންނަށް އެރުނީ ގެއަށް ވަންނަން އައި އަޔާލްގެ ކުރިމައްޗަށެވެ. އޭރު ދުނިޔެ މައްޗަށް ރަނގަޅަށް އަލިނުވެއެވެ. ބަންދު ދުވަހެއް ކަމުން އަޔާލް އިތުރަށް ނިދަން ބޭނުންނުވިއެވެ. ދުވާލުގެ ކޮންމެ ވަގުތެއްގައި ނިދާލެވޭނެ ކަމަށް ބަލައިފައެވެ. އެހެންނޫނަސް ރިންދާ ކައިރިއަށް ނުގޮސް ސައުވީސް ގަޑިއިރު ފާއިތުވެގެން ދިޔައިރު އޭނާ ހުރީ އެ މޫނު ދެކިލާހިތުން ކެތްމަދުވެފައެވެ.

"އަނހަ މިއައީ ކާކުތަ؟" އަޔާލް ފެނެމާއެކު ޝާހްބާޒް ބުންޏެވެ. އަޔާލް ހީލަމުން ބޮލުގެ ފުށްކިބައިގައި އަތްތިލަ ހިންގާލިއެވެ. ޝާހްބާޒް އެހެން ބުނަން ޖެހުނު ސަބަބު އަޔާލަށް އެނގެއެވެ.

"ނުފެންނާތީ މަންމަގެ ހިތަށްވެސް އެރީ އަނެއްކާ ރަނގަޅުބާއޭ. މިއަދު އަދި ގުޅާލަން ކަމަށް ހުރީ" ނަހާވެސް ބުންޏެވެ.

"ވަރަށް ބޮޑު ކަމެއް ނިންމާލީ. އެހެންވެ ނާދެވެނީ" އަޔާލް ބުންޏެވެ.

"ރިދާ އެބައުޅޭ ހޭލާ. ދޭބަލަ" ނަހާ ބުންޏެވެ.

އަޔާލް ގޭތެރެއަށް ވަދެގެން ދިޔައިރު ބޮޑުކޮޓަރިން އެއްވެސް މީހެއްގެ ނިޝާނެއް ނުފެނެއެވެ. ބަދިގޭގައިވެސް ރިންދާ ނެތްކަން އެނގުމުން އަޔާލް މިސްރާބުޖެހީ ރިންދާގެ ކޮޓަރި އާ ދިމާލަށެވެ. މަޑުމަޑުން ދެފަހަރު ޓަކިޖަހާލުމުންވެސް ރިންދާގެ ހަބަރެއް ނުވިއެވެ. ކޮޓަރީގެ ތަޅުގައި ހިފާފައި މަޑުމަޑުން އެތެރެއަށް ކޮށްޕާލިއެވެ. އަނދިރިކަން ވެރިވެފައިވާ ކޮޓަރި ތެރެއިން އެއްވެސް އަޑެއް ނީވެއެވެ. އަޔާލް ގޮސް ހުއްޓުނީ ކުޑަދޮރު ކައިރީގައެވެ. ދޮރުފޮތިގަނޑު ކަހާލުމާއެކު ކޮންމެސް ވަރެއްގެ އަލިކަމެއް ކޮޓަރިތެރެއަށް ވެރިވިއެވެ. އިރުއަރަން ތައްޔާރުވެފައި ހުރިކަމުގެ ކުލަތައް އުޑުމަތިން ފެންނަން ހުއްޓެވެ. އަޔާލް ދެން ބަލައިލީ އެނދާ ދިމާލަށެވެ. ކުއިލްޓް ބޮލާއެކު އަޅައިގެން އޮތް ރިންދާ ފެނުމުން އަޔާލް ހީލިއެވެ. މަޑުމަޑުން އެނދުގެ ރިންދާ އޮތް ފަޅިން ކުރިއަށް ހިނގައިގަތެވެ. ކުއިލްޓްގައި ހިފާލާފައި ރިންދާގެ މޫނު އެކަނި ފެންނަވަރަށް ތިރިކޮށްލިއެވެ. ފުން ނިދީގެ ތެރޭގައި އޮތް ރިންދާގެ މޫނަށް ބަލަހައްޓައިގެން އަޔާލް ހުއްޓެވެ. މޫނުގައި ފިރުމާލަން އަތް ހިއްލާލާފައިވެސް އެ ހިޔާލު ދޫކޮށްލިއެވެ. އަލުން ކޮޓަރިން ނުކުމެގެން ގޮސް ބަދިގެއަށް ވަދެ ދެފަރާތް ހޯދައި ބަލައިލިއެވެ. ހެނދުނުގެ ނާޝްތާ ތައްޔާރުކުރުމަށް ބޭނުންވާ ސާމާނު މޭޒުމަތީގައި ހުއްޓެވެ. މޭޒު ކައިިރިއަށް ގޮސް އަޔާލް ނެގީ ޕާނެވެ. އެއް ޕާންފޮތި ނަގާފައި ހުދުކުލައިގެ ކާތަށި ތެރެއަށް ލިއެވެ. ދެން ސޯސްފުޅި ނަގާފައި ވަޅިއެއް ހިފައިގެން އައިސް ޕާންފޮތީގައި އެއްޗެހިތަކެއް ލިޔުނެވެ. ބިސްޓްރޭއިން ދެ ބިސް ނަގައިގެން ބިސްގަނޑެއް އެޅިއެވެ. އެހުރިހާކަމެއް ކުރިއިރު އޭނާއަށް ދޮރާ ދިމާލަށް ބެލެއެވެ. ޝާހްބާޒާއި ނަހާ އައިސްދާނެ ކަމަށެވެ.

ކޮޓަރިއަށް އަޔާލް ވަނީ ސިއްރުންނެވެ. އޭރު ދުނިޔެމައްޗަށް ރަނގަޅަށްވެސް އަލިވެއްޖެއެވެ. ކުރިއެކޭވެސް އެއްގޮތަށް ރިންދާއަށް އޮތީ ނިދިފައެވެ. އަރިމަތީ ކަބަޑުމަތީގައި އަތްމަތީގައި ހުރި ތަށިތައް ބަހައްޓާފައި ރިންދާގެ ބޮލާ ދިމާލުން ތިރީގައި ކަކޫ މައްޗަށް އިށީނެވެ. ރިންދާގެ ކަންފަތްމަތިން ފައިބާފައި ހުރި އިސްތަށިކޮޅުތައް އަތުން ކައިރިކޮށްލާފައި ކަންފަތް ކައިރިއަށް ގުދުވެލިއެވެ. ދެން ރިންދާގެ ކަންފަތަށް ފުމެލިއެވެ. އެހިނދު އެއްފަހަރު ރިންދާ އެސްފިޔަތަކަށް ބާރުކޮށްލިއެވެ. ލޮލެއް ނުހުޅުވައެވެ. އަޔާލް ހިނިއައެވެ. ކޮންމެގޮތެއް ހަދާފަވެސް ރިންދާ ހޭލައްވަން ޖެހޭތީ އަޔާލް މޮޅުގޮތެއް ވިސްނާލިއެވެ. ދެން ތެދުވެގެން ގޮސް ފާހާނާ ކުރިމަތީ ހުއްޓިފައި ދޮރުފަތުގައި ތަންކޮޅެއް ބާރަށް އަތުން ޖަހާލިއެވެ.

ދެލޯ ހުޅުވާލިގޮތަށް ރިންދާ ކޮޓަރީ ދޮރާ ދިމާލަށް ބަލައިލިއެވެ. ބާލީސް ކައިރީގައި އޮތް ފޯނު ނަގާފައި ބަލައިލިއިރު ހައެއްޖަހައި ފަސް މިނެޓްވެއްޖެއެވެ. ދޮރުފޮތިގަނޑު ކަހާލާފައި ހުރިތަން ފެނުމުން ރިންދާގެ މޫނަށް ވެރިވީ ހައިރާންކަމެވެ. އެހެންނަމަވެސް އެކަން މާބޮޑު ކަމަކަށް ނުހަދާ ދޮރާ ދިމާލަށް ހިނގައިގަތީ ނަހާ ދޮރުފަތުގައި ޖެހިކަން އެނގުމުންނެވެ. އޭރުވެސް އޭނާގެ ދެލޮލުން ރަނގަޅަށް ނިދިފިލައި ނުދެއެވެ.

ފާހާނާއިގައި ފިލާހުރި އަޔާލް ނުކުމެގެން އައީ ފިޔަވަޅުތަކުގެ އަޑު ނީއްވައެވެ. ރިންދާއަށް ދޮރާ ހަމައަށް ނުދެވެނީސް އަޔާލް އެއްއަތުން ރިންދާގެ ބަނޑާ ހަމައިން ވަށާލާފައި ގާތަށް ދަމާލައިފިއެވެ. ލިބުނު ކުއްލި ސިހުމާއެކު ރިންދާގެ އަނގައިން އަޑެއް ބޭރުވެގެން ދިޔައެވެ. އެހިނދު އަޔާލްއަށް ރިންދާގެ ގައިން ދޫކޮށްލާފައި ރިންދާގެ އަނގަމަތީގައި އަތްއެޅިއެވެ. އަޔާލްގެ އަތް ދުރަށް ފޮޅުވާލާފައި ފަހަތަށް އެނބުރި ބަލައިލުމާއެކު ރިންދާއަށް ފެނުނީ އޭނާގެ ފުރާނަފަދަ ލޯބިވާ އަޔާލެވެ. ގަބޫލުކުރަން ރިންދާއަށް ދަތިވީ ވަގުތުގެ ގޮތުންނެވެ. ހައިރާންކަމާއި ޖެހިލުންވުމެއްގެ އަސަރު ރިންދާގެ މޫނުމަތިން ފާޅުވިއެވެ.

"ޔާލް.... ޔާލްތަ؟" ރިންދާ އެހިއެވެ.

"ނޫން. ހަންޑިއެއް" ރިންދާ އާ ގާތަށް ޖެހިލަމުން އަޔާލް ބުންޏެވެ.

"މިގަޑީގަ. ކިހިނެއް މިތަނަށް" ރިންދާ އެހިއެވެ. ޖުމްލަ ފުރިހަމަނުކުރެވުނީ އަޔާލް ކައިރިވާން ފެށުމުންނެވެ. ދޮރުފަތުގައި ޖެހި ރިންދާ ހުއްޓުންއެރުމާ އެކު އަޔާލްގެ އަތްވިއްދީ ކޮޓަރީ ދޮރުފަތުގައެވެ.

"އަހަރެން... ނިދާ ހޭލިގޮތަށް" ރިންދާ ބުންޏެވެ. އަޔާލް ރިންދާގެ ތުންފަތުގައި އިނގިލި ޖައްސާލިއެވެ. ރިންދާއަށް ހުރެވުނީ ބުދެއް ފަދައިން އަޔާލްއަށް ބަލަހައްޓައިގެންނެވެ. އެހެންޏާ ނުފެންނަ މަންޒަރެއް އަޔާލްގެ ފަރާތުން ފެންނަމުންދާތީ ހަތަރެސްފައި ފިނިވެފައެވެ. ދެލޮލުން ނިދިވެސް ފިލައި ހިނގައްޖެއެވެ. ހިތަށް ލިބިފައިވާ ހިތްހަމަޖެހުން އަންގައިދެނީ ރިންދާގެ ތުންފަތަށް ވެރިވެފައިވި ލުއި ހިނިތުންވުމެވެ.

"ޔާލް ކީއްކުރަން ތިއުޅެނީ؟" އަޔާލްގެ މޫނު މޫނާ ކައިރިވާން ފެށުމުން ރިންދާ ބުންޏެވެ. އެ އަޑު އަޔާލްއަށް ނީވޭ ކަހަލައެވެ. ދުރުން ނަމަވެސް އަޔާލްގެ ތުންފަތް ރިންދާގެ ކޯތާފަތުގައި ބީހިގެން ދިޔައެވެ. އެހިނދު ރިންދާއަށް ދެލޯމަރާލެވުނެވެ.

"ލޯ ނުހުޅުވާ ހުންނައްޗޭ ތިހެން" އަޔާލް ބުންޏެވެ. ރިންދާ ބޯޖަހާލިއެވެ. އަޔާލް ކުރަންއުޅޭ ކަމެއް ނޭނގި ރިންދާ ހުރީ ހިތްއަވަސްވެފައެވެ.

މާގިނައިރެއްނުވެ އަޔާލް އައީ ކޮޓަރިއަށް ވަތްއިރު ގެނައި ތަށި ހިފައިގެންނެވެ. ރިންދާގެ ކުރިމަތީގައި ކަކޫމައްޗަށް އަޔާލް އިށީނެވެ.

"ދެން ހުޅުވާ" އަޔާލް ބުންޏެވެ. ރިންދާ މަޑުމަޑުން އޭނާގެ އެސްފިޔަތައް އުފުލާލިއެވެ.

އަޔާލްގެ ދުލުން ނުބުންޏެއްކަމަކު ތަށީގައި އޮތް ދެ ޕާންފޮތީގައި ރަތްކުލައިގެ ސޯސްއިން ޖަރީކޮށްފައިވާ ލިޔުންކޮޅު ރިންދާ ކިޔާލިއެވެ. ދެން ހިނިއައިސްފައި އަޔާލްއަށް ބަލައިލިއެވެ.

"ސޭ ޔެސް... އަހަރެންނާ އިންނާނަންތަ؟ އަހަރެންގެ ދެލޮލުން ދުނިޔެ ބަލައިލަން ދާނަންތަ؟" އަޔާލް ބުންޏެވެ.

ރިންދާ ހިތުގައި ސުވާލުއުފެދުނެވެ. ކުއްލިއަކަށް އަޔާލް ކައިވެންޏަށް އެދުމުންނެވެ. އެވަގުތުކޮޅު އަޔާލް ދެރަކޮށްލަން ރިންދާ ބޭނުމެއް ނުވިއެވެ. އެހެންކަމުން ބޯޖަހާލާފައި އަޔާލް އާ އެއްހަމައަށް ތިރިވެލިއެވެ. ދެން އަޔާލްގެ ގައިގައި ބައްދާލިއެވެ.

"މި މިއަދު ދޭއް. މި މަސްތެރޭގަ އަހަރެންގެ އަންބަކަށް ރިދާ ވާނެ. އިންޝާﷲ. އަހަރެންނަށް އެއްބާރުލުން ދޭނަންތަ؟" އަޔާލް އެހިއެވެ. ރިންދާ ބޯޖަހާލިއެވެ. އަޔާލް ރިންދާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. ދެން ރިންދާގެ މޫނު ކުޑަކޮށް އުފުލާލުމަށްފަހު ނިތްކުރީގައި ބޮސްދިނެވެ.

ދެކުދިން އެއްކޮށް ތެދުވެގެން ގޮސް އެނދުގައި އިށީނެވެ. އަޔާލް ތައްޔާރުކޮށްގެން އައި ސޭންޑްވިޗުން އެތިކޮޅެއް ނައްޓާލާފައި ރިންދާއަށް ލަވަން އުޅުމުން ފެންވަރައިގެން ނުކުމެ ކާނެ ކަމަށް ބުންޏެވެ.

"ދެން ނަހީކަށް ކިހިނެއް ހަދާނީ؟" ރިންދާ އެހިއެވެ.

އަޔާލް ހީލިއެވެ. ނަހީކާއި އޭނާގެ އައުވާނުންނަށް މިނިވަނުންގެ ގޮތުގައި ތިބެވޭނީ ކުޑަ ވަގުތުކޮޅެއްގައި ކަމަށް ބުންޏެވެ. ރިންދާއަށް ނޭނގޭ ކަންތައްތަކެއް ހިނގައިފިކަން އެވަގުތު އެނގުނެވެ. އަޔާލް އާ ސުވާލުކުރީ އެހެންވެއެވެ.

"ދިގުވާހަކައެއް އެއީ. ފަންސާސް ޕަސެންޓް ކާމިޔާބުވެއްޖެ" އަޔާލް ބުންޏެވެ. އަދި ލޯތްބާއެކު ރިންދާގެ މޫނުގައި ފިރުމާލިއެވެ.

********

ބެގަރީ ބަދިގޭގައި އުޅުނު ކަމުގައި ވިޔަސް ޝަލްބިޔާ ކެއްކުމުގައި ހަރަކާތްތެރިވިއެވެ. ގޭތެރޭގައި އެއްވެސް މަސައްކަތެއްނުކޮށް ހުރުމަކީ އޭނާއަށް ފަސޭހަކަމެއް ނޫނެވެ. ބެގަރީއަށް ކުޑަދުވަސްކޮޅަކަށް ޗުއްޓީއެއް ދޭން އޭނާ ހުރީ ވިސްނައިގެންނެވެ.

"ބެގަރީއަށް ރެސްޓެއްދޭން އަހަރެން މިއުޅެނީ؟ ބެގަރީ ބޭނުންތާކަށް ދެވޭނެ. އަހަރެން ހުރިހާ ކަމެއް ހަމަޖައްސައިދޭނަން" ތަރުކާރީ ކޮށަން މޭޒުކައިރީގައި ކޮޅަށް ހުރި ބެގަރީއަށް ޝަލްބިޔާ ބުންޏެވެ.

"އޭރުން ނަހީކް" ބެގަރީ ބުންޏެވެ.

"އެކަމާ އަޅާނުލާ. މިދުވަސްކޮޅު ވަރަށް ހަމަޖެހިފަ އެހުންނަނީ. ރިދާ އެސޮރުގެ ހަޔާތަށް އައިފަހުން ވަރަށް ބަދަލުވެއްޖެ. އެހެންނޫނަސް ރިދާ މިގެއަށް އައީމަ މާބޮޑަށްވެސް ބެގަރީއަށް ލުއިވާނެއްނު" ޝަލްބިޔާ ހިނިތުންވަމުން ބުންޏެވެ.

"އަހަރެން އާއިލާ ދެކިލަން ބޭނުންވަނީ" ބެގަރީ ބުންޏެވެ.

"އެންމެ ރަނގަޅު. ފުރަން ތައްޔާރުވޭ" ޝަލްބިޔާ ބުންޏެވެ.

ބެގަރީއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. އެގޭތެރެއިން ބޭރަށް ނުކުމެވުމަކީ މިހާރު ބެގަރީ އެންމެ ކުރަން ބޭނުންވާ ކަމެވެ. ދުވަހަކުވެސް ނަހީކަށް ހިދުމަތް ކުރަން އެނބުރި ރާއްޖެ ނައުމަށް އޭނާ އަޒުމް ކަނޑައެޅިއެވެ. ނަހީކްގެ ހުރިހާ ހަގީގަތެއް ބެގަރީއަށް އެނގޭކަން އެނގިއްޖިއްޔާ ފުރާނަހުއްޓައި އޭނާ ދޫކޮށްނުލާނެކަން ބެގަރީއަށް އެނގެއެވެ. ވަގުތުން ކޮޓަރިއަށް ގޮސް ބެގަރީ ގުޅީ ވިލިނީއަށެވެ. ގައުމަށްދެވޭ ހަބަރު އެންމެ ފުރަތަމަ ބެގަރީ ހިއްސާކުރީ ވިލިނީއަށެވެ.

ބަދިގެއިން ނުކުތްގޮތަށް ޝަލްބިޔާ މިސްރާބުޖެހީ އިމާރާތުގެ ހަތަރުވަނަ ބަޔަށެވެ. އަތުގައި ހޮޓްޗޮކްލެޓް ދެތަށި ހުރިއިރު އޭނާ ހުރީ ހަމަޖެހިފައެވެ. އަނެއް އަތުގައި އޮތް ފޯނު ރިންގުވާން ފެށުމުން ބަލައިލިއެވެ. ރާއްޖެއިން ބޭރުގައި ހުރި ބޭބެ ގުޅާތަން ފެނުމުން ޝަލްބިޔާ މަޑުޖެހުނެވެ. ކޮންމެހެންވެސް އެ ފޯނަށް ޖަވާބުދޭންޖެހެއެވެ. މޫނުމަތިން ފެނުނީ ހާސްކަމެވެ. ޒަހީރު ހުރީ ނުހަނު ބޮޑަށް ހިތްހަމަނުޖެހިފައެވެ. ޒަހީރު ދިން ހަބަރާއެކު ފޯނު ބޭއްވިގޮތަށް ދުރުދުރުގައި ފިޔަވަޅު އަޅަމުން ކުރިއަށް ހިނގައިގަތެވެ.

ލިފްޓުން ފޭބުމާއެކު ޝަލްބިޔާގެ ކަންފަތުގައި ނަހީކާއި ޒަކްވާންގެ ސަކަރާތުގެ އަޑު ޖެހިއްޖެއެވެ. ދެޒުވާނުން އަދިވެސް ތިބީ ޕޫލުގައެވެ. ދުރުގައި ހުރި މޭޒުމަތީގައި ގެނައި ދެ ތަށި ބަހައްޓާފައި ޝަލްބިޔާ ދެދަރިންނަށް އަތުން ހަނާއަޅާލިއެވެ. އެއާއެކު ދެޒުވާނުން އަރައި ތުވާލިން ފެންފޮހެމުން އައިސް ޝަލްބިޔާގެ ގާތުގައި ހުއްޓިއްޖެއެވެ.

"އަދިވެސް އަރާކަށްނުވޭތަ؟ މިހާރު ކިހާއިރެއްމިވީ" ޝަލްބިޔާ ބުންޏެވެ.

"ސްޓްރެސް ފިލުވާލަން ފަތާލުން މީ ސަޅިކަމެކޭ. ދޯ" ޒަކްވާން ބުންޏެވެ.

"ދެން ހެޔޮ. މިއަދަށް ނިމުނީ. ނާކު! މިއަދު މެންދުރުގެ ކެއުމަށް ވާނެ ރިދާ ގެނެސްދޭން" ޝަލްބިޔާ ބުންޏެވެ.

"މި ޒޭވާ އައިފަހުން މިހާރު ރިދާ ފެންނަނީވެސް ހާދަ މަދުންނޭ. ޔަގީން ދެން ދިމާވީމަ ޝަކުވާވެސް ކުރާނެކަން" ނަހީކް ބުންޏެވެ.

"އަދި ހަނދާންނެތިފަ މިހުރީ. ބޮންގޮވަން ތައްޔާރުވެއްޖެ" ޝަލްބިޔާ ބުންޏެވެ. ހައިރާންކަމާއެކު ޒަކްވާނާއި ނަހީކް އެކަކު އަނެކަކަށް ބަލައިލިއެވެ.

"ބޭބެ ދެންމެ ގުޅި. ބުނި ޒަކްވާން ފޯނު ނުނަގައޭ މިކޮޅަށް އައިފަހުން. މިއީ ޒަކްވާނަށް ރައްކާތެރިތަނެއް ނޫނޭ. އަހަރެން ކައިރީގައި ބުނީ ޒަކްވާނަށް ވިސްނައިދޭށޭ" ޝަލްބިޔާ ބުންޏެވެ. ޒަކްވާން ބުނާނެ އެއްޗެއް ނޭނގިފައި އިނެވެ.

"ކީއްވެ ބޭބެ އެހެން ބުނީ" ޝަލްބިޔާ އެހިއެވެ.

"ދެން ކީކޭ ޑޭޑް ބުނީ" ޒަކްވާން އެހިއެވެ.

"މާދަމާ އިރުއޮށްސެންވާއިރަށް ރާއްޖެ ދާނަމޭ ބުނީ. ތިމަންނަ ބަލައި ތިދެމީހުން ފޮނުވައްޗޭ. އަދި ބުނި އަނެއްދުވަހު ޒަކްވާން ގޮވައިގެން ފުރާނަމޭވެސް. ބޭބެމެން މިތަންދެކެ ހާދަ ބިރެކޭ އެގަންނަނީ" އެއްވެސް ކަމެއް ނޭނގޭ ހާލު ޝަލްބިޔާ ވާހަކަދައްކަމުން ދިޔައެވެ.

ކުއްލިއަކަށް ދިން ހަބަރާއެކު މޫނުމަތީގެ އުފާވެރިކަން ގެއްލިފައި ޒަކްވާން އިނެވެ. އޭނާ އަދި ފުރާކަށް ބޭނުމެއް ނުވެއެވެ. އޭނާއަށް ދެވުނީ ދައުވަތުދިން އަދި އެންމެ މީހެއް ކައިިރިއަށެވެ. ބާކީ ތިނެއް އެބަތިއްބެވެ. ބައްޕަ އާ ހެދި އޭނާގެ މަޖާގަނޑު ހަރާބުވާން އުޅޭތީ މުޅި މީހާ އޮފްވިއެވެ.

********

ގޭތެރޭގައި ހިނގި ހުރިހާކަމެއް އަޔާލް ރިންދާއަށް ކިޔައިދިނެވެ. ކުރިއަށް ކަންކަން ރޭވިފައިވާ ގޮތްވެސް ކިޔައިދިނެވެ. ހަތަރު މީހުން ބައްދަލުކޮށްލަންޖެހޭ ކަމަށްވެސް ބުންޏެވެ. ކޮޓަރިން ނުކުތްއިރު ދެމީހުންގެ މޫނުމައްޗަށްވެސް ވެރިވެފައިވަނީ އުފާވެރިކަމެވެ. މޭޒުކައިރީގައި ތިބި ޝާހްބާޒާއި ނަހާއަށް ފަހަތަށް ބަލައިލެވުނީ ބައެއްގެ ހިލަންވިހެން ހީވެގެންނެވެ. އޭރު ރިންދާގެ އަތުގައި ހިފައިގެން އަޔާލް ހުއްޓެވެ. އަޔާލް އަދިވެސް ނުދާކަން ނަހާއަށް އެނގުނީ ދެނެވެ.

"އަނހަ. އަވަހަށް އާދޭ ދެކުދިން" އަތުގައި އޮތް ނޫސް އެއްފަރާތެއްގައި ބާއްވާފައި ޝާހްބާޒް ބުންޏެވެ. ރިންދާ އާއި އަޔާލް އައިސް އިށީނީ މޭޒުގެ ދެފަރާތުން އެކަކު އަނެކަކާ ދިމާވާގޮތަށެވެ.

"އަޅުގަނޑު ވާހަކައެއް ބުނަންވެގެން" އަޔާލް ބުންޏެވެ. ނަހާ އާއި ޝާހްބާޒްގެ ސަމާލުކަން އަޔާލްއަށް ހުއްޓާލިއެވެ.

"އަޅުގަނޑު... އަޅުގަނޑު މިރޭ މިގެއަށް ހެކިވެރިން ފޮނުވާނަން. ރަންކިޔުއްވަން" އަޔާލް ބުންޏެވެ.

ޝާހްބާޒްގެ ތުންފަތްމައްޗަށް ވެރިވީ ހިނިތުންވުމެކެވެ. އެހެންނަމަވެސް ނަހާ އިނީ ހޭން ނޭނގިފައެވެ. މިހުރިހާއިރު ދެކުދިންތިބީ ބަންދު ކޮޓަރިއެއްގެ ތެރޭގައެވެ. ކުއްލިއަކަށް ނުކުމެ ކައިވެނިކުރަން ބޭނުންވާ ވާހަކަ ބުނުމުން ނަހާއަށް ނެގުނީ މުޅިން އެހެން މާނައެކެވެ. އެހެންކަމުން ނަހާގެ ދެލޮލުގެ ތެރެއިން ނުތަނަވަސްކަމެއް ފެނިލިއެވެ. ރިންދާގެ މޫނަށް ނަހާ ބަލައިލީ އެހެން ކަހަލަ ނަޒަރަކުންނެވެ. ކަމެއް ގޯސްވެއްޖެކަން ރިންދާއަށް ހީވިއެވެ. ނަހާގެ މޫނުމަތިން އުފާވެރިކަމެއް ނުފެނުމުން ރިންދާގެ ހިތުގައި ސުވާލުވެސް އުފެދުނެވެ.

"އެހާ ކުއްލިއަކަށް ކަމެއް އަނެއްކާ ގޯސްވީތަ؟" ނަހާ އެހިއެވެ.

"ނޫނޭ. އަދި ހުރިހާ ކަމެއްވެސް ދަނީ ވަރަށް ރަނގަޅަށް. މަންމަމެންނަށް އެނގެންޖެހޭ ވަރަށް ބައިވަރު ކަންކަން އެބަހުރި. އެވާހަކަތައް ރިދާ ކިޔައިދޭނެ" އަޔާލް ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟