ޚަބަރު

ނާޖާއިޒު މަންފާ ހޯދައިދިންކަން ސާބިތުވެ ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ނިޝާރު މަގާމުން ވަކިކުރަނީ

އިބްރާހިމް ޒަކީ

ވިޔަފާރީގެ މަސްލަހަތަކާ ގުޅޭ މައްސަލައެެއްގައި ނާޖާއީޒު މަންފާ ހޯދައިދިންކަން ސާބިތުވެ، ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރު މަގާމުން ވަކިކުރަން ނިންމައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ، ބ. ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ދައުވާއެއްގައި އެ ދައުވާ ލިބުނު ފަރާތާއެކު އޮތް ވިޔަފާރި މަސްލަހަތެއްގެ ސަބަބުން، އެ ގަޒިއްޔާ ބެލުމުން އިސްމެޖިސްޓްރޭޓް ނިޝާރު ތަނާޒުލުވުމުން އެކަމަށް އެހެން މެޖިސްޓްރޭޓަކު އައްޔަން ކޮށްފައި ވަނިކޮށް ކަނޑައެޅިފައިވާ އިޖުރާއަތާ ކަނޑައެޅިގެން ހިލާފަށް އޭނާ އަމިއްލައަށް އެ ގަޒިއްޔާ ބެލުމާ އަލުން ހަވާލުވި ކަމަށެވެ.

ނަމަވެސް އެއީ އެ މައްސަލައިން އޭނާ ތަނާޒުލުވިއިރު އޮތް ސަބަބު ހަމަ އެގޮތުގައި އޮއްވައި ކަމަށާއި އެއީ ތަނާޒުލުވުމާ ގުޅޭ އުސޫލުތަކާ ހިލާފު ކަމެއް ކަމަށްވެސް ބުންޏެވެ.

ޖޭއެސްސީން ބުނީ ފަހުން އެ ގަޒިއްޔާއާ ހަވާލުވެ އިސްމެޖިސްޓްރޭޓް ނިޝާރު ޝަރީއަތް ހިންގަމުންދިޔަ ގޮތުންނާއި މައްސަލާގައި ހިނގާފައި އެހެން ކަންކަމަށް ބަލައި އިރު، މަސްލަހަތު ފުށުއަރާ ސަބަބެއް އޮވެގެން އެ ގަޒިއްޔާ ބެލުމުން ތަނާޒުލުވުމަށްފަހު، އަމިއްލައަށް އަލުން އެކަމާ ވާލުވެ އެ ގަޒިއްޔާ ހިންގާފައި ވަނީ އިސްމެޖިސްޓްރޭޓް ނިޝާރާއި އެ ގަޒިއްޔާގައި ދައުވާ ލިބޭ ފަރާތާ ދެމެދު އޮތް ވިޔަފާރީގެ މަސްލަހަތަކާ ގުޅިގެން، މަގާމުގެ ހައިސިއްޔަތާއި ޒިންމާ ނަހަމަ ގޮތުގައި ބޭނުންކޮށް ނާޖާއީޒު މަންފާއެއް ހޯދުމުގެ ގަސްތުގައިކަން ސާބިތުވާ ކަމަށެވެ.

އެހެންކަމުން އެއީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑީޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް މެޖިސްޓްރޭޓް އަމަލު ކޮށްފައިވުން ކަމަށް ކަނޑައަޅައި، ޖޭއެސްސީގެ ގާނޫނުގެ ދަށުން އިސްމެޖިސްޓްރޭޓް ނިޝާރު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.