ކޮކާކޯލާއާއި މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީއާ ގުޅިގެން މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އިން ދ. ކުޑަހުވަދޫގައި ކުނި މެނޭޖުކުރުމަށް ހާއްސަ ޕްރޮގްރާމެއް ފަށައި ނަމޫނާ ދައްކައިފިއެވެ.
މޯފާއިން ފެށި މޮޑެލް އައިލެންޑް ޕްރޮޖެކްޓުގެ ފުރަތަމަ ރަށަކަށް ކުޑަހުވަދޫ ހަމަޖެއްސީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
އެ ޕްރޮޖެކްޓުގެ ދަށުން ފެށި "އޮން ދަ ގްރައުންޑް، އިން ދަ ސީ: ވޭސްޓް ސެގްރިގޭޝަން މޮޑެލް އައިލެންޑް ކުޑަހުވަދޫ" ޕްރޮގްރާމަކީ މި އަހަރުގެ ޖޫން މަހުން ފެށިގެން ގޭބިސީތަކުގެ ފެންވަރުގައި ކުނި ވަކިކުރަން ސަރުކާރުން ލާޒިމުކުރުމުގެ ކުރިން ފެށި ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމްގެ ދަށުން ކުޑަހުވަދޫއަށް 1،000 އަށްވުރެ ގިނަ ކުނި ވަށިގަނޑު ދީފައިވާއިރު، އޯގޭނިކް ކުންޏާއި ޕްލާސްޓިކް، ދަގަނޑު އަދި ބިއްލޫރީގެ އިތުރުން އެހެނިހެން (އެކި ވައްތަރުގެ ކުނި އެއްކޮށް) އުކާލުމަށް މަގުފަހިކުރުމަށް ކޮންމެ ގޭބިސީއަކަށް ދެ ވަށިގަނޑާއި ހަތަރު ގޯނި ފޯރުކޮށްދީފައިވެއެވެ.
މި ޕްރޮގުރާމް ފެށި ފަހުން ކުޑަހުވަދޫން މިހާތަނަށް 8.7 ޓަނުގެ ޕްލާސްޓިކް ކުނި ނަގާފައިވާއިރު، އެއްކުރާ ޕެޓް ފުޅިތައް ވެރިރަށް މާލެއަށް ގެންދިއުމުގައި އެހީތެރިވަނީ ލޮޖިސްޓިކް ޕާޓްނަރެއްގެ ހައިސިއްޔަތުން ކޮކާ-ކޯލާ މޯލްޑިވްސްއެވެ.
އަދި ޕެޓް ފުޅިތައް ޕާލޭ މޯލްޑިވްސްއާ ހަވާލުކޮށްގެން އެކި ބްރޭންޑްތަކުގެ ބޫޓާއި ސްވިމްވެއާ އަދި ހެދުން ފަދަ އާންމު ދިރިއުޅުމުގެ ބާވަތްތައް ތައްޔާރުކުރުމަށް ރާއްޖޭން ބޭރުކުރެއެވެ. ޕެޓް ފުޅިއަކީ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި އަލުން ބޭނުންކުރެވޭ ޕްލާސްޓިކެވެ.
މި ޕްރޮގުރާމާ ގުޅޭ ގޮތުން ކުޑަހުވަދޫ ކައުންސިލުގެ ރައީސް އިބްރާހިމް ފިކުރީ ވިދާޅުވީ އެރަށުގައި ތަންފީޒު ކުރަމުން ގެންދާ ކަންތައްތަކުގެ ސަބަބުން ރައްޔިތުންނަށް ރަށުގެ ތިމާވެއްޓާއި ވެށި ބެލެހެއްޓުމުގެ އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ބައިވެރިންގެ ދީލަތި އެހީއާއި އެއްބާރުލުމާއެކު މި މޮޑެލް އައިލެންޑް ސިސްޓަމް އަޅުގަނޑުމެން އިސްނަގައިގެން ކުރިއަށް ގެންދިޔަ ނަމަވެސް، އަޅުގަނޑުމެންގެ އުއްމީދަކީ ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރުމަށް ވަށާޖެހޭ އިގުތިސާދީ ވިސްނުމަކުން އަޅުގަނޑުމެންގެ ރީތި މާހައުލު ހިމާޔަތްކުރުމަށް ދ. އަތޮޅުގެ އެހެން ރަށްރަށުންވެސް މި މަސައްކަތުގައި ބައިވެރިވުން،" އޭނާ ވިދާޅުވިއެވެ.
މި ހަރަކާތާ ގުޅޭ ގޮތުން މޯޕާގެ ބާނީ އަދި ޗެއާމަން ތޯރިގު އިބްރާހިމް ވިދާޅުވީ، މިފަދަ ކޮންމެ ހަރަކާތެއް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވޭކަން ޔަގީންކުރުމަށްޓަކައި އެ ހަރަކާތެއްގެ ވަސީލަތްތަކާއި އޮޕަރޭޝަންތަކާއި އިލްމުގެ މިލްކުވެރިކަން ރައްޔިތުންނަށް ބަދަލުކުރަންޖެހޭނެ ކަމަށެވެ. އެއާއެކު މިފަދަ ކޮންމެ ހަރަކާތަކާއި ޕްރޮގުރާމެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.
"އެހެންވީމާ، އަޅުގަނޑުމެން ގެންގުޅުނީ ބޮޓަމް އަޕް އެޕްރޯޗެއް، ކުޑަހުވަދޫ ވެގެން ދިޔައީ ގޭބިސީތަކުގެ ފެންވަރުގައި ކުނި ވަކިކުރުން ހިމެނޭ ގޮތަށް، ކުނި މެނޭޖުކުރުމުގެ އާ ގަވާއިދަށް ފުރިހަމައަށް އަމަލުކުރި ފުރަތަމަ ރަށަށް. މިއީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް." ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ.
ކޮކާ-ކޯލާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހާ ވިދާޅުވީ ކޮކާ-ކޯލާއަކީ ކުނި މަދުކުރުމާއެކު ވަސީލަތްތަކާއި އުފެއްދުންތައް އަލުން ބޭނުންކުރުމުގެ އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ.
އަދި ރާއްޖޭގައި "ޑިޒައިން، ކަލެކްޓް އެންޑް ޕާޓްނަރު"ގެ ސްޓްރެޓެޖިކް ސިޔާސަތުތަކުގެ ދަށުން ޕެކޭޖިން ބޭނުންކުރުމުގެ ވަށާޖެހޭ އިގުތިސާދެއް ބިނާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެ ކުންފުނިން އަޅަމުންދާ ކަމަށް ބުންޏެވެ.
ޕަންކަޖް ވިދާޅުވި ގޮތުގައި ޕްލާސްޓިކް ކުނީގެ މައްސަލައަށް ބޭނުންތެރި ހައްލުތަކެއް ހޯދުމަށް އަމަލީ ގޮތުން ހަރަކާތްތެރިވާ މޯޕާ ފަދަ ޖަމިއްޔާތަކާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ އުއްމީދީ ނަތީޖާތައް ފެންނަމުން ދިއުމަކީ ލިބޭ އުފަލެކެވެ.
މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ސަންޖޭ މަނިކު ވިދާޅުވީ ކޮކާ-ކޯލާއާއި އެ ކުންފުންޏާ ގުޅިގެން ރަނގަޅު، ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި ރައްޔިތުންގެ ދިރިއުޅުމާއި މުޖުތަމައުތަކާއި ތިމާވެށި ކުރިއެރުވުމަށް އެ ކުންފުނިން މިހާރުވެސް ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމަށާއި ކުޑަހުވަދޫގައި ހިންގާ މޮޑެލް އައިލެންޑް ޕްރޮޖެކްޓުން ސާބިތުކޮށްދެނީ، އެފަދަ ކަންކަމުގައި މުޖުތަމައުތައް ބާރުވެރިކުރުމަކީ ޕްލާސްޓިކާ ގުޅޭ ގޮތުން ވަށާޖެހޭ އިގުތިސާދެއް ބިނާކުރަން ކުރާ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު ބާރެއް ކަމަށް އޭނާ ވިދާޅުވިއެވެ.