ފޯނެއްގައި މައްސަލައެއް ޖެހިގެން ހަދަން ދޭ ކޮންމެ ފަހަރަކު ހުންނަށް ޖެހެނީ ބިރުންނެވެ. ދެވަނަ ފަރާތަކަށް ފެންނަށް ބޭނުން ނުވާ ކިތަންމެ ސާމާނެއް ގެންގުޅޭ ފޯނުގައި ހުންނާނެއެވެ. ފޯނު ހަދަން ދޭއިރު މުޅި ފޯނު ފޯމެޓް ކޮށްފައި ދޭން ޖެހޭ ފަހަރު ވެސް ވަރަށް ގިނައެވެ.

އެހެން ކަމުން ފޯނު އުފައްދާ ގިނަ ކުންފުނި ތަކުން މި ކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރާތާ ލައްކަ ދުވަސްވެއްޖެއެވެ. މިކަމަށް އުފާވެރި ހަބަރެއް ގެނެސްދިނީ ޖުލައި މަހު ސެމްސަން ފޯނުތަކަށް "ރިޕޭއާ މޯޑެއް" އަޖުމަބަލާނެ ކަމަށް އިއުލާންކުރުމާ އެކުގައެވެ.

ފޯނުތައް މަރާމާތު ކުރަން ދޭއިރު ފޯނުގައި ހުރި ހުރިހާ ޑޭޓާއެއް ފޮހެލުމުގެ ބަދަލުގައި ރިޕެއާ މޯޑް ނުވަތަ މެއިންޓަނަންސް މޯޑް އަށް ލުމުން ފޯނު މަރާމާތު ކުރާ ފަރާތަކަށް އެއްވެސް އެއްޗެއް ނުފެންނާނެއެވެ. މި އާ ފީޗާ "ކާމިޔާބުކަމާއެކު" މިހާރު ވަނީ އެންޑުރޮއިޑްގެ 13 ވަނަ އަދަދާއި އެކު ފަހުގެ ފޯނުތަކަށް ދޫކޮށްފައެވެ.

މިހާރު ރަސްމީކޮށް މެއިންޓެނަންސް މޯޑްގެ ނަމުން ނަންދެވިފައިވާ މި ހިދުމަތް ސެމްސަންގެ ފަހުގެ ފޯނުތަކުގައި ހުންނާނެއެވެ. މި ފީޗާ ނުވަތަ މެއިންޓަނަންސް މޯޑް އޮންކޮށްލުމުން ޓެކްނީޝަނުންނަށް ވަކި ޔޫޒާ އެކައުންޓެއް އުފައްދައިގެން ފޯނުގައި ހުންނަ މައިގަނޑު ހުރިހާ އެޕްލިކޭޝަންތަކާއި ބައިތައް ޓެސްޓް ކޮށް މައްސަލަ ހައްލުކުރެވޭނެއެވެެ. ފޮޓޯ، މެސެޖް އަދި ކޮންޓެކްޓްތައް ފަދަ ވެރިފަރާތުގެ ޒާތީ މައުލޫމާތު ތަކެއް ފޯނު ހަދާ މީހާ އަކަށް ނުފެންނާނެއެވެ. ފޯނު ހަދާ ފަރާތުން ޓެސްޓް ކުރުމަށް އިންސްޓޯލް ކުރާ އެޕްތައް ވެސް ގެލެކްސީ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ. ނަމަވެސް ފޯނުގެ ވެރިފަރާތް މެއިންޓެނަންސް މޯޑުން ނުކުތުމުން ފޯނު ހަދަން އިންސްޓޯލް ކުރި ޑޭޓާތަކާއި އެޕްލިކޭޝަން ޑިލީޓްވެގެން ދާނެއެވެ.

އެގޮތުން މެއިންޓެނަންސް މޯޑް ޖެއްސުމަށް ފޯނުގެ ސެޓިންގްސްގައިވާ "ބެޓެރީ އެންޑް ޑިވައިސް ކެއާ" މެނޫއަށް ގޮސް ފީޗާ އޮންކޮށްލުމަށްފަހު ފޯނު އަލުން ހުޅުވަން (ރީ ސުޓާޓް ކޮއްލަން )ޖެހޭނެއެވެ.

“އަހަރެމެންގެ މުޅި ދިރިއުޅުން އޮތީ އަހަރެމެންގެ ފޯނުތަކުގައި، ކްރެޑިޓް ކާޑުގެ މައުލޫމާތުން ފެށިގެން އާއިލީ ފޮޓޯތަކާ ހަމައަށް. މެއިންޓެނަންސް މޯޑާއެކު ގެލެކްސީ ބުރޭންޑްގެ ފަހުގެ ފޯނުތައް ބޭނުންކުރާ ފަރާތްތަކަށް ފޯނު މީހަކަށް ހަވާލުކުރިޔަސް ޕްރައިވެސީ ބެލެހެއްޓޭނެ ކަމުގެ އިތުރު ޔަގީންކަމެއް މިވަނީ ލިބިގެން ގޮސްފަ." ސެމްސަން ބިޒްނަސް ސެކިއުރިޓީ ޓީމުގެ ނައިބު ރައީސް އަދި ވެރިޔާ ސެއުންވޮން ޝިން ވިދާޅުވި އެވެ.

ކުރިއަށް އޮތް މަސްތަކުގައި މެއިންޓެނަންސް މޯޑް ގެލެކްސީ ބުރޭންޑްގެ އާ ފޯނުތަކަށްވެސް ލިބިގެންދާނެ އެވެ. މިހާރު ގެލެކްސީ އެސް22 ސީރީޒް އިން ފެށިގެން އެންޑްރޮއިޑް 13 އަދި ވަން ޔޫއައި 5 ލިބިފައިވާ ފޯނުތަކުގައި މި މޯޑް ހުންނާނެއެވެ.

އެޕަލް އައިފޯނު ތަކުން ވެސް މި މުހިއްމު ފީޗާ މެއިންޓަނަސް މޯޑު ބޭނުންވާކަމަށް ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެޕަލް އައިއޯއެސް އަށް މި ކަން ކުރުމަށް އަދި ވަގުތު ކޮޅެއް ނަގާނެއެވެ.