"މަންމާ... ހުއްޓޭ. އެހެން ނޫނީ މިގެއިން ނުކުންނަގޮތަށް މަންމަ އަރަންޖެހޭނީ ފުލުހުންގެ ޖިޕަށް" ބަރަކް ބުންޏެވެ.
ރޫބިޔާގެ ދެފައި ހީވީ ބިމުގައި ތަތްލިހެންނެވެ. އިތުރަށް ކުރިއަކަށް ނުދެވުނެވެ. އޭނާ ފުލުހުންނާ ހަވާލުކުރަން އެ އުޅެނީ އެންމެ ހީނުކުރާ މީހާއެވެ.
ރޫބިޔާ ފަހަތް ބަލައިލިއެވެ. ހުރި ހަމައެކަނި ދަރިފުޅު ހިމާޔަތްދޭނެ ކަމަށް ހީކުރެވުނަސް ބަރަކްގެ ދެލޮލުން އެއްވެސް ރަހުމެއް ރޫބިޔާއަށް ނުފެނުނެވެ. ހުރިހާގޮތަކުންވެސް ބަރަކް ހުރީ ބަދަލުވެފައެވެ. ރޫބިޔާގެ ރުޅިވެރި ނަޒަރު އެހިނދު އަމާޒުވީ ބަރަކް ކައިރީގައި ހުއްޓިހުރި ޖިލްވާއަށެވެ.
"މިއީ ކަލޭގެ ނުބައިކަމުން ވީގޮތެއް. މަގޭ ދަރިގެ ދިރިއުޅުމަށް ވިހަލާން އައި ހަރުފައެއް ތިއީ. ކަލޭ ބޭނުންވި ކަންތައްވީނު. ދެން އަތްޖަހާފަ ނަށަން ފަށަން ވީނުން" ރޫބިޔާގެ ހުރިހާ ރުޅިއެއް އަމާޒުވީ ޖިލްވާއަށެވެ. ޖިލްވާ އާ ދިމާލަށް އައި ރޫބިޔާގެ ދެއަތުގައި ބަރަކް ހިފެހެއްޓިއެވެ.
"މަންމާ، ކިހިނެއްވެގެން ތިއުޅެނީ؟" ބަރަކް ހަޅޭއްލަވައިގަތެވެ. ލައްކައިރު އޭނާ ކެތްކޮށްފިއެވެ.
"މިއުޅެނީ ޖިލްވާ ކަމެއް ކޮށްގެން އެކަން ފަޅާއަރައިގެނެއްނޫނޭ" ބަރަކް ބުންޏެވެ.
"ދެން އަހަރެންތަ ކަންކަން ކުރީ؟ ކޮބާ އަހަރެންކުރި ކަމަކީ؟ ކަލޭމެންގެ އެއްވެސް މީހަކަށް އަހަރެންދައްކާ ވާހަކައެއް ގަބޫލެއް ނުކުރެވެއެއްނު. މިހުރިހާ ދުވަހު ފިލައިގެން އުޅުނު މީހާ ކުއްލިއަކަށް ކުރިމައްޗަށް އައިސް ބުނެލި ދެތިން ޖުމްލައެއްގަ ހިފާ ކަލޭމެން ތިދަމަނީ. ކޮބާ ހެއްކެއް؟" ރޫބިޔާ ހުރީ ދޫކުރާގޮތަކަށް ނޫނެވެ.
"ކޮންކަމެއްގެ ހެކި މަންމަ ބޭނުންވެގެން ތިއުޅެނީ؟ ބުނެބަލަ؟ މަންމަ އާއި އެހެން ފިރިހެނަކު ވެގެން ބައްޕައަށް ސިހުރުހަދައި ގެއިން ފޮނުވާލީމަ އެކަމުގެ ހެކިތަ؟ ރަނީންގެ މަރުގެ މައްސަލައިގައި މަންމަ އާއި ނަހީކާ ގުޅިގެން އެކަން ފޮރުވަން މަސައްކަތްކުރީތީ އެކަމުގެ ހެކިތަ؟ ހިލޭ ފިރިހެނެއް ކޮންމެ ރެއަކު ކޮޓަރިއަށް ވައްދައިގެން މަންމަ ކުރަމުންދާ ހަޑިމުޑުދާރު ކަންކަމުގެ ހެކިތަ؟ ނޫނީ ސިހުރު ހަދައިގެން މިދުނިޔެއިން ދޮންބެ ނައްތާލަން މަސައްކަތްކުރީތީ އެކަމުގެ ހެކިތަ؟ ނޫނީ ކޮންމެ ދުވަހަކު އެއްވެސް ކުށެއްނެތި އަހަރެންގެ އަނބިމީހާއަށް މަންމަ ގޮވާ އެއްޗެހީގެ ހެކިތަ؟" ބަރަކް ވާހަކަދައްކަމުން ދިޔައެވެ.
އޭނާއަށް ރޮވިފައި ހުރިކަން އަންގައިދެނީ ދެލޮލުން ވެއްޓުނު ކަރުނަތިއްކާއި ވާހަކަދެއްކުމުގެ ރާގު ހުރިގޮތުންނެވެ. އަޔާލް ބަރަކަށް ރަހުމުހީވިއެވެ. ޒުވާނަކަށްވީފަހުން މިނޫނީ ބަރަކް ރުއި ތަނެއް އަޔާލްއަށް ފެނިފައެއް ނެތެވެ.
"އެހެންވިއްޔާ މަންމަ އަޑުއަހާ. މިހުރިހާ ކަމެއްގެ ހެއްކެއް އަހަރެން އަތުގަ އެބަހުރި" ބަރަކް ބުންޏެވެ.
ރޫބިޔާ ހުރިތަނަށް ގާވިއެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ސަލާމަތްވާންހެދި ދޮގު ވެގެން އެދިޔައީ ކަރަށް މަހާފައި އޮތް ވާގަނޑަށް އިތުރަށް ބާރުވެގެންދިޔަ ކަހަލަ ކަމަކަށެވެ. ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އިތުރަށް ކުރެވޭނެ ކަމެއް ނެތެވެ.
**********
ލިފްޓުން ނުކުތް ގޮތަށް ރިންދާ ވަށައިގެން ހޯދައި ބަލައިލިއެވެ. ކުރިމަތީގައި ހުރި އެޕާޓްމަންޓްގެ ދޮރު ހުޅުވުނު އަޑާއެކު ރިންދާ ސިހުނެވެ. ދޮރުމަތީގައި ހުރި ވިލިނީ ފެނުމާއެކު ހީލިއެވެ. ދެން ކުރިއަށް ހިނގައިގަތެވެ. ދުވަސްތަކަކަށްފަހު ވިލިނީ ފެނުނުއިރު ބަނޑުހުރީ ކޮންމެސް ވަރަކަށް ބޭރަށް ނުކުމެފައެވެ. މާބަނޑު މީހެއް ފާޑުޖަހައެވެ. ވިލިނީގެ ގައިގައި ރިންދާ ބައްދާލިއެވެ. ބަނޑުގައި ފިރުމާލިއެވެ. އަންގާނުލައި މާލެ އައިސް އުޅޭތީ ޝަކުވާކޮށްލިއެވެ.
ގޭތެރެއަށް ދެ އެކުވެރިން ވަދެގެން ދިޔައީ އެކީގައެވެ. ތަނަވަސް ބޮޑު ސިޓިންރޫމު ފެނުމާއެކު ރިންދާ ހައިރާންވިއެވެ. އެވަރުގެ ތަނެއް މާލެއިން ރަނގަޅު އަގެއްގައި ނުލިބޭނެކަން ރިންދާއަށް ޔަގީނެވެ. އެގޮތަށް ރުފިޔާތަކެއް ހަރަދުކޮށްގެން ވިލިނީ މާލޭގައި ހުންނަން ރިންދާ އެއްގޮތަކަށްވެސް ނޭދެއެވެ.
"ވިލީ އައިސްއުޅޭ ކަމެއް ނުވެސް އނގޭ. ކީއްވެ އަންގާނުލީ؟ އަހަރެން ހަމަ އެހާ ދުރުމީހަކީތަ؟" ސޯފާގައި ރަނގަޅަށް ވިލިނީއަށް ހަމަޖެހިނުލެވެނީސް ރިންދާ ޝަކުވާ ފޮށި ހުޅުވައިފިއެވެ.
"ނޫނޭ ތިކަހަލަ ކަމެއް ނޫން މިއީ. އެއީ ދިގުވާހަކައެއް. އަހަރެން ރަށަށް ދިޔަތަނާ ލައިދު އަތުވެއްޖެ. މިއީ ލައިދުމެންގެ ގެ" ވިލިނީ ބުންޏެވެ.
ރިންދާގެ މޫނުމައްޗަށް ވެރިވީ ހައިރާންކަމެވެ. ލައިދު އެހިސާބަށް ދިޔަކަން އަޔާލްގެ ފަރާތުންވެސް އެނގިފައެއް ނެތެވެ.
"ހަމަ ތެދެއްތަ؟ ވަރަށް އުފާވެއްޖެ ވިލީ ވިސްނުން ބަދަލުކުރީތީ" ރިންދާ ބުންޏެވެ.
"އަދި މިގެނައީ މުޅިން އެހެންކަމަކުއޭ" ވިލިނީ ބުންޏެވެ.
ރިންދާ ޝައުގުވެރިކަން ފާޅުކުރިއެވެ. ނަހީކާ ގުޅޭގޮތުން ވިލިނީ ސުވާލުކުރިއެވެ.
"އެއީ ބޮޑު މުސީބާތެއް" ރިންދާ ބުނެލި ގޮތުންވެސް ވިލިނީއަށް ހެވުނެވެ.
ބެގަރީގެ ކޯލެއް އައި ވާހަކަ ވިލިނީ ބުންޏެވެ. ދެ ގާތިލުން އެއްބިމެއްގައި ތިބުމުން ހުރިހާ ކަމަކަށް ފަސޭހަވެގެންދާނެ ކަމަށް ބުންޏެވެ. ރިންދާ ބޯޖަހާލިއެވެ. ކުރިއަށްގެންދާނެ ގޮތަކާމެދު ވިސްނަމުން ދިޔައެވެ.
"ހުރިހާ މީހުން އެއްކޮށް ބައްދަލުކޮށްލަންވީނުން" ވިލިނީ ހިޔާލު ފާޅުކުރިއެވެ.
**********
އެޕާޓްމަންޓަށް ވަންގޮތަށް ހުރިހާ ދިމާލަށް ޖިލްވާ ބަލައިލިއެވެ. އަމިއްލަ ގެއަށް އާދެވުނު ކަހަލަ އިހުސާސެއް ޖިލްވާއަށް ކުރުވިއެވެ. ބަރަކް އަތުން އެއްވެސް ފައިސާއެއް ކުލި ދައްކަން ދެން ނުދާނެކަން ޔަގީނެވެ. އެހެންނަމަވެސް ޖިލްވާއަށް ލިބެންވީ ހިތްހަމަޖެހުމެއް ނުލިބުނެވެ. ބަރަކްއަށް ދިމާވެފައިވާ ހިތްދަތިކަން އިހުސާސްވެފައެވެ. އެޕާޓްމަންޓް ދޮރުގައި މަޑުމަޑުން ޓަކިޖަހާލި އަޑު އިވުމާއެކު ޖިލްވާ ސިހުނެވެ. އަވަސް އަވަހަށް ހިނގާފައި ގޮސް ދޮރުހުޅުވާލި އިރު ބޭރުގައި ހުރީ ބަރަކްއެވެ.
"މަންމަ ކޮބާ؟" ބަރަކް އެތެރެއަށް ވަނުމާއެކު ޖިލްވާ އެހިއެވެ.
"އެބައިން ތިރީގަ. ސަމީހާއްތަ މަންމަގެ ހުރިހާ ކަމެއް ބަލާނެ" ބަރަކް ބުންޏެވެ.
ބަރަކްގެ މޫނުމަތީގައި އުޖާލާކަމެއް ހަމަޖެހުމެއް ނެތެވެ. ދެލޮލުގައި ކަރުނައެއް ނެތްކަމަކު ރަތްކަމެއް ހުއްޓެވެ. ޖިލްވާގެ ގައިގައި ބަރަކް ބައްދާލިއެވެ. ޖިލްވާގެ ދެއަތް ބަރަކް ގެ ގައިގައި ވަށާލުމާއެކު އަނެއްކާވެސް ބަރަކްގެ ދެލޮލުން ތާޒާ ކަރުނަތައް ފައިބަން ފަށައިފިއެވެ. ކަރުނަތަކަށް ހުއްޓުމެއް ނެތް ކަހަލައެވެ. ރޫބިޔާދެކެ އަމިއްލަ ފުރާނައަށް ވުރެވެސް ބޮޑަށް ބަރަކް ލޯބިވެއެވެ.
"ޖިލް، އެއީ އަހަރެންގެ މަންމަ" އަސަރާއެކު ބަރަކް ބުންޏެވެ. ޖިލްވާގެ ދެލޯ ކަރުނުން ފުރުނެވެ.
"މަންމަ ކީއްވެ އިސްލާހުނުވީ. ދާދި އަވަހަށް ޖަލުގެ ތޭރިތަކުގެ ބިއްދަށަށް މަންމަ ދާތަން އަހަރެންނަށް ފެންނާނެ. އަހަރެން މަރުވެދާނެ" ބަރަކް ކިޔަމުން ދިޔައެވެ.
ޖިލްވާ ބަރަކް ގޮވައިގެން އައިސް ސޯފާގައި އިށީނެވެ. ލޯތްބާއި އޯގާތެރިކަމާއެކު ބަރަކްގެ ދެލޮލުގެ ފައިބަމުންދިޔަ ކަރުނަތައް ޖިލްވާ ފޮހެދިނެވެ. ބަރަކްގެ މޫނުގައި ބޮސްދިނެވެ. ބަރަކް އެގޮތަށް ރޯމަންޒަރު ބަލަން ކެތްނުވާނޭ ޖިލްވާ ބުނިއިރު ދެލޮލުން ކަރުނައެއް ފައިބައިފިއެވެ.
"މިރޭ ލޫކް ސަރ މިގެއަށް އަންނާނެ. މަންމަ އާ ސުވާލުކުރާނެ. އޭގެކުރިން އަހަރެން މަންމަ އާ ވާހަކަދައްކަން ބޭނުން. އަހަރެން ސުވާލުކޮށްކޮށްވެސް މަންމަ ވާހަކައެއްނުދެއްކި" ބަރަކް ބުންޏެވެ.
ޖިލްވާ ބަރަކްއަށް ނަސޭހަތްތެރިވިއެވެ. ކެތްތެރިވާން ހަނދާންކޮށްދިނެވެ. ދަރިން ދުނިޔެއަށް އުފަންކުރުމަށްފަހުވެސް ބައެއް މައިން ދުނިޔެ ދޫކުރާ ވާހަކަ ބަރަކްގެ ހަނދާނަށް ގެނައެވެ. އެއްވެސް އިންސާނަކަށް ނުއުފުއްލޭ ވަރުގެ ތަކުލީފެއް އެކަލާނގެ އެއްވެސް އަޅަކަށް ނުޖައްސަވާނޭ ބުންޏެވެ.
*******
ގޭދޮރުގައި ޓަކި ޖަހާލި އަޑު އިވޭއިރަށް ޝާހްބާޒް ބަދިގޭގައި ހުރި ރިންދާއަށް ގޮވާލައިފިއެވެ. ޓީވީ އިން ދައްކަމުންދިޔަ ހަބަރު ބަލަން އިން ޝާހްބާޒް ހީކޮށްގެން ހުރީ އަޔާލްގެ އާއިލާ ކަމަށެވެ. އެހެންނަމަވެސް ރިންދާ ހުޅުވައިގެންހުރި ދޮރުން އެތެރެއަށް ވަން ވިލިނީ ފެނުމާއެކު ޝާހްބާޒް ހައިރާންވިއެވެ. ވިލިނީ ރަށަށް ދިޔަ މީހަކު ކުއްލިއަކަށް ފެނުމުންނެވެ. ކޮޓަރިން ނުކުމެގެން އައި ނަހާގެ މޫނުމަތީގައިވެސް ވީ ހައިރާންކަމެވެ.
"ވިލީތަ؟ ކޮންއިރަކު އައީ؟" ނަހާ ބުންޏެވެ.
ޝާހްބާޒާއި ނަހާއަށް ނޭނގުނީ ވިލިނީއާއެކު ދެން ހުރި އަންހެން މީހާއެވެ. ރިންދާ ހީލިއެވެ. އާތިފާ ހުރިހާ މީހުންނަށް ރިންދާ ތައާރަފުކޮށްދިނެވެ. އާތިފާ ނަހާ އާ ސަލާންކުރިއެވެ. އެކުވެރިއެއް ފަދައިން ދެމީހުންގެ ހާލުއަހުވާލު އޮޅުންފިލުވިއެވެ. ވިލިނީގެ ބުރަކަށީގައި ނަހާ ފިރުމާލީވެސް ދަރިއެއްގެ ގައިގައި ފިރުމާލާނެހާ ލޯބިންނެވެ.
"ބޭބޭ ހީކުރީ އަޔާލްގެ އާއިލާ އޭ އަންނާނީ" ހީލަމުން ޝާހްބާޒް ބުންޏެވެ.
"ނޫނޭ. ވިލީގެ މަންމާ އާތިފާއްތަ މާލޭގަ ތިބީމަ ހިތަށްއެރީ މަންމަ އާއި ބޭބެ އާ ބައްދަލުކުރުވަން ގެނުވަންވީއޭ. އަނެއްހެން މުހިންމު ވާހަކައެއްވެސް ދައްކަންވެފަ އޮތީމަ" ވިލިނީގެ މޫނަށް ބަލައިލަމުން ރިންދާ ބުންޏެވެ.
ދެކުދިން ބައްދަލުކުރި ބައްދަލުކުރުމުގައި ނިންމި މުހިންމު އެއްކަމަކީ ވިލިނިއަކީ ނަހީކްގެ ވަރިކުރި އަނބިމީހާކަން ޝާހްބާޒްގެ ދެމަފިރިންނަށް އަންގައިދިނުމެވެ. އަދި ވިލިނީގެ ބަނޑުގައި އޮތީ ޝާހްބާޒްގެ ކާފަ ދަރިއެއްކަން ހާމަކުރުމެވެ. ވިލިނީ އާއި އާތިފާ އެގެއަށް ގެނައި އެންމެ ބޮޑު ބޭނުމަކީވެސް އެއީއެވެ.
"ހިނގާ އެންމެ ފުރަތަމަ ކާން" ރިންދާ ބުންޏެވެ.
މޭޒުކައިރިއަށް ކާން އެރީ އެންމެ އެކުގައެވެ.
"އަދިވެސް ހޮޑުލެވޭތަ؟" ނަހާ ވިލިނިއަށް އެހިއެވެ. ވިލިނީ ދެފަރާތަށް ބޯހޫރާލިއެވެ.
********
މޭޒުމައްޗަށް ކާންހަދާފައި ހުއްޓަސް އެއްވެސް މީހަކަށް ކެވޭގޮތެއް ނުވިއެވެ. ރާޝިދުއަށް އެތިކޮޅެއް ކާލެވުނީ ވަރަށް ހިތްވަރުންނެވެ. އަޔާލް އާއި ޖިލްވާ ކާއެއްޗެއްގައި އަތްނުލައި އިނީ ބަރަކް އިންގޮތުންނެވެ.
"ނުކާނަމޭ ބުނީ. އޭގެފަހުން ފެންފޮދެއްވެސް ނުބޮއެ. ސަމީހާއްތައަށް ހިއެއްނުވޭ ފާހާނާއަށް ދާންވެސް އެތަނުން ތެދުވިހެނެއް" މޭޒު ކައިރިއަށް އައި ސަމީހާ ބުންޏެވެ. ރޫބިޔާއަށް ހިފައިގެންދިޔަ ކާއެއްޗެހި ތަށި ސަމީހާގެ އަތުގައި ހުއްޓެވެ.
"އެދައްތަ ބަލީތަ މަންމާ" އެއްވެސް އެއްޗެއް ނޭނގޭ ސަނާ އެހިއެވެ.
"ދަރިފުޅު ދޭ ކޮޓަރިއަށް. ފިލާވަޅުތައް ނިންމާފަ ނިދަން ތައްޔާރުވޭ" ސަމީހާ ބުންޏެވެ. ވަގުތުން ބޯޖަހާލާފައި ސަނާ ހިނގައިގަތެވެ.
ބަރަކް ތެދުވިއެވެ. މަޑުމަޑުން ހިނގާފައި ގޮސް ސަމީހާގެ އަތުގައި ހުރި ކާއެއްޗެހި ތަބަކުގައި ހިފިއެވެ. ދެން ހިނގައިގަތީ ރޫބިޔާ އާ ދިމާލަށެވެ. ބަރަކް ކައިރިވެ ރޫބިޔާގެ މޫނު ފެންނާނެހެން އިށީނުމުންވެސް ރޫބިޔާ އިސްއުފުލާ ބަލައި ނުލިއެވެ. އޭނާ އަދިވެސް ގޮތުގައި އިންކަހަލައެވެ.
"މަންމާ، ނުކައި އިނަސް މަންމަގެ ތިފާފަތަކާއި ކުރި ކުށްތައް ނުފޮހެވޭނެ. އަދި އެކަންކަމަކީ މަންމަ ނުކުރާ ކަމަކަށްވެސް ނުވާނެ" ބަރަކް ބުންޏެވެ.
ބަރަކް ރޫބިޔާގެ އުނގުގައި ތަބަށް ބެހެއްޓިއެވެ. އެއާއެކު ހިތްހަމަނުޖެހިފައި ކާއެއްޗެހި ތަބަށް ރޫބިޔާ ދުރަށް ހޫރާލިއެވެ. މިފަހަރުވެސް ހިލިގަތީ އަޔާލެވެ. އެހެންނަމަވެސް ރާޝިދުގެ އަމުރަށް އަޔާލް ހިމޭންވިއެވެ. ލޫކް އަންނަން ބުނި ގަޑި ކައިރިވަމުންދާތީ ސަމީހާ އަވަސްވީ ކާއެއްޗެހިތައް ނަގާފައި ތަން ސާފުކުރާށެވެ.
"ކަލެއަށް ކޮންކަމެއް މަ މަރުވިއްޔާ. ކޮންމެހެން މާ މާތް ދަރިއަކަށް ވާން އުޅޭނެ ކަމެއް ނެތް" ރޫބިޔާ ހަޅޭއްލަވައިގަތެވެ.
"އަދިވެސް ރުޅި އަންނަންވީ މަންމަތަ؟ ރުޅިއައުން ހައްގީ މަންމަތަ؟ އަހަރެންނަކީ މާތް ދަރިއަކަށް ފަހަރެއްގަ ނުވެދާނެ. އެކަމަކު މިއަދާ ހަމައަށްވެސް އަހަރެން މަންމައަށް ގޮތެއް ނަހަދަން. ފިރިހެން ދަރިއެއްގެ ފަރާތުން ދޭންޖެހޭ ހުރިހާ ހިމާޔަތެއް މަންމައަށް ދިނިން. އެކަމަކު މަންމަ އެންމެފަހަރުވެސް ވިސްނާލަބަލަ މަންމަ ކުރި ކަންކަން. ބައްޕައަށް ތިހެދީ ކިހާ އިހާނެތި ގޮތްތަކެއް. ފިރިހެނަކާއެކު ސިހުރު ހަދާފައި ބައްޕަ މިގެއިން ދާވަރުކުރި. މަންމަ އެންމެ ފަހަރުކުވެސް ހިތަށް އެރިތަ ބައްޕަ އުޅޭނެ ހާލު. އެދުވަހުން ފެށިގެން ގޮސް އަހަރެމެންނަށް ބައްޕަ ފެނުމާ ހަމައަށް އެބައްޕައަކީ ދުނިޔޭގައި ހުއްޓަސް ހަމަ ނެތް މީހެއްފަދަ. ބައްޕައަށް ނޭނގޭ ބައްޕައަކީ ކާކު ކަމެއްވެސް. ނުވެސް ދަންނަ ބައެއްގެ ތެރޭގައި ބައްޕަ އުޅެމުން ދިޔައީ ގާތްތިމާގެ މީހެއްނެތި. ދަރިން ބޮޑެތިވެފައި ތިބެމެ ދަރިއެއްމަތިންވެސް ބައްޕަ ހަނދާނެއް ނެތް. ހުރިހާކަމެއްގެ މަތިން ބައްޕަ ހުރީ ފޫހިކުރުވާފަ. މަންމަ ތިއީ އިންސާނެއްތަ؟ މާތްﷲ ގެ އިރާދަފުޅުން ރުގުޔާކޮށްގެން މިވަގުތު ބައްޕަ އެހުރީ މަންމަ ހެދި ސިހުރުން ސަލާމަތްވެ ބައްޕަގެ ދަރިންގެ ކުރިމަތީގަ. އަދި މަންމަ ދޮގު ހަދައިގެން ދޮންބެ އާ ތަޅައިފޮޅައިގެންވެސް މިގެ ހޯދަން މަސައްކަތްކުރި ގޭ ވެރިމީހާގެ ގޮތުގަ. ނިކަން ދެކިބަލަ ކަންކަން ވެގެންދިޔަ ގޮތް. އެކަލާނގެ މިއަދު މަންމަ ބޭޒާރުކޮށްފި. ބައްޕަގެ ވާހަކަ ބާއްވާފަ އަހަރެންނާމެދު މަންމަ ކަންކަން ކުރިގޮތް ނިކަން ހިޔާލަށް ގެނެސްބަލަ. އޭރު އަހަރެންނަކީ އަނގައިން ކިރުވަސް ނުކެނޑޭ ތުއްތު ކުއްޖެއް. މަންމައަށް އަހަރެން ކިހާ ބޭނުންވާނެ. އަހަރެންދެކެ މަންމަ ލޯބިނުވާކަން އަހަރެންނަށް ބޮޑުވަމުން އައިއިރު އިހުސާސްވަމުން ދިޔައީ... " ބަރަކް ވާހަކަދައްކަމުން ދިޔައެވެ. ރޫބިޔާގެ ދެއަތުގައި ހިފަހައްޓައިގެން އިނދެ ގިސްލާ ބަރަކް ރުއިއެވެ. ތައުބާގެ ދޮރުތައް އިންސާނާގެ އަޖަލު ހަމަވުމާ ހަމައަށް ބަންދުނުވާނޭކަން ބަރަކް މަންމައަށް ހަނދާންކޮށްދިނެވެ.
"ދޫކުރޭ..." ރޫބިޔާ ދެއަތުން ބަރަކްގެ ކޮނޑުގައި އަތްއަޅުވާ ދުރަށް ކޮށްޕާލިއެވެ.
"އަހަރެންގެ ދަރިއެއް ނުހުންނާނެ. އާނ އަހަރެން ކަލެއަށްވެސް ނަފުރަތުކުރަން. އަހަރެން މިތަނުން ދިޔަދީބަލަ. އޭރުން ކަލޭމެންނަށް އުނދަގުކުރަން އަހަރެން ނުހުންނާނަން" ރޫބިޔާ ހަޅެއްލަވަމުން ތެދުވިއެވެ.
ދޮރާ ދިމާލަށް ރޫބިޔާ ދުއްވައިގަތެވެ. އެހެންނަމަވެސް އޭނާއަށް އެރުނީ ކަޅު ބޫޓާއި ކަޅު ކުލައިގެ ކޯޓުގައި ހުރި ޒުވާން ފިރިހެނެއްގެ ކުރިމައްޗަށެވެ. ތަނެއްގެ ވެރިއެއްކަން އަންގައިދޭ ޝަހުސިއްޔަތެއްގެ ވެރިއެއްކަން ބަލައިލި ކޮންމެ މީހަކަށް އެނގޭނެއެވެ. ލޫކް އެތެރެއަށް ވަންނަން ދޮރުހުޅުވައިދިނީ ސަމީހާއެވެ.
ބަރަކް ލޫކާ ސަލާންކުރިއެވެ. ލޫކާއެކު ފުލުހުންގެ ޓީމެއް އެގޭގައި ތިއްބެވެ. ލޫކް ބަރަކްގެ ކޮނޑުގައި އަތްޖައްސާލިއެވެ. ބަރަކް ބަލައިލުމާއެކު ހިތްވަރުދިނުމުގެ ގޮތުން ބަރަކްގެ ގައިގައި ބައްދާލިއެވެ. ހަދާނެގޮތް ހުސްވެފައި ހުރި ރޫބިޔާގެ ދެފަރާތުން ތިބި ދެ އަންހެން ފުލުސް އޮފިސަރުން ފެނި އޭނާގެ ދެފައިގައި ތުރުތުރު އަޅަމުން ދިޔައެވެ.
********
"އަލްޙަމްދުލިއްލާހް. ރޭގަނޑުގެ ކެއުންވެސް މި ނިމުނީ. ރިދާ ކޮންވާހަކައެއް ބުނަން އުޅުނީ" ސޯފާގައިން ޝާހްބާޒް ބުންޏެވެ.
ބޮޑުކޮޓަރިއަށް ހުރިހާ މީހުން ޖަމާވެފައި ތިބިއިރު ހުޅުވާފައި ހުރި ޓީވީގެ އަޑާއެކު ތަނުގެ ހަމަހިމޭންކަން ގެއްލިފައިވިއެވެ. ކޮންމެ މީހަކުގެ މޫނަށް ވެރިވެފައިވަނީ ހިނިތުންވުމެކެވެ. ކަންބޮޑުވުމެއް ފެންނަންހުރީ ރިންދާގެއެވެ. ޝާހްބާޒަށް ދޭން އުޅޭ ހަބަރުގެ ގޮތުންނެވެ.
"ކޮބާ އަވަހަށް ބުނޭ" ނަހާ ބުންޏެވެ. ރިންދާގެ މޫނުމަތިން ކަންބޮޑުވުމެއް ނަހާއަށް ފެނިލިއެވެ. އޭނާ ސުވާލެއްނުކޮށް އިނީ ރިންދާ ދައްކަންއުޅޭ ވާހަކައެއް ދައްކަންދެނެވެ. ޔަގީނުންވެސް ރިންދާގެ ކަންބޮޑުވުމާ ގުޅިފައިވަނީ އޭނާގެ ސިކުނޑި ނުތަނަވަސްކުރަމުން އެދާ ކަންތައްގަނޑުކަން ނަހާއަށް އެނގެއެވެ.
"އަސްލު ބޮޑަށް ބޭބެ ކައިރީގައި ބުނަން ބޭނުންވާ ވާހަކައެއް މިއީ" ރިންދާ ބުންޏެވެ.
ޝާހްބާޒްގެ ސަމާލުކަން ރިންދާއަށް ހުއްޓުނެވެ. ހިތުގައި ނުތަނަވަސްކަމެއް ހިނގާލިއެވެ. ރިންދާ އާ ޖެހިގެން އިން ވިލިނީއަށް ރިންދާ ބަލައިލި ގޮތުންވެސް ވިލިނީ އާ ގުޅުންހުރި ވާހަކައެއް ބުނަން އުޅޭކަން ޝާހްބާޒަށް އެނގުނެވެ.
"ބޭބޭ. މަންމާ. ކުރިން މިވާހަކަ ނުބުނެވުނީތީ ސޮރީ" ރިންދާ ބުންޏެވެ. ނަހާ އާއި ޝާހްބާޒް އެކަކުގެ އަނެކަކުގެ މޫނަށް ނަޒަރެއް ބަދަލުކޮށްލިއެވެ.
"ވިލީގެ ބަނޑުގައި އެވަނީ ނަހީކްގެ ދަރިއެއް. ވިލީ އިނީ ނަހީކާ" ރިންދާ ބުންޏެވެ.
ޝާހްބާޒަށް ވެގެންދިޔައީ ނުބައި ގޮތެކެވެ. ލިބުނު ހައިރާންކަމުގައި ނަހާއަށްވެސް އަނގަމަތީގައި އަތްއެޅުނެވެ. ޝާހްބާޒް ދެފަރާތަށް ބޯހޫރާލިއެވެ. އެހާ ކައިރީގައި ވިލިނީ އުޅުނުއިރު އޭނާއަށް އެކަމަށް ޝައްކެއްވެސް ނުވީތީ އޭނާ ހައިރާންވިއެވެ.
"ހަމަތެދެއް؟" ނަހާ ބުންޏެވެ.
ރިންދާ ތެދުވެގެން ގޮސް ހިފީ ޝާހްބާޒްގެ އަތުގައެވެ. އެންމެ ބޮޑު އަސަރެއް ކުރާނީ ޝާހްބާޒަށްކަން މާކުރިންވެސް ރިންދާއަށް އެނގެއެވެ.
"ބޭބޭ. އަޅުގަނޑު މިބުނީ ތެދެއް. ނަހީކާ ކައިވެނި ކުރި ވާހަކަ ވިލީ ބުނަން ބޭނުންނުވީ. ނަހީކް ވިލިއަށް ރަނގަޅެއް ނޫން. ވިލީ އެ ކައިވެނި ރޫޅާލީ އެހެންވެގެން. ބަނޑުބޮޑުވިކަން އެނގުނީމަ ވިލީ ނަހީކް ކައިރިއަށް ދިޔަ. އެކަމަކު އެދަރިފުޅު ނަހީކް ގަބޫލުނުކުރި. ނަހީކަކީ ވަރަށް ވިޔާނުދާ އިންސާނެއް. ނަހީކާ ގުޅޭގޮތުން އެއްވެސް ކަމެއް ސާފުކުރަން ބޭބެ ބޭނުމިއްޔާ އެގޭގަ އުޅޭ ބެގަރީ ކައިރީގަ އަހާ. އަޅުގަނޑަށް ވަރަށް ހީވޭ މާދަމާގެ ކޮންމެސް ވަގުތެއްގަ ބޭބެ އާ ބެގަރީ ބައްދަލުކުރާނެހެން" ރިންދާ މަޑުމައިތިރިކަމާއެކު ވާހަކަދެއްކިއެވެ.
ހިފަހައްޓައިގެން ހުރި ނަމަވެސް ޝާހްބާޒްގެ ދެލޮލުން ކަރުނައިގެ ރޮނގެއް ތިރިއަށް ދެމިގެން ދިޔައެވެ. އެހެންނަމަވެސް އަވަސް ހަރަކާތަކާއެކު އޭނާ އެކަރުނަތިކި ދެއަތުން ފޮހެލައިފިއެވެ. ލޯތްބާއި ކުލުނާއި އޯގާތެރިކަންވި ބެލުމަކުން ވިލިނީއަށް ޝާހްބާޒް ބަލައިލިއެވެ. ކޮންފަދަ މާތް ކުއްޖެއް ހެއްޔެވެ؟ ދުނިޔޭގައި ކަންހިނގާ ގޮތެވެ. މުޅި އުމުރު ހޭދަކުރަން ޖެހިފައިވަނީ ދޮށީދަރިފުޅުގެ ނަފުރަތު ބޮލުގައި އަޅުވައިގެންނެވެ. ކޮންމެސް ދުވަހަކުން އެދަރިފުޅުގެ ހިތް ބަދަލުވާނޭ ކަމަށް އުންމީދުކޮށްގެން ހުރީ ހެއްދެވިފަރާތަށް ދުއާކުރުމުގައެވެ. އެހެންނަމަވެސް އެވީ ކިހިނެއް ހެއްޔެވެ؟ އެދަރިފުޅު އެހާ ހިތްހަރުވީ ކޮންއިރަކު ހެއްޔެވެ؟ އެހާ ވިޔާނުދާވީ ކޮންއިރަކު ހެއްޔެވެ؟ އެއްފަހަރާ އެތައް އިހުސާސެއް ޝާހްބާޒްގެ ހިތަށް އުނދަގޫ ކުރަމުން ދިޔައެވެ. މަޑުމަޑުން ހިނގާފައި އައިސް ވިލިނީ ކައިރީގައި އޭނާ ހުއްޓުނެވެ. އަތް އުފުލާލާފައި ވިލިނީގެ ބޮލުގައި ފިރުމާލިއެވެ. ހިތުގެ ކަނަކުން އުފާވެރިކަމެއްވެސް އިހުސާސްވިއެވެ. ވިލިނީގެ ބަނޑުގައި އެވަނީ އޭނާގެ ކާފަދަރިއެއްކަން އެނގުމުންނެވެ.
"މި މަންޖެ އެއްވެސް ތަނަކަށް ދާން އަހަރެން ހުއްދައެއް ނުދޭނަން. މިއީ އަހަރެންގެ ދަރިފުޅުގެ ގެއެއް. އަހަރެންގެ ކާފަދަރިފުޅުގެ ގެ" ޝާހްބާޒް ބުންޏެވެ.
"ނޫން ބޭބޭ. އަޅުގަނޑަށް ވަރަށް ހިތްހެޔޮ އޯގާތެރިއަކާ ދިމާވެއްޖެ. އަޅުގަނޑާއި މަންމަގެ ހުރިހާކަމެއް އޭނާ އެދަނީ ބަލަހައްޓަމުން. ދަރިފުޅު އުފަންވިހާ އަވަހަކަށް އަޅުގަނޑުގެ ކައިވެނި އޭނާ އާ ކުރެވޭނެ. މިދަރިފުޅުގެ ބައްޕަ މިދަރިފުޅު ބަލައިނުގަތަސް މިދަރިފުޅުގެ ކާފަ މިދަރިފުޅު ބަލައިގަނެއްޖެ. އެއީ އަޅުގަނޑުގެ ދެމައިންނަށް ވަރަށް ބޮޑު ވަރެއް. އަލްޙަމްދުލިއްލާހް" ވިލިނީ ވާހަކަދެއްކިއެވެ.
**********
ގެއާ ކައިރިކޮށްލި ފުލުހުންގެ ވެހިކަލާ ދިމާލަށް ރޫބިޔާ ދިޔައެވެ. އޭނާގެ ދެފަރާތުންނާއި ފަހަތުން ފުލުހުންގެ ޓީމެއް ދިޔައެވެ. ރޫބިޔާ ހުރީ ކުއްވެރިއެއް ފަދައިން އިސްޖަހައިގެންނެވެ. ދުނިޔޭގައި މަޖާ ނަގަންވީ ވަރަށް އޭނާއަށް މަޖާ ނެގިއްޖެއެވެ. އިތުރަށް ކުރެވޭނެ މަޖަލެއް ޖެހޭނެ ސަކަރާތެއް ނެތެވެ. ހުރިހާ މީހުން ދޫކޮށްލާފައި ދިޔަސް ދުރުނުވާނޭ ކަމަށް ހީކުރެވުނު އިންސާނާ ކުއްލިއަކަށް ގެއްލުނު ގޮތެއްވެސް ނޭނގެއެވެ. ގުޅީމަ ފޯނަށް ޖަވާބެއްވެސް ނުދެއެވެ. ކުރި މެސެޖަކަށްވެސް ޖަވާބެއް ނުދެއެވެ. އާހިރުކަން ނިމުނުއިރު ކެހި ލިބި އެންމެންގެ ކުރިމަތީގައި އިސްއުފުލާލަންވެސް ނުކެރި ހުރީ އޭނާއެވެ. ފަހުފަހަރަށް އެބަޔަކަށް އޭނާ ނަފުރަތު ކުރި މީހުނަށް ބަލައިލަންވެސް އޭނާއަށް ނުކެރުނެވެ.
ކުރިއަށް ވެހިކަލް ދުއްވާލުމާއެކު ބަރަކަށް ކައިރީގައި ހުރި ޖިލްވާގެ އަތަށް ބާރުކޮށްލެވުނެވެ. އިހްތިޔާރަކާ ނުލައި ބަރަކްގެ ދެލޮލުން ކަރުނަ ފައިބައިގަތެވެ. ހިސާބުގަނޑަށް ޖަމާވެފައިވާ މީހުންގެ ނަޒަރުވެސް ހުއްޓިފައިވަނީ ބަރަކަށެވެ. ދުރުގައި ފޯނެއްގައި ހުރެފައި ލޫކް އައިސް ބަރަކް ކުރިމަތީގައި ހުއްޓުނެވެ. ބަރަކްގެ ކޮނޑަށް އެއް އަތް އެއްލައިގެން އޭނާ ވަނީ ދޮރާށިން އެތެރެއަށެވެ. ލޫކް ވާހަކަދައްކަން ފެށީ ބަރަކް ހަމަޖެހުމުންނެވެ.
"ރޫބިޔާ މިގެންދިޔައީ ކޯޓު އަމުރެއް ނެތި. އެންމެ ފުރަތަމަ ސުވާލު ކުރާނީ. އެކަމަކު ދުލެއް ނުކުރާނަން. ކޯޓުއަމުރެއްގެ ދަށުން ހައްޔަރު ކުރާނަން. މިއީ އަދި ތުހުމަތަކަށް. ރަނީންގެ މަރާ ގުޅޭގޮތުން އޭނާއަށް އެނގޭވަރު އެނގޭނީ ސުވާލުކުރީމަ. ތަހުގީގަށް އެއްބާރުލުންދޭނެ ކަމެއްވެސް އަދި ނޭނގެ. ނުދީފިއްޔާ ކުރިއަށްދާން އުނދަގޫވާނެ" ލޫކް ވާހަކަދެއްކިއެވެ.
"ބަރަކް ބްރޭކެއް ނެގިޔަސް މައްސަލައެއް ނެތް" ލޫކް ބުންޏެވެ. ބަރަކްގެ ހާލަތު ލޫކަށް އިހުސާސް ކުރެވެއެވެ.
"ނޫން ސަރ... ސަރ ދުރުވޭ. އަޅުގަނޑު ކުޑައިރުކޮޅެއްގެ ތެރޭގައި ރެޑީވެގެން މިދަނީ" ކޮޅަށް ތެދުވަމުން ބަރަކް ބުންޏެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ