ވާހަކަ

ބަދު ދުއާ - 05

ފަރަހަގެ ސުކޫލުގެ ސުޕަވައިޒަރުންނާއި ކިޔެވުމަށް ފަރަހަ ބަހައްޓާ ފަރުވާތެރިކަމާއި އައި ބޮޑު ބަދަލު ފާހަގަކުރެވުނު މުދައްރިސުން ހިމޭނުން ތިބޭނެތޯއެވެ. ފަރަހަގެ މަންމައަށްވުރެ އަބަދުވެސް ސުކޫލުގެ ސްޓާފުންނާ ގާތްވެފައި ޕީޓީއޭ ބައްދަލުވުންތަކަށްދަނީ ބައްޕަކަމުން ފަރަހަގެ ވާހަކަ ދެއްކުނީ ބައްޕަ ގާތުގައެވެ. ބައްޕަ އާދައިގެ މަތިން ދަރިފުޅަށް ނަސޭހަތްތެރިވީ މީހުން ނެތް ހިމޭން މާހައުލެއްގައި ހަމަހިމޭންކަމާއި ނުހަނު ލޯތްބާއެކު މަޑުމައިތިރި ރާގަކަށެވެ.

"ދަރިފުޅަކީ ބައްޕަގެ އެންމެ ބަސްއަހާ، އެންމެ ލޯބި ދަރި.... ބައްޕަ އާއި މަންމައަށް ދަރިފުޅު ލިބުނީ އިތުރު ކުއްޖެއް ހޯދުމަށް އެތަކެއް ދުވަސް ވަންދެން ޑޮކްޓަރުން އެކަމުގެ އުއްމީދު ނެތްކަމަށް ބުނެފައި އޮއްވާ.... ދަރިފުޅު ހާއްސަވީ އެހެންވެ.... އަދި ބައްޕަގެ މަސައްކަތަށް އެހީވާނެ ތިނޫން ދަރިއެއްނެތް.... އެކަމަކު ބައްޕައަށް ހީވަނީ ދަރިފުޅަށް ކޮންމެވެސް ކަމެއް ވެއްޖެހެން....."

ބައްޕަ އެ ވާހަކަ ދައްކަވަން ފެށުމުން ފަރަހައަށް އިސްޖަހައިލެވުނެވެ. އެރޭ ބައްޕަގެ އަޑުގައި ހުރި އާދޭހާއި، އޭނާއަށްޓަކައި ބައްޕަ ދެކެލައްވާ ހުވަފެންތަކުގެ ވާހަކަ ބުނުއްވިއިރު، އެއަޑުގައި ހުރި އުއްމީދުގެ އަސަރު އިޙްސާސް ކުރެވުމުން ފަރަހަގެ ހިތަށް ތަދުވިއެވެ. ބައްޕައަކީ އޭނާ ނުހަނު ލޯބިވާ، އެ މީހެއްގެ ހިތުގައި ފަހަރެއްގައި ވެސް ޖައްސަން ނުކެރޭނެ މީހާއެވެ. އެކަމަކު އޭނާ އެ ބައްޕައަށް އޮޅުވައިލީއެވެ. އެންމެ ކުޑައިރުއްސުރެ، އޭނާއަކީ ބައްޕަގެ ދޮށީ ދަރިފުޅެވެ. ބައްޕަ ހަމައެކަނި އެ ނަމުން އޭނާއަށް މުހާތަބު ކުރައްވާފައި ނިންމަވައެއް ނުލައްވައެވެ. އޭނާއަށް އެނަމުގެ އިހުސާސްވާ ވަރުގެ އެތައް ކަމެއް ކޮށްދެއްވައެވެ. އޭނާ އެދޭ ހުރިހާ ކަމެއްހެން ކޮށްދެއްވައެވެ. ބާރަށް އަޑުލައި، އެއްޗެހި ބުނުއްވައެއް ނުހަދައްވައެވެ. ކިރިޔާ ވެސް ބައްޔެއްވެއްޖެ ނަމަ، ބައްޕަ އޭނާއަށް ހޭހަން ކޮށްދެއްވައި، އޭނާއަށް އިތުރަށް ސަމާލުވެލައްވައެވެ. އެކަމަކު، އެފަދަ ލޯބި ބައްޕައަށް އޭނާ ކެހިދެނީއެވެ.

އޭގެ ދެ ދުވަސް ފަހުން، ފަރަހަ، ނިޔާޒާ ބައްދަލުކުރި ދުވަހު، އިމްތިހާނުގެ ކުރިން ދެން ބައްދަލު ނުވާނެ ކަމަށް ބުނީ، އެއީ އޭނާއަށް ކުރަން ފަސޭހަ ކަމަކަށް ވާތީ ނޫނެވެ. އެހެން ނަމަވެސް ކުރީ ދުވަހު ވޭތުވެދިޔަ ކުލާސް ޓެސްޓުތަކުގަޔާއި ޔުނިޓު ޓެސްޓުގެ ނަތީޖާގެ ވާހަކަ ބައްޕައަށް ސުކޫލުން އަންގާފައި އޮތުމުން މި ފައިނަލް ޓެސްޓަށް ތައްޔާރު ވުމަށް ބޭނުންވާތީއެވެ.

"ނާޒު ތިހައި ދެރަވެފައި ތި ވާހަކަ ބުނާކަށް ނުޖެހޭނެ.... އަހަރެންގެ ނާޒު ޓެސްޓަށް ތައްޔާރުވާން އަހަރެން ވަގުތު ނުދޭނެހެން ހީވޭތަ...." ނިޔާޒު ހިނިތުންވެލާފައި، ދިން އެ ޖަވާބަކީ ފަރަހައަށް ލިބުނު ހިތްވަރެކެވެ.

"ރަނގަޅަށް ފިލާވަޅު ދަސްކުރާތި... އިނގޭ.... ތީ މޮޅުކުއްޖެއް... އަހަރެންނާ ހެދި ނާޒު ކިޔެވުމަށް ފަރުވާކުޑަކުރާތީ ވަރަށް ކަންބޮޑުވެސްވޭ...... އެހެން ހެދީމާ އަހަރެން ކިހައި ދެރަވާކަން އެނގޭތަ؟ އެހައި ބޮޑު ބުރައެއް އަހަންނަށް އުފުލަން ނުޖައްސާ........ އޭރުން އަހަރެން ވާނީ ވަރަށް ބޮޑު ކުށްވެރިއަކަށް........" ނިޔާޒު ވެސް އެދުނީ، ބައްޕަ ވެސް އެދިލެއްވި ގޮތަށް، ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރުމަށެވެ.

އިމްތިހާން ފެށުމުގެ ހަފުތާއެއްހައި ދުވަސް ކުރިއްސުރެ، ފަޒަލްއާ ބައްދަލުކުރުން ފަރަހަ ހުއްޓައިލިއެވެ. ސްކޫލްގެ ތެރެއިންނާއި ކުލާސް ތެރެއިން، ނިޔާޒު ފެނުމުން ލިބޭ ހިތްހަމަޖެހުމުން އޭނާ ފުއްދައިލިއެވެ. އަދި ދެން އޭނާ ފިލާވަޅުތަކުގެ ތެރެއަށް ގެއްލިގެންފިއެވެ. އޭގެ ހެޔޮ ނަތީޖާއެއްގެ ގޮތުން އިމްތިހާން ފަރަހަ ނިންމައިލީ، ވަރަށް ފުރިހަމައަށް ފާސްވާނެކަމުގެ ޔަގީންކަމާއެކުގައެވެ.

***********

"ޔޭރާތު ހުޝް ނަސީބުހޭ ޖޮ އަޕްނީ ޗާނދުކޯ ކަލޭޖޭސޭ ލަގާކޭ ސޯރަހޭހޭ....."

ފަރަހަ އިނީ ނިޔާޒުގެ ކޮނޑުގައި ބޯޖައްސާލައިގެންނެވެ. ދުނިޔެމައްޗަށް ދީފައި އޮތް ފުރިހަމަ ހަނދުވަރުގެ އަލިން މުޅި މާހައުލަށް ވެރިވެފައިވާ ހިތްގައިމުކަމާއި ކުރުވާ އަރާމު އިހުސާސާއެކު ނިޔާޒުގެ ގައިގައި ޖެހި ފިތިގެން އިނުމުން ފަރަހައަށް އެހެން އެއްވެސް އެއްޗެއް ކައުނުގައިވާކަމުގެ އިހުސާސެއް ނުވާ ކަހަލައެވެ. އޭނާގެ މުޅި ވުޖޫދު އެވަނީ ނިޔާޒުގެ ރީތި އަޑުން ވިރުވާލެވެމުންދާ ލަވައިގެ ތެރެއަށް ގެނބިފައެވެ. އޭނާއަކީ ހިންދީބަހަށް ނުހަނު ފޫހިވި މީހެކެވެ. އެކަމަކު މިހާރު އޭނާގެ އަމިއްލަ ދިވެހި ބަހަށްވުރެ އެބަހާއި އުރުދޫބަހަށް އޭނާ ފަރިތަ ކަހަލައެވެ.

ދުރުން މާދުރުދުރުން ވިލާތަކާއެކު ފީކޮއި ކުޅެމުން ދިޔަ ރޭގެ ފުރިހަމަ ހަނދަށް ނިސްބަތްކޮށް ނިޔާޒު ކިޔަމުންދިޔަ ލަވައިގެ ރާގާއި ހަމަ ބަދަލުކޮށްލީ ފަރަހައެވެ.

"ހަމްކޯ މިލީހެ އާޖްޔޭ ގަޅިޔާ ނަސީބުސޭ، ޖީބަރްކެ ޖީލިޔޭ ހަމްކޯ ގަރީބްސޭ

ޕިރް އާޕްކީ ނަސީބްމޭ ޔޭ ބާތު ހޯނަހޯ، ޝާޔަދް ޕިރް އިސް ޖަނަމްމޭ މުލާގާތުހޯނަހޯ

ލަގްޖާ ގަލޭސެ

ޕާސް އާއިޔޭކި ހަމް ނެހީ އާއޭގެ ބާރްބާރް، ބާހޭ ގަލޭމެ ޑާލްކޭ ހަމްރޯލެ ޒާރްޒާރް

އާކޯސެ ޕިރްޔެ ޕިޔާރްކީ ބަރުސާތު ހޯނަހޯ، ޝާޔަދް ޕިރްއިސް ޖަނަމްމޭ މުލާގާތުހޯނަހޯ"

ފަރަހަގެ ކަރުނައިން ތެމެމުންދިޔައީ ނިޔާޒުގެ ގަމީސް އެކަންޏެއް ނޫނެވެ. އެހެންނަމަވެސް ހަމަޔަގީނުންވެސް އެލަވައިގައި އެބުނި ގޮތަށް ފަރަހަ އޭނާގެ ހުރިހާ ރީއްޗަކާއި ފުރިހަމަކަމެއް ނިޔާޒަށް ހިބަކޮށްދިނީހެވެ. އެރޭ އޭނާގެ ހެޔޮ ނަސީބުކަމެއް ނުވަތަ އޭނާގެ ވެރިރަސްކަލާނގެ އޭނައަށް ދެއްވި ހިމާޔަތަކީކަމެއް ނޭނގެއެވެ. ފަަރަހަގެ މޮޔަ ހިތާއި ޅަސިކުނޑިއަށް ކޮންމެ ގޮތެއް ވަރިހަމަވެފައިވާކަން އެނގޭފަރާތުން އޭނާގެ މައުސޫމުކަމާއި ހަމަނުޖެހޭ، ޒުވާންކަމުގެ މަސްތަށް ގެނބެމުން ދިޔަ ނަފުސު ސަލާމަތްކޮށްދެއްވަން މިންވަރުކޮށްދެއްވީތީކަން ޔަގީނެވެ. ފަރަހައަށް ނޭނގި އޮތް ކަމަކީ އެރޭގެ އެބައްދަލުވުމަކީ އޭނަ އާއި ނިޔާޒުގެ ފަހުގެ ބައްދަލުވުންކަމެވެ.

އަހަރުގެ ކިޔެވުން ނިމުމުން، ރަށުން ބޭރުގެ އެހެން ޓީޗަރުންނެކޭ އެއްގޮތަށް، ނިޔާޒުވެސް ފުރައިގެންދާން ޖެހުމުން، ފަރަހަ ނިޔާޒާ ބައްދަލުކުރަން ދިޔައީ އެމީހުން އާންމުކޮށް ރޭތަކުގެ ހިމޭން ގަޑިތަކުގައި ސިއްރުން ބައްދަލުވާ ތަނުގައެވެ. ނިޔާޒު ފަރަހަ ބަލާ އަންނާނީ ގޭގެ ފުރަގަހު މަގުގެ ކައިރީ އޮންނަ ހަނި ގޯޅިގަނޑަށެވެ. ބައިސްކަލުގައި ޑަބަލްސީޓުކޮށްގެން ނިޔާޒު ފަރަހަ ގޮވައިގެން އަބަދުވެސް ދާ ތަނަކީ، ފަރަހައަށް ވަރަށް ހިތްގައިމު ހިސާބެކެވެ. ހަމައެކަނި ފަރަހައަކަށް ނޫނެވެ. އެއީ ކޮންމެ ހިތަކަށްވެސް ފިނިކަން ލިއްބައިދޭ ސަރަހައްދެކެވެ. ރަށު މީހުން ކިޔާގޮތުންނަމަ އެއީ ބަރަވެލިމުއްޔާއި ފެންމުލި ހިސާބެވެ. އީދިގައު އޮންނަ ހިސާބަށްވުރެ ދުރުގައި އޮންނަ އެހެނަސް ގާތްގާތުގައި އޮންނަ ހިސާބެކެވެ. އެތަނުގައި އެރޭ ވަރަށް ލަސްވަންދެން ދެމީހުން އެކިއެކި ވާހަކައިގައާއި އަތާއަތްޖަހައި އެތައް ވައުދެއްވެ އަހުދުކަށަވަރު ކުރުމުގައި ހޭދަކުރިއެވެ. އެންމެ ފަހުގެ ބަހަކަށްވެސް ނިޔާޒު ކިޔައިދިނީ އެންމެ ފުރަތަމަ ފަރަހަގެ ހިތް ފަތަހަ ކުރުމަށް ނިޔާޒު ފަރަހައަށް ކިޔައިދިން އެލަވައެވެ.

"ފާސްލޭ އޯރްކަމްހޯރަހީހޭ، ދޫރުސޭ ޕާސްހަމް ހޯރަހީހޭ

މާގްލޫގާ ތުޖޭ އާސްމާނސޭ، ޗީނުލޫގާ ތުޖޭ އިސްޖަހާސޭ

ތޫހާނ ކަރް ޔާ ނާ ކަރް ތޫ ހާކަރް ޔާނާކަރް ތޫހެ މޭރީ ނަޒޫ.....ތޫހެމޭރީ ފަރޫ...."

ތޫކިސީއޯރްކީ ހޯނަޖާނާ ކުޗްބިކަރް ޖާއުގާ މޭދިވާނާ

ތޫހާކަރް ޔާނާކަރް ތޫހެމޭރީ ނަޒޫ....ތޫހެ މޭރީ ފަރޫ..."

'ނާޒު ބުނަން.... މަށަށް އާދެވޭނީ ކޮން ދުވަހަކު ކޮން ވަގުތަކު ކަމެއް ނޭނގޭ..... އެކަމަކު ގޭމީހުންނާ ވާހަކަ ދައްކާފަ މަގޭ ހަމައެކަނި ހުންނަނީ ބޮޑުބޭބެއެއް... އޭނައާ ވާހަކަދައްކާފަ ރަށުން މަންމަ ގެނެސްގެން މިކޮޅަށް އަންނާނަން..... މަންމަ ދެކޮޅެއް ނުހަދާނެ... އެކަމަކު އަދިވެސް މިބުނަނީ.... ނާޒު މަށަށް އިންތިޒާރު ކުރަންވާނީ.. އުނހު... ކުރަން ޖެހޭނީ..... .ނާޒު ބޭނުން ނުވިޔަސް މިހާރު ތީ ހަމައެކަނި އަހަރެންގެ ނާޒް... ނިޔާޒުގެ ފަރަހަނާޒު....... ޔަގީނުންވެސް މަށަށް ނާޒު ގެއްލި މަށަށް ބޭވަފާތެރިވެ ހިޔާނާތްތެރިވެއްޖެނަމަ........ ނޭނގޭ......... މަކޮންމެފަދަ ކަމެއްވެސް ކޮށްފާނެ......... މަގޭ ހިތުގަ ޖެހުނު ގޮތަށް..... ނާޒު އަތުންވެސް ނާޒުގެ އެންމެ ލޯބިވާ އެތި ޖަހައިގަންނާނަން....." ފަހު ޖުމްލަ ބުނެވުމާއެކު ނިޔާޒުގެ އަތުގައި ބާރަށް ހިފައިގަންނަމުން ފަރަހަ ނިޔާޒުގެ އަތްތިލައަށް ބާރުކޮށްލިއެވެ.

"އެހެން ހަދަން ކެރޭނެ....... މަ އެންމެ ލޯބިވާ މީހަކީ ތީ....... ދެނޯ... ނިޔާޒަށް ޖެހޭނީ ނިޔާ ހަލާކުކޮށްލާފައި އެއްލާލަން...." ފަރަހައަށް ހީނގަނެވުނެވެ. އަދި ނިޔާޒު އެއީ އޭނާގެ އެންމެ ހާއްސަ ބަސްތައްކަން ގަބޫލުކުރާކަމުގެ ޔަގީންކަމާއެކު ދުވަހަކުވެސް ނިޔާޒާ ވަކިނުވާނެކަމުގެ ޔަގީންކަންވެސް ފަރަހަ ދިނެވެ.

ޑިސެމްބަރު މަހެއްގެ އެރޭ، ފަރަހަ، ނިޔާޒު ފުރުމުގެ ކުރިން ނިޔާޒާ ބައްދަލު ކުރި އެންމެ ފަހުރެއެވެ. އޭނާ އުއްމީދު ކުރީ އޭނާގެ ބޮޑު އިމްތިހާން ނިމެންވާއިރަށް ނިޔާޒު އޭނާ، އަމިއްލަ ކުރުމަށް އެނބުރި އަންނާނެ ކަމަށެވެ. ނިޔާޒު އެ ގޮތަށް އޭނާއަށް ވައުދުވެސް ވިއެވެ.

އެއަށްފަހު، ދެން ދުވަހަކު ވެސް، ނިޔާޒާ ބައްދަލު ނުވާނެކަން އެނގުނުނަމަ، ފަރަހަ އޭނާގެ ހިތް ނިޔާޒަށް ހިބަކުރި ގޮތަށް، އޭނާގެ ހަށިގަނޑާއި ނަފްސު ވެސް ނިޔާޒަށް ހިބަކޮށްދިނީހެވެ. ނިޔާޒު ނޫން، އެހެން ފިރިހެނެއްގެ އެއްވެސް ބީހުމަކަށް ނޭދުނު ފަރަހަ، އެހެން މީހެއްގެ އަނތްބަކަށް ވާންޖެހިދާނެ ކަމަކަށް ފަހަރެއްގައި ވެސް ހިއެއް ނުކުރެއެވެ. އެހެން ނަމަވެސް ތިމާކުރާ ތަދުބީރު، ތަގުދީރުގެ އަތުން އުވާލައި، އެހެން ކުލައެއް ހަޔާތުގެ ޗާޓުގައި ޖެއްސުމަށް ކުރެވޭނީ ކޮން ޝަކުވާއެއް ހެއްޔެވެ.

ޝިވަން އާއި އޭނާގެ ކައިވެނި އެހައި ކުއްލި ގޮތަކަށް ބައްޕަ ހަމަޖެއްސެވި ސަބަބު ފަރަހައަށް އެނގުމުން، އެކަމާ ދެކޮޅަށް އެއްވެސް ޒުވާބެއް ދޭނެ ހިތްވަރެއް ނުލިބުނީ އެއީ ބައްޕަގެ ނިންމެވުމަކަށް ވާތީ އެކަންޏެއް ނޫނެވެ. އެކަމަކު، ކޮންމެވެސް ނޭނގޭ ފިރިހެނަކާއި އޭނާ ސިއްރު ގުޅުމެއް ބާއްވާކަން ބައްޕައަށް އެނގިލައްވާކަން ހާމަކުރުމުންނެވެ. ބައްޕަ އުއްމީދު ކުރެއްވިފަދަ ނަތީޖާއެއް އޯލެވެލްއިން ނުހޯދުނީ، އެ މީހާގެ ސަބަބުން ކަމަށް ބައްޕަ ބުނުއްވީ ތެދެއްކަން ގަބޫލު ކުރާތީއެވެ.

"ބައްޕަގެ އަންހެން ދަރިންނަކީ ކައިވެނީގެ ކުރިން ހިލޭ ފިރިހެނުންނާ އެކު ބޭރުން، އެކަނި މީހުނާ ދުރުގައި ސިއްރުން ބައްދަލުކުރާ ދަރިންނެއް ނޫން.... ދަރިފުޅުގެ ކިޔެވުން އެހައި ދަށަށް ދިޔައީ ކީއްވެގެންކަން ބައްޕައަށް އެނގުނީ އަދި ކިރިޔާ.... އެއީ ކޮން ފިރިހެނެއްތޯ ބަލާކަށް ވެސް ބައްޕަ ބޭނުމެއް ނޫން.... ނުވަތަ އެނގުނަސް އެނގޭކަށް ވެސް ބޭނުމެއް ނޫން......... ބައްޕައަށް އެނގޭހައި ވެސް ކަމަކީ ބައްޕަގެ ފަރަހަނާޒު މީހަކާ އިންނަންވެއްޖެކަން..... އެހެންނޫނީ ކަންތައް މާބޮޑަށް ވެސް ގޯސްވެދާނެ........"

އެކަމާ ދެކޮޅުހަދަން ފަރަހަ ދައްކާނީ ކޮން ބަހަނާއެއް ހެއްޔެވެ. "އަދި މީހަކާ އިންނަން ބޭނުމެއް ނޫނޭ... އިތުރަށް ކިޔަވަން ބޭނުމޭ....." ބުނާނެ ޖާގައެއް ނެތެވެ. އެއަށްވުރެ އޭނާގެ ކިޔެވުން އޮތީ ފަރުވާކުޑަކޮށް ދޫކޮށްލެވިފައެވެ.

ފެށުނީއްސުރެ ވެސް އޭނާއަކީ ބައްޕަގެ އެއްވެސް އަމުރަކާ ދެކޮޅު ހަދަން ނުކުރޭ ދަރިއެކެވެ. އެހެންކަމުން، ކިތަންމެ ހިތްދަތިވިއަސް، ކިތަންމެ ބޭނުން ނުވިޔަސް ޝިވަންއާ ކައިވެނި ކުރުން ނޫންގޮތެއް އޭނާއަކަށް ނެތެވެ.

ޝިވަންއަކީ ބައްޕަގެ ވިޔަފާރި ފެށުމަށް އެހީދެއްވި، ބައްޕަގެ ޒަމާންވީ އެކުވެރިޔާގެ ދަރިފުޅުކަމުން ވަރަށް ކުޑައިރުއްސުރެ ވެސް ފެނި އެނގިފައިވުމުގެ އިތުރުން ކުޑަކުޑައިރުއްސުރެ އެކުއެކީގައި ބޮޑުވަމުން އައުމުން ޝިވަންއަކީ ފަރަހަގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ. އެހެން ނަމަވެސް، އެންމެ ގާތް އެކުވެރިޔާއަށް ވެސް ނިޔާޒުގެ ވާހަކަ ކިޔައިދިނުމަކީ ފަރަހައަށް ނުކުރެވުނު ކަމެކެވެ. އެކަމަކު ވެސް ޝިވަން އެކައިވެނި ހުއްޓައިލާތޯ ފަރަހަ، ޝިވަންއާ ވާހަކަދެއްކިއެވެ. އެހެން މީހެއްދެކެ ލޯބިވާ ވާހަކަ ބުނި ވެސްމެއެވެ. އެހެންނަމަވެސް އެއީ ކާކުކަން ޝިވަންއަށް ބުނެނުދެވުނު ހިސާބުން އެ ވާހަކަ އެއްވެސް އަގެއްހުރި ބޭނުން ހިފޭ ވާހަކައަކަށް ނުވިއެވެ. އެހެން ވާން ޖެހުނީ ސަބަބެއް ނެތިއެއްނޫނެވެ. ނިޔާޒު ދިން ނަންބަރުން ނިޔާޒާ ގުޅޭ ގޮތް ނުވުމުގެ އިތުރުން ނިޔާޒުގެ އެއްވެސް ކޯލެއް ވެސް ހަބަރެއް ވެސް އޭނާއަށް ނުލިބުމުން ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތުނީއެވެ.

"ދަރިފުޅު ބައްޕަގެ ހުވަފެންތައް ވިއްސިވިހާލި ކޮށްލައިފީމު........" އޯލެވެލްގެ ނަތީޖާ ލިބުނު ދުވަހު ބައްޕަގެ ލޮލުން ކަރުނަ އައިތަން ފެނުމުން ފަރަހައަށް އިތުރަށް އިސްޖަހައިލަން ޖެހުނެވެ. "ދަރިފުޅަށްޓަކައި ބައްޕަ ކުރި ހުރިހާ އުއްމީދެއް ފެނަށް ހަދާލައިފީމު........ ބައްޕަގެ "ކްއީން" މި ވަރަށް ބައްޕަ ލަދުގަންނަވާލައި ދެރަކޮށްލާނެ ކަމަކަށް ދުވަހަކު ވެސް ހިއެއް ނުކުރަން........."

ބައްފަ އެހައިބޮޑަށް ދެރަވެ ނިކަމެތިވެލައްވާފައި، ވާހަކަ ދެއްކުމަކީ ފަރަހަގެ ހިތަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވިއެވެ. ތިމާގެ ކުށް އިހުސާސް ވީވަރުން، އޭނާ ޝިވަންއާ ކައިވެނި ކުރުމަށް އެއްބަސްވީ ދެވަނަ ފަހަރަށް އެ ލޮބުވެތި ބައްޕަގެ ހިތުގަޖައްސައި ރޮއްވައިލަން ބޭނުން ނުވާތީއެވެ.

**********

"ޓިކް – ޓިކް" ގަޑިން މެންދަމުން އަލިވެ ތިނެއް ޖެހިކަން އިއުލާނު ކޮށްފިއެވެ. މާޒީގެ ތެރެއަށް ގެއްލިފައި އިން ފަރަހަ އެ އަޑު އިވިފައި ގަޑި ބަލައިލިއެވެ. އަދި ދެ ލޯ ފޮހެލަމުން މުށުގެ ތެރޭ އޮތް އެ ކުޑަ ކަރުދާސްކޮޅު ފަށްޖަހާފައި ލައިގެން ހުރި ޖީންސްގެ ޖީބަށް ލަމުން ސޯފާއިން ތެދުވިއެވެ.

ކޮޓަރިއަށް ދިއުމުގެ ކުރިން ރޭގަނޑުގެ އެންމެ ފަހުގެ ކަމަކަށް ދަރިފުޅުގެ މޫނު ދެކިލާހިތްވާތީ، ފަރަހަ މިކްޔަލްގެ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު، އެތެރެއަށް ބަލައިލިއެވެ. އޭނާގެ ހިތުގެ ހަމަޖެހުން ކަމަށްވާ ލޯބިލޯބި ދަރިފުޅު، އެއްވެސް ފިކުރެއްނެތި ރީތި ހުވަފެނެއްގެ ތެރޭ އޮތްތަން ފެނުމުން ހިނިތުންވެލެވުނެވެ. އެއީ އޭނާގެ މުޅި ހަޔާތެވެ. އޭނާގެ ދިރިއުޅުމުގެ އެންމެ ބޮޑު ސަބަބެވެ.

އޭނާ އަދިވެސް ހަނދާން އެބަހުއްޓެވެ. އެންމެ ފުރަތަމަ އޭނާގެ އަތުގެ ތެރެއަށް ނަރުސް ކުއްޖަކު މިކްޔަލް ގެނެސްލައިދިން ވަގުތެވެ. އެއީ އޭނާގެ ހުރިހާ ހިތާމައަކާއި ވޭނެއް ފިލައިގެން ދިޔަ ވަގުތުކޮޅެކެވެ. ނިޔާޒަށް ފަހު ދުނިޔެއިން މިހާ އަގުބޮޑު އެއްވެސް އެއްޗެއް ލިބިދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. ޝިވަންއާއެކު ހޭދަކުރި އެއްވެސް ވަގުތެއްގެ ހާއްސަކަމެއް ނެތަސް މިކްޔަލްއަކީ އެ ވަގުތުތަކުގެ ތެރެއިން އޭނާއަށް ލިބުނު ހާއްސަ ހަދިޔާއެކެވެ. މިކްޔަލްއަކީ އަގުބޮޑު ކުއްޖަކަށްވީ އެތައް ސަބަބަކާ ހެދިއެވެ. އޭނާގެ ހުރިހާ ހިތާމައަކާއި އެކަނިވެރިކަމެއް ދުރުކޮށްދީ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނައީ މި ދަރިފުޅެވެ. އެއްވެސް ދިރުމެއް، އުފަލެއް ނެތި މާޔޫސްވެ ވީރާނާ ވެފައިވާ އޭނާގެ ހަޔާތަށް މީރުވަސް ގެނެސްދިން ބަހާރަކީ މިކްޔަލްއެވެ. އާ އުއްމީދަކާއި އާ ހިތްވަރަކާ އެކު އޭނާ ކޮޅަށް ތެދުކުރީ މިކްޔަލްއެވެ. ޝިވަންއާ ކައިވެނިކުރީ ބައްޕައަށް ޓަކައި ނަމަވެސް އެކައިވެނި ރޫޅައިލުމުން ބައްޕަ އޭނާދެކެ ރުޅިނައި ސަބަބަކީ ވެސް ހަމަ މިކްޔަލްއެވެ.

ތުއްތު މިކްޔަލް ވެގެން ދިޔައީ ފަރަހަގެ އެންމެ ގާތް، އެންމެ ފޫހިފިލުވައިދޭ ހުސް ވަގުތު ވެސް ފުރައިލަދިން ކުއްޖަކަށެވެ. ފަތިހު ފަތިހާ ހޭލައިގެން އެންމެ ފުރަތަމަ، އެނދުން ފޭބުމުގެ ކުރިން އޭނާ މިކްޔަލްގެ ތުއްތު މޫނުގައި ލޯބިކޮށްލައެވެ. ތުއްތު ދަރިފުޅުގެ މީރުވަސްދުވާ ހަށިގަނޑުގެ ވަހުން އޭނާގެ ރޫހު ތާޒާކޮށްދެއެވެ. ދަރިފުޅު ފެންވެރުވުމަށް ހޫނުފެން ކައްކާ ގޭތެރޭގެ ކަންތަކުގައި އުޅެނިކޮށް، ހޭލައިގެން ކުޑަކޮށް ރޮއިލާއަޑަށް އޭނާ ދުވެފައި ދަރިފުޅު ގާތަށް ދެއެވެ. އަދި އަވަސްއަވަހަށް އުރާލައި، ދަރިފުޅުގެ ބަޑުހައިކަން ފިލުވައިދެއެވެ. ދެން ފެންވަރުވާ ރީތިކުރެއެވެ.

އެ ހުރިހާ ވަގުތަކު ވެސް އޭނާ ފޫހިކަމެއް ނެތި، ޖަވާބެއް ނުލިބުނަސް، ދަރިފުޅާ އެތައް ވާހަކައެއް ދައްކައެވެ. ދަރިފުޅުގެ ލޯބިލޯބި މައުސޫމް އާދަތަކާއި މަޖާ ހީލުންތަކުން އޭނާ ހިތް އުފާކުރެއެވެ. ދަރިފުޅު ލިބުނު ފަހުން ޝިވަންގެ ހަރުދަނާ ކަމެއް ނުހުންނަ ފަރުވާކުޑަ ގޮތްގަނޑު މަތީން ވެސް އޭނާ ހަނދާން ނެތުނެވެ. އަދި ދެން، ދަރިފުޅަށް ވެސް ޝިވަންގެ މާބޮޑު ސަމާލުކަމެއް ނުދެވޭކަން އޭނާ ފާހަގަ ކުރަން ފެށީ އެއީ އެ ދަރިފުޅުގެ ބައްޕަ ކަމަށްވާތީއެވެ. ދަރިފުޅަށް ބައްޕަ މުހިންމު ވާނެވަރު އެނގޭތީއެވެ. އެހެން ނަމަވެސް ޝިވަންގެ އެ އުޅުމަކަށް މާބޮޑު ބަދަލެއް ނައެވެ. ކުޅިވަރާއި ސަކަރާތަށް މާބޮޑަށް ވެސް ފޯރިދޭ ޝިވަންއަށް އަތްބަކާއި ދަރިއަކަށް ދޭންޖެހޭ ވަރާ ގާތަށް ވެސް އަޅައިލުމެއް ނުދެވެއެވެ. އެންމެ ފަހުން ޝިވަންއާ ވަކިވާން ފަރަހައަށް މަޖުބޫރުވިއެވެ. ދަރިފުޅަށް ބައްޕައާ ގާތުގައި ހުރެގެން ލިބެންވާ އަޅައިލުން ނުލިބުމުން ކޮށްފާނެ އަސަރަކާ މެދު އޭނާ ކަންބޮޑުވީއެވެ. ހަމައެއާއެކު ލޯބިނުވާ ފިރިއަކާއެކު އުޅެން ބޭނުން ނުވުމަކީ ވެސް އޭނާ ޝިވަންއާ ވަކިވި އެއް ސަބަބެވެ.

ފަރަހައަކީ ތަންކޮޅެއް ހަރުކަށި ގޮތްތަކެއް ހުންނަ އަންހެނެއް ކަމުން، އަދި ވިސްނުމާއި ހިޔާލު މާބޮޑަށް ވެސް ތަފާތުކަމުން، މިކްޔަލް ލިބުނު ފަހުން އެ ގޮތްގަނޑު ބޮޑުވެފައިވާތީ، ޝިވަން، އޭނާ ގަޔާވާ އެހެން އަތްބަކު ހޯދަން މަސައްކަތް ކުރުމަކީ މައްސަލައެއް ކަމަކަށް ފަރަހަ ނުދެކެއެވެ. ޝިވަން އާއި ފަރަހަ ވަރިވިތާ މާގިނަ ދުވަހެއް ނުވެ، ޝިވަން، ޒިލާއާ ކައިވެނި ކުރުމަކީ ފަރަހައަށް މާބޮޑު ކަމަކަށް ނުވީ، އެއީ ވާންޖެހޭ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ކުރީތީއެވެ.

އިނދެގެން އުޅުނުއިރު ޝިވަންގެ މާބޮޑު އަޅައިލުމެއް ނުލިބުނަސް، ވަރިވީފަހުން ފަރަހައަށް އަދި މިކްޔަލްއަށް ވެސް ޝިވަންގެ ހާއްސަ ސަމާލުކަމެއް ލިބުނެވެ. އެކުގައި އުޅުނުއިރު، ޝިވަންގެ ފަރާތުން މިކްޔަލްއަށް މާބޮޑު ޝައުގުވެރިކަމެއް ހުންނަ ގޮތް ނުފެނުނު ނަމަވެސް މި ވޭތުވި ދިހަ އަހަރުތެރޭ، އިތުރު ދަރިއަކު ވެސް ލިބުމާ އެކުހެން، ޝިވަންއަކީ އޯގާތެރި ބައްޕައަކަށް ވެސް ވެއްޖެއެވެ. އެހެން ނަމަވެސް އަދިވެސް މިކްޔަލްއަށް މަންމައަކީ ވެސް ބައްޕައަކީވެސް ހަމައެކަނި ފަރަހަ ކަހަލައެވެ. ފަރަހަގެ ފަރާތުން އެއްވެސް އުނިކަމެއްނެތި މިކްޔަލްއަށް ދެ މީހުންގެ ލޯބި ވެސް ލިބެއެވެ.

(ނުނިމޭ)