މާލޭ ސިޓީ ކައުންސިލަށް ވިއްކި ފޭރުގަސްތަކެއްގެ ފައިސާ ނުލިބިގެން ޒުވާން ދަނޑުވެރިޔާ، އަބްދުﷲ ރަމްޒީ ޝަކުވާކުރަން ފަށައިފިއެވެ.
ރަމްޒީ ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ސިޓީ ކައުންސިލުން އޭނާގެ އަތުން 80 ފޭރުގަސް ގަތް ކަމަށާއި ނަމަވެސް އެއަށް ލިބެންޖެހޭ ފައިސާ މިހާތަނަށް ދީފައިނުވާ ކަމަށެވެ. އަދި ފައިސާ ހޯދުމަށް ސިޓީ ކައުންސިލަށް ގުޅާތާ އެއް މަސް ދުވަސް ވެފައިވާއިރު، ފޯނަށްވެސް ޖަވާބު ނުދޭ ކަމަށް ބުންޏެވެ.
ރަމްޒި ބުނި ގޮތުގައި، ސިޓީ ކައުންސިލަށް ފޭރުގަސްތައް ވިއްކީ ގަހެއް 200 ރުފިޔާގެ ރޭޓުންނެވެ. އެހެންކަމުން ގަސްތަކަށް ޖުމުލަ 16000 ރުފިޔާ ލިބެންޖެހޭ ކަމަށް ބުންޏެވެ.
މިކަމާ ގުޅިގެން މާލެ ސިޓި ކައުންސިލްގެ މީޑިއާ އޮފިސަރު މަރިޔަމް ޝިއުނާ "ވަން" އަށް މިއަދު ވިދާޅުވީ އެ ކައުންސިލުން ގަތް ފޭރުގަސްތަކެއްގެ ޕޭމަންޓެއް ނުދެވި އަދި އެބަ އޮތް ކަމަށެވެ. އެ ޕޭމަންޓް ދިނުމުގައި ލަސްތަކެއް އުޅެނީ ފިނޭންސް ކައުންސިލަށް ދޭންޖެހޭ ބަޖެޓު ނުލިބޭތީ ކަމަށެވެ.
އެގޮތުން ފިނޭންސުން ފައިސާ ނުލިބޭތާ ތިން މަސް ވެފައިވާއިރު، އެކަމުގެ ސަބަބުން ބައެއް ފަރާތްތަކަށް ދޭންޖެހޭ ފައިސާ ދިނުމުގައި ލަސްތަކެއް ދިމާވަމުންދާ ކަމަށް ވިދާޅުވިއެވެ.
ޝިއުނާ ވިދާޅުވީ ބަޖެޓު ލިބުނުހާ އަވަހަކަށް ފައިސާ ދޭންޖެހޭ ފަރާތްތަކަށް ލަސްނުކޮށް ފައިސާ ދޭނެ ކަމަށާއި އަދި ފައިސާ ދޭންޖެހޭ ފަރާތްތަކާއި ސިޓީ ކައުންސިލުން ވާހަކަ ދައްކަމުންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު