މައްސަލަތައް މަދު ރީތި ވަން ޔޫސަރ އިންޓަފޭސް 5 ހިމެނޭ އެންޑްރޮއިޑް 13 ސެމްސަންގެ ގެލެކްސީ އެސް 22 ފޯނުތަކަށް ދޫކޮށްފިއެވެ. 3 ޖީބީގެ މި ބޮޑު އަޕްޑޭޓް އަދި ވަން ޔޫއައި (ޔޫސަރ އިންޓަފޭސް) 5 އަޕްޑޭޓް ޖަރުމަނުވިލާތް، އަޔަލޭންޑް، އިޓަލީ، ނެދަލެންޑްސް، ރޫމިނިއާ، ސްޕެއިން، ސްވިޑެން، އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި މިހާރުވެސް އަންނަނީ ލިބެމުންނެވެ.

ދިވެހިރާއްޖޭގައި ބޭނުންކުރާ ފޯނުތަކަށް އަދި ކުޑަ އިންތިޒާރެއް ކޮށްލަން ޖެހިދާނެއެވެ. މިވަގުތު މި އަޕްޑޭޓް ލިބޭނީ ހަމައެކަނި އެކްސައިނޯސް މޮޑެލްތަކަށް ކަމަށާއި އެހެން ނަމަވެސް ލަސްތަކެއް ނުވެ ހުރިހާ ގެލެކްސީ އެސް 22 ގެ ފޯނުތަކަށްވެސް އެންޑުރޮއިޑްގެ އެންމެ ފަހުގެ އޮޕަރޭޓިންސިސްޓަމް 13 ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންޑުރޮއިޑްގެ 13 ވަނަ އަދަދާއި އެކު ސެމްސަން ފޯނުތަކަށް ހާއްސަ އިންޓަފޭސް ވަން ޔޫއައި 5 ގެލެކްސީ އެސް22 ސީރީޒްގެ ފޯނުތަކަށް ލިބުމާއެކު މުޅިން ތަފާތު އިހުސާސެސް ކުރެވޭ ކަމަށް ސެމްސަން ފޯނު ބޭނުން ކުރާ ފަރާތްތަކުން ބުނެއެވެ. މީގެ ތެރޭގައި މޯޑްސް (ޖޮއިން ރޫޓީންސް ފަންކްޝަނަލިޓީ)، ސެކިއުރިޓީ އަދި ޕްރައިވެސީ ޑޭޝްބޯޑެއްގެ އިތުރުން ވީޑިއޯ ވޯލްޕޭޕަރ ފަންކްޝަނަލިޓީ ހިމެނެއެވެ. ފާހަގަކޮށްލެވޭ އެހެން ފީޗާތަކުގެ ތެރޭގައި އެންޑްރޮއިޑް 13 އަށް ހާއްސަ ފީޗާސްތަކެއް ކަމަށްވާ ޕަރ އެޕް ލޭންގުއޭޖް ކޮންޓްރޯލްސް، ނޮޓިފިކޭޝަން ޕަރމިޝަންސް، އަދި މެޓީރިއަލް ޔޫ ސަޕޯޓް ރަނގަޅުކޮށްފައިވާ ފީޗާސްތައް ހިމެނެއެވެ.

މިހުރިހާ އާ ފީޗާސްތަކާއި އެކު ސެމްސަންގެ ފޯނު ބޭނުން ކުރާ ފަރާތްތަކަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދާނެއެވެ. ރާއްޖޭގައިވެސް އެންމެ ގިނަ މީހުން އަދިވެސް ބޭނުންކުރަނީ ސެމްސަންގެ އެކި މޮޑެލްތަކުގެ ފޯނުތަކެވެ. ސަމްސަންގެ ފުލެގްޝިޕް ފޯނު ކަމަށްވާ ގެލެކްސީ އެސްގެ ފޯނުތަކަކީ ދިވެހިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލްކަމެއް ހޯދާފައިވާ ފޯނުތަކެކެވެ. އެހެންކަމުން އެންމެ ފަހުގެ އެންޑުރޮއިޑް މޯބައިލް އޯއެސް އިންސްޓޯލް ކުރުމަށް ދެން މާގިނަ ދުވަހެއް ނެތެވެ. މިހާރުވެސް ބައެއް ފަރާތަކުން އަންނަނީ އޮޓޯ އަޕްޑޭޓް ލިބުމުގެ ކުރިން އިންޓަނެޓުން އޯއެސް ހޯދައިގެން ފޯނުތަކަށް އިންސްޓޯލް ކުރަމުންނެވެ.