ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 48

3

ރޫބިޔާ ފަހަތް ބަލައިލީ އެވަގުތުއެވެ. އެތައް ދުވަހެއްވެފައިވީ ނަމަވެސް ރާޝިދު ފެނުމާއެކު ރޫބިޔާއަށް އެނގިއްޖެއެވެ. އޭނާއަށް ހީވީ އުޑު ބޮލަށް ވެއްޓުނު ހެންނެވެ. ބިންގަނޑު ދެފައި ދަށުން ކެހިގެންދިޔަ ކަހަލަ އިހުސާސެއް ކުރުވިއެވެ. ހުވަފެނެއް ކަމަށް ހީކޮށް ހޭލެވޭތޯ އޭނާ މަސައްކަތްކުރަން ފެށިއެވެ. މޫނުމައްޗަށް އަނދިރިވެ އަރިއަޅާލަން އުޅުނު ވަގުތު މީހެއްގެ ހިމާޔަތަށް އެދި އަތްދިއްކޮށްލެވުނުހެން ހީވިއެވެ. ދެންވީގޮތެއް ނޭނގުނެވެ.

*********

ޖިލްވާ ދެއްކި ވާހަކަތަކަށްފަހު އަލުން އޮފީހަށް ދާން ބަރަކް ބޭނުމެއް ނުވިއެވެ. އޭނާ މުޅި ދުނިޔެމަތިން ފޫހިކުރުވައިފިއެވެ. މައިމީހާގެ އެފަދަ މުޑުދާރު ވާހަކަތަކެއް އެނގުމުން ހަގީގަތުގައިވެސް ބަރަކް މުޅިން މާޔޫސްކޮށްފިއެވެ. ކޮޓަރީގައި ދެކޮޅަށް ހިނގަން ހުރިއިރު ބަރަކްގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އެންމެފަހުން ހިތަށް ކެތްނުވެގެން އެނދުގައި އިށީނެވެ. ދެކަކޫ މަތީގައި އުޅަނބޮށި ވިއްދާލާފައި ގެނެސް ދެއަތް ތިލައިގެ ތެރޭގައި ބަރަކްއަށް މޫނު ފޮރުވިއެވެ. އޭނާ އިނީ އަމިއްލަ ނަފްސަށްވެސް ލަދުގަނެފައެވެ. ހުރިހާކަމެއް ސިއްރުކޮށްގެން ހުންނަންވީ ހެއްޔެވެ؟ އެވާހަކަ މަންމަ ކައިރީގައި ދައްކަންވީ ހެއްޔެވެ؟ ހުރިހާ ކަމަކާ ކުރިމަތިލާންވީ ހެއްޔެވެ؟ މަންމައަށް ހައްގު އަދަބު ދޭންވީ ހެއްޔެވެ؟ ފަހުވަގުތުގައި ބަރަކްއަށް މާބޮޑަށް ވިސްނެން ފަށައިފިއެވެ. އޭނާ ހަނދާންވިއެވެ. ރާޝިދު ދިން ނަސޭހަތްތަކެވެ. ދިރިއުޅުމުގައި ދިމާވާ ކަންކަމާ ކުރިމަތިލާންޖެހޭނެ ކަމެވެ. އެކަންކަމަށް ނުފިލޭނެކަމެވެ. ގޮތް ނިންމަން އުނދަގޫކަމެއް ދިމާވުމުން އެކިގޮތްގޮތަށް ވިސްނަން ވަގުތު ބޭކާރު ނުކުރުމަށެވެ. ނަމާދާއި ދުއާއިން ހައްލު ހޯދުމަށެވެ. އެހެންކަމުން ބަރަކް އެނދުން ތެދުވެ ފާހާނާއަށް ވަނެވެ. ވުޟޫކޮށްގެން ނުކުމެ ނަމާދަށް އެރިއެވެ.

ޖިލްވާ ކޮޓަރިއަށް ވަންއިރު ބަރަކް ހުރީ ނަމާދަށެވެ. އެހެންކަމުން މަޑުމަޑުން ދޮރުލައްޕާލާފައި ޖިލްވާ ބޭރަށް ނުކުތެވެ.

*****

ލޯ ހުޅުވާލުމާއެކު މަންޒަރުތައް ލޯކުރިމަތީގައި ސިފާވާން ފަށައިފިއެވެ. ލަސްލަހުން ވަށައިގެންވި ހުރިހާ މީހުންނަށް ރޫބިޔާ ބަލައިލިއެވެ. އޭނާ އޮތީ ގޭތެރޭ ސޯފާގައެވެ. ހަބަރު ހުސްވެގެން ވެއްޓުނީ މަރުވެފައިވާ މައްޔިތެއް ކުއްލިއަކަށް ކުރިމަތިން ފެނުމުންނެވެ. ލަސްލަހުން ކަނާތްފަރާތަށް ރޫބިޔާ ބަލައިލިއެވެ. އެއީ ހަމަ ރާޝިދެވެ. އެ އިސްކޮޅެވެ. ކުރިއަށް ވުރެވެސް ބޮޑަށް އުމުރުން ދުވަސްވެފައެވެ. ތުނބުޅިއާއި ބޮލުގައި ވަނީ ހުދު އިސްތައްޓެވެ. ދެލޮލުގައި ރަތްކަމެއް ހުއްޓެވެ. ދެއަތުގެ ހަންގަނޑަށް ހުރީ ރުއަރާފައެވެ. އެއީ ހަގީގަތްކަމަށް ގަބޫލުކުރަން ރޫބިޔާ ބޭނުމެއް ނުވިއެވެ. ހީކުރީ ނިދިފައި އިން ކަމަށެވެ. އެހެންކަމުން އެއް އަތުން އަނެއް އަތުގައި ވިކައިވެސްލިއެވެ. އަނގައިން އަޑެއް ނިކުތީ ތަދުވީވަރުންނެވެ.

"އެއީ... އެއީ... ކާކު؟" ރޫބިޔާ އެހިއެވެ. އޭނާ ސުވާލުކުރީ އަޔާލްއާއެވެ.

"ކާކުތަ އެއީ؟ ރަނގަޅަށް ދެލޯ ހުޅުވާފަ ބަލައިލަބަލަ" އަޔާލް ބުންޏެވެ. އަޔާލްގެ އަޑުގައިވީ ނުރުހުމާއި ހިތްހަމަނުޖެހުމެވެ. ރާޝިދު ގުޅާފައި ރޫބިޔާ ގެއަށް އައި ވާހަކަ ބުނުމާއެކު އަޔާލް އެންމެ ސިކުންތެއްވެސް ލަސްނުކުރިއެވެ.

"ރާ... ރާ.... އޭނަ... މަރު" ރޫބިޔާ ވާހަކަދައްކަން މަސައްކަތްކުރިއެވެ. އެހެންނަމަވެސް ރާޝިދުގެ ނަން ދުލުން ކިޔަންވެސް ރޫބިޔާއަށް ވީ ތަކުލީފަކަށެވެ. އެ ހަގީގަތް ގަބޫލުކުރަން އޭނަ ބޭނުމެއް ނުވިއެވެ.

ކުއްލިއަކަށް ތަނަށް ސިހުން ގެނުވީ ޓީވީ ރެކްމަތީގައި ހުރި ބިއްލޫރި ވާސްއެއް އަޔާލްގެ އަތުން ޖަހައި ދުރަށް ބުރުވާލި އަޑާއެކުގައެވެ. ހުރިހާ މީހުންނަށް އެދިމާލަށް ބަލައިލިއެވެ. އެތެރެހަށީގައި ކެކި އަރަމުންދިޔަ ރުޅިގަނޑު މައިތިރިކުރަން އަޔާލް ވަރަށް ގިނައިރު މަސައްކަތްކޮށްފިއެވެ. ލޯކުރިމައްޗަށް ރޫބިޔާ އެރުމުން އަޔާލްއަށް އިތުރަށް ކެތްނުވީއެވެ. ކޮންމެވެސް އެއް ސިފައެއްގައި އެ ރުޅިގަނޑު ބޭރުނުކޮށް އޭނާއަށް އެހެން އެއްވެސްކަމެއް ނުކުރެވޭނެއެވެ.

"ދަރިފުޅާ... ދަރިފުޅާ... ހަމަޖެހޭ" ރާޝިދު އަޔާލްގެ އަތުގައި ހިފެހެއްޓިއެވެ. އަވަސް ނޭވާތަކެއްލަމުންދިޔަ އަޔާލް ރާޝިދުގެ އަތް ދުރަށް ފޮޅުވާލިއެވެ.

"މިއީ... ކާކު؟ ދެލޯ ކަނުވީތަ؟ ނޫނީ ނުފެންނަކަމަށް ހެދީތަ؟" އަޔާލް އެހިއެވެ.

ސޯފާގައި އިން ރޫބިޔާއާ ދިމާލަށް އައީ ބާރު ސްޕީޑުގައި އަންނާނެ ސައިކަލެއް އަންނަހާ ބާރަށެވެ. އެވަރުންވެސް ރާޝިދު އަޔާލް ހިފެހެއްޓޭތޯ މަސައްކަތްކުރިއެވެ.

"މިއީ އަހަރެމެން ދެބެންގެ ބައްޕަ. ކަލޭ މިހުރިހާ ދުވަހު މަރާލައިގެން އުޅުނު އެއްއިރެއްގައި ކަލޭގެ ފިރިއެއްގެ މަގާމުގައި ހުރި މީހާ. މަކަރާއި ހީލަތުން އެމީހެއްގެ ދިރިއުޅުން ކަލޭ އެފުށްމިފުށަށް ޖެހި ނިކަމެތި އިންސާނާ. ކޮބާ އަހަރެންގެ ބައްޕަގެ ކުށަކީ؟" އަޔާލް ހަޅޭއްލަވަމުންދިޔައިރު ރޫބިޔާ އިނީ އިސްޖަހައިގެންނެވެ. އިތުރަށް ކިޔާނެ އެއްޗެއް އޭނާގެ ނެތެވެ. މުޅި މީހާ ބޭޒާރުވެ ހެދުން ބޮލުގައި އޮޅިއްޖެއެވެ. ކުރެވޭނެ އެއްވެސްކަމެއް ނެތެވެ. ފިލަން ދުއްވައިގަންނާނެ ހިތްވަރެއް ނެތެވެ.

"ފެށުނީއްސުރެވެސް އަހަރެންގެ ބައްޕައަކީ ފައިސާވެރިއެއް ނޫން. މިގެ މިއީ ބަޔަކަށް ބައްޕަ ވެދިން އިހުސާންތެރިކަމެއްގެ ބަދަލުގައި ހެއްދެވި ފަރާތުން ބައްޕައަށް ދެއްވި ނިއުމަތެއް. ކަލޭ މުދަލުގެ ދަހިވެތިކަން ހިތުގައި އޮވެގެން އަޑިއަޑިން ހިންގި ނުބައި ޖަރީމާ ނިކަން ދެކިބަލަ. ﷲ ކުޅަދުންވަންތަކަން. އެމީހަކު ކަން ކުރި ގޮތަކަށް މިދުނިޔޭގައި އެމީހަކާ މެދު ކަންކަން ވެގެންދާނީ. މިއަދު ކަލޭ އަމިއްލައަށް އައިސް ހުރިހާ ހަގީގަތެއް ތި ހޯދީ. އަހަރެން ދުވަހަކުވެސް، މަހްޝަރު ދުވަހުވެސް ކަލެއަށް މައާފެއް ނުކުރާނަން" އަޔާލް ވާހަކަދެއްކިއެވެ.

ރޫބިޔާ ހިމޭނުން އިނެވެ. ދެން ކަންތައް ވެގެންދާނެ ގޮތެއް ނޭނގިފައެވެ. ހުރިހާ ހަގީގަތެއް ރާޝިދު އެވަނީ އަޔާލްއަށް ކިޔައިދީފައެވެ. ހީކުރި ގޮތާ ހިލާފަށް ރާޝިދު މިހުރިހާ ދުވަހު ދުނިޔޭގައި ހުރިކަން އެނގުމުން ރޫބިޔާއަށް ވީ ނުބައި ގޮތެކެވެ. އެ ހުރިހާކަމެއް ބަރަކްއަށް އެނގޭ ހެއްޔެވެ؟ އެއެއްވެސް ރޫބިޔާއަށް ނޭނގުނެވެ.

"އަހަރެން.... އަހަރެން.... ބަރަކް" ރޫބިޔާ ކިޔަމުން ދިޔައެވެ.

**********

ލައިދުގެ ގެ ވިލިނީއާއި އާތިފާއަށްވީ ސުވަރުގެއެއް ކަހަލަ ތަނަކަށެވެ. ލައިދުގެ މައިންބަފައިންނަކީ އެހާ ހިތްހެޔޮ ބަޔަކަށް ވެދާނެކަމަކަށް ވިލިނީ އުންމީދުކޮށްފައެއް ނެތެވެ. ލައިދުގެ ބައްޕަ އާމިރުގެ އަމިއްލަ ބޮޑު ގެއެއް މާލޭގައި ހުރިއިރު ވިލިނީއާއި އާތިފާ ބޭތިއްބީ އެގޭ ވަކި އެޕާޓްމަންޓެއްގައެވެ.

"މަންމަ ކޮންތާކަށް؟" ސިޓިންރޫމް ސޯފާގައި އޮތް ވިލިނީ ބުންޏެވެ. އާތިފާ ހުރީ ބޭރަށް ދެވޭ ގޮތަށް ތައްޔާރުވެގެންނެވެ.

"އަންނާނަން ދައްތައާ ބައްދަލުކޮށްލާފަ. ދައްތަ ކުރި ކަންކަން އަހަރެންނަށް އެނގުނުކަން އަންގައިދޭންވާނެއްނު" އާތިފާ ބުންޏެވެ.

ވިލިނީ ބޯޖަހާލިއެވެ.

"މަންމަ އަތުގަ ލާރި އެބަހުރިތަ؟" ވިލިނީ އެހިއެވެ.

"މަންމަ ރަށުން ގެނައި ލާރިކޮޅު އަދި ހުހެއް ނުވޭ" އާތިފާ ބުންޏެވެ.

އާތިފާ ދޮރުން ނިކުންނަންދެން ވިލިނީ ބަލަހައްޓައިގެން އިނެވެ. އޭނާއަށް ފޯނެއް އައީ އެ ވަގުތުއެވެ. ބެގަރީ ކަން އެނގުމުން ވިލިނީގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.

"މިގޭގަ ހުރިހާ މީހުން ހަމަވެއްޖެ. މީހުން މަރާ ދެމީހުން އެބަތިބި. ނަހީކްގެ މަންމަވެސް އައިސް އުޅެނީ" ބެގަރީ ބުންޏެވެ.

ލިބިގެންދިޔަ ހަބަރާއެކު ވިލިނީއަށް ކޮޅަށް ތެދުވެވުނެވެ. ހުރިހާކަމެއް ނިމެންވީ ވަގުތު ޖެހުނީއެވެ. ރާއްޖެއިން ބޭރުގައި ހުރި ނަހީކްގެ ގާތް އެކުވެރިޔާ ގެންނަން ބުރަ މަސައްކަތްތަކެއް ކުރާކަށް ނުޖެހުނެވެ.

"ހެހެހެ... އަމިއްލައަށް ކަރަށް ވާގަނޑު މަހައިފި" ވިލިނީ ހިތާހިތުން ކިޔާލިއެވެ.

ވަގުތުން ވިލިނީ ގުޅީ ރިންދާއަށެވެ. މާލެ އައިފަހުން އެއީ ވިލިނީ ރިންދާއަށް ގުޅި ފުރަތަމަ ފަހަރެވެ.

"އަހަރެން އެބަ ފޮނުވަން އެޑްރެސްއެއް. ވަރަށް އަވަހަށް އާދެބަލަ" ރިންދާ ފޯނު ނެގުމާއެކު ވިލިނީ ބުންޏެވެ. ވިލިނީ މާލޭގައި ހުރިކަން ރިންދާއަށް އެނގުނީ އެ ހިސާބުންނެވެ. އިތުރަށް ސުވާލުކުރަން ރިންދާ މަސައްކަތްކުރިއެވެ.

"އައިމަ ކިޔައިދޭނަން" ވިލިނީ ބުންޏެވެ.

*********

އަލަމާރި މަތީގައި ހުރި ފޮށި ނަގައި އެނދުމަތީގައި ބަހައްޓާފައި ބަރަކް ފޮށި ހުޅުވާލިއެވެ. ޖިލްވާ އިނީ ބަރަކް ކުރަން އުޅޭ ކަމެއް ނޭނގިފައެވެ. އިރުކޮޅަކުން އަލަމާރި ހުޅުވާފައި ދެމީހުންގެ އަންނައުނުތައް ފޮއްޓަށް އަޅަން ފެށިއެވެ. ބަރަކްގެ އަތުގައި ޖިލްވާ ހިފެހެއްޓީ ދެނެވެ.

"ގެނޭ އަހަރެން އަތަށް" ޖިލްވާ ބުންޏެވެ. ބަރަކް ނިކުތީ ކޮޓަރިން ބޭރަށެވެ. އިރުކޮޅަކުން އައިރު ކަރުދާސް ދެތިން ފޮށިގަނޑު އަތުގައި އޮތެވެ. ބެޑްޝީޓްތަކާ ދެމީހުން ގެންގުޅޭ އެހެނިހެން ސާމާނުތައް އެޅީ ކަރުދާސް ފޮށިތަކަށެވެ. ހުރިހާ ފޮށިތަކެއް ބަންދުކޮށް ނިމިގެން ސިޓިންރޫމަށް ނެރެފައި ބަރަކް ހަމަޖެހިލިއެވެ. ރޫބިޔާގެ ކޮޓަރިއާ ދިމާލަށް ބަރަކް ބަލައިލިއެވެ. އެ ބަލައިލުމުގައި ހިތަށް އަސަރުކުރުވާ ގޮތެއް ހުއްޓެވެ.

"ޖިލް ދޭ ތައްޔާރުވާން" ބަރަކް ބުންޏެވެ.

ޖިލްވާ ބޯޖަހާލިއެވެ.

ސޯފާގައި އިށީންގޮތަށް ބަރަކް ފިކުރަކަށް ގެނބިއްޖެއެވެ. ރާޝިދު ބުނިހެން ނަމާދުން ބަރަކް ހިތްވަރު ހޯދައިފިއެވެ. މައިމީހާ ކަމަކު ބަރަކް ކުރާ ހުރިހާ ސުވާލަކަށް މިއަދު ރޫބިޔާ ޖެހޭނީ ޖަވާބުދޭށެވެ. ރާޝިދުއާ މެދު ކަންތައްކުރި ގޮތަކީ ކޮންމެގޮތެއް ވިޔަސް ރޫބިޔާ ކުށްވެރިވާނޭ ކަމެކެވެ. އަނެއްކޮޅުން ރަނީންގެ މަރާ ބެހޭގޮތުން ރޫބިޔާއަށް އެނގެނީ ކިހާވަރަކަށް ކަމެއް ނޭނގެއެވެ. ރޫބިޔާގެ ސަބަބުން ބަރަކްގެ ބޮލުގައި ނުފިލާ ރިހުމެއް އުފެދިއްޖެއެވެ. ޖީބުގައި އޮތް ފޯނަށް މެސެޖެއް އައީ އެވަގުތެވެ.

އަޔާލްގެ މެސެޖް ކިޔާލާފައި ބަރަކް ހައިރާންވިއެވެ. ވަރަށް އަވަހަށް އަންނަން ބުނީ ކީއްވެގެންކަމެއް ބަރަކްއަށް ނޭނގުނެވެ. އަނެއްކާ ބައްޕައަށް ކަމެއްވީ ހެއްޔެވެ؟ އަވަހަށް އަޔާލްގެ ނަންބަރަށް ބަރަކް ގުޅިއެވެ. އެހެންނަމަވެސް އަޔާލް ފޯނު ނުނަގައެވެ.

ދޮރުގައި މީހަކު ބެލް އެޅުމާއެކު ބަރަކް ދިޔައީ ދޮރާ ދިމާލަށެވެ. ދޮރުން ބޭރުގައި ހުންނާނީ ރޫބިޔާ ކަމަށް ހީކޮށް ދޮރާ ހަމައިން ބަރަކް ފަސްޖެހުނެވެ. ދޮރު ހުޅުވާލީ ހަށީފުރާ ނޭވައެއް ދޫކޮށްލައިފައެވެ.

"ބޮޑުދައިތަ ތަ؟ ކޮންއިރަކު އައީ؟ އާދޭ އެތެރެއަށް" އާތިފާ އެތެރެއަށް ވަނެވެ. ލޯތްބާއެކު ބަރަކް ގަޔާ ކައިރިކޮށްލާފައި ބުރަކަށީގައި ފިރުމާލިއެވެ.

ބަންދުކޮށްފައިވާ ފޮށިތައް ފެނުމާއެކު އާތިފާގެ މޫނުމައްޗަށް ވެރިވީ ހައިރާންކަމެވެ. ގޭތެރެއިން ބަރަކް ނޫނީ އެހެން މީހަކު ނުފެނެއެވެ.

"ތަނަކަށް ދަނީތަ؟" އާތިފާ އެހިއެވެ.

ބަރަކް އާތިފާގެ ދެއަތުގައި ހިފިއެވެ. ކަރުނަވީ ދެލޮލުން އާތިފާގެ މޫނަށް ބަލައިލިއެވެ. ދެން ސޯފާގައި އިށީނެވެ.

"ކޮބާ ދައްތަ؟" އާތިފާ އެހިއެވެ.

ބަރަކް އަސަރާއެކު ރޫބިޔާގެ ހަގީގަތް އާތިފާއަށް ކިޔައިދިނެވެ. ދެން ކަންތައް ކުރަންވީ ގޮތް އެހިއެވެ.

"ސުބްހާނަﷲ... ޅިޔަނު ދުނިޔޭގަ އެބަހުއްޓޭ... ޔާރައްބީ.... " އާތިފާ ބުންޏެވެ.

"ބޮޑުދައިތަ މިއައީ ވެސް ތިކަހަލަ ކަމެއްގަ. ބޮޑު އޮޅުވާލުމެއްގެ ތެރެއިން ވިލިނީގެ ކައިވެނި އެމީހާއާ ކުރުވީ. އޭރު ދެއްކީ މަރެއްގެ ވާހަކަ. މީހަކަށް ބިރުދައްކައިގެން އުޅޭ ވާހަކަ. ބޮޑުދައިތަ އޭރުވެސް ބުނިން ތިއީ މީހުން ސިއްރުކޮށްގެން އުޅޭ ކަހަލަ ކަންކަމެއް ނޫނޭ. އަހަރެންނަށް ކިހިނެއް އެއްޗެހި ގޮވާލީ އެހެން ބުނީމަ. ބޮޑުދައިތަ ކައިރީގައި ބުނީ ކައިވެނިކުރީމަ ފަހުން ހުރިހާކަމެއް ރަނގަޅުވާނެއޭ. އަނެއްހެން ރަނގަޅު ސޮރެކޭ އެއީ. ވިލިނީގެ ފޮޓޯ ދެއްކީމަ ވަރަށް އުފަލުންނޭ ހުރީ. އެކަމަކު ކިހިނެއްވީ؟ ކައިވެނިކުރާ ތަނަށް އަންނަންވެސް ބޮޑުދައިތައަށް ހުއްދައެއް ނުދިން. ބަރަކްއަށް އެނގޭތަ ކައިވެންޏަށްފަހު ވިލިނީ އުޅުނު ހާލު. ހާދަ އަނިޔާއެއްކުރިއޭ. މިހާރު އިނީ އެމީހާގެ ދަރިއަކަށް ބަލިވެ. އެހެންވެ މިއައީ ދައްތަ ކައިރީގަ ބުނަން އަހަރެން ދައްތަގެ އެއްވެސް އެހީއެއް ބޭނުންނުވާ ވާހަކަ. އަހަރެންނަށް ހުރިހާ ހަގީގަތެއް އެނގުނު ވާހަކަ. އެގޮތަށް ކަންތައްކުރި ސަބަބު އަހަން މިއައީ" ވާހަކަތަކާއެކު އާތިފާއަށް ރޮވިއްޖެއެވެ.

"މިވަގުތު މަންމަ ވީތަނެއް އަހަރެންނަށް ނޭނގޭ. އެކަމަކު ބޮޑުދައިތަ ހިނގާ އަހަރެންނާއެކު" ބަރަކް ބުންޏެވެ.

************

ވިލިނީއާ ބައްދަލުކުރަން ދާން ޖެހުމުން ރިންދާއަށް މެންދުރުގެ ކެއުމަށް ގެއަށް ނާދެވުނެވެ. އެހެންކަމުން ގެއަށް އައީ ޝާހްބާޒް އެކަންޏެވެ. ހިމޭންކަމާއެކު ޝާހްބާޒް ކަމުން ދިޔައިރު ޖެހިގެން އިން ގޮނޑީގައި އިން ހައިބްއަށް ސަމްސަލުން ކާންދޭން އިން ނަހާ އިރުކޮޅަކާ ޝާހްބާޒަށް ބަލައިލައެވެ.

"ކޮންކަމަކާ ތި ވިސްނަނީ؟" ނަހާ އެހިއެވެ.

ފެންތަށިން ކޯވަރެއް ބޯލާފައި ޝާހްބާޒް ނަހާއަށް ބަލައިލިއެވެ.

"އަހަރެން މި ހިތަށް އަރަނީ މިއީ ކޮންކަން ތައްގަނޑެއް ބާވައޭ. ނާ އަށް އެހެން ހީނުވޭތަ؟" ޝާހްބާޒް ބުންޏެވެ.

"އަދި ނޭނގުނު ތިބުނި އެއްޗެއް" ނަހާ ބުންޏެވެ.

"ރިދާއާއި ނަހީކްގެ ވާހަކަ. ނޭނގެ ކީއްވެގެން ކަމެއް. އެކުއްޖާ ކޮންމެސްކަމެއް އެބަކުރޭ" ޝާހްބާޒް ބުންޏެވެ.

"ރިދާ ބުންޏެއްނު ނަހީކާ މެދު އޮތީ އެކުވެރިކަމެކޭ. ކީއްވެ ޝާހްއަށް އެހެން އެއްޗެއް ހީވަނީ" ނަހާ ބުންޏެވެ.

"ކުއްލިއަކަށް ޝަލްބިޔާ ރާއްޖެ އައުމާ، އެއްކަލަ ރޭ ނަހީކް ކުއްލިއަކަށް މިގޭތެރެއިން ފެނުމާ، ފަހަކަށް އައިސް މިގޭތެރެއިން އަޔާލް ނުފެނުމާ، ކައިވެނީގެ ވާހަކަ ރިދާ ނުދެއްކުން... މިހެން ގޮސް ބައިވަރު ކަންކަން އަހަރެންނަށް ފާހަގަވޭ.

"ތިހެން ބުނީމަ މި ހަނދާންވީ. މީގެ ކުޑައިރުކޮޅެއްކުރިން ރިދާގެ ފޯނެއް އައި. މިރޭ މަންމައާ ބޭބެއާ ބައްދަލުކުރުވަން ބަޔަކު އަންނާނެއޭ ބުނި. މުހިންމު ވާހަކައެއް ދައްކަންވެގެންނޭ. ވެދާނެއެއްނު ކައިވެނީގެ ވާހަކަދައްކަން އުޅެނީ ކަމަށް" ނަހާ ބުންޏެވެ. ޝާހްބާޒް ބޯޖަހާލިއެވެ.

************

ބައިގަޑިއިރެއްހާއިރު ފާއިތުވެގެން ދިޔައިރު ގޭތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ކުރިންވެސް އިންހެން ރޫބިޔާ އިނީ ސޯފާގައި އިސްޖެހިފައެވެ. އަޔާލްއާއި ސަމީހާ ކޮޅަށް ތިބިއިރު ކާމޭޒު ކައިރީގައި އިން ގޮނޑިއެއްގައި ރާޝިދު އިނެވެ. އެމީހުން އިންތިޒާރުކުރަމުން އެދަނީ ބަރަކް އަންނާނެ އިރަކަށެވެ. އަޔާލް ބޭނުންވީ ބަރަކްގެ ހާޒިރުގައި ރޫބިޔާއަށް އަޅާ ފިޔަވަޅެއް އަޅާށެވެ. އަދިވެސް އޭނާގެ ހަށިގަނޑުގައި ރޯވެފައިވާ އަލިފާންގަނޑު މުޅިން ނުނިވެއެވެ.

"އަހަރެން... އަހަރެން... ފެން" ރޫބިޔާ ބުންޏެވެ.

އެންމެންގެ ކުރިމަތީގައި ބޭޒާރުވި ފަހުން ރޫބިޔާއަށް ރަނގަޅަށް ބަހެއް ނުކިޔެއެވެ. ދިވެހިބަސް ހަނދާން ނެތިފައި އިން ކަހަލައެވެ. ބަހެއް ބުނަން އުޅުނަސް ދުލުން ބޭރުވަނީ މުޅިން ހަމަޔަކަށް ނޫނެވެ. ރޫބިޔާއަށް އިހުސާސްވަނީ މީހަކު އޭނާގެ ދުލުގައި ހިފަހައްޓައިގެން ހުރި ކަހަލަގެ އިހުސާސްތަކެވެ.

މޫނުމައްޗަށް ހުރަސްކޮށްލި ފެންތައްޓަށް ރޫބިޔާ ބަލައިލިއެވެ. ތަށީގައި ހިފަމުން ސަމީހާގެ މޫނަށް ރޫބިޔާ ބަލައިލިއެވެ. އެއީ ކާކު ހެއްޔެވެ؟ އެގޭގައި ދުވަހަކުވެސް ނުދެކޭ އަންހެނަކު އުޅެންޖެހޭ ސަބަބެއް ރޫބިޔާއަށް ނޭނގެއެވެ. ޔަގީނެވެ. އެވާނީ ރާޝިދުގެ އަނބިމީހާއަށެވެ.

ކުރިއެކޭ އެއްގޮތަށް އަނެއްކާވެސް ގޭތެރެއަށް ހަމަހިމޭންކަން ވެރިވުމާއެކު ރޫބިޔާ އިސްޖަހައިފިއެވެ. އަމިއްލައަށް އައިސް މި ވަދެވުނީ ކޮންކަހަލަ ތަނަކަށް ހެއްޔެވެ؟ މިތަނަކަށް ނާދެވުނުނަމަ މާ ރަނގަޅުވީހެވެ. ތިމާ ވަރުގެ މީހަކު ނެތިގެން އުޅުނީމާ ވާނީ މިކަހަލަ ކަމެކެވެ. އަބަދު ތިމާއަށް މޮޅު ނުލިބޭނެކަން ކުރިން ނުވިސްނުނީ ކިއްވެގެން ހެއްޔެވެ؟ އެއްވެސްކަމަކީ އަބަދު ސިއްރުވެފައި އޮންނާނެ ކަންކަމެއް ނޫނެވެ. މިއަދު މިއޮތީ ބުޅާ ގޯނިން ބޭރުވެފައެވެ. ބަރަކް ކަންތައްކުރާނެ ގޮތެއްވެސް ނޭނގެއެވެ. އެރަށަކަށް ގޮސް އައިފަހުން މިހާރުވެސް ބަރަކް ރަނގަޅަށް ވާހަކަދައްކަނީއެއް ނޫނެވެ. ރޫބިޔާގެ މޫނުމަތިން ކަންބޮޑުވުމެއް، ކުރެވުނު ކަންތަކާ މެދު ހިތާމަކުރުމެއް، ފިކުރެއް ނުފެނެއެވެ.

ގޭތެރެއަށް ވަދެގެން އައި ބަރަކްއަށް ސޯފާގައި އިން ރޫބިޔާ ފެނުމާއެކު ފިޔަވަޅުތަކަށް ލަސްކަމެއް އައެވެ. ހިތުގައި ސުވާލުވެސް އުފެދުނެވެ. ހައިރާންކަން އެކުލެވިގެންވި ނަޒަރެއް އަޔާލްއަށް ބަރަކް ދިނެވެ. ރޫބިޔާއަށް އިސްއުފުލާލަން ނުކެރިފައި އިނެވެ. ވަގުތުން ވެގެން އުޅެނީ ކީއްކަން ބަރަކްއަށް އެނގުނެވެ. ރޫބިޔާގެ މޫނު ފެނިފައިވެސް ބަރަކްވީ ފޫއްސެވެ.

"ބައްޕާ" ބަރަކް ރާޝިދަށް ގޮވާލިއެވެ. އެއީ އޭނާ ރޫބިޔާއަށް އިއްވާލި އަޑެކެވެ. އޭނާގެ ބޭނުމަކީ ހުރިހާ ހަގީގަތެއް އޭނާއަށް އެނގޭކަން ރޫބިޔާއަށް އަންގައިދިނުމެވެ.

"ބަރަކް މި ގެނައީ މީދާ އަމިއްލައަށް ކޮށީގައި ހައްޔަރުވެފަ އިނީމަ. ދޮންބެ މި ދޫކޮށްލީ ބަރަކްއަށް. ބަރަކް ކަންތައްކުރާނެ ގޮތެއް އެނގޭނީ ބަރަކްއަށް" އަޔާލް ބުންޏެވެ.

ބަރަކް ރޫބިޔާއަށް ބަލައިލިއެވެ. އޭނާގެ މައިމީހާ މިއަދު އޭނާގެ ކުރިމަތީގައި އޭނީ އިސްއުފުލާލަންވެސް ނުކެރިފައެވެ. އެންމެ ކުޑަ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް މައެއްގެ ހައިސިއްޔަތުން ރޫބިޔާ ބަރަކްއަށް ކޮށްދީފައިވަނީ އިނގިލިން ގުނާލެވޭހާވެސް މަދު ކަންކަމެވެ. އެ މަންމަގެ އަތުން ކާއެއްޗެއް ރޯފިލުވާފައި ދިން ދުވަހެއް ހަނދާނެއްވެސް ނެތެވެ. ދަރިފުޅާ އޭ ބުނެ ލޯތްބާ އޯގާތެރިކަމާއެކު ބަހެއް ބުނި ހަނދާނެއް ނެތެވެ. ދަރިންނަކީ މައެއްގެ ފިރުމުން އިންތިހާއަށް ބޭނުންވާ ބައެކެވެ. އެފަދަ ފިރުމުމެއް ފުރަތަމަ ފަހަރަށްވެސް ބަރަކްއަށް އިހުސާސްވީ ރާޝިދުގެ ފަރާތުންނެވެ. ރޫބިޔާއަށް ބަލަހައްޓައިގެން ބަރަކް ހުރިއިރު އެ ހުރިހާ ޝަކުވާތަކެއް ހީވީ ބަރަކްގެ މޫނުމަތީގައި ލިޔެވި ފަޅުވަމުންދާ ހެންނެވެ. އިހުތިޔާރަކާ ނުލައި ބަރަކްގެ ދެލޯ ކަރުނުން ފުރުނެވެ.

"ޅިޔަންބެ ކިހިނެއްތަ؟" އާތިފާ އެހިއެވެ.

އެ މަޖިލިސްގައި އާތިފާ ހުރިކަން ރޫބިޔާއަށް ރޭކާލީ އެހިސާބުންނެވެ. އާތިފާ އޭނާއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެކަމަށް ރޫބިޔާއަށް ހީވިއެވެ. ހީވީ އެ އެންމެންގެ ތެރެއިން އާތިފާ އޭނާ ހިމާޔަތްކޮށްދޭނެ ކަމަށެވެ. އާތިފާއާ ދިމާލަށް ދުވެފައި ދިޔައީ އެހެންވެއެވެ.

"އާތިފާ ކަލޭ ތިއައީ ދޯ" އާތިފާގެ އަތުގައި ހިފާލަމުން ރޫބިޔާ ބުންޏެވެ.

"މި މީހުން ނޭނގެ އަހަރެންގެ ބޮލުގައި އަޅުވައިގެން މިއުޅެނީ ކޮންފަދަ އިލްޒާމެއް ކަމެއްވެސް. އަހަރެން އެކަހަލަ ވިޔާނުދާ ކަންކަމެއް ނުކުރަން. އަހަރެން އެންމެން ދެކެވެސް ލޯބިވީން. އަހަރެން ދޫކޮށްލާފަ އެ ރާޝިދު އުޅެފަ އެއައި ތަނެއްވެސް ނޭނގޭ. މީހަކާ އިނދެގެން ދަރިއެއްވެސް ހޯދައިފި. އަހަރެން މިތަނުން ގެންދޭ. މިއިން އެކަކުގެ އެހީތެރިކަމެއްވެސް އަހަރެން ބޭނުމެއް ނޫން" ރޫބިޔާ ކިޔަމުން ދިޔައެވެ.

ރޫބިޔާގެ ވާހަކަތަކާއެކު އަނެއްކާވެސް އަޔާލް ކޮންޓްރޯލުން ނެއްޓިއެވެ. އޭނާ ރޫބިޔާއާ ދިމާލަށް ދާން ފިޔަވަޅެއް އެޅުމާއެކު ރާޝިދު ހިފަހައްޓައިފިއެވެ. ރޫބިޔާއާ ޖެހުނީމާ އަޔާލްގެ އެ ހުންނަ ރުޅިގަނޑު ބަރަކްގެ ފަރާތުން ރާޝިދަށް ވަނީ އެނގިފައެވެ. އެހެންކަމުން ރާޝިދު އިނީ ހުޝިޔާރުވެއެވެ.

"މަ.....ން.....މާ" ބަރަކްގެ ބާރު އަޑާއެކު ރޫބިޔާ ދިޔައީ ސިހިގެންނެވެ.

"ހުއްޓާލާ ދައްތާ... އަހަރެން މިއަދު މިތަނަށް މިއައީ އެއްގޮތަކަށްވެސް ދައްތަގެ ތި މުޑުދާރު އަމަލުތަކުގައި ފޮތިއަޅާ ފޮރުވައިދޭކަށް ނޫން. ތިއީ އަހަރެންނާ އެއްގޮހޮރެއްގައި އޮވެފަ އުފަންވި އިންސާނެއްބާއޭ ހިތަށް އަރާ. އަޔާލުއާއި ބަރަކް އަހަރެން ދެކުނީ އަހަރެންގެ އުފަން ދަރިންގެ ގޮތުގައި. އަޔާލުއަށް ދައްތަ ހަދާ ހުރިހާ ގޮތްތަކެއް އަހަރެންނަށް އެނގޭ. އަހަރެން އެ ދެކުދިން ތަފާތެއް ނުކުރަން. އެކަމަކު އަހަރެންގެ ހުރި ހަމައެކަނި ދަރިއާ މެދު ދައްތަ ކަންތައް ތިކުރީ ކިހިނެއް؟ ކިހާ ތަކުލީފެއް އެކުއްޖާ އުފުލައިފި. ބޮޑު މަރެއްގެ ހަގީގަތް އެނގޭއިރުވެސް އެކަން ދައްތަ ތިހުންނަނީ ސިއްރުކޮށްގެން. ތިއީ ކޮންކަހަލަ ހިތެއްގެ ވެރިއެއް. އަހަރެން ނުބުނާނަން ތިއީ އިންސާނެކޭ. އިންސާނެއްނަމަ އެމީހެއްގެ މޭތެރޭގައި އޮންނާނީ ލެޔާ މަހުން އުފެދިފައި އޮތް ހިތެއް. އެ ހިތުގައި ރަހުމާ، ކުލުނާ، ލޯތްބޭ، މިކިޔޭ ހުރިހާ އިހުސާސެއް ހުންނާނެ. ދައްތައަށް ހީވީ މި ދުނިޔެއަށް ދައްތަ އައީ ދައްތަ އަމިއްލަ ބާރުގައޭތަ؟ ދެފައި މައްޗަށް ކޮޅަށް ތި ހުރެވެނީ އަމިއްލަ މީހާގެ ރީތިކަމުންނޭތަ؟ ނޫނީ މޮޅުކަމުންނޭތަ؟ ދައްތަ ހީކުރަނީ މަރަކީ ޖޯކެއް ކަމަށްތަ؟ މަރުގެ މަލާއިކަތާ ދައްތައާ ހަމައަށް އައިސްފައި ތިއީ މާ މޮޅު އިންސާނެކޭ ކިޔާފަ އަނބުރާ ދާނެ ކަމަށްތަ؟ މިއަދު އަހަރެންގެ މައާފެއް ދައްތައަކަށް ނެތް. ނެތް..... އަހަރެންގެ އެއްބަނޑު އެއްބަފާ އެއްވެސް އިންސާނެއް މި ދުނިޔޭގައި ނެތް. އަހަރެންގެ ކުރިމަތީގައި މިއަދު ދައްތައަކީ އެއްވެސް މީހެއް ނޫން" އާތިފާއަށް ރޮވި ގިސްލެވެން ފެށުނެވެ. އަޔާލް ކައިރިވުމާއެކު އާތިފާ ބޯއެޅީ އަޔާލްގެ ކޮނޑުގައެވެ.

"އަހަރެން އެއްވެސް ކަމެއް ނުކުރަން. ކަލޭމެން ނިކަން ހެކި ދައްކަބަލަ" ރޫބިޔާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

އެއްވެސް މީހަކު އޭނާއާ އެކުގައި ނެތްކަން އެނގުމުން ލިބުނު ޝޮކުން އޭނާގެ ނަފްސު އިހުތިޔާރުކުރީ ރުޅިވެރިކަމެވެ. މީހަކު ދައްކާ ވާހަކައެއް ގަބޫލުކުރަން އޭނާ ބޭނުމެއް ނުވެއެވެ. އޭނާއަށް އެހީވާނެ ހުރީ އެންމެ މީހެކެވެ. އެއީ ފަރީދެވެ. ކޮނޑުގައި އޮތް ދަބަހުން ފޯނު ނެގިގޮތަށް ރޫބިޔާ ގުޅީ ފަރީދަށެވެ. އެހެންނަމަވެސް ފަރީދުގެ ފޯނު އޮތީ ނިވާލައިފައެވެ. އައި ރުޅިއާއެކު ރޫބިޔާ މިސްރާބު ޖެހީ ދޮރާ ދިމާލަށެވެ.

"މަންމާ... ހުއްޓޭ. އެހެންނޫނީ މިގެއިން ނިކުންނަގޮތަށް މަންމަ އަރަން ޖެހޭނީ ފުލުހުންގެ ޖިޕަށް" ބަރަކް ބުންޏެވެ.

ރޫބިޔާގެ ދެފައި ހީބީ ބިމުގައި ތަތްލިހެންނެވެ. އިތުރަށް ކުރިއަކަށް ނުދެވުނެވެ. އޭނާ ފުލުހުންނާ ހަވާލުކުރަން އެއުޅެނީ އެންމެ ހީނުކުރާ މީހާއެވެ.

(ނުނިމޭ)