ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް މި ސަރުކާރުން ނިންމާފައި ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި މިރޭ ބޭއްވި ރާއްޖެ އިސްލާމްވީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ޗާގޯސްގެ މައްސަލަ ހައްލުކުރުމަށް 1992 ގައި އިނގިރޭސި ސަރުކާރާއެކު މަޝްވަރާކޮށް އެއްބަސްވެފައިވާ ކަމަށެވެ. އޭރު އިނގިރޭސި ސަރުކާރާއެކު އެއްބަސްވެފައިވަނީ ފުށުއަރާ ސަރަހައްދު ދެގައުމަށް ހަމަހަމަވާ ގޮތަށް ބެހުމަށް ކަމަށެވެ.
އޭގެ ފަހުން 2011 ވަނަ އަހަރު، އޭރުގެ ސަރުކާރުން މޮރިޝަސް ސަރުކާރާއެކުގައި ޗާގޯސް މައްސަލަ ހައްލުކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށާއި އޭރު އެއްބަސްވެފައިވަނީ ދެގައުމުގެ ދެމެދުގައި ވާހަކަދައްކައިގެން ފުށުއަރާ ސަރަހައްދުގެ މައްސަލަ ހައްލުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
"މި މައްސަލައިގައި އަޅުގަނޑުމެން މިހާރުވެސް ދަމަހައްޓަމުން މި އަންނަނީ މިކަމުގައި އެންމެ ކުރިން ފެށިގެންވެސް ދިވެހި ދައުލަތުން ދަމަހައްޓަމުން އައި ދިވެހި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ދިފާއުކުރުމުގެ ސިޔާސަތު،" ރައީސް ވިދާޅުވިއެވެ.
ރާއްޖެ އާއި މޮރިޝަސް ދެމެދުގައި މެރިޓައިމް ބައުންޑަރީ ކަނޑައެޅުމަށް އެދި މޮރިޝަސްއިން ވަނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ރާއްޖެއާ ދެކޮޅަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ.
އެކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ މި ސަރުކާރުން ޗާގޯސް މައްސަލައިގައި އެއްވެސް ސަރުކާރަކާ މަޝްވަރާކުރަމުން ނުގެންދާ ކަމަށެވެ. އަދި މި މައްސަލައިގައި މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ބައިނަލްއަގުވާމީ ޓްރައިބިއުނަލެއްގައި ކަމަށެވެ.
"މޮރިޝަސް ސަރުކާރުން އިޓްލޮސްއަށް ހުށަހަޅާފައިވާ މައްސަލައިގައި އަޅުގަނޑުމެން މި އަންނަނީ ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރަމުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މި މައްސަލައިގެ ހަގީގަތް އޮޅޭ ގޮތަށް އެކި ފަރާތްތަކުން ވާހަކަދައްކާ ކަމަށް ވިދާޅުވެ، އެކަން ކުށްވެރިކުރައްވައިފައެވެ. އެއީ ސިޔާސީ ބޭނުމަށް ބަޔަކު ކުރަމުންދާ މަސައްކަތްތަކެއް ކަމަށާއި އެއީ ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ބިރުވެރިކަން އުފައްދަން ކުރާ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"މި މައްސަލައިގައިވެސް އަދި ހާރިޖީ ދާއިރާއާ ގުޅޭ އެހެން ކަމެއްގައިވެސް ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް މި ސަރުކާރަކުން މިހާތަނަށްވެސް ނިންމާފައެއް ނޯންނާނެ. އަދި ދެންވެސް އެފަދަ ގެއްލުމަކަށް މި ސަރުކާރުން ޖާގައެއް ނުދޭނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވަރަށް ސާފުކޮށް ގަނޫނޫ އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި އެހެން ގައުމެއްގެ ކަނޑުގެ ސަރަހައްދާ ފުށު އަރާނަމަ، އަމަލުކުރާނެ ގޮތް ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މާތްﷲގެ އިރާދަފުޅާއި ދިވެހި ރައްޔިތުންގެ ހެޔޮދުއާއިން މިކަމުގައި ވެސް އަޅުގަނޑުމެންނަށް ކާމިޔާބާއި ނަސްރު ލިބިގެންދާނެ،" ރައީސްގެ ވާހަކަފުޅު ނިންމަވައިލައްވަމުން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު