ހުރަވީ ބިލްޑިންގެ ސްޓީލް ސްޓްރަކްޗާ ބޭނުންކޮށްގެން ސަރުކާރުގެ ލިޔެކިޔުންތައް ރައްކާކުރާނެ އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހުރަވީ ބިލްޑިންގަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގެ ކުރީކޮޅު ތަރައްގީކުރި އޮފީސް އިމާރާތެކެވެ. އިމާރާތް ބާވެ އެތައްދުވަހެއް ވީއިރުވެސް އެތަނުގައި ހިންގަމުން އައި ސަރުކާރުގެ އޮފީސްތައް ބަދަލުކުރާނެ ތަނެއް ނެތުމުގެ ސަބަބުން، އިމާރާތް ބޭނުން ކުރަމުން އައީ ހަލާކުވެފައިވާ ތަންތަން މަރާމާތުކޮށްގެންނެވެ.

ނަމަވެސް އެ ތަނަކީ ބޭނުންކުރުމަށް ރައްކާތެރި ތަނެއް ނޫން ކަމަށް އިންޖިނިއަރުން ލަފާދީފައިވާތީ އެތަނުގައި ހުރި އޮފީސްތައް ހުސްކޮށް އެ އިމާރާތް ތަޅާލައި އެތަނުގައި ޕާކިން ޒޯނެއް އެޅުމުގެ މަސަައްކަތް ހައުސިން މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

މިނިސްޓްރީން މިއަދު ބުނީ ހުރަވީ ބިލްޑިން ތަޅާލި އިރު އެ އިމާރާތުގެ ސްޓީލް ސްޓްރަކްޗާ އަށް އެއްވެސް ގެއްލުމެއް ލިބިފައި ނެތް ކަމަށެވެ. އަދި ސަރުކާރު އޮފީސްތަކުގެ ފައިލްތައް ދިގު މުއްދަތަކަށް ރައްކާކުރުމަށްޓަކައި އެކަމަށް ޖާގަ ބޭނުންވާތީ މި ސްޓީލް ސްޓްރަކްޗާ ބޭނުންކޮށްގެން މާލެއާ ކައިރި ރަށެއްގައި ނުވަތަ ވައިގެ މަގުން ދެވޭނެ ރަށެއްގައި ފައިލްތައް ރައްކާކުރުމުގެ އިމާރާތެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ނަމަވެސް މި މަސައްކަތް ފަށާނެ ދުވަހެއް އަދި އެކަމާ ބެހޭ އިތުރު މައުލޫމާތެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.